މަޖިލީހުގެ ޖަލްސާއެއް: މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ މައްސަލަ ބަލާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމުން މަޖިލީހުގެ މަސައްކަތަށް ވަނުމުގެ ފާޑުކިޔުން ވަނީ އަމާޒުވެފައި -- ފޮޓޯ/މަޖިލިސް
10 ޖޫން 2020 - 11:21
މަޖިލިސް ތެރޭގައި ހަމަނުޖެހުން ހިންގުމާއި މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ސިޔާސީ ބޮޑެތި ކަންކަމުގައި އުފެދޭ ދެބަސްވުންތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މަޖިލީހުގެ ތަޅުމާއި މަޖިލިސް އިދާރާ އާއި ކޮމެޓީތަކުގައި ވެސް އެފަދަ އެތައް ކަމެއް މީގެ ކުރިން ހިިނގި އެވެ. އަދި ސަލާމަތީ ބާރުތައް ބޭނުން ކޮށްގެން މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅުމާއި މެމްބަރުން ގަދަކަމުން މަޖިލީހުން ނެރުމުގެ އެތައް ކަމެއް ވެސް، އާންމު ރައްޔިތުންގެ ކުރިމަތީގައި ހިނގާފައިވެ އެވެ.
އެއިން ކަމަކާ ގުޅިގެން މިހާތަނަށް އެއްވެސް މެމްބަރަކަށް ފިޔަވަޅެއް އަޅާފައި ނެތަސް، ދާދި ފަހުން މަޖިލީހުގެ ޖަލްސާއެއްގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ އެކު، މަޖިލީހުގެ އިމްތިޔާޒްތަކަށް ސަރުކާރުން ވަނުމުގެ ބަހުސެއް މި އޮތީ ފެށިފަ އެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ނެރުމުގެ ތެރޭގައި މެމްބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި އުފެދުނު ބަހުސް ހޫނުވެ، މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަންނަން އުޅުމުގެ ތުހުމަތާ އެކު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސް ވެރިންގެ މެދުގައި ވެސް ބަހުގެ ހަމަލާތައް ބަދަލުކުރާ ހިސާބަށް ކަންކަން ދިޔައީ އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާ ގޮތަށް މެމްބަރަކު މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމެޓީއެއްގައި ފާޅުކުރި ޚިޔާލެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއް ނުވަތަ ވޯޓު ދިން ދިނުމެއްގެ މައްޗަށް ބިނާކޮށް މެމްބަރަކު ޖަވާބުދާރީކޮށް ނުވަތަ ހައްޔަރުކޮށް، ދައުވާ ކުރުން ފަދަ ފިޔަވަޅެއް ނޭޅޭނެ އެވެ. އަދި މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން، ހުރަހެއް ނެތި މަޖިލީހަށް އައުމާއި ދިއުމުގެ ހައްގާއިި ކުށެއް ކުރަނިކޮށް ފެނިގެން ހައްޔަރުކުރާ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި މެމްބަރުން ހައްޔަރުކުރުމުގެ ކޯޓު އަމުރު ޚާއްސަ އިޖްރާއާތެއްގެ ދަށުން ހޯދަން ޖެހުން ފަދަ ޚާއްސަ ރައްކާތެރިކަން މެމްބަރުންނަށް ލިބިދެ އެވެ.
އާންމުންނާ ތަފާތުކޮށް، މެމްބަރުންނަށް ޚާއްސަ އިމްތިޔާޒްތަކެއް (ޕާލިމެންޓްރީ އިމިއުނިިޓީ) ދީފައި އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ގެއްލިގެން ހިނގައިދާނެ މެމްބަރުގެ މަސްލަހަތަށް ވުރެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާއާ ހަވާލުވެފައިވާ ގާނޫނީ ޒިންމާ އާއި މަސްލަހަތުތައް ހިމާޔަތް ކުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކެހިވެރި ނުވަތަ ސިޔާސީ ގޮތެއްގައި މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމެވެ. ތިން ބާރު ވަކިވެ، މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަޖިލީހަށް އޮންނަ ނިޒާމެއްގައި މިފަދަ އިމްތިޔާޒްތަކުގެ މުހިިންމު ކަން ވަކިން ބޮޑެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްތަކުގެ ކުރު އަދި ދިގު މާޒީއަށް ބެލިޔަސް، ސިޔާސީ ގޮތުން އެކި ތުހުމަތުތައް އަމާޒުކޮށް، މެމްބަރުންގެ މަަސައްކަތަށް ހުރަސް އަޅާފައި އެބަ ހުއްޓެވެ. އުވިދިޔަ 18 ވަނަ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތުގެ ތުހުމަތެއްގައި ހައްޔަރުކޮށް، ދޮޅު އަހަރު ވަންދެން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ވެސް ހާޒިރުކޮށް ނުދީ ބަންދުގައި ބެހެއްޓި އެވެ. އޭނާ ރިޝްވަތު ދެއްވީ ކޮން ދުވަހަކު، ކާކަށް ކަމެއް އަދި ކިހާ އަދަދެއް ކަމެއް ވެސް ތުހުމަތުން އެނގޭކަށް ނެތެވެ.
މަޖިލީހުގެ އެހެން ހުރިހާ މަސައްކަތްތަކަށް ވުރެ މަޖިލީހާއި މެމްބަރުންގެ އިމްތިޔާޒާ ގުޅުން ހުރި ކަންކަމަށް އިސްކަން ދެވޭ ގޮތަށާއި މެމްބަރަކު ހައްޔަރުކޮށްފި ނަމަ މަޖިލީހުގެ ރައީސަށް އެކަން އަންގަން ޖެހުމާއި އިމްތިޔާޒް ކޮމެޓީން އެކަމާ މެދު ގޮތެއް ނިންމަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވަނީ ވެސް މިފަދަ ސަބަބުތަކަށްޓަކަ އެވެ. އެކަމަކު މަޖިލީހުގެ ތެރޭގައި ހިނގާ ހުރިހާ ކަމަކީ އިމްތިޔާޒް ލިބިގެންވާ ކަންތައްތަކެއް ކަމަށް ދެކިގެން ތިބެވޭނެތޯ އެއީ ސުވާލެކެވެ.
ކުރިއަރާފައިވާ ގައުމުތަކުގައި މެމްބަރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގެ މަައްޗަށް ބަލައި، އިމްތިޔާޒް ދިނުމާއި ނުދިނުމުގެ ބާރު މަޖިލީހަށް އޮންނައިރު، އަނެއް ބައި ގައުމުތަކުގައި ބޮޑެތި ޖިނާއީ ކުށްތައް ފިޔަވައި އެހެން ކަންކަމާ ގުޅިގެން މެމްބަރުކަމުގެ ދައުރުގެ ތެރޭގައި އެއްވެސް ގޮތަކަށް މެމްބަރަކު ޖަވާބުދާރީ ނުކުރުވުން ވެސް އިމްތިޔާޒްގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު ގިނަ ގައުމުތަކުގައި އަމަލުކުރާ އުސޫލަކީ ކުށެއް ކުރަނިކޮށް ހައްޔަރުކުރެވޭ ހާލަތްތަކާއި ޖިނާއީ ބޮޑެތި ކުށްތަކުގައި އިމްތިޔާޒް ނުދިނުމެވެ.
މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށް، ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމުގައިވާ ގޮތުން މެމްބަރުންނަށް އިމްތިޔާޒް ލިބިގެންވާނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާ ގޮތަށް މެމްބަރުން މަޖިިލީހުގައި ފާޅުކުރާ ޚިޔާލާއި ހުށަހަޅާ ހުށަހެޅުންތަކާއި ވޯޓު ދިނުމުގެ މައްޗަށް އެކަންޏެވެ. އަދި އެ ނޫން ހާލަތްތަކުގައި ކުރާ ޖިނާއީ އަދި މަދަނީ ކުށްތަކަކީ އިމްތިޔާޒް ލިބިގެންވާ ކަންތައްތަކެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން މަޖިލީހުގައި ފާޅުކުރި ޚިޔާލެއް ނުވަތަ ވޯޓު ދިން ގޮތެއްގެ މައްޗަށް ބިނާކޮށް މެމްބަރަކާ މެދު އެއްވެސް ފިޔަވަޅެއް އެޅުން ގާނޫނީ ގޮތުން މަނާވާ ފަދަ އިމްތިޔާޒްތަކެއް އޮތަސް، ޖިނާއީ އިޖްރާއާތުގެ އުސޫލުތައް މެމްބަރުންނާ ދެކޮޅަށް ހިންގުން މަނާކުރާ ފަދަ އިމްތިޔާޒެއް ގާނޫނު އަސާސީން މެމްބަރުންނަށް ނުލިބެ އެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މެމްބަރުންނަށް އިމްތިޔާޒް ދެނީ ވަކި މިންގަނޑުތަކެއްގެ ތެރެއިން ވަކި ބާވަތުގެ ކަންކަމުގައި ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/މަޖިލިސް
އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައި މަޖިލީހުގެ އިމްތިޔާޒާއި މަސައްކަތްތަކަށް ހުރަސް އެޅުމުގެ އަމަލުތަކުން މެމްބަރުން ވެސް އިސްތިސްނާއެއް ނުވެ އެވެ. މާނައަކީ މަޖިލީހުގެ މަސައްކަތަށް ނުވަތަ ސުލޫކީ މިންގަނޑުން ބޭރުވީ މެމްބަރަކު ކަމަށް ވާ ނަމަ، އޭނާއާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވާ ކަމެވެ. އެކަމަކު ރައްޔިތުން ތަމްސީލުކުރާ އެންމެ ބޮޑު ބާރުގެ މަސައްކަތުގެ ތެރެއަށް އެހެން މުއައްސަސާތަކުން ވަނުމުގެ ފުރުސަތު ނުދިނުމަށް އެ ގައުމުތަކުގައި އިމްތިޔާޒާއި ސުލޫކީ ކަންކަން ބެލުމުގެ ނިޒާމުތައް ގާއިމް ކޮށްފައިވަނީ މަޖިލީހުގެ ތެރޭގަ އެވެ.
ދާދި ފަހުން އިނގިރޭސިވިލާތުގެ ގާނޫނުގެ ހަދާ މަޖިލީހުގެ މެމްބަރަކު އޭނާގެ އާއިލީ މަސްލަހަތެއް ދިފާއު ކުރުމަށްޓަކައި މެމްބަރު ކަމުގެ އިމްތިޔާޒް ނަހަމަ ގޮތުގައި ބޭނުން ކުރަން އުޅުނު މައްސަލައެއްގައި ހަތް ދުވަހަށް ސަސްޕެންޑްކުރި އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކްސަބާގައި ވެސް ދާދި ފަހުން މެމްބަރުންތަކެއް ވަކި މުއްދަތަކަށް ސަސްޕެންޑްކުރި އެވެ.
އެކަމަކު ރާއްޖޭގައިި މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު މަޖިލީހަށް ލިބެނީ މާލީ ބަޔާން ހުށަނާޅާ މެމްބަރުން މާލީ ބަޔާން ހުށަހަޅަންދެން ޖަލްސާގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށާއި ކޮމެޓީތަކަށް މަގްބޫލު އުޒުރެއް ނެތި ހާޒިރުނުވާ މެމްބަރުން އެ ކޮމެޓީން ވަކިކުރުން ފަދަ ފިޔަވަޅުތައް އެޅުމަށެވެ. މަޖިލީހުގެ ތެރޭގައި ހިނގާ އެހެން ކަމަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީގެ ދަށުން ބާރުު ލިބިގެން ހަދާފައިވާ މަޖިލީހުގެ ގަވާއިދަކު ނޯވެ އެވެ.
މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ގާނޫނު އަސާސީން މެމްބަރުން ލިބޭ އިމްތިޔާޒް މަޖިލީހުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއްގެ މައްޗަކަށް ނުދެވޭނެ ކަމަށެވެ. އެފަދަ މައްސަލަތައް މީގެ ކުރިން ވެސް ބެލިފައި ނެތަސް، އެއީ އެކަން ނުކުރެވޭނެ ކަމަށް ބަލަން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މަޖިލީހާއި މެމްބަރުން މަސައްކަތަށް ހުރަސް އެޅުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.
"އާންމު ރައްޔިތުން ކިތަންމެ ކުޑަ ކުށެއް ކުރިޔަސް އެކަން ބެލިފައި، މެމްބަރުން އެފަދަ ކަމެއް ކުރީމަ އެކަން ނުބެލޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން. އެކަމަކު ގާނޫނެއްގެ ތެރެއިން ޚާއްސަ އުސޫލުތަކެއް ގެނެވިދާނެ އެކަމަށް. މިސާލަށް ކުށެއްގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ގޮތަށް ހެދިދާނެ ގާނޫނެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި މެމްބަރުންގެ ސުލޫކީ މައްސަލަތައް މަޖިިލީހުގެ ތެރެއިން ބަލަނީ ގާނޫނުތަކެއްގެ ތެރެއިން ކަމަށެވެ. ރާއްޖޭގައި އެފަދަ ނިޒާމްތަކެއް ނެތުމުގެ އިތުރަށް މަޖިލީހުގެ ސުލޫކީ ކޮމެޓީއަށް ވެސް އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގެ ބާރު ނޯންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކުރިން މަޖިލިސްގެ ތެރޭގައި މެމްބަރުން މުދަލަށް ގެއްލުން ދިނުން ފަދަ މައްސަލަތައް ނުބަލާ އޮތަސް، އެއީ މަޖިލީހުގައި ހިނގާ ހުރިހާ ކަމަކަށް އިމްތިޔާޒް ލިބޭނެ ކަމަށް ބަލަން ޖެހޭ ސަބަބެއް ނޫނެވެ. އަދި އެކަން ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ސާފުވާ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"މެމްބަރުންނަށް ވަކި އިސްތިސްނާއެއް ނެތް. އެކަން ސުޕްރީމް ކޯޓުގެ ކުރީގައި ހުކުމުގައި ވެސް ކަނޑައަޅާފައި އެބަ އޮތް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.
މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވާތީ މަޖިލީހުގެ އިމްތިޔާޒްތަކުގެ ބެލެނިވެރި ފަރާތަކީ ވެސް ހަމަ އެ މަޖިލީހެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްވެސް ބަޔަކަށް މަޖިލީހުގެ މަސައްކަތަށް އަދި އިމްތިޔާޒްތަކަށް ހުރަސް އެޅުމުގެ ފުރުސަތެއް އޮވެގެން ނުވާނެ އެވެ. އެކަމަކު އޭގެ މާނައަކީ މަޖިލީހުގެ ތެރޭގައި ހިނގާ ހުރިހާ ކަމަކީ އިމްތިޔާޒްގެ ތެރޭގައި ކަންތައްތަކެއް ކަމަށް ދެކެވިގެންވާނެ ސަބަބެއް ވެސް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ވަހީދު
10 June 2020
ތިޔަކީ އިމްތިޔާޒްގެ ރޮނގު އަޅާފަ, ބޮޅޮއަޅާފަ ބައިތިއްބަންޖެހޭ ވަރުގެ ބައެއްނޫން
އެއްކަލަވާހަކަ
10 June 2020
މަޖްލިސްގޭ ތެރޭގައި މީހަކަށް ހިމާޔަތްދީގެން ގެންގުޅުނު ޒަމާނެއްވެސް ދިޔައެއްނު؟ އެކަންވެސް އޭރުވީ ހަމަ ރަގަޅު ކަމަކަށް ވަކި ޕާޓީއަކުން ކުރީތީ.
އިންސާފު
10 June 2020
ޖިނާޢީ މައްސަތައް ކިތަންމެ އަހަރެއްގެ ފަހުން ވެސް ބެލުމުގެ އިޚްތިޔާރު ރާއްޖޭގެ ޤާނޫނު އަސާސީއާ ބައިނަލް އަޤުވާމީ ޤާނޫނުތަކުން ވެސް ލިބިދޭ! އިހަށް ދުވަހުވެސް 25 އަހަރު ފަހުން 1995 އަހަރުގެ ރުއަންޑާގެ ކުއްވެރި އަކު ޝަރީޢަތަށް ހުށައެޅީ! އެގޮތަށް ސަރުކާރު ޕާޓީގެ މީހުންގެ 16 މީހުން މަޖްލިސްގެ ރައީސާ ނައިބު ރައީސް މީހެއްގައިގާ ކޮޅުފައިން ޖަހާ އެކި ފެންވަރުގައި ޝިޔާމުގެ ކަންތައްގަޑުގައި ބައިވެރިވި! މީގެ ތެރޭން 8 މީހުން ޝިޔާމަށް އަނިޔާވާ ގޮތަށް އަތްލާތަން އެހެރީ ވީޑިއޯ ތަކުން ފެންނަން! މަޖްލިސްގެ އެއްޗިއްސަށް ގެއްލުން ދިނުމާ، ސިފައިންލައްވާ މީހުން ނެރުމާ، ޤާނޫނު އަސާސީ ފޮތްމައްޗަށް ފައި އެރުން ކަހަލަކަންކަން، އިންސާނަކަށް ގަސްދުގައި އަނިޔާކުރުން މާ ގޯސް! ވީމާ މިތަހުގީގު ކޮންމެވެސް ދުވަހަކުން ހިންގި، އަދަބު ލިބެން ޖެހޭ ބަޔަކަށް އަދަބު ލިބޭނެކަމަށް ފެންނަނީ!
އެމްސް
10 June 2020
އިމްތިޔާޒް ފަހުމީ އާއި ޠޯރިޤް އާއި ދޭތެރެއިން!
ހައްގުބަސް
10 June 2020
އެމްޑީޕީ ގިނަމީހުން ބޭނުންވަނީ ކުރީގެ ސަރުކާރުގެ ތަރައްގީ ހިންގަން. މަޖުލީހަކީ އެމްޑީޕީގެ ހަރުގެ. ކަޑަ
ޝޮކްތެރަޕީ
10 June 2020
ރައްއިތުންގެ މަޖުލީހަކީ ޕާކީސްތާނުން ރާއްޖެއަ ދިން ހަދިޔާއެއް. މޯދީ ގެނެސް ޕާކިސްތާނާ ދިމާލަ ވަދެ ބެވީ.
ވަގު ނުހިފުނު މިމީހުންނަކަ
10 June 2020
އެމްޑީޕީގެ ކަމަކީ އިދިކޮޅު މީހުންގެ އަބުރައް އަރާގަނެ ތިމާމެންނަކީ ރަގަޅުބައެއްގެ ގޮތުގަ ޑުރާމާ ކުޅެ ޖާހިލު ބައެއް
މާޝާ
10 June 2020
ސެލްފް ޑިފެންސް ގައި އޭނާ ނެރެވުނު ގޮތަކަށް ނެރެން އެންގުމުގެ އިޒްނަ ރައީސް އަށް ލިބިގެންވޭ.
އެމެރިކާ
10 June 2020
އަދުލްއިންސާފު ގެންނަން އައިމީހުން ވަގުން ހިމާޔައް ކޮއް ސިޔާސީ މަގުސަދު ހާސިލް ކުރަންވެގެން ވަކިމީހަކު ޖަލައް ލައިގެން އަދުލުއިންސާފު ނުލިބޭނެ.
ޝޮކްތެރަޕީ
10 June 2020
އެމްޑީޕީ އަކީ ހަމައެއްލަމައެއް ހުރި ބައެއްނުން.