އިޓަލީގެ ގްރޮސަރީ ފިހާރައެއްގެ ބޭރުގައި މީހުންތަކެއް، ދުރުދުރުގައި ކިއޫ ހަދައިގެން -- ފޮޓޯ: އާތިފާ އަލީ
15 މާޗް 2020 - 09:28
އާދައިގެ ދުވަހެއް ނަމަ، ހެނދުނު 8:30 ގައި އާތިފާ އަލީ އޮފީހަށް ވަޑައިގަންނަވާނެ އެވެ. އިޓަލީގެ ރޯމްގައި ހުންނަ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާގެ މައި އޮފީހުގައި، ފިރިކަލުންނާ އެކު އޭނާ މަސައްކަތް ކުރައްވާއިރު ދެ އަހަރުގެ އަންހެން ދަރިފުޅު ގެންދަނީ އެ އިދާރާގައި ހުންނަ ޑޭކެއާ ސެންޓަރަށެވެ. ދަރިފުޅާ އެކު އެނބުރި ގެއަށް ވަޑައިގަންނަވަނީީ ހަވީރު ފަހެއް ޖަހާއިރު އެވެ.
ހަފުތާ ބަންދުގައި ދަރިފުޅު ގޮވައިގެން ގެއިން ބޭރަށް ވަޑައިގަންނަވަ އެވެ. ދުވާލު ދެ ވަގުތެއްގައި ޕާކަށް ގޮސް މަޖާ ކުރައްވަ އެވެ.
އެކަމަކު ކޮރާނާވައިރަސްއާ އެކު މުޅި އިޓަލީ ހުއްޓުމަކަށް އަތުވެއްޖެ އެވެ. އާތިފާގެ އާއިލާގެ ވެސް މިހާރުގެ ހާލަތަކީ ގޭގައި ބަންދުވުމެވެ.
"މިހާރު ކޮންމެ ދުވަހަކީ ވެސް ވީކެންޑެއް. ގޭގައި މަސައްކަތް ކުރަމުން، ހޭދަކުރާ ވީކެންޑެއް،" އިޓަލީގައި ދިރިއުޅުއްވާތާ ހަތް އަހަރު ވެފައިވާ އާތިފާ ވިދާޅުވި އެވެ.
ނުރައްކާތެރި ވައިރަސް އާއި އެއިން ޖައްސާ ބަލި ކޮވިޑް-19ގެ އަސަރު އިޓަލީގައި އެންމެ ބޮޑަށް ކޮށްފައިވަނީ އެ ގައުމުގެ އުތުރަށެވެ. ރޯމް ހިމެނޭ މެދުތެރެއަށް ބަލީގެ މާ ބޮޑު ނުރައްކަލެއް އަަދި ނެތަސް، އޭގެ ބިރުވެރިކަން މުޅި ގައުމަށް ވަނީ ފެތުރިފަ އެވެ.
އާތިފާ ގޭގައި މަސައްކަތް ކުރައްވަނީ: ހުރިހާ ވަގުތެއް ގޭގައި ހުންނަވަން ޖެހުމުން ވަގުތު ހޭދަކުރައްވަނީ ގޭގެ އެކި މަސައްކަތުގައި
އިޓަލީގެ އެއްވެސް ރައްޔިތަކަށް ގައުމުން ބޭރަކަށް ނުދެވެ އެވެ. އެއްވުންތައް މަނަ އެވެ. ސަރުކާރުން އިލްތިމާސް ކުރަނީ ގޭގައި ތިބުމަށެވެ. ޕާކު ފަދަ ތަންތަން ބަންދެވެ. މުވައްޒަފުން މަސައްކަތް ކުރަނީ ގޭގަ އެވެ. އެހެންވެ، މި ދުވަސްވަރު މުޅި އިޓަލީ އޮތީ ހިމޭންވެފަ އެވެ.
އާތިފާ ވިދާޅުވި ގޮތުގައި މަގުމަތިން މީހަކު ފެންނަނީ ވެސް ހާލަކުން ފަހަރަކު އެވެ. އެ މީހަކު ވެސް ހުންނަނީ މާސްކް އަޅައި ނިވާކޮށްފަ އެވެ. މީގެ ހައެއްކަ ދުވަސް ކުރިން، މުޅި ގައުމު ބަންދުކުރި ނަމަވެސް ފުރަތަމަ ދުވަހު، ގެއިން ބޭރަށް ނުކުމެވެ އެވެ. ސުޕަމާކެޓްތައް ހުޅުވާފައި ހުއްޓެވެ. ޕާކުތަކަށް ވެސް ދެވެ އެވެ. އެކަމަކު މީގެ ތިން ދުވަސް ކުރިން އެޅި އިތުރު ފިޔަވަޅުތަކާ އެކު، ޒަރޫރީ ބޭނުމެއްގައި ނޫނީ މީހަކު ގެއިން ބޭރަކަށް ނުނިކުމެވެ އެވެ. މަގުމައްޗާ އެކު ޝޮޕިން މޯލްތަކާއި ޕާކުތައް ވެސް ވަނީ ފަޅުވެފަ އެވެ.
ނުރައްކާތެރި ރޯގާއާ އެކު އެޅި ފިޔަވަޅުތަކާ ގުޅިގެން، އިޓަލީގެ ކޮންމެ މީހެއްގެ މޫނުމަތިން ވެސް މިހާރު ފެންނަނީ، އާތިފާ ވިދާޅުވި ގޮތުގައި، ކަންބޮޑުވުމެވެ. ރޯގާގެ ބިރު ރޯމްގައި ވެސް އެބަ އޮތެވެ. އެކަމަކު އާތިފާ ސިފަކުރެއްވި ގޮތުގައި ކޮންމެ މީހަކު ވެސް ބަލަނީ އެކަމުގައި ޕޮޒިޓިވްކޮށް އަމަލުތައް ބަހައްޓާށެވެ. ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، އެންމެ އިސްކަމެއް ދެނީ ވަކި ދުރުމިނެއް ބަހައްޓައިގެން އުޅުމަށެވެ.
މީގެ ކުރިން އެއްކޮށް ހުޅުވާލާފައި ހުންނަ ކުދި ގްރޮސަރީ ޝޮޕިން މޯލްތަކަށް މިހާރު ވަދެވެނީ އެއް ފަހަރާ ދެތިން މީހަކަށެވެ. ފިހާރައިގެ ބޭރުގައި ކިޔޫ ހަދާފައި ތިބެނީ ވެސް އެކަކު އަނެކަކާ ތިން ފޫޓެއްހާ ދުރުގަ އެވެ. އެކަމަކު ކޮންމެ މީހަކު ވެސް ކެއްތެރިކަމާ އެކު، ޝަކުވާ ކުރުމެއް ނެތި އެވެ.
އިޓަލީގައި ލޮކްޑައުން އިއުލާން ނުކުރާއިރު ޕާކެއްގައި މީހުން ހިތްހަމަޖައްސާލަނީ: މިހާރު މިތަންތަން އޮންނަނީ ފަޅުވެފައި-- ފޮޓޯ: އާތިފާ އަލީ
"ކޮންމެ މީހަކު ވެސް ގަންނަނީ އެ މީހަކު ބޭނުންވާ އެއްޗެއް ދެތިން ދުވަހަށް ވާ ވަރަށް. ބިރުން ތަން ހުސްކޮށްލާ ވަރަކަށް ނޫން. ގައިމު ވެސް ރޯމަކުން އެ މަންޒަރެއް ނުފެނޭ،" އާތިފާ ވިދާޅުވި އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް މަތިވެ، އިޓަލީގެ ހާލަތު އެހާ ގޯސްވީ، އެ ގައުމުގެ ގިނަ މީހުން އެކަން މާ ސީރިއަސްކޮށް ނުނެގުމުންނެވެ. ޗައިނާ އާއި އީރާން ފަދަ ގައުމުތައް ފަހަނައަޅައި، ޔޫރަޕަށް ރޯގާ އައިއިރު ވެސް، ގިނަ މީހުން ހީކުރީ އެއީ ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ފެބުރުއަރީ މަހު ކުރިމަތިވާ މޫސުމީ ރޯގާއެއް ކަމަށެވެ.
ކޮވިޑް-19ގެ ވާހަކަ މީގެ ދެތިން ހަފުތާ ކުރިން، އާތިފާ ވެސް އަޑުއެއްސެވި އެވެ. އެކަމަކު އިޓަލީއަށް އެ ރޯގާ އައުމާ އެކު އޭނާ ވެސް އެންމެ ފުރަތަމަ ހީކުރެއްވީ އެއީ "ވިންޓާ ފްލޫ" ކަމަށެވެ. އުތުރު އިޓަލީގައި ބަލި ފެތުރި، މަރުވާ މީހުންގެ އަދަދު އިތުރުވެ، ހަރުކަށި ފިޔަވަޅުތައް އަޅަން ފެށުމާ އެކު މުޅި ގައުމުގެ ސަމާލުކަން ހުއްޓުނެވެ.
Music Instruments are played as a show of solidarity in locked down Rome, Italy
— ShifLynne (@Lynnesharieph) March 14, 2020
Video: Athifa Ali pic.twitter.com/sQBe9fHyPU
މިހާރު ގޭގޭގެ ބެލްކަނީން ފެންނަނީ މިޔުޒިކް ކުޅޭ ތަން -- ވީޑިއޯ: އާތިފާ އަލީ
"[އިޓަލީގެ] ނޯތުގައި އޮތް ވަރަށް ނޫނަސް، ރޯގާގެ ބިރު ރޯމްގައި ވެސް ކޮންމެވެސް ވަރަކަށް އެބަ އޮތް. އެކަމަކު މިތަނުގައި މީހުން ޕެނިކްވުމުގެ ބަދަލުގައި ބެލީ ވީހާ ވެސް ޕޮޒިޓިވް އެޓިޓިއުޑެއް ގެންގުޅެވޭތޯ. ބިރަށް ވުރެ ބޮޑަށް މިހާރު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި، އެންމެން ގުޅިގެން އަމަލުތައް ބަހައްޓަމުން ދަނީ،" އާތިފާ ކިޔައިދެއްވި އެވެ.
އިޓަލީގެ އެންމެން ވެސް މިހާރު ތިބީ ގޭގައި މަޑުކޮށްގެންނެވެ. ގޭތެރޭގެ ވައި ހެޔޮވަރުކޮށްލަން، ކޮންމެ ދުވަހަކު ހެނދުނު، އާތިފާ ގޭގެ ދޮރުތައް ހުޅުވާލެއްވި ނަމަވެސް އެއީ މަދު ގަޑިއިރަކަށެވެ. އެކަމަކު، އިއްޔެ ހަވީރު ރޯމްގެ ގެތަކުގެ ކުޑަދޮރުތަކާއި ޓެރަސްތަކުން އިވުނީ މިއުޒިކްގެ އަޑެވެ.
އުނދަގޫ މި ދަނޑިވަޅު، އެއްބައިވަންތަކަން ދައްކައިދީ، އެކަކު އަނެކަކަށް ހިތްވަރު ދިނުމުގެ ގޮތުން ރޭވި މި ހަރަކާތުގައި، ކޮންމެ ގެއެއްގެ ކުޑަދޮރު ކައިރީގައި ނުވަތަ ޓެރަހުގައި މިއުޒިކްގެ އާލާތެއް ކުޅުނީ އެވެ. އެއް ގެއަކުން ގިޓާގެ އަޑު އިވުނު އިރު، އަނެއް ގެއަކުން ޕިއާނޯގެ އަޑެވެ. ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް އާތިފާގެ ފިރިކަލުން ވެސް ޓެރަސް މަތީގައި ގިޓާ ކުޅުއްވި އެވެ.
Music Instruments are played as a show of solidarity in locked down Rome, Italy
— ShifLynne (@Lynnesharieph) March 14, 2020
Video:Athifa Ali pic.twitter.com/VV6DbqeFxx
އެއްބައިވަންތަކަން ދައްކައިދީ، އެކަކު އަނެކަކަށް ހިތްވަރު ދިނުމުގެ ގޮތުން ރޯމުގެ ކޮންމެ ގެއެއްގެ ކުޑަދޮރު ކައިރީގައި ނުވަތަ ޓެރަހުގައި މިއުޒިކްގެ އާލާތެއް ކުޅެނީ-- ވީޑިއޯ: އާތިފާ އަލީ
"ބޭނުމަކީ ސޮލިޑަރިޓީ ދެއްކުން. އެއްބައިވަންތަކަން ދެއްކުން. ގޭގައި ތިބެގެން، ބޭރާ ގުޅުން ބޭއްވޭނެ ވަރަކަށް ބޭއްވުން،" އޭނާ ވިދާޅުވި އެވެ.
ކުރިން ނަމަ، އާތިފާ ގިނަ ވަގުތު ހޭދަކުރައްވަނީ އޮފީހުގަ އެވެ. ދަރިފުޅާ އެކު ހަވީރު ގެއަށް ވަޑައިގެން، ކައްކައި، ގޭގައި ކުރަން ހުންނަ ކަންތައްތައް ކޮށްލައްވަ އެވެ. އެކަމަކު ރޯގާގެ ބިރާއެކީ، ގޭގައި މަޑުކުރައްވަން ޖެހިވަޑައިގަތުމުން، މުޅި ދުވަހުގެ ރޫޓިންއަށް ވަނީ ބަދަލު އައިސްފަ އެވެ.
ބޭރަށް ނުނިކުމެ މުޅި ދުވަސް ވޭތުކޮށްލައި، ތުއްތު ހަލަނި ކުއްޖަކާ އެކީ ގޭގައި އޮފީސް މަސައްކަތް ކުރެއްވުމަކީ އާއިލާއަށް ކުރިމަތިވި ޗެލެންޖެކެވެ. އެކަމަކު އާތިފާ ބެއްލެވީ، އެކަން ވީހާ ވެސް ޕޮޒިޓިވްކޮށް ނެންގެވުމަށެވެ.
"ކުރިން ދަރިފުޅާ އެކު ވަގުތު ހޭދަކުރަން ލިބެނީ ހެނދުނާއި ހަވީރު އެކަނި. އެކަމަކު މިހާރު ހުރިހާ ވަގުތެއް ވެސް އެކުގައި މި ހޭދަކުރެވެނީ. އެހެންވެ، އަޅުގަނޑުމެން މީތި މި ނަގަނީ ފެމެލީ ޓައިމްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
އާތިފާގެ ދެ އަހަރުގެ ދަރިފުޅު ހުނި ގޭނުމުގައި އެހީވަނީ
"އޮފީސް މަސައްކަތް ވެސް، މިހާރު މިކުރަނީ ދަރިފުޅުގެ ޓައިމްއަށް އެޑެޕްޓްކޮށްގެން. އެހެން ވަގުތުތަކުގައި މި ޖެހެނީ އޭނާއާ އެކު ކައްކައި، ކުލަ ޖައްސައި، ފޮތް ކިޔައި ހަދަނީ."
ކޮވިޑް-19ގެ ބިރުވެރިކަން ރާއްޖެއަށް ކުރިމަތިވެ، ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ހާލަތު ގައުމުގައި އިއުލާން ކޮށްފައިވާއިރު، ދިވެހިންނަށް ވެސް ރައްކާތެރިކަން ބޮޑީ ގޭގައި ގިނަ ވަގުތު ހޭދަކުރުމެވެ. އެހެންވެ، މި ދަނޑިވަޅު، ގޭގައި ތިބޭ ކުޑަކުދިން ފޫހިވިޔަ ނުދިނުމަށް ލައްކަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
އާތިފާގެ އިރުޝާދަކީ، ކުއްޖާގެ އުމުރާ ގުޅޭ ގޮތަށް އެކި ކުޅިވަރުތަކާއި މަސައްކަތްތައް ހަވާލުކުރުމެވެ.
ރާއްޖޭގެ ހާލަތު، ސޯޝަލް މީޑިއާ މެދުވެރިކޮށް އާތިފާއަށް ފެނިވަޑައިގަންނަވަ އެވެ. އަދި މި ބައްޔާ ގުޅޭ ގޮތުން، ކަމާ ބެހޭ ފަރާތްތަކުން ނެންގެވި ފިޔަވަޅުތައް، އެހެން ބައެއް ގައުމުތަކަށް ވުރެ ހަރުދަނާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިންގެ ފަރާތުން ވެސް ފެންނަނީ، ހާސްވެ، ބިރުން އުޅޭ ތަނަށް ވުރެ، ސަމާލުވެ، ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާތަން ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
އާތިފާގެ ދެ އަހަރުގެ ދަރިފުޅު ޓެރަސްގައި ކުޅެނީ: އިޓަލީގެ މުޅި އާބާދީ ގިނަ ވަގުތު ހޭދަކުރަނީ ގޭގައި
"ޖިއޮގްރަފީ ގޮތުން [ވަކިވަކި ރަށްތަކެއްގެ ގޮތުގައި] ރާއްޖެ އޮތުން އެއީ ލިބޭނެ ވަރަށް ބޮޑު ފައިދާއެއް. އެކަމަކު އަޅުގަނޑުގެ ނަސޭހަތަކީ، އިޓަލީ ސްޓޭޖަށް ދިޔައިމައި ނޫނީ ފިޔަވަޅު އަޅަން މަޑުނުކުރާށޭ،" އާތިފާ ވިދާޅުވި އެވެ.
ޗައިނާއިން އުފަންވި ކޮރޯނާވައިރަސް ދުނިޔޭގެ ހުރިހާ ބައްރަކަށްހެން މިހާރު މި ވަނީ ފެތުރިފަ އެވެ. ޑަބްލިޔުއެޗުއޯއިން އެންމެ ފަހުން އިއުލާންކުރީ މިއީ މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމެއްގެ ގޮތުގަ އެވެ. ރާއްޖޭން ވެސް މި ރޯގާއަށް ދިހަ މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. އިޓަލީ ވެސް ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުން ވަނީ މަނާކޮށްފަ އެވެ. ރާއްޖެއަކީ އިޓަލީގައި އެންމެ މަޝްހޫރު އެއް މަންޒިލެވެ. އެކަމަކު މިއަދު އިޓަލީ ރައްޔިތުންގެ ފުރަތަމަ ވާޖިިބެއް ކަމަށް ގަބޫލުކުރަނީ، ގެއިން ބޭރުގައި އުފާކުރުމާއި ޕާޓީކުރުމާއި ޗުއްޓީއަށް ގައުމުން ބޭރަށް ދިއުމުގެ ބަދަލުގައި، ކޮރޯނާވަައިރަސް ނައްތާލަން އެހީވުމެވެ. އާތިފާ ވެސް ހުންނެވީ އެ މަސައްކަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތްތަކުގައިވާ ލޯ
16 March 2020
އަދިވެސް އިޓަލީ މީހުންތަ ނަމޫނާ އަކަށް ބަލަންވީ.
ރަށު މީދާ
16 March 2020
ޗައިނާ މީހުންނާ ހިލާފަށް އަހަރެމެން ހީކުރީ އިޓަލީ މީހުން "އެންލައިޓެންޑް"ވެފައި، "ސިވިލއިޒްޑް" ވާނެ ކަމަށް. އެކަމަކު ވީ އެއްވަރެއް. ބަލިވެ ތިބެ އިޓަލީ މީހުން ވެސް، ޗައިނާ މީހުން ނެކޭ އެއްގޮތަށް އެކި ޤައުމުތަކަށް ދަތުރުކޮށް، މި ބަލި ފެތުރީ. އެކަމަކު ދެރައީ ހަމައެކަނި ޗައިނާ މީހުން ނަން ވާތީ. އަހަރެމެން ގޭގޭގައި ނިދާ އުޅެނީ ބައި ބަހައިގެން، އެހެންވީމާ އާތިފާ އިޓަލީގައި އުޅޭ ހެން ފަހަރުގައި ނޫޅެވިދާނެ.
އިމަނާ
16 March 2020
ނަސޭހަތެއް: ބޭރަށްގޮސް ދިރިއުޅަމަކީ ސްމާޓްކަމެއްނޫން. އަދި މިފަދަ ރޯގާއަކުން ސަލާމަތްވާން، ނުވަތަ މިފަދަ ކަމަކާ ގުޅުވައިގެން ކުރާކަމެއްގެ ގޮތުގައި ﷲ ހަރާން ކުރެއްވި ކަންކަން ކުރާ ކަމަށް ބުނުމަކީ އަހަރެން ހައިރާންވާކަމެއް. ﷲގެ އިރާދަފުޅުން މެނުވީ އެއްވެސްކަމެއް ނުވާނެ. އެގޮތަށް ޢަމަލުތައް ބަހައްޓަވާ.
ބޮޑުމީހާ
15 March 2020
މިހުރިހާ ދުވަހު ގޮވީ މިރާއްޖެ ދުނިޔެއަށް ބަންދު ނުކުރެވޭނެޔޭ، އިގްތިސާދު ފުޑޭނެޔޭ. ..މިހެން ތިއްބާ މަޑުމަޑުން ބަލި ފެތުރި، ބައެއް ގައުމުތަކުން މީހުން އައުން ހުއްޓުވަން މަޖުބޫރުވަނީ. އެހެން ގައުމުތަކުންވެސް މުޅިގައުމު ބަންދުކޮށްފަ އެއޮތީ، ދެންވެސް ވަގުތު އޮއްވާ ބަންދު ކުރޭ! ހިތަށްއަރަނީ ގައުމު ބަންދުކުރާނީ ގައުމަށް އޮބި ނޯންނަވަރަށް ބަލި މީހުންތަކާއިއެކުތޯ ނޫނީ ވައިރަސް ނެތް ބަޔަކާއިއެކުތޯ! ފުރާނަ ހުރިއްޔާ ފަޅޯ ދަޑި ކައިގެންވެސް އުޅެވިދާނެ!
އައްޔަ
15 March 2020
ކަލޯ ކަރާ , ޖައްސަންޖެހޭ އިންޖީނެއް ކުރަން ޖެހޭ ކަމެއްވެސް ނޯންނާނެ ޓޫރިޒަމް ކޮޅަށްޖަހާށޭކިޔާފަ , ﷲ ގެ ރަހްމަތް ފުޅުން މި ބަލިމަޑުކަން ހަމަ ފިލާ އިރަށް ޓޫރިސްޓުން އަންނަން ފަށާނެ , ކަރާ ތިޔައުޅެނީ އަނެއްކާވެސް ބަޔަކަށް މިލިޔަނުން ޑޮލަރ ދޭނެ ގޮތެއް ހޯދަންހެން ހީވަނީ.
ބޭރިދި
15 March 2020
ޗައިނާގެ ތަޖުރިބާ މުހިއްމު. އިޓަލީ މީތި ސީރިއަސްކޮށް ނުނެގީމަ ވީގޮތް ވެފަ މިއޮތީ. އެނގިޖެ މިހާރު ޑިކްޓޭޓާޝިޕެއް ކަން ރަނގަޅީ ޕޭންޑެމިކު ހާލަތުގަ. ޑިމޮކުރަސީ ގައުމުތައް ހެސްކިޔާފަ ބޮޑުތަނުން ފޭލިވަނީ.
ރޮޕްކިނ
15 March 2020
މުޅިން ރަގަޅެއްނޫން. ޑިކްޓޭތަރެއްވީމަ މިބަލި ފެނިގެބް އޮއްބާލެވުނީ. ނޮވެމްބަރު މަހު އެވާހަކަ ދެއްކި ޑޮކްޓަރުން ހައްޔަރު ކުރީ. އޮބިނޯވެ މިދުނިޔެއަށް ފެތުރުނީ ޗއިނީސް ނިއުޔާ ހޮލިޑޭސް އަށް އެއްމެން އެކިގައުމުތަކަށް ގޮސް ފެތުރިފައި ތިބީ.
ވޯލް
15 March 2020
މި މާލޭގައި މީހުން ގޭތޭރޭގައި ވަގުތު ހޭދަކުރަން ފަށާފިއްޔާ އެއީ މުޅި ދުނިޔޭގަވެސް އެކަމާ ބެހޭގޮތުން ދިރާސާކޮށް ފޮތް އެއްޗެހި ލިޔަންޖެހޭވަރު ކަމަށްކަށްވާނެ. ދިވެހިންނަކީ ކުރާނެ ކަމެއް ނެތީމަވެސް ބޭރަށްގޮސް ކޮފީ މޭޒުތަކުގައި ވަގުތު ބޭކާރު ކުރާ ބައެއް ވިއްޔަ. އަދި ބައެއް މީހުންނަށް ބޭރަށްގޮސް ސޯޝަލް ޓައިމް (ގޮސޮޕް ޓައިމް) ނުލިބިއްޖެޔާ ރުޅިގަދަވެ މޮޔަވާ ހިސާބުގައި މީހާ ހުންނަނީ.
ގފފދ
15 March 2020
ދިވެހިން ދިވެހިންގެ އާންމު ހާލަތު ނުދަންނާތީ ދެރަވަން. އަހަރެމެންގެ ގެތަކާ އާންމު ޕާކްތަކާ މައިޒާންތައްވެސް މާ ތަނަވަސްވެފައި ހުސްކަންބޮޑީ. އެހެންވެ ކަންނޭނގެ ކޮފީކަޑަތަކުގައި އެކުގައި އެތިބެވެނީ...
ޙަބީބު
15 March 2020
އާތިފާޔައް ދޭންއޮތް ނަސޭހަތަކާ އިޓަލީގަ އުޅުނަސް އިސްލާ މީ އަގީދާ ދޫނުކުރައްޗޭ ރާބޮއެ ބިކިނީ ލައިގެން ބީޗައްގޮސް ސިނގިރޭޓުބޮއެ ނުހަދައްޗޭ ހެނދުނުދާގޮތައް އޮފީހުގަ އުޅުނަސް ނަ މާދު ކުރައްޗޭ އިޓަލީގަ އުޅުނަސް މަރުވީ މަ ލިބޭނީ ހަފޫޓު ދޮޅުފޫޓު ޖާގައެއް މިކަން އަބަދުވެސް ހަނދާން ކުރައްޗޭ އިޓަލީގަ އުޅުނަސް މައިންބަފައިންނައް ހިދު މަތް ކުރައްޗޭ ރާއްޖޭގެ ނަންކިލަނބުވާފަދަ ކަ މެއް ނުކުރައްޗޭ
ސެމި
15 March 2020
މީދެން ކޮންމެހެން ނެސެސެރީ ކޮމެންޓެއްތަ؟ ލެޓް އާތިފާ ލިވް ހަރ ލައިފް!
ސެމީއައް
15 March 2020
ތިބާ ގެ މައްޗައް ކަށުނަމާދު ކުރާ ދުވަސް ހަދުމަ ކޮއްދިނުމަކީ މިދަޑިވަޅުގަ ވަރައް މުހިއްމު ކަމެއް. ބައްޔަކާ ހަގުރާމަ ކުރަމުން މިދަނީ. މަރު އަބަދުވެސް އެމީހެއްގެ ފަހަތުން ދުވާނެ.ކައްވަޅުގެ މަތިން މީހަކު ހަންދުމަ ކޮއްދިނުމަކީ ރަހްމަތެއް. ސެމީ އައް މިކަން ކަމަކައް ނުވަންޔާ ކައްވަޅުގެ އަޒާބުގެ ގަދަފަދަ ކަމައް ތައްޔާރު ތިޔަވަނީ.
ްއަދުރޭ
15 March 2020
ހުރިހާތާކަށް ދީންވައްދާތި. ދެން ގޮވަންފަށާ ލާދީނޭ..
ކެލެސް
15 March 2020
ޖެލަސް ވީ ދޯ
ވަގުތީ ހަޔާތެއް؟
16 March 2020
އެންމެ ހެޔޮ އެދިގެން މީހަކު ނަސޭހަތެއް ދިނަސް..
ފިލިގާ
15 March 2020
ހޮޓާތަކާ ފިހާރަތައް ބަންދުކުރާ ގަޑި އަވަސްކުރަންޖެހޭ އެބަ.
ޅަބޭ
15 March 2020
އިޓަލީއަކީ ޔޫރަޕުގެ ބަންގުލާދޭޝް.
ޖަވް
17 March 2020
ކޮބާތަ މެދުއިރުމަތީގެ ބަންގުލަދޭސް އަކީ. މިސްރުތަ