ކަނޑުހުޅުދޫ، މަސްތުވާތަކެތީގެ "ހަބަކަށް" ހަދާފައި އޮތް މައްސަލަ ބޮޑު!

ގއ. ކަނޑުހުޅުދޫ މަސްތުވާތަކެތީގެ ހަބަކަށް ހަދައި، އެ އަތޮޅާއި އެހެން އަތޮޅުތަކުގެ ރަށްތަކުން ޑިންގީގައި ރަށަށް ކައިރިކޮށް މަސްތުވާތަކެތި ވިއްކުމާއި ބޭނުން ކުރުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން ކައުންސިލުން ފާޅުކޮށްފި އެވެ.


ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ދިމާވާ ގިނަ މައްސަލަތައް ގުޅިފައި އޮތީ މަސްތުވާތަކެއްޗާ ކަމަށެވެ. މި މައްސަލައިގައި ހައްލެއް ނުހޯދި ލަސްވުމަކީ ވެސް ކައުންސިލްގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މިއީ ގއ. އަތޮޅާއި ގދ. އަތޮޅުން ވެސް އެހެން ރަށްތަކާ އެންމެ ދުރުގައި އޮންނަ ރަށެވެ. އެހެންވެ މި ރަށުގައި ހުންނަ ޕޮލިސް ޑެސްކަށް މައްސަލައެއް ރިޕޯޓްކުރިޔަސް ތަހުގީގެއް ކުރަން ވެއްޖެ ނަމަ ޖެހެނީ އެހެން ރަށަކުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރެއް ގެންނާށެވެ. ޕޮލިސް ޑެސްކަށް މައްސަލަ ހުށަހެޅިޔަސް އެ މައްސަލައެއް ނޯޓްކޮށްލާފައި ބާއްވަން ޖެހެނީ އެވެ.

ކަނޑުހުޅުދޫގައި ހުންނަ ޕޮލިސް ޑެސްކް: މި ތަނަށް ރިޕޯޓްކުރާ މައްސަލަ ތަހުގީގު ކުރަނީ ކައިރި ރަށަކުން އައިއޯއަކު އައިސްގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ތަހުގީގު ފަށަނީ ކައިރި ރަށަކުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ގެނެސްގެން ކަމަށް ވާއިރު ދަތުރުފަތުރުގެ ނިޒާމް އޮންނަ ގޮތުން ބައެއް ފަހަރަށް އައިއޯގެ ދަތުރު ލަސްވެ އެވެ.

"ގއ. ގެމަނަފުށިން އަޔަސް، ގދ. ތިނަދު އިން އަޔަސް އައިއޯއަކު މި ރަށަށް އައިސްގެން ތަހުގީގު ފަށަނީ. މީހުން ބަންދުކުރާނެ ތަނެއް ނުހުރޭ،" ޝަހީމް ވިދާޅުވި އެވެ.

ކައުންސިލުން ބުނިގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ ކޮންޓްރޯލްކުރެވޭނީ މި ރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކޮށް، މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ފެށިގެންނެވެ. މުއައްސަސާތަކުގެ ވެސް ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.