ޑރ. ޣަފޫރު: ބޭރު ގައުމެއްގެ "އިސް މުދައްރިސް"

އޭނާގެ ޅަ ދުވަސްތައް ހޭދަވީ އަދަބީ މާހައުލެއްގެ ތެރޭގަ އެވެ. އޭނާގެ ބައްޕަ އަބްދުއްރަހީމް އަބްދުލްމަޖީދަކީ މަޝްހޫރު ލިޔުންތެރިޔެކެވެ. އޭރު ރާއްޖޭގައި ނެރެމުން އައި ބައެއް ނޫސްތަކުގެ ސްޓެންސިލް ލިޔުމުގެ މަސައްކަތްކުރަމުން އައީ އެ ގޭގައި އޭނާގެ ބައްޕަ އެވެ. އެހެންވެ، ލިޔެކިޔުމުގެ މަސައްކަތްތަކުގެ ތެރޭ ބޮޑުވެ ވަޑައިގެން، ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމް ސްކޫލް ދުވަސްވަރު ނޫސް ވެސް ނެރުއްވި އެވެ. އަދި އޭރު ރާއްޖޭގެ މޮޅު ލިޔުންތެރިންގެ ގާތުން ތަރުޖަމާކުރުމާއި ލިޔުންތެރި ކަމުގެ ހުނަރުތައް ދަސްކުރެއްވި އެވެ.


އެކަމަކު ޑރ. ޣަފޫރު އަމަލީ މަސައްކަތުގައި ހާއްސަވެވަޑައިގަތީ ލިޔުންތެރިންކަން ނުވަތަ ނޫސްވެރިކަމުގެ ދާއިރާއަކަށް ނޫނެވެ؛ ދީނީ ތައުލީމް ފެތުރުމުގެ ދާއިރާ އަށެވެ. އެއީ ކީއްވެ ހެއްޔެވެ؟ އޭނާ ވިދާޅުވާ ގޮތުން އެ ޝައުގުވެރިކަން ގޮސް ގުޅެނީ އޭނާ މަޖީދިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރެއްވި ދުވަސްވަރާ އެވެ.

އެއީ 1970ގެ ފަހުކޮޅެވެ. ދީނީ ކަންކަމާ މެދު އޭރު ވެސް ދިވެހިންގެ މެދުގައި ހިޔާލު ތަފާތުވުންތައް އޮވެ އެވެ. ވާޖިބާއި ހަރާމްގެ ބަހުސްތަކެވެ. ސުންނަތް ކަންތަކާއި އެ ނޫން ކަންތައްތަކުގެ ވާހަކަ އެވެ. އެގޮތުން އުފެދޭ ހުރިހާ ސުވާލަކަށް ވެސް ޖަވާބު ބޭނުންވާ މަދު ދަރިވަރުންގެ ތެރެއިން ޣަފޫރު ހުންނެވީ އެންމެ ކުރީގަ އެވެ. މައްސަލަތަކުގެ އަސްލު ހޯދަން އޭނާ ޝައުގުވެރިވެ ވަޑައިގަތެވެ. ނަތީޖާއަކީ ދީނީ ތައުލީމާ ދިމާއަށް މިސްރާބު އަނބުރާލެއްވުމެވެ.

"އެ ހޯދަން ދާން ޖެހެނީ ތާރީހަށް. ދެން ދާން ޖެހެނީ ބަހަށް. ބަސް ނޭނގިއެއް ގުރުއާނެއް ނޭންގޭނެ. އެއީ އޭގެ ސަބަބަކީ،" ޣަފޫރު ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ އަބްދުލް ޣަފޫރު އަބްދުއްރަހީމް: އަބަދުވެސް ދިރާސާ ކުރެއްވުމަށް ޝައުގުވެރިވޭ--

ތައުލީމީ ހަޔާތުގެ ބިންގަލަކީ މަޖީދިއްޔާ ސްކޫލެވެ. އެއަށްފަހު އެސްއީސީން ދެ މަސް ދުވަހު ތައުލީމް ހާސިލް ކުރެއްވި އެވެ. އެ ސްކޫލުން ވަކިވެވަޑައިގަތީ ކުޅިވަރުގެ ތެރޭގައި ބޮޑަށް ހަރަކާތްތެރިވެ އުޅުއްވުމަށެވެ. ޣަފޫރަކީ އޭރުގެ ފެންވަރު މޮޅު ބެޑްމިންޓަން ކުޅުންތެރިއެކެވެ. އެކަމަކު ވަޒީފާއަކަށް ވަޑައިނުގެން ނުހުރެވޭނެތީ ބަނޑޮސް އައިލެންޑް ރިޒޯޓުގައި ވެސް މަސައްކަތްކުރެއްވި އެވެ. އެއަށް ފަހު ކިޔަވާ ވިދާޅުވާން ފުރުސަތު ލިބިވަޑައިގަތެވެ.

އެގޮތުން 1981 ވަނަ އަހަރު ސައުދީ އަރަބިއްޔާ އަށް ވަޑައިގެން އަރަބި ބަހާއި އަދަބިއްޔާތާއި ދީނީ ތައުލީމްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވި އެވެ. ޑިގްރީ އަށް ފަހު ރާއްޖެ ވަޑައިގެން މައުހަދުގައި ކިޔަވައިދެއްވަން ހަތަރު އަހަރު އުޅުއްވި އެވެ. އެއަށްފަހު އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލު ކުރެއްވި އެވެ.

އޮސްޓްރޭލިއާގައި 25 އަހަރު! މިހާރު އިސް ޓީޗަރެއް!

އޮސްޓްރޭލިއާ އަށް ވަޑައިގަތީ މެލްބަން ޔުނިވާސިޓީން މާސްޓާސް ހެއްދެވުމަށެވެ. ފުރަތަމަ އަހަރަށް ފަހު ތީސީސް އަށް ބަލައި ޕީއެޗްޑީ ހެދުމުގެ ފުރުސަތު ޣަފޫރަށް ލިބިވަޑައިގަތެވެ. ދީނީ ތައުލީމްގެ ދާއިރާއިން 1999ގައި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ އެ ޔުނިވާސިޓީންނެވެ. ސައުދީ އަށް ފަހު އޮސްޓްރޭލިއާ ހިޔާރު ކުރެއްވީ އެއީ އޭރު އެންމެ ރަނގަޅު ދީނީ ތައުލީމް ލިބޭނެ ގައުމަށް ވާތީ އެވެ. އަދި ކިޔަވައިދެއްވި ޓީޗަރުންނާ އެކުގައި އުޅުނު ރައްޓެހިން ވެސް އެތަނުގައި އުޅޭތީ އެވެ. އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލު ކުރެއްވިތާ 25 އަހަރުވީއިރު އަދިވެސް ދިރިއުޅުއްވަމުން ގެންދަވަނީ އެ ގައުމުގަ އެވެ. ދެ ބޭފުޅުންނާއި އަނބިކަނބަލުންނާ އެކު އެވެ.

ކަންކަން ހޯދައި ބެލުމުގެ ޝައުގު އަބަދުވެސް ހުންނަ ޣަފޫރު ކިޔަވައިދެއްވުމުގައި ވެސް ބޮޑަށް އުޅުއްވީ އިސްލާމީ ތާރީހާއި އަރަބި ބަހުގެ ދާއިރާގަ އެވެ. އެގޮތުން 2007 ވަނަ އަހަރާ ހަމަޔަށް މެލްބަން ޔުނިވާސިޓީގައި ލެކްޗަރާއަކަށް އުޅުއްވުމަށް ފަހުގައި އޮސްޓްރޭލިއަން އިންޓަނޭޝަނަލް އެކަމެޑީ ހައި ސްކޫލާ ގުޅިވަޑައިގަތެވެ. އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ސްކޫލްގެ އަރަބި ޑިޕާޓްމަންޓުގެ ވެރިއަކަށެވެ.

ޣަފޫރު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާތާ 37 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް އަދިވެސް ހިތް އޮތީ ރާއްޖޭގަ އެވެ. އޭނާގެ ޔޫޓިއުބް ޗެނަލް އެކަމަށް ހެކިވާނެ އެވެ. ހިންދީ އެކި ލަވަތަކުގެ ދިވެހި ތަރުޖަމާ ހައްދަވައި އެ ޗެނަލް އަށް އަޕްލޯޑް ކުރައްވަ އެވެ. އެއީ އޭނާ ހުސްވަގުތު އެންމެ ޝައުގާއެކު ކުރައްވާ ކަންތަކެވެ. ބޭނުމަކީ ޅެން ޅެމުގައި އަސްލު ދައްކާ ވާހަކަ ދިވެހިންނަށް އެނގޭނެ ވަރު ކުރެއްވުމެވެ. ޅެމުގެ އިތުރުން މަޝްހޫރު ބޭފުޅުންގެ ވާހަކަތައް ވެސް ތަރުޖަމާ ކުރައްވަ އެވެ.

ޣަފޫރު ތަރުޖަމާ ކުރައްވާފައިވާ ޕްރޮފެސަރެއްގެ ތަގުރީރު--

ދީނީ އެކި މައުލޫތަކަށް ގަވައިދުން ލިޔުއްވަ އެވެ. ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓުން ކޮންމެ ހަފްތާއަކު ވެސް ޣަފޫރުގެ ލިޔުއްވުންތައް ފެނެ އެވެ. އޭގެ އިތުރުން ދިވެހި ބައެއް ނޫސްތަކަށް ވެސް ޣަފޫރު ލިޔުއްވަ އެވެ.

"އޭގައި އަމިއްލަ ސަބަބުތަކެއްވޭ. އަޅުގަނޑަކީ އެންމެ ކުރިންސުރެ ވެސް ދިވެހި ބަސް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރި މީހެއް. ސްކޫލުގައި އުޅުނުއިރު ވެސް ދިވެހި ބަހުން އެއްވަނަ ލިބުނު މުޅި ސްކޫލުން،" އޭރުގެ ކާމިޔާބީތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ކިތަންމެ ދުރުގައި ހުންނެވިޔަސް ޣަފޫރުގެ ހުރިހާ އުފަލެއް ގުޅިފައިވަނީ ރާއްޖެއާ ކަމުގެ އަނެއް ހެއްކަކީ ރާއްޖެ އަށް ދިރިއުޅުން ބަދަލު ކުރެއްވުމުގެ ވިސްނުން އޭނާ ގެންގުޅެއްވުމެވެ.

"ހިޖުރަކޮށްގެން އުޅޭ މީހުން އާންމުކޮށް އެ މީހުންގެ މަސައްކަތުގެ ހަޔާތް ނިމުނީމައި ގިނަ ފަހަރަށް އެ މީހުންގެ އަސްލު ވަތަނަށް ރުޔޫއަ ވާނެ. އަޅުގަނޑުމެންނަށް ވާނެ ގޮތެއް ނޭންގެ. އެކަމަކު ވަރަށް ގާތް އެހެން ވުން."

އޮސްޓްރޭލިއާ ކަހަލަ އިސްލާމީ ނޫން ގައުމެއްގެ ސްކޫލެއްގައި އެ ގައުމުގެ ދަރިވަރުންނަށް އިސްލާމް ދީން ކިޔަވައިދިނުމުގެ ފުރުސަތު ދިވެއްސަކަށް ލިބުމަކީ ރާއްޖެ އަށް ވެސް ލިބޭނެ ޝަރަފެކެވެ. ދީނަށް ހިދުމަތްކުރުމުގައި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ދިވެހިން ތިބީ ކުރީގައިކަން ސާބިތުވާ ކަމެކެވެ. އެކަމަކު އުފަލަކީ އެ ގައުމުގައި އުޅުނަސް އޭނާ ރާއްޖެ އަށް ހިދުމަތްކުރައްވާ ކަމެކެވެ.