ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ އެތައް ހާސް ބިދޭސީންނެއް ރަޖިސްޓްރީވާން ގަލޮޅު ދަނޑަށް އެއްވެފައި: ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރޭގައި އެންމެ ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން. -- ފޮޓޯ: މިހާރު
06 ޖޫން 2020 - 11:17
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް މާ ބޮޑަށް އިތުރުވެގެންދާ މައިގަނޑު ސަބަބަކީ ބަންދު ތަންތަނުގައި ގިނަ ބަޔަކު އުޅުން ކަމަށާއި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 70 ޕަސެންޓް މީހުންނަކީ އެ މީހުންގެ ފަރާތުން އެހެން އެއްވެސް މީހަކަށް ބަލިނުޖެހޭ މީހުންނަށް ވެދާނެ ކަމަށް ހޮންގް ކޮންގުގެ އެޕިޑެމިއޮލޮޖިސްޓުންގެ ޓީމަކުން ކުރި ދިރާސާއެއްގައި ލަފާކޮށްފި އެވެ.
ބަލި ޖެހިފައިވާ އެންމެ މީހެއްގެ ސަބަބުން އެތައް ބަޔަކަށް ބަލި ޖެހޭ ހާލަތު ނުވަތަ "ސުޕަސްޕްރެޑާ އިވެންޓް" އަކީ ކޮވިޑް-19 ފެތުރޭ މައިގަނޑު ސަބަބު ކަމަށް ލަފާކުރި ދިރާސާ އިން މި ވަނީ ކީއްކަން ވަރަށް ސާފުކޮށް ފެނެ އެވެ.
ދިރާސާގައި ބުނެފައިވަނީ ހޮންގް ކޮންގަށް ބަލާއިރު 80 ޕަސެންޓް މީހުންނަށް ބަލި ޖެހުނީ، ބަލި ހުރި 20 ޕަސެންޓް މީހުންގެ ސަބަބުން ކަމަށެވެ. އަދި، ބަލި ޖެހުނު މީހުންގެ 70 ޕަސެންޓް މީހުންގެ ފަރާތުން އެހެން މީހަކަށް މި ބަލި ނުފެތުރޭކަން ވެސް ދިރާސާއިން އެނގުނެވެ.
އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފެނުނީ އެކަކު ނުވަތަ މަދު ބައެއްގެ ފަރާތުން އެތައް ބަޔަކަށް ބަލި ޖެހުނު ހުރިހާ ފަހަރެއްގައި ވެސް އެކަން އެގޮތަށް ދިމާވީ ބަންދު ތަންތަނުގައި ބޭއްވި އިޖުތިމާއީ އެއްވުންތައް ނުވަތަ ބައްދަލުވުންތަކުން ކަމެވެ.
"މިއީ މިހާތަނަށް ފެންނަ މަންޒަރަކީ،" ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ތަޖުރިބާކާރެއް ކަމަށްވާ ބެން ކައުލިން، ބިޒްނަސް އިންސައިޑާ ވެބްސައިޓަށް ވިދާޅުވި އެވެ.
"ސުޕަސުޕްރެޑިން އިވެންޓްތައް އަހަރެމެން މި ހީކުރާ ވަރަށް ވުރެ މާ ގިނައިން ހިނގަނީ. ލަފާކޮށްލަން ވެސް އެނގޭ ވަރަށް ވުރެ ވެސް ގިނަ. މިފަދަ ހާލަތްތައް ހިނގަމުން މި އަންނަނީ އަހަރެމެންނަށް ތަސައްވުރުކޮށްލަން ވެސް ނޭނގޭ ވަރަށް."
މިއީ ކޮވިޑް-19އާ އެކު އުޅެން ދަސްކޮށް، އަލުން ފަށައިގަންނައިރު އަމަލުކުރަން ޖެހޭނެ އުސޫލުތައް ހެދުމުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މުހިންމު ހޯދުމެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ކައުލިން ވިދާޅުވީ ސުޕަސުޕްރެޑިން އިވެންޓްތައް ހުއްޓުވުމަކީ އެންމެންނަށް ވެސް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތްކަން މިހާރު އެނގޭ ކަމަށެވެ.
މުޅި ދުނިޔެ އަށް ބަލާއިރު ވެސް، ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސްގެ އެތައް ބައިވަރު ކްލަސްޓާތަކެއް އެންމެ ދުވަހަކުން ވެސް އުފެދިފައިވެ އެވެ. ދެކުނު ކޮރެއާގައި ފެބްރުއަރީ މަހު ފައްޅިއަކަށް ދިޔަ މީހެއްގެ ސަބަބުން 43 މީހަކަށް ބަލި ޖެހުނެވެ. މީގެ މަސް ދުވަސް ފަހުން، ވޮޝިންޓަންގައި ލަވަކިޔުންތެރިއެއްގެ ފަރާތުން، އޭނާ ލަވަކިޔާ އަޑު އަހަން ދިޔަ 53 މީހަކަށް ބަލި ޖެހުނެވެ. އަދި ނިއު ޔޯކްގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ފަރާތުން ކޮމިއުނިޓީގެ 100 މީހަކަށް ބަލި ޖެހުނެވެ.
ކައުލިން އާއި އޭނާގެ ޓީމުން ދިރާސާކުރަން ޖެނުއަރީ 23 އާއި އޭޕްރީލް 28 އާ ދެމެދު، ހޮންގް ކޮންގުގައި ކޮވިޑް-19 ޖެހުނު 1،000 މީހެއްގެ ހާލަތު ބެލި އެވެ. މި ހޯދުމުން އެނގުނީ މުޅި ސިޓީގައި ވެސް ބަލި ފެތުރުމުގެ މައިގަނޑު ސަބަބަކީ ސުޕަސުޕްރެޑިން އިވެންޓްތައް ކަމެވެ. އެގޮތުން ދިރާސާގައި ބެލި ކޭސްތަކުގެ ތެރެއިން 350 ކޭހަކީ ކޮމިއުނިޓީ ސްޕްރެޑްގެ ސަބަބުން ބަލި ޖެހުނު މީހުންނެވެ. އަދި ބާކީ ދެން ތިބީ އެހެން ގައުމުތަކުން ބަލި ޖެހިގެން އައި މީހުންނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑްގެ ކޭސްތަކުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ ކޭސްތައް ގުޅެނީ ސުޕަސުޕްރެޑިންގެ އެންމެ ހަ އިވެންޓަކާ އެވެ.
"ސުޕަސުޕްރެޑާ" އެއް ކަމަށް ބަލަނީ ބަލި ޖެހިފައި ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ވާސިލުވާ އާންމު ރޭޓަށް ވުރެ މަތިން އެ މީހެއްގެ ފަރާތުން ބަލި ފެތުރޭ މީހެކެވެ. ވައިރަސް R0 (އާރް-ނޯޓް) ވެލިއު އަކީ ބަލި ހުންނަ މީހެއްގެ ފަރާތުން، ބަލީގެ އިމިއުނިޓީ ނެތް މީހުންނަށް އެވްރެޖްކޮށް ބަލި ފެތުރޭ ރޭޓެވެ. ކޮރޯނާވައިރަސްގެ R0 ވެލިއު އުޅެނީ 2 އާއި 2.5 އާ ދެމެދުގަ އެވެ.
އެކަމަކު ހޮންގް ކޮންގުގެ ސުޕަސުޕްރެޑިން އިވެންޓްތަކަށް ބަލާއިރު އެކެއްގެ ފަރާތުން މަދުވެގެން ތިން މީހުންނަށް ބަލި ޖައްސާފައިވެ އެވެ. މާނަ އަކީ ކޭސްތަކުގެ 20 ޕަސެންޓަކީ ޖުމްލަ ކޭސްތަކުގެ 80 ޕަސެންޓް މީހުންނަށް ބަލި ޖެއްސި މީހުންނަށް ވުމެވެ. މިއީ ކައިވެނި ހަފުލާއަކާއި ފައްޅިއެއްގައި ބޭއްވި އެއްވުމަކާއި އެކި ބާތަކުގައި އެއްވި އެއްވުންތަކާ ގުޅުން ހުރި ކޭސްތަކެވެ.
ބާކީ 20 ޕަސެންޓް ކޭސްތަކަކީ މި ކޭސްތަކުގެ 10 ޕަސެންޓް ކޭސްތަކާ ގުޅުން ހުރި ކޭސްތަކެވެ. މާނަ އަކީ ސުޕަސުޕްރެޑާ އިވެންޓަކުން ބަލި ޖެހުނު މީހުންގެ ތެރެއިން އެ ބައެއްގެ ސަބަބުން އެހެން މީހުންނަށް ބަލި ފެތުރު މީހުންގެ ނިސްބަތަކީ 10 ޕަސެންޓަށް ވުމެވެ. ޖުމްލަ ކޭސްތަކުގެ ތެރެއިން މި މީހުންގެ ސަބަބުން ބަލި ޖެހުނު މީހުންގެ ނިސްބަތަކީ އެންމެ 20 ޕަސެންޓެވެ.
ދިރާސާ ޓީމުން ބުނީ ބަލީގެ R0 ދަށްކުރުމަށް އެންމެ މުހިންމު ކަމަކީ ސުޕަސުޕްރެޑިން އިވެންޓްތައް މަދުކުރުން ކަމަށެވެ. ބަލި ފެތުރޭ ރޭޓަށް މިކަމުން ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް އެ ޓީމުން ބުންޏެވެ.
އަލަށް ހެދި ދިރާސާ، ތަޖުރިބާކާރުންގެ އެހެން ޓީމަކުން ބަލައި [ޕިއާ ރިވިއުއެއް] އަދި ނުކުރެ އެވެ. އެކަމަކު ބަލި ޖެހޭ މީހުންގެ 80 ޕަސެންޓަކީ އެ ބަލި ޖެހޭ މީހުންގެ 20 ޕަސެންޓް މީހުންގެ ސަބަބުން ބަލި ޖެހޭ މީހުންކަން މީގެ ކުރީގެ ދިރާސާއަކުން ވެސް ހާމަވެފައިވެ އެވެ. މިކަމަށް ބާރު ލިބެނީ، 2011 ގައި މެލޭރިއާ އާއި އެހެން ބައެއް ބަލިތައް ފެތުރޭ ގޮތާ ބެހޭ ގޮތުން ހެދި ދިރާސާއަކުންނެވެ. އެއިން ވެސް ހާމަވީ އާބާދީގައި ބަލި ޖެހޭ މީހުންގެ 80 ޕަސެންޓް މީހުންނަށް ބަލި ވާސިލްކުރަނީ ބަލި ޖެހޭ 20 ޕަސެންޓް މީހުން ކަމަށެވެ. މިއަށް "20-80" ރޫލް އޭ ކިޔަ އެވެ.
ބައެއް ސައިންސްވެރިން ގަބޫލުކުރައްވާ ގޮތުގައި މި ނިސްބަތް، ކޮރޯނާވައިރަސްގައި، މިއަށް ވުރެ ވެސް ދަށްވުން އެކަށީގެންވެ އެވެ. ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ދިރާސާއެއްގައި ލަފާކޮށްފައިވާ ގޮތުގައި މުޅި ދުނިޔޭގެ 80 ޕަސެންޓް ކޮރޯނާވައިރަސް ކޭހަކީ އެންމެ 10 ޕަސެންޓް މީހުންގެ ސަބަބުން ބަލި ޖެހުނު މީހުންނެވެ.
ކޮރޯނާވައިރަސްގެ ސުޕަސުޕްރެޑާ އިވެންޓްތަކުގައި މައިގަނޑު ދެތިން ކަމެއް ފާހަގަވެފައިވެ އެވެ. އެއީ އެކި ގޭބިސީތަކުން މީހުން އެއްވުމާއި ބަންދު ތަނަކަށް ވުމާއި ގައިގޯޅިކޮށް ގިނައިރު ތިބުމެވެ. އެހެންވެ އޮފީސްތަކާއި ކެފޭ/ރެސްޓޯރަންޓްތަކަކީ ބަލި އެންމެ ބޮޑަށް ފެތުރޭ ތަންތަނަށް ވެދާނެ އެވެ.
ދިރާާސާ އިން އެނގުނީ ކޮރޯނާވައިރަސް އެންމެ ހަލުވިކޮށް ފެތުރެނީ ބަންދު، ރަނގަޅަށް ވައި ދައުރުނުވާ ތަންތަނުގެ ތެރޭގައި، ތޮއްޖެހިގެން އުޅުމުން ކަމެވެ.
"ވަރަށް ގިނަ ބަޔަކު އެއް ތަނެއްގައި ތިބެގެން ނޫނީ ސުޕަސުޕްރެޑިން އިވެންޓެއް ނުހިނގާނެ،" ވެންޑަބިލްޓް ޔުނިވާސިޓީގެ އިންފެކްޝަސް ޑިޒީޒް އެކްސްޕާޓެއް ކަމަށްވާ ވިލިއަމް ޝާފްނާ، ބިޒްނަސް އިންސައިޑާ އަށް ވިދާޅުވި އެވެ.
ކައުލިން ވިދާޅުވީ މިއީ ކުރިއަށް އޮތް ތަނުގައި ކޮރޯނާވައިރަސް އަލުން ފެތުރެން ފަށައިފި ނަމަ އެކަމަށް އިޖާބަ ދޭން ބޭނުންކުރެވިދާނެ ހޯދުމެއް ކަމަށެވެ.
"އަލުން ފެތުރެން ފެށިޔަސް މި ހޯދުންތަކާ އެކު އަހަރެމެންނަށް މާ ރަނގަޅަށް ވެސް އެކަމަށް ތައްޔާރުވެ ތިބެވޭނެ. ފުލް ލޮކްޑައުން އަށް ނުގޮސް ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކާ އެކު އުޅެން އެނގޭނެ،" އޭނާ ވިދާޅުވި އެވެ.
ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން ވަނީ ފުލް ލޮކްޑައުން އަށް ނުގޮސް ވެސް މި ބަލި ކޮންޓްރޯލް ކުރެވިދާނެކަން ސާބިތުކޮށްދީފަ އެވެ. އެ ގައުމުތަކުގައި އެންގީ ބަންދުކޮށް ހުންނަ ތަންތަނަށް ނުވަނުމަށާއި މީހުން އެއްވެގެން ނޫޅުމަށާއި އެހެން މީހުންނާ މާ ކައިރީގައި ނުތިބުމަށެވެ. މި ހުރިޙާ ކަމެއް ވެސް ހުރަސްއަޅަނީ ސުޕަސުޕްރެޑިން އިވެންޓްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮޔާ
06 June 2020
މީހަކު ލަނީކީނޫން. އެމީހުން ބޭނުންވަނީ އެގޮތަށް.
އާދަނު2
06 June 2020
ޕާކްކޮށްފަ ހުންނަސައިކަލުމަތީ އިށީންދެ އޭގަ އަތްކާއްތާހެދުމަކީވެސް ސުޕަރ ސްޕްރެޑް އަށް ވެދާނެކަމެއް.
ލައިސަންސް
06 June 2020
ނަޒީރު ޑިރެކްޓަރ
ރަން
06 June 2020
ވޭތުވެދިޔަ 40 އަހަރު ސަރުކާރުގެ ޕޮލިސީ އަކީ އާބާދީ އެއްމެ ފަސްގަޑަކަށް ގެނައުން. އެފަސްގޑު 10 ބުރިއަށް ޖަހައި ރަށްފުށުން ގޯތިދިނުން ހުއްޓާލީ. ނުސީދާކޮށްބމަޖުބޫރުކުރީ މާލެ އަންނަން. ނަތީޖާ އަކީ މާލެ ކުކުޅުބކޮށްޓަކަށް ވުން.
ސޯސަންގޭއަލީ
06 June 2020
ބޭކާރުވާހަކަ ނުދެއްކުން މުހިއްމު! ބޮމެއްފަދަ މާލެއިން މީހުން ހުސްކޮށް އަތޮޅުތެރެ ބާރުވެރކޮށްފިނަމަ، އެތަކެއް ހާސްއަހަރުތަކަކުން ފައްކާކޮށްފައިވާ މާލޭމީހުން ރާއްޖެތެރޭ މީހުން އަޅުވެތިކުރުމުގެ ސިޔާސަތު ކަމުނުދާކަމަށް ޙުދުމާލޭ މީހުންވެސް ދެކިފާނެ! މިކަން އެހެންވިޔަދީގެން ނުވާނެ! މާލެއަށް އަދި މީހުން ގިނަކުރަމާ! މިހާރު މާލެ، ރާއްޖެތެރެ، ބަންގާޅުމީހުންގެ މި އާބާދީއަށް ދުރުކަރަތަކުންވެސް މީހުންގެންނަމާ ބަހީ ؟ އޭރުން ސޯސަލް ޑިސްޓަންސިން ހެދޭނީ!
ރަދީފްް
06 June 2020
ޓެކްސީތަކުގައި ދޮރުހުޅުވައިގެން ތިބުމަކީ އެންމެ ރަނގަޅުގޮތެއްކަމަށް ބުނާއިރު ފިހާރަތައްވެސް ހާއްސަކޮށް ކަނމަތީ ފިހާރަތަކުގެ ދޮރުހުޅުވައިގެން ތިބުމަކަށް ނުބުނޭ!! އެހެންވެ މަބުނަނީ އެޗްޕީއޭގެ ވިސްނުމަކީ ގުރޭޑް 6ގެ ފެންވަރޭ!!!
ރީނާ
06 June 2020
ކޮވިޑްގެ މައްސަލަ ހައްލުކުރަން ބޭނުމިއްޔާ ބަނގްލަދޭސްގެ އިއްޒަތްތެރިންގެ މައްސަލަ ހައްލުކުރޭ.
މުގޫ
06 June 2020
7000 ފްލެޓް ދިނުން އަވަސްކިރުމަކީވެސް އޮތް ޙައްލެއް
ސްކިޕަރ
06 June 2020
މުޅި މާލެއަކީވެސް ބަންދު އެއްވުމެއް.. ވަރަށް ސާފު!
ޑެނަސިޓީ
06 June 2020
މާލޭގައި ދިރިއިޅުމަކީ ސުޕަރސްޕްރެޑަށް މަގުފަހިކުރާނެ ކަމެއް