މިނިސްޓަރު އަމީންގެ ދުވަސް: މިވަރުގެ ތަޖުރިބާތަކެއް ނުލިބޭނެ

ކޮވިޑް-19ގެ މި ހާލަތު، އެކަކަށް ވެސް ފަސޭހައެއް ނޫނެވެ؛ އޭގެ ތެރެއިން ވެސް އެންމެ ބޮޑެތި ގޮންޖެހުން ކުރިމަތިވެވަޑައިގެންނެވި އަދި އެ އުނދަގޫތަކުގައި މިހާރު ވެސް ހުންނެވި އެއް ބޭފުޅަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެވެ. އެހެންވެ، އެހެން އެންމެންނަށް ވުރެ އޭނާގެ ޒިންމާ ބޮޑެވެ. އާއްމުންނާއި ސިޔާސީ ބޭފުޅުންގެ ވެސް ރާޑަރަށް މި ދުވަސްކޮޅު އެހާ ފަސޭހައިން އަމީން އަރާ ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ.


އަމީން އެކަން ގަބޫލުކުރައްވަ އެވެ. އެއްވެސް ކަމެއް އަތުން ދޫވެއްޖެ ނަމަ، ދެން ކުރިމަތިވެދާނެ ނުރައްކާ މާ ބޮޑު ކަން ވެސް އެނގިވަޑައިގަންނަވަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ އިރު، މިއީ އޭނާގެ ސިކުނޑީގައި އަބަދު އޮންނަ ވިސްނުމެކެވެ. މި ދަނޑިވަޅުގައި، ސިޔާސީ ގޮތުން އޭނާ އަށް ކުރިމަތިވެވަޑައިގަންނަވާ ފިއްތުންތަކާއި އުނދަގޫތަކުގައި ވެސް އެއްޗެއް ވިދާޅު ނުވެ ހަނު ހުންނަވަނީ ރައްޔިތުންގެ ފަރުވާގެ ކަންކަމުގައި އިސްކަން ދެއްވާތީ އެވެ.

ބޭހެއް ހޯދިފައި ނުވާ މި ބަލި ޗައިނާގެ ވޫހާން އިން މިދިޔަ އަހަރުގެ ޑިސެމްބަރު ފަހުކޮޅު ފެނުނީ، މި ސަރުކާރުގެ ވައުދާ އެއްގޮތަށް އާ ވިސްނުންތަކަކާ އެކު ސިއްހީ ފަރުވާގެ ވަށައި ޖެހޭ ނިޒާމަކަށް އަމީން މަސައްކަތް ކުރައްވަނިކޮށެވެ. ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ވަސީލަތްތައް ހޯދައިދީ، އެ ހިސާބުން ކަންކަން ނިންމައިލުމަކީ އަމީންގެ ވިސްނުމެއް ނޫނެވެ. އަމީން ގަބޫލު ކުރެއްވި ގޮތުގައި، އެންމެ މުހިއްމީ ޕަބްލިކް ހެލްތުގެ ނިޒާމުގައި ދިވެހިން ތިބުމެވެ. ރާއްޖޭގައި ވަރަށް ރަނގަޅަށް ކުރިން ހިންގަމުން އައި ޕަބްލިކް ހެލްތު ނިޒާމުގެ އަޑު އެއްކޮށް ކެނޑިފައި ވަނިކޮށް، މި އަހަރުގެ އެންމެ ބޮޑު އަމާޒަކަށް ހެއްދެވީ ވެސް އެކަން އަލުން ދިރުވުމެވެ.

އެންއީއޯސީ ހިންގާ ދަރުބާރުގޭގައި މިނިސްޓަރު އަމީން، ޖޮއިންޓް ޓާސްކް ފޯސްގެ ބައެއް އިސްބޭފުޅުންނާ އެކު މަޝްވަރާގައި.

ޕަބްލިކް ހެލްތު ކުރިއެރުވުން ޚާއްސަ ކެމްޕޭނެއްގެ ގޮތުގައި ފައްޓަވައިގެން އުޅުއްވަނިކޮށް، ކޮރޯނާވައިރަހުގެ ނުރައްކާ ދިވެހިން ވަށައިލަފާނެ ކަމުގެ ބިރު އޮތުމުން، މިނިސްޓަރަށް ޖެހިވަޑައިގަތީ އިސްކަން ދެއްވި ތަރުތީބު ބަދަލުކުރައްވާށެވެ. އެހެން ގައުމުތަކުގެ ވެސް ބިރަކަށް ވީ ގޮތް ނޭނގޭ ވައިރަހާ ދިމާއަށް އަމީންގެ މިސްރާބު އަނބުރައިލެއްވީ ވަރަށް ކުރީގަ އެވެ. އޭގެ ނުރައްކާ އެންމެ ފުރަތަމަ ދުވަހު ވެސް އޭނާ އަށް ވިސްނިވަޑައިގަތުމަކީ، ރާއްޖެ ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް (ތިން މަސް) ލިބުނު އެއް ސަބަބެވެ.

"މި ތިން މަސް އަޅުގަނޑުމެންނަށް ނުލިބުނު ނަމަ މިހާރު މި ތިބަ ހިސާބަކަށް ނުދިޔައީސް. ކޮވިޑްގެ ކޮޓްރޯލް އަޅުގަނޑުމެންގެ އަތުން ނެއްޓިގެން ދާނެ. އެހެންވީމާ މި ތިން މަހުގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނީމާ މި ވަރު ވެސް މިވީ،" އަމީން ވިދާޅުވި އެވެ.

ކޮވިޑް-19 ގައި މިހާތަނަށް ކުރެއްވުނު ތަޖުރިބާ "މިހާރު"އާ ހިއްސާ ކުރައްވަމުން ވިދާޅުވީ، ޗައިނާގެ ވޫހާން އިން ވައިރަސް ފެނުމާ އެކު އަމާޒު ހިފީ އެ ބަލި ރާއްޖެއާ ހަމައަށް ނާންނާނެ ނުވަތަ އައުން ލަސްވާނެ ފިޔަވަޅުތަކަކަށް ކަމަށެވެ. ރާއްޖެ އަކީ ހައި ރިސްކު ގައުމެއް ކަމަށް ސަރުކާރުން އޭރު ވެސް ކަނޑައަޅައި، އަމަލުކުރަންވީ ގޮތާއި އެޅިދާނެ ފިޔަވަޅުތަކާ މެދު ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އިން ފުރަތަމަ މަޝްވަރާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓާ ހަމައަށް އެކަން ގެންދެވީ، އަމީން ވިދާޅުވި ގޮތުގައި، ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭގެ ޖަވާބުތަކަކާ އެކުގަ އެވެ.

އެޗްޕީއޭ ތެރޭގައި، މިބައްޔާ ގުޅޭ ގޮތުން، އެންމެ ކުރީކޮޅު ކޯލް ސެންޓަރެއް ވެސް ހަދައި ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދިއުމާ ގުޅޭ ކަންކަމަށް ވެސް 24 ގަޑިއިރު ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެންއީއޯސީ ހިންގާ ދަރުބާރުގޭގައި މިނިސްޓަރު އަމީން، ޖޮއިންޓް ޓާސްކް ފޯސްގެ ބައެއް އިސް ވަޒީރުން ބައްދަލުވުމެއްގައި.

"އޭރު ވެސް ވިސްނީ ކުއްލިއަކަށް ރާއްޖެ އަށް ބަލި އަތުވެއްޖެ ނަމަ ސިސްޓަމަށް އޮބިއެއް ނޯންނާނެއޭ. ސިއްހީ ދާއިރާ އަށް ތަމްރީން ބޭނުންވާނެ، އިތުރު ވަސީލަތްތައް ބޭނުންވާނެ. މީހުން ހޭލުންތެރިކުރުވުން، ބައްޔަކީ ކޮބައިކަން ކިޔައިދީ އޮޅުންފިލުވައިދޭން ޖެހޭނެ. ރާއްޖޭގައި ހުރި ޗެލެންޖިން ކަންކަން ދެނެގަނެވެން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މި ބަލިން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމުގައި އެންމެ ބޮޑު ފަސޭހައަކަށް ވީ މިކަމުގައި ހުރި ނުރައްކާތައް ރައީސް ގަބޫލުފުޅު ކުރެއްވުން ކަމަށެވެ. ކަރަންޓީން ކުރުމާއި އައިސޮލޭޓް ކުރުމުގެ ވިސްނުން ފުރަތަމަ ވެސް ކުރިއަށް ނެރެވި ވަރަށް ކުރިން ތަންތަން ހޯދި ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ޓެސްޓް ކިޓްތައް ހޯދައި އަމިއްލަ ގައުމުގައި ޓެސްޓް ކުރުމުގެ ގާބިލްކަން ފުރަތަމަ ލިބިގަތް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެންމެ ފުރަތަމަ ޓެސްޓްކުރީ އެންމެ ކައިރިން އިންޑިއާގެ ޕޫނޭ އަށް ފޮނުވައިގެންނެވެ. ފުރަތަމަ ސާމްޕަލް ޕޫނޭއާ ހަމައަށް ފޮނުވަން ދެ ދުވަސް ނެގި އެވެ. އެކަމަކު ފެބުރުއަރީ މަހު ރާއްޖޭގައި ޓެސްޓްތައް ފެށި އެވެ.

ހުޅުމާލޭގައި ކޮވިޑް ވިލެޖު ގާއިމް ކުރަމުން އައި ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ތަން ބައްލަވައިލައްވަން ވަޑައިގަތުމުން މިނިސްޓަރު އަމީން މަރުހަބާ ދަންނަވަނީ.

"މި ބަލީގެ ސީރިއަސްކަން ރައީސް ވަރަށް އަވަހަށް ބަލައިގަތް. އެ ހިސާބުން ވަޒީރުންގެ ތެރެއިން މިކަމާ ގުޅޭނެ ވުޒާރާތަކުގެ ވަޒީރުންނާ އެކު ބައްދަލުވުން ބޭއްވެވީ،" އަމީން ވިދާޅުވި އެވެ.

"ފެބުރުއަރީއާ ހަމައަށް އައިއިރު ހުރިހާ އެސްއޯޕީތަކެއް ލިއެ ގިނަ ފިޔަވަޅުތަކެއް އެޅީ. ރިސޯޓަކުން ފެނުނަސް، ގެސްޓް ހައުސްއަކުން ފެނުނަސް، ރަށަކުން ފެނުނަސް، މާލެ ތެރެއިން ފެނުނަސް ހަދާނެ ގޮތް. އެއާއެކު ތަމްރީންތައް ވެސް ފެށި."

އޭނާ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ރާއްޖޭގެ އިގްތިސާދު ވަޅުޖެހި އާއްމުންގެ ދިރިއުޅުން ހުއްޓޭވަރުގެ ފިޔަވަޅުތައް އަޅަން ޖެހުމެވެ. ބޯޑަރު ބަންދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހުމަކީ، ސިޔާސަތު ކަނޑައެޅުމާ ހިސާބުން ވެސް އުނދަގޫތަކަކާ ކުރިމަތިވެވަޑައިގަތް ކަމެއް ކަމަށާއި ޕޮލިސީ ޓޭބަލްގައި ވެސް ގިނަ ސުވާލުތަކެއް އަމާޒުވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހެލްތު މިނިސްޓަރެއްގެ ހައިސިއްޔަތުން ބައެއް ކަންކަމާ މެދު ގޮތެއް ނިންމަވަން ޕޮލިސޓީ ޓޭބަލްގައި ބައެއް ފަހަރު ވަރަށް ދަތި ވެސް ވި އެވެ.

އެންއީއޯސީ ހިންގާ ދަރުބާރުގޭގައި މިނިސްޓަރު އަމީން، ޖޮއިންޓް ޓާސްކް ފޯސްގެ ބައެއް އިސްބޭފުޅުންނާ އެކު މަޝްވަރާގައި.

"މިސާލަކަށް ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓުވުމާއި ބޯޑަރު ބަންދުކުރުމުގެ ވާހަކަ އާއި ލޮކްޑައުން ހާލަތެއް އަތުވެދާނެ ވާހަކަ އެ ހުންނަނީ އޭރު އެއްވެސް މީހަކަށް ގަބޫލުކުރެވޭނެ ވާހަކައެއް ނޫން. ސޯޝަލް ޑިސްޓެންސިން، ކެފޭއަކަށް ދާ އިރު ދެ މީހުންގެ ދޭތެރޭގައި ހުސް ޖާގަ ބަހައްޓަން ޖެހޭ ކަމަށް ބުނުމުން ކިހިނެއް ގަބޫލުކުރާނީ؟ އާއްމު ދިރިއުޅުމާ ތަފާތު ކަންތައްތަކަކަށް ދާން ފިޔަވަޅު އެޅުމުގެ ވާހަކަތައް ވީ ވަރަށް ބޮޑު ޗެލެންޖަކަށް،" އަމީން ވިދާޅުވި އެވެ.

"ހެލްތު މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑަށް ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހުނު މީގައި ހުރި ރިސްކްތައް ރަނގަށް ދިރާސާކޮށް މިއީ ކިހާވަރެއްގެ ކަމެއް ކަން ޕޮލިސީ ޓޭބަލްގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ވެސް ވިސްނައި ދޭން."

ޕޮލިސީ ޓޭބަލްގައި އެންމެ ބޮޑު ކާމިޔާބީއަކަށް މި ފާހަގަކުރެވުނީ ރައީސް ވަރަށް އަވަހަށް މި ބަލީގެ ނުރައްކާތައް ގަބޫލުކުރައްވައި، އާއްމުގެ ފުރާނަ ސަލާމަތްކުރުން އެއީ އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި ނެންގެވި ނެންގެވުން. --އަމީން

އޭނާ ވިދާޅުވި ގޮތުގައި ދުރާލައި ފިޔަވަޅުތައް އަޅައި ރާއްޖެ ތައްޔާރުވާން ފުރުސަތު ހޯދި އެވެ. މިކަމުގައި ސިއްހީ ދާއިރާގެ ފުރިހަމަ ބައިވެރިވުމާއި ޓޫރިޒަމާއި ކަމާ ގުޅޭ އެހެން އިދާރާތަކުގެ ހިއްސާ އޮތް ކަން ވެސް ފާހަގަކުރެއްވި އެވެ.

ބުރައިގެ ތެރޭގައި ކުރިމަތިކުރުވި ފިއްތުން!

ރާއްޖެ ފަދަ އިންސާނީ ވަސީލަތްތައް މަދު، ރަނގަޅަށް ތައްޔާރުވާން ޖެހޭ ގައުމަކާ ކުރިމަތިވި އެންމެ އުނދަގޫ އެ ހާލަތުގައި ސިޔާސީ ގޮތުން ފައިދާތަކަކަށް ވިސްނައިގެން ކުރި މަސައްކަތުން އުނދަގޫތަކެއް ވެސް ކުރިމަތިވެވަޑައިގަތް ކަމަށް އަމީން ވިދާޅުވި އެވެ.

ސިޔާސީ ދާއިރާ އަށް 2007 ގައި ނުކުމެވަޑައިގެން މިހާތަނަށް ތިން ރައީސުންނާ އެކު މަސައްކަތް ކުރައްވާފައިވާ އަމީން ކޯލިޝަންގެ މި ވެރިކަމުގައި، މަގާމާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފިއްތުންތަކުގެ ތެރޭގައި އަމީން ތާށިވީ، އޭނާގެ ޒިންމާ އެންމެ ބޮޑަށް އަދާކުރެއްވުމުގައި ދެމިހުންނަވަނިކޮށް ކަމަށް އަމީން ގަބޫލުކުރައްވަ އެވެ.

ނޭޝަނަލް ޓާސްކް ފޯހުގެ އިސް ބައެއް ބޭފުޅުންގެ ބައްދަލުވުމެއްގައި އަމީން ވާހަކަ ދައްކަވަނީ.

އަމީން ވިދާޅުވި ގޮތުގައި، ސިޔާސީ ގޮތުން ޕްރެޝަރުތަކެއް ކުރިމަތިވީ އޭނާގެ ސިޔާސީ ބެކްގްރައުންޑާ ހެދި ކަމަށް ގަބޫލުކުރެއްވެ އެވެ. އެހެންވިޔަސް ސިޔާސީ ގަދަ ކަނޑުތަކުގައި އޭނާ ވޭތުވެދިޔަ 10 އަހަރު ކުރެއްވި ދަތުރަކީ މި ބަލިމަޑުކަމުގައި، ޒިންމާ އަދާކުރައްވަން ލިބިވަޑައިގަތް ވަރަށް ބޮޑު ބާރެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އަމީން، ކަރަންޓީން ފެސިލިޓީތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ޗެކް ކުރައްވަނީ.

"އަޅުގަނޑު ޗެލެންޖެއްގެ ގޮތުގައި ނެގީ. އަބަދުވެސް އަޅުގަނޑު މަސައްކަތް ކުރަނީ ދުރަށް ކޮންމެވެސް ވިޝަންއަކާ އެކީގައި. ކްރައިސިސްއެއް ކުރިމަތިވީމަ ޕެނިކް ނުވެ ވަދެގެން މަސައްކަތް ކުރަން،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑަކީ ސިޔާސީ ގޮތުން ބާރު ދޭނެ ހަތިޔާރުތައް ފަހަތުގައި ހުރި މީހެއް ނޫން. އެއީ ވެސް މިކަމުގައި ވަރަށް ބޮޑު ގޮންޖެހުމެއް. ހެލްތަކީ ވަރަށް ގިނަ ބައެއްގެ އިންޓަރެސްޓު ހުންނަ ދާއިރާއެއް. އެހެންވީމާ އަޅުގަނޑު ކަހަލަ މީހަކު މި ކަމުގެ ތެރޭގައި މިވަގުތު އުޅުމަކީ ގޮންޖެހުމެއް."

މި ދަނޑިވަޅު "ސިޔާސީ ތީރު" އަމާޒުވާނެ ކަމަށް ގަބޫލު ކުރެއްވުނު

އަމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ އިސް ކަމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމެވެ. ސިޔާސީ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވަ އެވެ. އެހެންކަމުން އޭނާގެ ސިޔާސީ ބެކްގްރައުންޑަކީ ސަރުކާރާ ދިމާއަށް "ސިޔާސީ ގާ" އުކުމުގެ ހުއްޖަތަކަށް މަޖިލީހުގެ ރައީސް ހައްދަވަންވީ ވަގުތެއް ނޫނެވެ.

"ކަމެއް ސިޔާސީ ކުރަން ޖެހޭ ވަގުތުތަކާއި ނުކުރަން ޖެހޭ ވަގުތުތައް ހުންނާނެ،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ވިސްނާވިސްނާ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ރާޑަރަށް ކުއްލި ކުއްލިއަށް އަޅުގަނޑު އަރާ ސަބަބެއް ނޭނގިގެން މި އުޅެނީ. ރާޑަރު އަނބުރާލާ ކޮންމެ ފަހަރަކު ވެސް މި ޖެހެނީ ހެލްތު މިނިސްޓަރާ ދިމާލުގައި،"

ކޮވިޑް-19 އާ ގުޅިގެން ޖެނުއަރީ 30 ގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި އަމީން ވާހަކަ ދައްކަވަނީ: ޗައިނާ އިން މި ބަލި ފެނުމާ އެކު ކަހަލަ ގޮތަކަށް ރާއްޖެ އިން ތައްޔާރުވާން ފެށި.

އަމީން ވިދާޅުވީ ކަންކަން ހޯދައި ބަލަން ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށާއި މިދިޔަ ދުވަސްތަކުގައި އެޅުއްވި ފިޔަވަޅުތަކާއި ނިންމެވި ނިންމެވުންތަކާ މެދު ތަހުގީގީ ނަޒަރުންނާއި ފާޑުކިޔުމުގެ ނަޒަރުން ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ކަަމަށެވެ.

"އަޅުގަނޑު ވަރަށް މަރުހަބާ ކިޔާ ކަމެއް، ކޮވިޑާ ގުޅިގެން އަޅުގަނޑުމެން ކުރި ކަންކަން އޮޑިޓްކޮށް، އިންވެސްޓިގޭޓްކޮށް ހެދުން. ކިތަންމެ ފުނަށް ފީނައިގެން ވެސް އެއީ ހަމަ ކުރަންވީ ކަމެއް،" އަމީން ވިދާޅުވި އެވެ.

އަމީނަށް އަމާޒުކުރައްވާ ނަޝީދު ކިއުއްވާ ފާޑުތަކަށް ވެސް ޖަވާބު ދެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ އޭނާ އަށް ދިމާއަށް އުކަމުންދާ ތީރުތަކުގެ ބައެކެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ޓާގެޓަކަށް ވަނީ ސިޔާސީ ގޮތުން ފަހަތުގައި ބޮޑެތި ބާރުތައް ހުރު ބޭފުޅަކަށް ނުވާތީ ކަމަަށް.

އަމީން ދެކެވަޑައިގަންނަވާ ގޮތުގައި، ނަޝީދުގެ ޓާގެޓަށް އޭނާ އަރަމުންދާ މައިގަނޑު ސަބަބަކީ ސިޔާސީ ގޮތުން އޭނާގެ ފަހަތުގައި ބޮޑު ބާރެއް ނެތުމެވެ.

"އެހެންވީމާ ވަރަށް ފަސޭހަ ވާނެ އެފަދަ މީހަކަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަން. އޭގެ ބައިތައް އަޅުގަނޑާ ދިމާއަށް މި އަންނަނީ. އެކަން އެނގިގެން އަޅުގަނޑު މަސައްކަތް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އާދަޔާ ޚިލާފު ތަޖުރިބާއެއް، ކުރިއަށް ދިއުމަށް އެތައް ފިލާވަޅެއް

ސިޔާސީ ގޮތުން މިހާ ހިސާބަށް އަމީން ވަޑައިގަތީ ވަރަށް އާދައިގެ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާގެ ފަހަތުގައި ވަރުގަދަ ސިޔާސީ އާއިލާއެއް ނެތެވެ. ފަހަތުގައި ނުފޫޒު ގަދަ މީހުންނެއް ވެސް ނެތެވެ.

އަމީން ކުރިން ވަނީ އިކޮނިމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.

"ސިޔާސީ ގޮތުން މިހާތަނަށް އާދެވުނީ އޯވަނައިޓަކުން ނޫން، ވަރަށް މަސައްކަތުން. އެގޮތުގައި ވަރަށް ސާބިތުކަމުގައި ހުންނަ މީހެއް އަޅުގަނޑަކީ. ސިޔާސީ ގޮތުން އަންނަ ތީރުތަކާ މެދު ކަންބޮޑު ނުވަނީ ވެސް އެހެންވެ،" އަމީން ވިދާޅުވި އެވެ.

އެންއީއޯސީ ހިންގާ ދަރުބާރުގޭގައި މިނިސްޓަރު އަމީން މަސައްކަތްތަކުގައި: މިދިޔަ ތިން މަހު މި ނޫން ކަމެއް އޭނާ ނުކުރައްވާ.

މުޅި ދުނިޔެ އަށް އާ ބަލީގެ ކަންކަމުގައި މިހާތަނަށް އައިއިރު އޭނާ ވެސް ވަނީ ފިލާވަޅުތަކެއް ދަސްކުރައްވައިފަ އެވެ. އެއީ ސިއްހީ ގޮތުންނާއި ސިޔާސީ ގޮތުން ވެ މެސް އެވެ. އެކަމަކު އެ ފިލާވަޅުތަކުގައި، ސިޔާސީ މަސްލަހަތުގެ ކުރިއަށް ނެރުއްވަނީ މަސްއުލިއްޔަތާއި ވާޖިބު ކަމަށް ވިދާޅުވި އެވެ. ކޮވިޑް-19 ގައި މިހާތަނަށް ކުރެއްވުނު ތަޖުރިބާ އާއި ލިބިވަޑައިގެންނެވި ފިލާވަޅުތައް މިވަގުތު ހިއްސާކުރައްވާކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު މި ބަލިމަޑުކަން ނިމުމުން، އެކަން ހިއްސާކުރައްވަން ތައްޔާރު ކަމަށް ވިދާޅުވި އެވެ.

"މީހެއްގެ ލައިފް ޓައިމްގައި ވެސް ނުލިބޭނެ ވަރުގެ ތަޖުރިބާތަކެއް މި ލިބުނީ. އަޅުގަނޑު އެންމެ އެންޖޯއި ކުރަނީ ޗެެލެންޖުތަކާ ކުރިމަތިލާން. އަޅުގަނޑަކީ ސިޔާސީ ގޮތުން ވެސް ފަސޭހަ ދަތުރުތައް ކުރި މީހުން. ސިޔާސީ ގޮތުން އެ ދަތުރުތަކަކީ މި ފަހުގެ މި ޗެލެންޖާ ކުރިމަތިލާން ލިބުނު ވަރަށް ބޮޑު ބާރެއް،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް އެންމެ ބޮޑަށް މިކަމުން ދަސްވީ ކެތްތެރިކަން. އެންމެންނާ އެކު މަސައްކަތް ކުރުން."

މިނިސްޓަރު އަމީން، ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެގްގެ މެމްބަރުންނާ އެކު ކަރަންޓީން މަރުކަޒެއްގެ ކަންކަން ބެއްލެވުމުގައި.

އަމީން ވިދާޅުވީ ކެތްތެރިވުން އެންމެ މުހިއްމު ސިފައެއްގެ ގޮތުގައި މިފަހަރު ވެސް ފާހަގަކުރެއްވުނު އިރު އެންމެންގެ ހިޔާލު އަޑުއަހައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ފާޑުކިއުންތަކުގެ ބަދަލުގައި، ފަންނަނީ މީހުންގެ އަޑު އެހުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ކަންކަން ރަނގަޅު ކުރަން އަބަދުވެސް ފުރުސަތު އޮންނާނެ ސަބަބަކަށް އެކަން ވެ އެވެ.

"ކިޔޭ ކޮންމެ ފާޑަކީ ޒާތީ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ،" އަމީން ވިދާޅުވި އެވެ.

"ގައުމެއް ކުރިއަރައި ދާއިރު، ހަމައެކަނި އޮތީ އެ މީހާގެ މަސްލަހަތު ކަމަށް ދެކޭ ކަމަށް ވަންޏާ، އެ ނިންމާ ނިންމުމެއްގައި ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ،" އަމީން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ގޮންޖެހުންތައް އަދިވެސް ކުރިއަށް ހުރީ އެވެ. އެކަމަކު އޭނާ ހުންނެވީ އެ ހުރިހާ ކަމަކާ ވެސް ކުރިމަތިލައްވަން ތައްޔާރަށެވެ.