10 މެއި 2020 - 11:11
ކޮވިޑް-19 ކޮންޓްރޯލްކޮށް އާންމު ހާލަތަށް އަންނަން ކުރާ މަސައްކަތުގައި އެންމެ މުހިންމީ ވީހާ ވެސް ގިނަ ބަޔަކު ބައްޔަށް ޓެސްޓްކުރުމެވެ. އެއީ ބަލި ޖެހިފައި ހުއްޓަސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ގިނަކަމުންނެވެ. ބަލި ހުރިކަން ނޭނގި، އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވޭނީ ޓެސްޓްކޮށް، ބަލި މީހުން އެކަހެރިކޮށްގެން ކަމަށް ވާތީ އެވެ. އެކަމަކު ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ކަމަށް އެއްފަހަރު ދައްކާފައި މާ ގިނައިރެއް ނުވެ ދެން ހަދާ ޓެސްޓް ނެގެޓިވް ވެސް އެބަވެ އެވެ. ހަމަ މިގޮތަށް މީގެ އަނެއްކޮޅަށް ވެސް ދިމާވެ އެވެ.
ކޮވިޑް-19 ފެތުރެމުންދާ ކޮންމެ ގައުމެއްގައި ވެސް މި މައްސަލަ އެބަ އޮތެވެ. އެހެންވެ ޓެސްޓްތަކުގެ ޔަގީންކަމާ މެދު ސުވާލު ވެސް އުފައްދަ އެވެ.
ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރިގަތުމާ އެކު، ބައްޔަށް ޓެސްޓްކުރެވޭނެ ގާބިލްކަން ލިބިގަތުމަށް އެތައް ބައިވަރު ކުންފުންޏަކުން ޓެސްޓް ކިޓްތައް އުފައްދައި ބާޒާރަށް ނެރެފި އެވެ. އެކަމަކު މިއިން ކޮންމެ އެއްޗެއް ބޭނުންކުރި ކަމުގައި ވިޔަސް މިއީ މޮލެކިއުލާ ޓެސްޓްތަކެވެ. މާނަ އަކީ ބަލި ދެނެގަތުމަށް ވައިރަހުގެ ހާއްސަ ޖެނެޓިކް ސިފަތައް ދެނެގަތުމެވެ.
ކެނެޑާގެ ސެއިންޓް ބޮނިފޭސް ހޮސްޕިޓަލްގެ މެޑިކަލް މައިކްރޮބަޔޮލޮޖިސްޓް އަދި ޔުނިވަސިޓީ އޮފް މަނިޓޯބާގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. ފިލީޕޭ ލަގާސޭ-ވީންސް ސީބީސީ ނޫހަށް މިކަން އޮޅުންފިލުވައިދެއްވާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަލި ނެތް މީހަކު ޕޮޒިޓިވް ކަމަށް ދެއްކުން ނުވަަތަ ފޯލްސް ޕޮޒިޓިވް ވުމަކީ ކޮންޓްރޯލްޑް އެންވަޔަރަމެންޓެއްގައި ޓެސްޓްކުރާއިރު، ވަރަށް ނާދިރު ކަމެކެވެ. އެކަމަކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ކޮންމެ ދުވަހަކު އެތައް ބައިވަރު ޓެސްޓްތަކެއް ކުރަން ޖެހުމުން "ފޯލްސް ޕޮޒިޓިވް" މައްސަލަތައް ގިނަވުމަކީ ކޮންމެ ތަނެއްގައި ވެސް ދިމާވަމުން އަންނަ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ ނޭފަތް ތެރެއިން އަދި ކަރު ބުޑުންނެވެ. އެއީ ކޮރޯނާވައިރަސް ހުރި ނަމަ އޭގެ އާރްއެންއޭ އެ ހިސާބުން ލިބޭނެތީ އެވެ. ސްވޮބަކުން ނަގާ ސާމްޕަލް ޖީންއެކްސްޕާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަހަރަކު ސާމްޕަލަކުން ނުވަތަ ލެބް-ބިލްޓް ރޮބޮޓިކް ޓެސްޓިން މެޝިނުން އެއްފަހަރާ އެތައް ސަތޭކަ ސާމްޕަލެއް ވެސް ޕްރޮސެސްކުރެވެ އެވެ.
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
ލެބް-ބިލްޓް މެޝިނުގައި، އާންމުކޮށް ބޭނުންކުރާ ޕަލިމެރެއިޒް ޗެއިން ރިއެކްޝަން (ޕީސީއާރް) އަށް ޓެސްޓްކުރުމަށް އެތައް ސަތޭކަ ސާމްޕަލެއް، ބަލި މީހުންނާއި ޝައްކުކުރެވޭ މީހުން ގިނަ ހާލަތުގައި ފީޑްކުރަން ޖެހެ އެވެ. ސާމްޕަލް ކޮންޓެމިނޭޓްވުން މި މަރުހަލާގައި މެދުވެރިވުން އެކަށީގެންވެ އެވެ.
"ކިތަންމެ ފުރިހަމަ އަށް މަސައްކަތްކުރާ ރޮބޮޓިކް އިންސްޓްރުމެންޓަކަށް ވިޔަސް، ސާމްޕަލެއް ޕްރޮސެސްކުރާ ކޮންމެ ފަހަރަކު ވެސް ކުރީގެ ސާމްޕަލުގެ އަސަރު، ދެން ޕްރޮސެސްކުރާ ސާމްޕަލަށް ކޮށްފާނެ. ފޯލްސް ޕޮޒިޓިވްވާ އެންމެ އާންމު ސަބަބަކީ މިއީ،" ލަގާސޭ-ވީންސް އޮޅުންފިލުވައިދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް މިހެން ދިމާވަނީ ޕޮޒިޓިވް ނޫން ސާމްޕަލެއް ޕްރޮސެސްކުރާއިރު، ކުރިން ޕްރޮސެސްކުރި ސާމްޕަލަކީ ވައިރަސްގެ އަސަރު ވަރުގަދަ އަށް ހުރި ސާމްޕަލަކަށް ވުމުންނެވެ.
އާންމުކޮށް މިހެން ދިމާވެ ފޯލްސް ޕޮޒިޓިވްކޮށް ދައްކާއިރު، ވައިރަހުގެ އަސަރު ދައްކާނީ ވަރަށް ކުޑަކޮށް ކަމަށް ލަގާސޭ-ވީންސް ވިދާޅުވި އެވެ.
"ސާމްޕަލެއް ކިރިޔަކިރިޔާ ޕޮޒިޓިވް ނަމަ އެއީ އަލުން ޓެސްޓްކުރަން ޖެހޭ ކަމުގެ ނިޝާނެއް. އަދި ކުރިން ޕްރޮސެސްކުރި ސާމްޕަލް ވަރަށް ގަދަ އަށް ޕޮޒިޓިވް ވެފައި ދެން އަންނަ ސާމްޕަލް ދަށްކޮށް ޕޮޒިޓިވް ނަމަ އަލުން ބަލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
މިއީ ލެބްތަކުގައި މިހާރުވެސް އަމަލުކުރާ ގޮތެވެ.
ކޮވިޑް-19 ޖެހި ރަނގަޅުވި ކަމަށް ނިންމައި ކަރަންޓީނުން ދޫކޮށްލި އެތައް ބަޔަކު އަލުން ބައްޔަށް ޕޮޒިޓިވްވިކަން ޓެސްޓްތަކުން ދެއްކުމުން ހާސްކަމެއް އުފެދުނެވެ. އެއީ ބަލިން ރަނގަޅުވުމަށް ފަހު އަލުން އަނެއްކާ ވައިރަސް ހަށިގަނޑު ތެރެއަށް ފެތުރިގަންނަނީ ކަމަށް ހީކޮށެވެ. އަދި އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް އަރާނެ ކަމަށް ބެލެވޭތީ އެވެ.
އެކަމަކު އިންފެކްޝަސް ޑިޒީޒް އެކްސްޕާޓުން ފަހުން ވިދާޅުވީ މި ދެ ހާލަތު ވެސް ވަރަށް ނާދިރު ކަމަށެވެ. ދެކުނު ކޮރެއާގެ ސޯލް ނެޝަނަލް ޔުނިވަސިޓީ ހޮސްޕިޓަލްގެ ޑޮކްޓަރު އޯހް މަޔޮންގް-ޑޮންގް، ޕްރެސް ބްރީފިންއެއްގައި މިކަން ވާ ގޮތް އޮޅުންފިލުވައިދެއްވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ދެނެގަތުމަށް އާންމުކޮށް މި ކުރާ ޕީސީއާރް އިން ވައިރަހުގެ ޖެނެޓިކް މެޓީރިއަލް (އާރްއެންއޭ /ޑީއެންއޭ) އާއި މީހަކު ބަލިން ރަނގަޅުވުމަށް ފަހުގައި ވެސް ހަށިގަނޑުގައި ހަރުލާފައި ހުންނަ މަރުވެފައިވާ ވައިރަހުގެ އެތިކޮޅުތައް ދެނެގަންނާކަށް ނޭނގެ އެވެ. އެހެންވެ ކޮވިޑް-19 ޖެހި ރަނގަޅުވެފައި ހުންނަ މީހެއްގެ ޓެސްޓް ވެސް ޕޮޒިޓިވް ކަމަށް ދައްކަފާނެ އެވެ.
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާ ސާމްޕަލެއް
މިކަމާ ބެހޭ ގޮތުން ނިއު ޔޯކް ޔުނިވަސިޓީގެ، ބަޔޮލޮޖީ އެންޑް ނިއުރަލް ސައިންސްގެ ޕްރޮފެސަރު ކެރޯލް ޝޮޝްކޭސް ރީސް ވިދާޅުވީ މިހެންނެވެ:
"މީހަކު ބަލިން ރަނގަޅުވެ، އޭނާގެ ފަރާތުން އެހެން މީހަކަށް ވައިރަސް ނާރާ ހާލަތަށް ބަދަލުވެފައި ވިޔަސް ވައިރަހުގެ ފްރެގްމަންޓްތައް [ދިރުން ނެތް ބައިތައް] ހުއްޓަސް އެ މީހެއްގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްކޮށް ދައްކަފާނެ."
ދެކުނު ކޮރެއާގެ އިތުރުން ޗައިނާ އާއި ޖަޕާނުން ވެސް ވަނީ ބަލި ރަނގަޅުވި މީހުންގެ ޓެސްޓް ޕޮޒިޓިވް ކަމަށް ދެއްކި ކަމަށް ރިޕޯޓްކޮށްފަ އެވެ.
ކޮވިޑް-19 ގެ ނުރައްކާ މިހާ ބޮޑުވެފައި ވާއިރު، ޓެސްޓަކުން އަދި ކޮންމެ ގޮތަކަށް ދެއްކި ކަމުގައި ވިޔަސް އެ މީހަކީ ބަލި ޖެހިފައިވާ މީހަކާ އެއްވެސް ވަރަކަށް ކޮންޓެކްޓްވެފައިވާ މީހެއް ނަމަ ނުވަތަ ބަލި އުޅޭ ހިސާބަކަށް ގޮސް އުޅުނު މީހެއް ނަމަ ރައްކާތެރި ގޮތަކީ މީހުންނާ އެކަހެރިކޮށް އުޅުމެވެ. ހަގީގަތަކީ މި ވައިރަސް އަދިވެސް ރަނގަޅަށް ނޭނގޭކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޕިތާނު
11 May 2020
ކޮމެންޓް ކުޜާ ރޯނު އެދުރުންގެ ޓީމެއް ހަދަން މަށައް ފެންނަނީ .. މި ބައްޔައް ވެކްސިނެއް ހަދަން .. ހާދަ ދެން ގަދަ އޭ މި ދިވެހިން ތައް ..
ގަޓް ބްރޯ
11 May 2020
މިވަގުތު އެޗްޕީއޭ އިން އެންމެ އަވަހަށް ކުރަންވީ ކަމަކީ، ރައީސް ނާސިރުގެ ވެރިކަމުގަ މަޖީދިއްޔާ ގޯލްޑަން ޖުބިލީ ކާނިވަލް ގަ ޕަބްލިކް ހެލްތް ސްޓޯލްގަ ގައިންގަޔަށްއަރާ، ފައިލޭރިއާ، ޓީބީ، ލެޕްރަސީ، ފަދަ ބަލިތަކުގެ ޖަރާސީމް ތައް މައިކްރޮސްކޯޕް ގަ އެހީގެ ރައްޔިތުންނަށް ދެއްކިހެން "ކޮވިޑް-19" ވައިރަސް ފެތުރޭގޮތް ދެއްކުން. އޭރުން ކޮންމެސް ވަރަކަށް މި ފެތުރޭ ބައްޔާމެދު ހޭލުންތެރިވެދާނެތޯއްޗެ!
މޮޔަ މީހާ
11 May 2020
ޢަޅުގަނޑަކައް ހިޔެއް ނިވޭ ބަލީގެ ގޮތް ނޭޣޮގެން ހެން ބަލި އިތުރު މި ވަނީކީ. ޢިނގި ހުރެ އަމަލުތައް ބަަހައްޓަންވީ ގޮތް ގޮތައް ނިބަހައްޓާތީވެ ކަމައް ލަފާ ކުރެވެނީ.
ާއުނިމާ
11 May 2020
ތިޔަހަދާ ޓެސްޓުތަކަށް އިތުބާރުކުރެވޭކަށްނެތް! އިތުބާރުނުކުރެވުނަސް، ހިތް ހަމަނުޖެހުނަސް މިއަދަކު ވަކި ކުރާނެކަމެއްނެތް! ބޯޑަރ ބަންދުކުރުން ލަސްވިޔަސް، ލޮކްޑައުންކުރުން ލަސްވިޔަސް، ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތައް އަޅަން ޖެހުނު ގަޑީގައި ނޭޅުނަސް މިއަދަކު ދެން ކުރާނެކަމެއްނެތް ދޭނެ ނަސޭހަތެއްނެތް! ކޮމިއުނީ ސްޕްރެޑްއަކަށްގޮސް ބާރު ސްޕީޑުގައި މާލޭގައި މިއޮށް ފެތުރެނީިިިިިިިިިިިިި! މާތް ﷲއާއި ވަކީލް!
ސުލޯލިކް
11 May 2020
ބަލަ މި އާޓިކަލް ނުކިޔާ ކޮންމެ މީހެއްވެސް ތަންމިނަށް އަންގަހުޅުވަން ވާނެ. މި ކިޔަނީ ޓެސްޓިން އެންވަޔަރަމަންޓަށް އަސަރު ކުރާވާހަކަ. އެކަން ދިމާވެދާނެ ބައިވަރު ސަބަބުތަށް އެބަ ހުރި މި ރާއްޖޭގައި. އެއީ ކޮންއެއްޗެއްކަން ނޭންގެންޏާ ގޫގަލް ކޮށްލާ. ކޮމެންޓު ކުރުމުގެ ކުރިން ވާނުވާ އެންގިލައިގެން ކޮމެންޓް ކޮއްލިޔްޔާ ރަންގަޅުވާނީ.
ހަސަދު
11 May 2020
ކަމެއްގެ އިތުބާރު ގެއްލެން ބެނުންވަނީ އެންމެ ކޭސް އެއް. މިހެންވީމާ މިހާރު ތިޔަ ޓެސްޓުގެ އިތުބާރު ގިނަ ބަޔެއްގެ ކުރިމަތީގައި ގެއްލުނީ. ފޯލްސް ދައްކަނެ ކަމަށް ވިދާޅުވަނީ ސާންޕްލް ނުބައި ކޮށް ނެގުން، އެއީ ވެސް މައްސަލައެއް. ދެން ސާންޕްލް އޮޅުން އެއި އަދި މާބޮޑު މައްސަލަ އެއް. ރާއްޖޭގައި ސާންޕްލް އޮލުން އެއީ ވަރަށް އާންމު ކަމެއް. ފަރުވާތެރި ކަމާ އެކު މަސައްކަތް ކުރާ ސިއްހީ ޚިދުމަތް ތެރިންގެ ވަރަށް މަދޭ ދެންނެވެނީ
ޑީސީ
10 May 2020
ރާއްޖޭގަ ކުރާ އެއްވެސް ޓެސްޓަކީ އިތުބާރު ކުރެވޭނެ އެއްޗެއްނޫން...
ޒީރޯ
11 May 2020
އެހެންވީއިރު ތިބާ އާއި އާއިލާ ދަނީ އެމެރިކާއަށް ޓެސްޓު ހަދަނަވީމަ.
ކަންނާޑި
10 May 2020
އެއްބަޔަކު ބޭނުންވަނި ކޮވިޑް ރޯގާ ދިގު ދައްމާލައިގެން މިލިއަނަރުންނަށް ވާން!
ރިއަލީ؟
11 May 2020
އެއީ އަނެއްކާ ކޮންބައެއް؟
ސޯލިހު
10 May 2020
ތިޔަކިޓުތަކުން ޓެސްޓުކޮށްފިނަމަ ރާއްޖޭގެއެއްމެން ޕޮޒިޓިވުވާނެ އަދި ނެގެޓިވުވެސްވެދާނެ ތީފޭކުސެޓުތަކެއް
ސޯލިހު
10 May 2020
ރާއްޖޭގަ ހުރިޓެސްޓުކިޓުތަކުގައި މައްސަލައެބައުޅޭ
ލައިލާ އަލީ
11 May 2020
ސޯލިހް ތީ ޑޮކްޓަރެއް ތޯ ނުވަތަ ސާންޕަލް ޓެސްޓް ކުރައްވާ ބޭފުޅެއް ތޯ .. ނޫނީ ރޯނު އެދުރެއް ތޯ .. ނުވަތަ ދަންނަ ނުދަންނަ ތޯ ..
މޫސަ ގޯތި އާދަނު
10 May 2020
ޓެސްޓް ނުކުރަނީ ދިގުދައްމާލައިގެން ކޮރަޕްސަން ރިސޯޓު ކަރަންޓީނު ވިޔަފާރި ކުރިއަރުވަން