އާއްމު ސިއްހަތަށް އިސްނެގުމުގައި ޅ. އަތޮޅު ހޮސްޕިޓަލްގެ ތަޖުރިބާ

ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ އާއްމު އުސޫލަކީ ބަލިވެގެން ދާ މީހާއަށް ފަރުވާ ކުރުމެވެ. ބަލި މީހުންގެ އަދަދު ގިނަވިޔަސް، އެ މާހައުލު ބަލައި ބަލީގެ ސަބަބު ނަައްތައިލަން މަަސަައްކަތް ކުރުމަކީ އަދި ހޮސްޕިޓަލްގެ ޒިންމާއެއް ކަމަކަށް ނުބަލަ އެވެ. އެކަމަކު ޅ. އަތޮޅު ހޮސްޕިޓަލް މިކަމުގައި ތަފާތެވެ.


ޅ. އަތޮޅުގައި ޑެންގީ ހުން ފެތުރުނު ދުވަސްވަރެއް ގައި، ހުން ޖެހިގެން ޅ. އަތޮޅު ހޮސްޕިޓަލަށް ގިނައިން ދިޔައީ ކޮން ރަށަކުން ކަން ފާހަގަކޮށް، އެ މައްސަލައިގެ ސަބަބުު ނައްތައިލީ އެ ހޮސްޕިޓަލުން އިސް ނަގައިގެންނެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަންގައިގެން، "ދިގު" ޕްރޮސީޖާއެއްގެ ތެރެއިން ފިޔަވަޅު އަޅަން އުޅުނު ނަމަ "ޑެންގޫ އައުޓް ބްރޭކެއް" ހިނގާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްކަަލަ ޕަަބްލިކް ހެލްތު ޔުނިޓް މެދުވެރިކޮށް އެޗްޕީއޭ އަށް އަންގައިގެން، އެޗްޕީއޭ އިން އަނެއްކާ އަޅުގަނޑުމެންނަށް އަންގަންދެން މަަޑުކުރި ނަމަ ޑެންގޫ އައުޓް ބްރޭކަަކަށް އެކަންް ވީސް،" ޖައުފަރު ވިދާޅުވި އެވެ.

މި އަހަރު ކުރީކޮޅު ޑެންގީ ހުން ޖެހިގެން ޅ. އަތޮޅު ހޮސްޕިޓަލަށް އާދަޔާ ޚިލާފަށް މީހުން ދާން ފެށުމުން ކަމުގެ ހަގީގަތް ބެލިއިރު، މައްސަލަ ފާހަގަކުރެވުނީ އެ އަތޮޅުގައި ސިނާއީ މަސައްކަތް ކުރާ ރަށަކުންނެވެ. އެކަމަކު، އެ ރަށުން ސާފުތާހިރުކަމުގެ މާ ބޮޑު މައްސަލައެއް ވެސް ފާހަގައެއް ނުކުރެވުނެވެ. މަދިރި މަދުކުރުމަށް ފޮގް ވެސް ދިޔައީ ކުރަމުންނެވެ.

ހަމައެކަނި މައްސަލަ އަކީ، ޖައުފަރު ވިދާޅުވި ގޮތުގައި އެ ރަށުގައި މަސައްކަތް ކުރާ މީހުންގެ އަންނައުނު ބޭރުގައި ހިއްކަން އެޅުމެވެ.

"ކަމުގެ މާހިރުން ބުނީ ފޮގް ކުރާ ގަޑީގައި މަދިރި ހިޔާވައްސަކަށް ބޭނުން ކުރަނީ އެހެން ހުންނަ އަންނައުނޭ،" އޭނާ ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި އަންނައުނު ބޭރުގައި ނުބަަހައްޓަން ބާރު އަޅަން ފެކްޓަރީގެ މެނޭޖްމެންޓަށް ލަފާ ދިން ނަމަވެސް އެ ލަފާ ފަސޭހަ އިން އަޑު އަހާގޮތެއް ނުވި އެވެ. އެހެންވެ، މައްސަލަ ފޮނުވީ އަތޮޅު ކައުންސިލަށެވެ. ހޮސްޕިޓަލުން އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނައީ އެއީ ކައުންސިލުން ވިސްނާނެ ކަމެއް ކަން ޔަގީން ވާތީ އެވެ.

"ކޮންމެ ގޮތެއް ވިޔަސް އަތޮޅު ކައުންސިލްތަކަކުން، ރަށު ކައުންސިލްތަަކަކުން ބޭނުމެއް ނުުވާނެ އެ މީހުންގެ އާބާދީގެ ތެރޭގައި ޑެންގޫ ފެތުރިގެން ދާކަށް،" ޖައުފަރު ވިދާޅުވި އެވެ.

އެ ހިސާބުން އަތޮޅު ކައުންސިލުން އެދުނީ ޅ. އަތޮޅުގައި ތިބޭ ސިފައިންގެ އެހީ އަށެވެ. އެ މީހުން ތިބީ އެހީވެދޭން ތައްޔާރަށެވެ.

އެކަމަކު ޖައުފަރު ވިދާޅުވި ގޮތުގައި ފެކްޓަރީގެ މަދިރި ނައްތައިލުމުގެ މަސަައްކަތް ކުރުމުން ޑެންގީ ކޭސްތައް އިސާހިތަކު މަދުވި އެވެ.

ބޭނުން ކުރަން އެނގޭ ނަމަ ހައްތާ ވެސް ވަސީލަތް

ޖައުފަރު ގަބޫލު ކުރައްވާ ގޮތުގައި ޑެންގީ ހުން ކޮންޓްރޯލް ކުރުމާއި ޅ. އަތޮޅުން ޓީބީ ނައްތައިލަން މިހާރު ކުރިއަށް ގެންދާ ހަަރަކާތުގައި ވެސް ބޭނުންވަނީ ވަސީލަތްތައް ފަސޭހަ ކަމާ އެކު، ހޯދައި ގިނަ ދާއިރާތައް ބައިވެރި ކުރުމެވެ.

ދުނިޔެ އިން ޓީބީ ނައްތައިލަން ޑަބްލިއުއެޗްއޯ އިން ނިންމީ 2014 ގަ އެވެ. އެއާ އެކު، ރާއްޖެ އިން ވެސް އެ އަމާޒަށް މަސައްކަތް ފެށި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ އަތޮޅުން އެއްކޮށް ޓީބީ ނައްތައިލުމަށެވެ. އެ ހޮސްޕިޓަލްގެ އަމާޒަކީ އަންނަ އަހަރު އެ ލަނޑުދަނޑި ހާސިލް ކުރުމެވެ.

އެކަމަކު އެހާ ބޮޑު ކެމްޕޭނެއް ހިންގާނެ ވަސީލަތްތައް އެ ހޮސްޕިޓަލަކު ނެތެވެ. ހޮސްޕިޓަލްގެ ޕަބްލިކް ހެލްތުގައި މަސައްކަތް ކުރަނީ އެންމެ ތިން މުވައްޒަފުންނެވެ. ހުރިހާ އެންމެން މަސައްކަތަށް ނެރެން ބެލިޔަސް ތިބީ 120 މުވައްޒަފުންނެވެ.

"އަޅުގަނޑުމެން އެ 120 މީހުން ބޭނުންކުރާ ކަމަށް ވަނީ ނަމަ ހޮސްޕިޓަލް 24 ގަޑި އިރަށް ޖެހޭނީ ހުއްޓާލަން،" ޖައުފަރު ވިދާޅުވި އެވެ.

އެކަމަކު، އަތޮޅުގެ ހުރިހާ މުއައްސަސާ އަކާއި އަމިއްލަ ފަރާތްތަކުގެ އެހީގައި އަމާޒަށް ވާސިލް ވުމަކީ މާ ބޮޑު ކަމެއް ނޫނެވެ. އެގޮތުން ކައުންސިލްތަކާއި ފެނަކަ އާއި އެންއެންޑީއެފް ވެސް ބައިވެރިކުރުމުން މަސައްކަތް އޮތީ ފަސޭހަ ވެފަ އެވެ.

"އަޅުގަނޑުމެން އެއް ޕޫލެއްގެ ތެރެއަށް އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި ރަށު ކައުންސިލްގެ މުވައްޒަފުންނާއި ފަޔަރާއި ޕޮލިހާ ލީމާ އަޅުގަނޑުމެންގެ ރިސޯސް އެބަހުރި މިކަން ކުރަން،" ޖައުފަރު ވިދާޅުވި އެވެ.

އެގޮތަށް މަސައްކަތް ކުރުމުން ރަށްތަކަށް ދަތުރުކުރަން ބޭނުންވާ ލޯންޗްތަކާއި އެހެނިހެން ގިނަ ވަސީލަތްތައް ވެސް ބޭނުންވާ ވަރަށް އޮތީ ލިބިފަ އެވެ.