ރިޕޯޓް / ސައޫދީ އަރަބިއްޔާ

ހިރާ ފަރުބަދައިގެ ހޮހޮޅަ ކައިރިން ކުރެވުނު އިހުސާސްތައް

ހިރާ ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި މީހަކު ނަމާދު ކުރާ އިރު، އެހެން މީހުންތައް އެ ހޮހޮޅައިން ޖާގައެއް ހޯދުމަށް ހޮހޮޅައިގެ ދޮރުމައްޗަށް ބޮނޑިވެފައި. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހައްޖަށް ދާ މީހުން މައްކާ އިން ޒިޔާރަތް ކުރާ އެއް ތަނަކީ މަޝްހޫރު ހިރާ ފަރުބަދަ އެވެ. އެއީ ދިވެހިންގެ މެދުގައި އެ ފަރުބަދަ މަޝްހޫރުވެފައިވާ ނަމެވެ. އެއީ އެ ފަރުބަދައިގައި "ޙިރާ" ހޮހޮޅަ ހުންނާތީ އެވެ. އަސްލު ނަމަކީ ނޫރް ފަރުބަދަ އެވެ. އެއީ މުޅި އިންސާނިއްޔަތަށް އަލިކޮށްދިން ނޫރު ކަމުގައިވާ ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވީ އެ ފަރުބަދައިގެ ހޮހޮޅައިގައި ކީރިތި ރަސޫލާ އިންނަވަނިކޮށް ކަމަށް ވާތީ އެވެ.

ތިރީގައި ތިބެ ފަރުބަދަ އަށް ބަލައިލުމުން، ހިނި ދުވެފައި ހުންނަ ރޮނގެއް ހެން ހުދު ކުލައިގައިވާ ކުދިކުދި އެއްޗެހިތަކެއް ފަރުބަދައިގެ މަތިން ތިރިއަށް ދެ ކޮޅަށް ހަރަކާތްކުރާތީ ފެންނާނެ އެވެ. އެއީ އެ ފަރުބަދަ އަށް އަރައި ފައިބާ މީހުންނެވެ. އަޅުގަނޑު ވެސް އެ ފަރުބަދައިގެ އެންމެ އުހަށް އެރީ، ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ، ﷲ ހަނދުމަކުރެއްވުމަށް އިންނެވި ހޮހޮޅަ ދެކިލުމަށާއި އެ ފަރުބަދަ އަށް އެރުމަކީ ކިހާ ވަރެއްގެ ކަމެއްކަން ވަޒަން ކޮށްލެވިދާނެ ކަމަށް ހިތަ އެވެ. ނަމަވެސް މިހާރުގެ ލުއި ފަސޭހަތަކުގެ ތެރޭގައި އެކަން ކުރުމާއި އެ ޒަމާނުގެ އެ މާހައުލުގައި އެކަން ކުރުމަކީ އުޑާއި ބިމާހާ ތަފާތު ކަމެއްކަން އެނގުނެވެ.

ފަރުބަދައިގެ މައްޗަށް އަރައި އެ ހޮހޮޅައިގެ ކައިރި އަށް ހުއްޓި ވަށައިގެން ފެތުރިފައިވާ ފަރުބަދަތަކާއި ވާދީތަކުގެ ތެރެއަށް ބަލައިލުމުން އަޅުގަނޑުގެ ހިތަށް ވެރިވީ މުޅިން އެހެން ޝުއޫރުތަކެކެވެ. ކީރިތި ރަސޫލާގެ ސީރަތު ފޮތްތަކުގައިވާ ވާހަކަތައް އަޅުގަނޑުގެ ޟަމީރު ގޮވައިގެން ދިޔައީ މީގެ ފަނަރަ ގަރުނުގެ ކުރިން އެ ބިމުގެ ވާދީތަކުގެ ތެރެއަށެވެ.

ހިރާ ފަރުބަދައިގެ ތިރީގައި ހުރެ ބަލައިލާ އިރު ފަރުބަދައިގެ އެންމެ މަތި ފެންނަ ގޮތް. މަތީގައި އުފުލިފައިވާ ބައިގެ ސަބަބުން އެހެން ހުރިހާ ފަރުބަދަތަކާ ތަފާތު ކަން ފާހަގަކުރެވޭ --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

މައްކާގެ ގިނަ ރައްޔިތުން ތިބީ ނިދީގެ އަރާމުގަ އެވެ. ހޭލައި ތިބި މަދު ބަޔަކު ބަނގުރާ ބުއިމާއި ފާހިޝް އަމަލުތައް ކުރުމުގެ މެހެފިލްތަކުގައި ދުނިޔަވީ އުފާތަކުގެ ތެރޭގައި ހަލާކުވެ ދަނީ އެވެ. އަނެއް ބަޔަކު، ﷲ އަށް އަޅުކަންކުރުމަށް މި ބިންމަތީގައި ހެދި ފުރަތަމަ ބިނާ (ގެފުޅު)ގެ ވަށައިގެން ބުދުތައް ބަހައްޓައިގެން ﷲ އަށް ޝަރީކު ކުރަނީ އެވެ. ޚާލިޤް ވަންތަ ﷲ އަށް އަޅުކަން ކުރާ ހަމަ އެކަކު ވެސް އެ ބިމުގައި ނުވެ އެވެ. މާނަވީ ގޮތުންނާއި މާއްދީ ގޮތުން ވެސް ވަށައިގެން ފެތުރިފައިވަނީ ކަނު އަނދިރި ކަމެވެ.

އޭރު މުޅި މައްކާގެ ތެރެއިން ވެސް އެހެން އެންމެންނާ ޚިލާފަށް ފާހަގަކޮށްލެވޭ ހަމައެކަނި ބޭކަލަކީ "އަމާނާތްތެރިޔާ"ގެ ލަގަބުން ހިޖާޒްކަރަ އަށް މަޝްހޫރުވެފައިވާ މުޙައްމަދުގެފާނެވެ. މައްކާގެ އެ ނުބައި އާދަތަކުން ދުރުހެލިވެވަޑައިގެން، މި ކައުނާއި އިންސާނިއްޔަތުގެ ހަގީގަތްތަކާއި ޚަލްގު ކުރެއްވުމުގެ ހިކްމަތްތަކާ ހަމައަށް ވާސިލުވުމަށް އެކަލޭގެފާނު ބޭނުންފުޅުވި އެވެ.

އެހެންކަމުން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ރަސޫލު ކަމައިގެން ފޮނުއްވުމުގެ (ވަޙީ ބާވައިލައްވަން ފެށުމުގެ) ތިން އަހަރު ކުރިން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ބައެއް ރޭތަކުގައި، ޙިރާ ފަރުބަދައިގެ ހޮހޮޅަ އަށް ވަޑައިގަންނަވަ އެވެ. ނަމަވެސް އަޅުގަނޑުމެން މައްކާ އަށް މި ކުރާ ޒިޔާރަތުގައި ހިރާ ފަރުބަދައިގެ ބުޑުގައި ހުއްޓިލައިގެން ހުރެ ޓޫރިސްޓެއް ހެން މަންޒަރު ދެކިލިޔަސް، އެކަލޭގެފާނު ކުރެއްވި އެ މިންނެތް ޖިހާދުގެ ބުރަކަމާއި ތަކުލީފުގެ ބޮޑުކަން ވަޒަނެއް ނުކުރެވޭނެ އެވެ.

ހިރާ ފަރުބަދައިގެ މައްޗަށް އެރުމަށް ހަދާފައި ހުރި ހަރުފަތްތަކުގެ މަތީގައި އިށީނދެގެން މީހަކު ފޮޓޯ ނަގާ އިރު، އިތުރު ބަޔަކު މަތިން ތިރި އަށް ފައިބަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެއީ ފަރުބަދަތަކާއި އުސް ތަންތަނާއި ތިރި ބިންތަކާއި ވާދީތަކުން ފުރިފައި އޮތް ހިލަ ބިމެކެވެ. މި ޒަމާނުގެ ގޮތަށް މަގުތައް ހަދައި އެއްވަރުކޮށް ތާރުއަޅައި އޮމާން ކޮށްފައި އޮތް ދުވަސްވަރެއް ނޫނެވެ. މަގު ބައްތިއެއް ނެތެވެ. ހަނދުވަރު މޫސުމަށް މެނުވީ ރޭގަނޑު އަލިކަމެއް ނުލިބޭނެ އެވެ. ކޮންމެ ދިމާލަކުން ފެންނަން ހުރީ ވިލާތަކުގެ ތެރެއަށް ގޮސް އޮބާލާފައިވާ، ގަދަ މުށި ކުލައިގެ ބިޔަ ފަރުބަދަތަކެވެ.

އެފަދަ ވެއްޓެއްގެ ތެރޭގައި، އިތުރު އެކަލޭގެފާނު ރޭގަނޑުގެ ކަނު އަނދިރީގައި ގެކޮޅުން ނުކުމެވަޑައިގެން ގިނިކަންޏާ ފައިމަގުގައި ހިންގަވާފައި އެ ވަޑައިގަންނަވަނީ، މި ފަރުބަދަ އަށެވެ. ނަމަވެސް އަރާވަޑައިގަންނަވަނީ ކިހާ އުހަކަށް ހެއްޔެވެ؟

ހިރާ ފަރުބަދައިގެ މައްޗަށް އެރުމަށް ހަރުފަތްތަކުން ލާފައި މީހުން ހިނގަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހިރާ ފަރުބަދައިގެ އުސްމިނަކީ 642 މީޓަރު (2106 ފޫޓު) އެވެ. ކީރިތި ރަސޫލާ މަޑުކުރެއްވި ހޮހޮޅަ ހުންނަނީ މި ފަރުބަދައިގެ ކުންނަށް ވުރެ ގާތްގަނޑަކަށް ވިހި ފޫޓު ތިރީގަ އެވެ. އެހެން ވިޔަސް އެއީ ބިމުން ފެށިގެން 2000 ފޫޓަށް ވުރެ ވެސް އުހެވެ. ފަރުބަދަ ހެދިފައި ހުންނަނީ މަތިން ތިރިއަށް ކަޗޯރު ކޮށެވެ. ފަރުބަދައިގެ އެންމެ އުހުގައި، ޖަމަލުގެ ގޮންގަނޑެއް ފަދައިން ހުންނަ ބައިގެ ސަބަބުން، މައްކާގެ އެހެން ހުރިހާ ފަރުބަދަތަކާ ޚިލާފަށް ހިރާ ފަރުބަދަ ފާހަގަކުރެވޭނެ އެވެ.

މި އުސް ފަރުބަދައާ ހަމައަށް އިތުރު އެކަލޭގެފާނު ރޭގަނޑުގެ ކަނު އަނދިރީގައި ގިނިކަންޏާ ވަޑައިގަންނަވަނީ ގެކޮޅުން ފެށިގެން ފަސް ކިލޯމީޓަރަށް ހިންގަވާފަ އެވެ. އޭރުގެ އެ މާހައުލުގައި، ގެފުޅާ ހަމައިން ފަރުބަދައާ ހަމައަށް އެކަލޭގެފާނު ވަޑައިގަތުމަށް ހޭދަވާނެ ވަގުތާއި އުފުއްލަވާނެ ބުރަ ވަޒަން ކޮށްލައްވާށެވެ!

ހިރާ ފަރުބަދައިގެ އެންމެ މަތީގައި ހުރެ ބަލައިލުމުން ވަށައިގެންވާ ސަރަހައްދުގައި ހުރި އުސް އިމާރާތްތައް ފެންނަ ގޮތް. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ތިރިން މައްޗަށް ކަތިކޮށް ހުންނަ އެ ފަރުބަދަ އަށް އަރާވަޑައިގަތުމަށް އުފުއްލަވާނެ ބުރަ އަޅުގަނޑުމެންނަށް ތަސައްވުރު ވެސް ނުކުރެވޭނެ އެވެ. މިހާރު އެ ފަރުބަދައިގައި އެ ހުރީ ކޮންމެވެސް ބަޔަކު އާދައިގެ ގޮތަކަށް ނަމަވެސް ހަރުފަތްތަކެއް ހަދައިފަ އެވެ. އެހެންކަމުން މާ ބޮޑު ބުރައެއް ނެތި ފަރުބަދަ އަށް އެރިދާނެ އެވެ. އެ ހަރުފަތްތަކުން ލާފައި އަޅުގަނޑުމެންނަށް އެ ހޮހޮޅައާ ހަމައަށް އެރުނީ ވެސް ގަޑިއަކަށް ވުރެ ގިނައިރުވި ފަހުންނެވެ. ވީއިރު ސިޑިއެއް ނެތި އެ ހިލަތަކުގެ ތެރޭގައި ހިންގަވާފައި ފަރުބަދައިގެ މައްޗަށް އަރާވަޑައިގަތުމަށް އިތުރު އެކަލޭގެފާނު ހޭދަ ކުރައްވާނެ ވަގުތު ލަފާކޮށްލާށެވެ.

އޭރު އެ ފަރުބަދަ އަށް އަރާނީ ތިރިން މައްޗަށް ކަތިކޮށް އޮންނަ އަޑިގުޑަން ހިލަ ބިންގަނޑަކުންނެވެ. އެހެންކަމުން ތިރިން މައްޗަށް އެރުމަށްޓަކައި ވަރަށް ބޮޑު ހަކަތައެއް ބޭނުންވާނެ އެވެ. އަދި ކަތި ބިމަކުން ތިރިން މައްޗަށް އަރާ އިރު، ދެ ފައިގެ ކުޑަކަޅުވަ އާއި ފަލަމަސްގަނޑަށް ވަރަށް ބޮޑަށް ބާރު ކުރާނެ އެވެ. އެއީ ކަތި ބިމުން މައްޗަށް ހަށިގަނޑު އުފުލުމަށާއި ހަށިގަނޑު ސީދާކޮށް ހިފެހެއްޓުމަށް އާދަޔާ ޚިލާފު ބާރެއް ލާންޖެހޭތީ އެވެ.

ހިރާ ފަރުބަދައިގެ ހޮހޮޅައާ ދިމާލުގައި އަންހެނަކު އިށީނދެ އިނދެ ގުރްއާން ކިޔަވަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެ ހުރިހާ ބުރަތަކެއް އުފުއްލަވައިގެން، އެ ފަރުބަދައިގެ ހޮހޮޅަ އަށް އެ ވަޑައިގަންނަވަނީ ކީއް ކުރައްވަންތޯ ސުވާލު އުފެދިދާނެ އެވެ. ވަށައިގެންވާ ފަރުބަދަތަކާއި ހަރު ހިލަތައް ފިޔަވައި ކައިރީގައި އެހެން އެއްޗެއް ނެތް އިރު، އެކަލޭގެފާނު ފިކުރުފުޅު ހިންގެވީ އުޑުތަކާއި ބިމުގެ މަލަކޫތީ ވެރިކަމާ މެދުގަ އެވެ. އެންމެ މަތިވެރި ހަގީގަތް ކަމުގައިވާ އެއްކައުވަންތަ ރަސްކަލަކު ވޮޑިގެންވާ ކަމާ މެދުގަ އެވެ. އިރުހަނދާއި ތަރިތަކުގެ ދައުރުވުމާއި އަރައި އޮއްސުމުގައިވާ އިންތިޒާމުގެ ފުރިހަމަކަމާ މެދުގަ އެވެ. ﷲ ޚަލްޤުކުރެއްވި ގިނަ މަޚްލޫގުންގެ މައްޗަށް މާތް ކުރައްވައި މި ވުޖޫދުގައި އިންސާނާ ލެއްވި ޙިކްމަތާއި މަގްސަދާ މެދުގަ އެވެ.

ފަރުބަދައިގެ މަތީގައިވާ ހަނި ދިގު މި ހޮހޮޅަ އަށް ވަނުމާ އެކު ހުރެވޭނީ ގެފުޅަށް ކުރިމަތި ލައިގެންނެވެ. ހޮހޮޅައިގެ ފުޅާ މިނަކީ ގާތްގަނޑަކަށް ދޮޅު މުށެވެ. ދިގުމިނުގައި ހަތަރު މުށެވެ. އުސްމިނަކީ މެދުމިނު އާދަމުގެ ދަރިއެއްގެ އިސްކޮޅެވެ. ހޮހޮޅައިގެ ތެރޭގައި އިށީނދެލައިގެން އެއްފަހަރާ ތިބެވޭނީ ގިނަވެގެން ފަސް މީހުންނަށެވެ. ފަރުބަދައިގެ އެންމެ އުހުގައި ހުންނަ އިރު މުޅި މައްކާ އެކުގައި ފެނެ އެވެ.

ހިރާ ފަރުބަދައިގެ މަތީގައި ދެ އަންހެނަކު އިށީނދެ ތިބެ ދުއާ ކުރަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އިތުރު އެކަލޭގެފާނު އެ ހޮހޮޅައިގައި ﷲ ހަނދުމަ ކުރެއްވުމުގައި އިންނެވި ރޭތަކުގައި އެކަލޭގެފާނަށް ފަރިއްކޮޅާއި ފެންފޮދު ގެންގޮސްދެއްވީ ލޮބުވެތި އަނބިކަނބަލުން ޚަދީޖަތުގެފާނެވެ. މިއީ ވެސް ވަރުގަދަ އިމްތިޙާނެއް އަދި ޖިހާދެކެވެ. އުމުރުފުޅުން 55 އަހަރު ވެފައިވާ އަންހެނަކު، ރޭގަނޑުގެ ކަނު އަނދިރީގައި، ގިނިކަންޏާ އެ އަޑިގުޑަން ހިލަ ބިމުގައި ފައިމަގުގައި އެހާ ދުރަށް ހިންގަވާފައި، އަދި އެހާ އުސް ފަރުބަދައަކަށް އަރާވަޑައިގަތުމަކީ ގައިމު ވެސް ފަސޭހަފުޅު ކަމަކަށް ނުވާނެ އެވެ. އެންމެ ރެއަކު ދެ ރެއަކު ވެސް ނޫނެވެ. އެތައް ރެއަކު އެވެ. ހުސް އަތަކާ ވެސް ނޫނެވެ. ދެ އަތްޕުޅުން ކާބޯތަކެއްޗާއި ފެންފޮދު ވެސް ހިއްޕަވައިގެންނެވެ.

ގޭތެރޭގެ މަސައްކަތްތައް ނިންމަވާފައި، އަދި ތުއްޕުޅު ބޭފުޅުންނަށް ފަރިއްކޮޅު ދެއްވައި އަވަހާރަފުޅު ލެއްޕެވީމާ، އެކަމަނާ ގެކޮޅުން ނުކުމެވަޑައިގެން ކާނާ އާއި ފެންފޮދު ހިއްޕަވައިގެން ކީރިތި ރަސޫލާގެ އަރިހަށް އެ ވަޑައިގަންނަވަނީ، ފިރިކަލުންނާ މެދު ހިތްޕުޅުގައި އޮތް ސާފު ލޯތްބެއްގެ ސަބަބުންނެވެ. އަދި އެކަލޭގެފާނުގެ ފަރާތްޕުޅުން ފައުޅުވުމަށް އެކަމަނާ އިންތިޒާރު ކުރައްވައިގެން ހުންނެވި ކަންތައް ފައުޅުވާނޭ ވަގުތަށް އެކަމަނާގެ ހިތްޕުޅު އަވަސްވާލެއް ބޮޑުކަމުންނެވެ.

ހިރާ ފަރުބަދައިގެ ހޮހޮޅައިގައި ނަމާދު ކުރުމަށް އެ ހޮހޮޅައިގެ ކައިރި އަށް މީހުންތައް ތޮއްޖެހިފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހިރާ ފަރުބަދައިގެ ހޮހޮޅައިގައި ﷲ ހަނދުމަ ކުރުމަށް އިންނަވާތާ ތިން ވަނަ އަހަރުގައި އެއް ރެއަކު އެކަލޭގެފާނުގެ އަރިހަށް، އޭގެ ކުރިން ދެކެވަޑައިނުގަންނަވާ ބޭކަލަކު ވަޑައިގެންނެވި އެވެ. މި ކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވެ އެވެ؛ އެ މަލާއިކަތް ބޭކަލަކު ވަޑައިގެން ވިދާޅުވި އެވެ؛ ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! ތިމަން ކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. ތިމަން ކަލޭގެފާނަކީ ކިޔަވަން ދަންނަ މީހަކީމެއް ނޫނެވެ. އެ ހިނދު، ތިމަންކަލޭގެފާނުގެ މުޅި ހަށިކޮޅުން ވަރު ދޫ ވެއްޖައުމަށް ދާންދެން އެ މަލާއިކަތާގެ ހަށިކޮޅާ ލައި ތިމަންކަލޭގެފާނު ފިއްތަވާލައްވައި ދޫކޮށްލައްވާފައި ވިދާޅުވި އެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! ދެން ތިމަން ކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. ތިމަން ކަލޭގެފާނަކީ ކިޔަވަން ދަންނަ މީހަކީމެއް ނޫނެވެ. އަނެއްކާ ދެ ވަނަ ފަހަރަށް ވެސް ތިމަންކަލޭގެފާނުގެ މުޅި ހަށިކޮޅުން ވަރު ދޫ ވެއްޖައުމަށް ދާންދެން އެ މަލާއިކަތާގެ ހަށިކޮޅާ ލައި ތިމަންކަލޭގެފާނު ފިއްތަވާލައްވައި ދޫކޮށްލައްވާފައި ވިދާޅުވި އެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! ދެން ތިމަން ކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. ތިމަން ކަލޭގެފާނަކީ ކިޔަވަން ދަންނަ މީހަކީމެއް ނޫނެވެ. އަނެއްކާ ތިން ވަނަ ފަހަރަށް ވެސް ތިމަންކަލޭގެފާނުގެ މުޅި ހަށިކޮޅުން ވަރު ދޫ ވެއްޖައުމަށް ދާންދެން ތިމަންކަލޭގެފާނު ފިއްތަވާލައްވައި ދޫކޮށްލައްވާފައި ވިދާޅުވި އެވެ. "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ ހުރިހާ އެއްޗެއް ޚަލްގުކުރެއްވި ރަސްކަލާނގެ އެވެ." އަދި ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތް ބާވައިލެއްވި އެވެ.

ހިރާ ފަރުބަދައިގެ ހޮހޮޅައިގެ ދޮރުމަތީގައި މީހުންތައް ތޮއްޖެހިފައި. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެއީ ހިޖްރައިގެ 13 އަހަރު ކުރިން ރަމަޟާން މަހެއްގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެކެވެ. އެ ހިސާބުން އިސްލާމީ ޝަރީއަތް ބާވައިލައްވަން ފެށުނީ އެވެ. ކީރިތި ޤުރްއާނުގެ ފުރަތަމަ ފަސް އާޔަތާ އެކުގައި، ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ އަށް ރަސޫލު ކަން ލިބިވަޑައިގަތީ އެވެ. އޭގެ ފަހުން މުޅި ދުނިޔެ އަށް މިއަދު ވެސް އެންމެ ހަލުވިމިނުގައި ފެތުރެމުން މި ދަނީ، އިތުރު އެކަލޭގެފާނު ދައުވަތު ދެއްވި އެއްކައުވަންތަކަމުގެ އަގީދާ އެވެ.

48 ކޮމެންޓް, 427 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 3%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

07 October 2016

صلى الله عليه وسلم ލިޔުމަގައި ބޭނުން ކުރުން އެދެން، ނަބިއްޔާ صلى الله عليه وسلم ގެ ނަން ގަނެވޭ ކޮންމެ ފަހަރަކުމެ، އެއީ ރަގަޅު ގޮތް.

The name is already taken The name is available. Register?

ދީމް

07 October 2016

މައުލޫމާތުގެ ކުށެއް ފާހަނގަކޮށްލާނަން. ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުނީ މުއްދަޘިރު ސޫރަތުން. ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތަކީ ނަބީކަމާއިގެން ފޮނުއްވުން.

The name is already taken The name is available. Register?

ދޮންދީނި

07 October 2016

މިފަދަ ލިޔުންތައް ގިނަގިނައިން ގެނެސްދެއްވާ! މިފަދަ ލިޔުންތައް ކިޔާލުމުން ހިތަށް ނުހަނު ހަމަޖެހުން ލިބިގެންދޭ...އަދި އީމާންކަމުގެ ފޮނިކަން އިހުސާސް ކުރެވޭ...

The name is already taken The name is available. Register?

حسين بن محّمد ديدي

07 October 2016

ވަރަށް ދާހިތްވެއްޖެ. އަދި ޙިރާ ފަރުބަދަ ދުވަހަކުވެސް ނުފެންނަ ގޮތަށް ފެނުނީމައި ވަރަށް އުފާވެއްޖެ. އަދި رسول الله صلّى الله عليه وسلّم ޙިރާފަރުބަދައިގެ ހޮހޮޅައަށް އަރާވަޑައިގަންނަވަން ކުރެއްވި ބުރަމަސައްކަތްޕުޅު އިޙްސާސް މިކުރެވުނީ މިވީޑިއޯގެ ސަބަބުންނެވެ. ތިކުރެއްވި މަސައްކަތް ޕުޅަށް الله سبحانه وتعالى ހެޔޮ ޖަޒާ ދެްވާށި. اللّهمّ صلِّ وسلِّم على نبيِّنا محمّد

The name is already taken The name is available. Register?

Fasy

07 October 2016

ވަޙީ އައުމުގެނކުރިން . ތިޔަވިދާޅުވިގޮތަށް ވުމަކީ މުސްތަޙީލު ކަމެއް ކަމަށް ޤަބޫލު ކުރެވެނީ

The name is already taken The name is available. Register?

ހަމޭ

06 October 2016

ވާވް!

The name is already taken The name is available. Register?

ޢަހްމަދު

06 October 2016

ވަރަށް މޮޅު އިބްރަތުން ފުރިގެންވާ ލިޔުމެއް..މި ލިޔުން ކިޔާލާފައި ރޮވިއްޖެ. މާތް ނަބިއްޔާ މުޙައްމަދުގެ ފާނުގެ މައްޗަށް ސަލާމައި ސަލަވާތް ލައްވާފާދޭވެ.މި ސަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލުބައިތުންނާއި މިތުރު ސަހާބީން ޝާމިލް ކުރައްވާ ފާދޭވެ..އުމުރުގެ ކޮންމެސް ހިސާބަކުން މި މަތިވެރި ބިމަށް ޒިޔާރަތް ކުރުމުގެ ތަނަވަސްކަން މިންވަރު ކުރައްވާ ފާދޭވެ..އާމީން.

The name is already taken The name is available. Register?

އާމީން

07 October 2016

އާމީން..

The name is already taken The name is available. Register?

فاطمة

25 January 2019

امين

The name is already taken The name is available. Register?

ދޮންކަމަނަ

06 October 2016

ﷲއަކްބަރު....

The name is already taken The name is available. Register?

ވިސްނާ އިބްރާހީމް

06 October 2016

ރޮވިއްޖެ.ނަމާާދުކުރަންވެސް ފަސޭހަވެއްޖެ

The name is already taken The name is available. Register?

ވަހީދު

06 October 2016

"ތިމަން ކަލޭގެފާނަކީ ކިޔަވަން ދަންނަ މީހަކީމެއް ނޫނެވެ.". މިއީ މުޅިން ނުބައިކޮށް. ރަސޫލާ އަކީ އިންސާނުންނަށް ނޭނގެ ކިތައްމެ އިލްމެއް ލިބިވަޑައިގެންފައި ހުރި ބޭފުޅެއް. ރަސޫލާ އަސްލު އެވިދާޅުވީ ތިމަންނާ އަކީ އަމިއްލަ ނަފްސަށް ފެންނަ އެއްޗެހި ވިދާޅުވާ މީހެއް ނޫނޭ. ހަމައެކަނި ވަހީ އައީމަ އެ ވިދާޅުވަނީ.

The name is already taken The name is available. Register?

ފަޒީ

07 October 2016

ވަހީ ލިބުމުގެ ކުރިން . ތިވިދާޅުވާގޮތަށް ވުމަކީ މުސްތަޙީލު ކަމެއް.

The name is already taken The name is available. Register?

ފަލަކު

07 October 2016

އަސްލުގައި 'އުއްމިއްޔު' މާނަކުރެވެނީ ލިޔަންކިޔަން ނުދަތުމަށެވެ. މުރާދަނީ ކިޔަވާ ވިދާޅުވާން ދެނެވަޑައިނުގަންނަވާ ވާހަކަ ފުޅެވެ. އެކަން އެހެން ވުމުގައި ﷲގެ ޙިކުމަތް ވަންތަކަން މިއަދުވެސް އެބަހާމަވެއެވެ. އެއީ ކާފަރުންގެ މީހުން ގުރުއާން ގަބޫލުނުކޮށް ބުނާ ވާހަކައަކީ އެއީ އެކަލޭގެ ފާނު ހެއްދެވި ފޮތެކެވެ. އަނެއްބަޔަކު ބުނަނީ ނަޞާރާ ރާހިބުން ކިޔާދީފައިވާ ވާކަތަކެވެ. އަނެއްބަޔަކު ބުނަނީ ސިހުރު ކަމަށެވެ. އަނެއްބަޔަކު ބުނަނީ ޝައިޠާނާގެ ވަސްވާސް ކަމަށެވެ. މިގޮތަށް ބުނާ އެންމެންވެސް ގަބޫލުކުރާ އެއް ހަގީގަތަކީ އެ ފޮތުގައިވާ އެއްޗެއް ދޮގުކުރެވޭނެ ހަމަ އެއްގޮތެއްވެސް ނެތްކަމެވެ. މީހަކު ބުނާ އެއްޗެއް އެ އިބާރާތުން އެހާ ގިނައަދަދަކަށް ހިތުގައި ހަރުލެއްވުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން އެންމެންވެސް ގަބޫލުކުރެއެވެ. ލިޔަން ކިޔަން ދެނެވަޑައިގަންނަވާނަމަ ބުނާނީ ހިރާގައި 3 އަހަރު ދުވަސްވާންދެން އިންނަވައިގެން ލިއުއްވި ފޮތެއްކަމަށެވެ. އެއިރުން މީހުންނަށް ގަބޫލުރަންވެސް ފަސޭހަވާނެއެވެ. ލިޔަންކިޔަން ދެނެވަޑައި ނުގަތުމަކީވެސް މީސްތަކުންނަށް ވިސްނާ ފިކުރުކުރުމަށް މެދުވެރިވާނޭ ސަބަބެއްވެސް މެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454