ސިއްހީ ބޮޑު ކާމިޔާބީއެއް: ސިއްރަކީ ކޮބާ؟

ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރަށް ބަލަންޏާ، އާއްމުންގެ އިތުބާރު ކުޑަވެފައި ޝަކުވާ ބޮޑެވެ. އެކަމަކު ދުނިޔޭގެ ސިއްހީ އަމާޒުތައް ހާސިލްކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ރާއްޖެ އިން އަންނަނީ ހޯދަމުންނެވެ. އެފަދަ އެއް ކަމަކީ މާބަނޑުވުމާއި ވިހެއުމާ ގުޅުން ހުރި މައްސަލަތަކުގައި އަންހެނުން މަރުވާ އަދަދު މަދުކުރުމުގައި ލިބިފައިވާ ކާމިޔާބީ އެވެ.


މިދިޔަ ހަފްތާގައި އދ. އިން އިއުލާންކުރި ގޮތުގައި 1990 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެ އިން ވަނީ މައިން މަރުވާ އަދަދު 90 ޕަސެންޓް ދަށްކޮށްފަ އެވެ. މިއީ ވޭތުވެދިޔަ 25 އަހަރަށް ބަލާ އިރު ގައުމަކުން ހޯދި އެންމެ ބޮޑު ކުރިއެރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ މައިންގެ ފުރާނަ ރައްކާތެރިކޮށްދިނުމުގައި ރާއްޖެ މި ވަނީ މުޅި ދުނިޔެ އިން އެއް ވަނަ ހޯދާފަ އެވެ.

މިއީ ފަހަރެއްގައި އަޖައިބުކުރަނިވި ކާމިޔާބީއެކެވެ. ސިއްހީ ދާއިރާގެ ލަސް ކުރިއެރުމާއި ފަރުވާ ހޯދަން، ޚާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ މީހުން، އުފުލަން ޖެހޭ ބޮޑު ތަކުލީފަށް ބަލާ އިރު މިކަހަލަ އެދެވޭ ބަދަލުތަކުގެ ވާހަކަ އާއްމުންނަށް ނަގައިގަނެވޭނީ ހައިރާންކަމަކާ އެކީގަ އެވެ. އެކަމަކު، މައިންގެ ސިއްހަތު ކުރިއެރުވުމުގެ ލަނޑުދަނޑީގައި ހިމެނޭ މި އަމާޒު ރާއްޖެ އިން ހާސިލްކުރީ ބޮޑެތި މަސައްކަތްތަކަކުންނެވެ. އާބާދީއާ ބެހޭ އދ.ގެ ޖަމްއިއްޔާ ޔޫއެންއެފްޕީއޭ އާއި ސަރުކާރު ގުޅިގެން، ބޮޑެތި ޚަރަދުތަކެއް ކޮށް، ދުރާލާ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ސިއްހީ ދާއިރާގެ ތަރައްގީ އަށް އެކި ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. މައްސަލައަކީ އާއްމުންގެ އުއްމީދުތަކާ އެއްވަރަށް އެ ޚިދުމަތް ގެންގޮސްދެވިފައި ނުވުމެވެ. އަދި ހޯދާ ކުރިއެރުންތައް ވެސް ދެމެހެއްޓިފައި ނެތުމެވެ. އޭގެ ތެރޭގައި، މާބަނޑު މީހުންނަށް ދޭން ޖެހޭ ޚިދުމަތްތައް ވެސް ހިމެނެ އެވެ. އެހެން ކަމަށް ވަންޏާ، މައިން މަރުވާ އަދަދު މިހާ ބޮޑަށް ދަށްކުރީ ކިހިނެއް ހެއްޔެވެ؟

ހުރިހާ ކޮޅަކުން ވިސްނި

ސިއްހީ ޚިދުމަތުގެ ނިޒާމް ވަރަށް ދަށް ހާލަތެއްގައި އޮތް ނުވަދިހައިގެ ދުވަސްވަރު މައިން މަރުވާ ނިސްބަތް ހުރީ ސީރިއަސް ދަރަޖައެއްގަ އެވެ. އޭރު މާބަނޑު މީހުންނަށް ކުއްލި ފަރުވާ ދެވެނީ މަދު ރީޖަނަލް ހޮސްޕިޓަލްތަކެއްގައި އެކަންޏެވެ. ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރާނެ މީހުންނެއް އަދި ވަސީލަތްތަކެއް ވެސް ސިއްހީ ދާއިރާގައި ނެތެވެ.

ވިހާ ކޮންމެ 100،000 ކުދިންގެ ނިސްބަތުން ބަލާ އިރު، މާބަނޑުވުމާ ގުޅުން ހުރި މައްސަލަތަކުގައި މަރުވާ އަންހެނުންގެ އަދަދު 1990 ވަނަ އަހަރު 677 އަށް އަރަ އެވެ. އެކަމަކު މިދިޔަ އަހަރު އެ ނިސްބަތް ވަނީ 68 އަށް ތިރިވެފަ އެވެ. މިއީ ވޭތުވެދިޔަ 25 އަހަރަށް ބަލާ އިރު އަހަރަކު 9.2 ޕަސެންޓްގެ ދަށްވުމެކެވެ. އެ މުއްދަތުގައި ދުނިޔޭގައި މި ނިސްބަތް ދަށްވަމުން އައީ އަހަރަކު 2.3 ޕަސެންޓެވެ.

ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު: މާބަނޑުވުމާ ގުޅިގެން ފުރާނަ އަށް ނުރައްކާވާ ހާލަތްތައް މަދުކުރުމުގެ ފިޔަވަޅުތައް ތައާރަފްކުރީ އެ ދުވަސްވަރު. ފޮޓޯ: ޔޫއެންއެފްޕީއޭ/ ޝާހީނާ އަލީ

ރާއްޖެ އަށް މިހާ ބޮޑު ކުރިއެރުމެއް ލިބުނީ، ޔޫއެންއެފްޕީއޭ އިން ފާހަގަކުރާ ގޮތުގައި، މައްސަލައިގެ "ހުރިހާ ދިމާލަކުން" ހައްލު ހޯދަން މަސައްކަތްކޮށްގެންނެވެ.

އާއިލާ ރޭވުމުގެ މުހިއްމުކަން ފާހަގަކޮށް ދޭތެރެ ދޫކުރުމުގެ މައުލޫމާތާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފަސޭހަ އިން ލިބޭނެ ގޮތް ހަމަޖެއްސި އެވެ.

ސިއްހީ ޚިދުމަތް ދޭ ވަސީލަތްތަކުގެ ތަރައްގީ އަށް ބަލާ އިރު، މާބަނޑު މީހުން ދެ ގަޑި އިރަށް ވުރެ ގިނަ އިރު ދަތުރުކުރަން ނުޖެހޭނެ ގޮތަށް ރަށްރަށުގައި އިމަޖެންސީ ޚިދުމަތް ގާއިމްކުރި އެވެ. ޔޫއެންއެފްޕީއޭގެ އެހީގައި 12 ރަށެއްގައި ލޭބަ ރޫމް ހަދައި މާބަނޑު މީހުންނަށް ޚާއްސަ ޚިދުމަތްތައް ހަތަރު ރީޖަނަލް ހޮސްޕިޓަލެއްގައި ތައާރަފްކުރި އެވެ.

އެއާ އެކު ފެށުނު ކުރިއެރުންތައް މިއަދާ ހަމައަށް އައި އިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި (20) ވަނީ ކުއްލި ހާލަތްތަކުގައި މާބަނޑުމީހުންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް ގާއިމްކޮށްފަ އެވެ. މާބަނޑު ދުވަސްވަރު ބޭނުންވާ ސިއްހީ ޚިދުމަތްތައް ގާތްގަނޑަކަށް ހުރިހާ އެންމެން މިހާރު ހޯދަ އެވެ. އަދި ކޮންމެ ކުއްޖަކު ކަހަލަ ގޮތަކަށް އުފަންވަނީ ސިއްހީ ޚިދުމަތް ދޭ ތަނެއްގަ އެވެ.

އެކަމަކު މީގެ މާނައަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ލިބުމެއް ނޫނެވެ. ފަރުވާ ހޯދުމުގައި މި ވޭތުވެދިޔަ އަހަރުތަކުގައި އާއްމުންނަށް އެކި ދުވަސްވަރު ކުރަން ޖެހިފައި ވަނީ އެކި ތަޖުރިބާތަކެވެ. މާބަނޑު މީހުން ވެސް މިކަމުން އިސްތިސްނާއެއް ނުވެ އެވެ. ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެން ނެތުމާއި ބޭސް ނުލިބުމާއި ޚިދުމަތުގެ ފެންވަރު ދަށްވުމުގެ މައްސަލަތަކާ ދޭތެރެދޭތެރެ އިން ކުރިމަތިލާންޖެހެ އެވެ. އެހެންވީމާ މައިން މަރުވާ ނިސްބަތް މިހާ ބޮޑަށް ދަށްވީ ފަރުވާދިނުމުގެ ޚިދުމަތްތައް ރަނގަޅުވެގެން އެކަންޏެއް ނޫނެވެ.

އެންމެ ބޮޑު ބަދަލަކަށްވީ ހޭލުންތެރިކަން

މި ކާމިޔާބީގެ ފަހަތުގައި ވަރަށް މުހިއްމު އެހެން ސަބަބުތަކެއް ވެސް ހުރިކަން ޔޫއެންއެފްޕީއޭ އިން ފާހަގަކުރެ އެވެ.

އެއް ކަމަކީ މާބަނޑުވުމާ ގުޅިގެން މަރުވާ ހުރިހާ ހާދިސާތަކެއް ތަހުގީގުކުރަން ހެލްތު މިނިސްޓްރީން އޭރު ފެށުމެވެ. ކޮމިޓީއަކުން ހުރިހާ ކޭސްތަކެއް ރިވިއުކޮށް، އިސްލާހުކުރަން ޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް މިހާތަނަށް ވެސް އައީ ކުރަމުންނެވެ. އެކަމަކު ގައުމީ ފެންވަރުގައި އޭރު ދިން ފަދަ އަހައްމިއްޔަތެއް މިހާރު އެކަމަށް ނުދެވޭކަން ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ފާހަގަ ކުރައްވަ އެވެ.

ދެވަނަ ކަމަކީ ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ދައުރެވެ. އޭރު ހެލްތު ވޯކަރުންނަށް އިތުރު ތަމްރީން ދީ ރަށްރަށުގައި ގޭގެ އަށް ފޮނުވައިގެން މާބަނޑު މީހުންގެ ހާލު ބަލަން ފެށުމަކީ ވަރަށް ބޭނުންތެރި ކަމަކަށް ވެގެންދިޔަ އެވެ. ޚާއްސަކޮށް، ރިސްކު ބޮޑު މީހުން ދެނެގަންނަން ފަސޭހަވި އެވެ.

"މިހާރުގެ ހެލްތު ސިސްޓަމް މި އޮތީ އެ ގޮތަކަށް ނޫން. ހެލްތު ވޯކަރުން ގޭގެ އަށް ޒިޔާރަތްކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާބަނޑު މީހުންގެ ހާލަތު ގާތުން ބެލުމަށް ވަރަށް މުހިއްމު ކަމެއް،" ޔޫއެންއެފްޕީއޭގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް ޝާދިޔާ އިބްރާހިމް ވިދާޅުވި އެވެ.

އެކަމަކު އޭރު ކުރި ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެއް ކަމެއް ޝާދިޔާ ވަކިން ބޮޑަށް ފާހަގަކުރައްވަ އެވެ. އޭނާ ގަބޫލުކުރައްވާގޮތުގައި މި ކާމިޔާބީގެ ހަގީގީ ސިއްރަކީ އާއްމު ހޭލުންތެރިކަމެވެ.

އާއިލާ ރޭވުމާއި ދޭތެރެ ދުރުކުރުމަކީ މައިންގެ ސިއްހަތަށް ކިހާ މުހިއްމު ކަމެއް ކަން ދިވެހިންނަށް އެނގިގެން ދިޔަ ދުވަސްވަރު. ފޮޓޯ: ޔޫއެންއެފްޕީއޭ/ ޝާހީނާ އަލީ

ހެލްތު ވޯކަރުން ގޭގެ އަށް ކުރި ޒިޔާރަތްތަކުގައި، އާއިލާ ރާވައިގެން ބަލިވެއިނުމާއި ދޭތެރެ ދުރުކުރާ ވަސީލަތްތައް ބޭނުންކުރުމުގެ މުހިއްމުކަން މީހުންނަށް އޮޅުންފިލުވައިދިނެވެ. ދަރިމައިވުމުގެ ސިއްހަތާ ގުޅުން ހުރި ފަރުވާތައް ހޯދުމާއި މާބަނޑު މީހުން ކެއުން ބަހައްޓަންވީ ގޮތާއި ރައްކާތެރިގޮތުގައި ވިހެއުން ފަދަ އެތައް ކަމެއް ވިސްނައިދޭން ޔޫއެންއެފްޕީއޭގެ އެހީގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަހަލަ މެސެޖުތައް ހިމެނޭ "ކައްތިރި" ފަދަ ޑްރާމާތަކާއި ލަވަތައް އޭރު އަބަދު ދިޔައީ ޓީވީން ފެނި އަޑު އިވެމުންނެވެ.

ޝާދިޔާ ގަބޫލުކުރައްވާ ގޮތުގައި މި ކުރިއެރުމުގެ ހަގީގީ ސަބަބަކީ އެ މައުލޫމާތުތައް ލިބި މީހުންގެ ލޯ ހުޅުވިގެން ދިޔުމެވެ.

"މިހާރު މީހުންނަށް އެބަ އެނގޭ އަމިއްލަ އަށް ވެސް ސިއްހީ ޚިދުމަތް ހޯދަން ދާން. ރަށުގައި ޚިދުމަތް ލިބެން ނެތަސް، ނުވަތަ ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިޔަސް އެ ބޭނުންވާ ޚިދުމަތެއް ލިބެން ހުރި ހިސާބަކަށް ދާން ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް އެބަކުރޭ. އެއީ މީހުންގެ ހޭލުންތެރިކަން ބޮޑުވީމަ،" އޭނާ ވިދާޅުވި އެވެ.

ޝާދިޔާ ގަބޫލުކުރައްވާ ގޮތުގައި އޭރުގެ އެ މަސައްކަތްތައް އަނެއްކާވެސް ދިރުވަން ޖެހެ އެވެ. އެހެން ނޫނީ، މި ލިބުނު މުހިއްމު ކާމިޔާބީ ދަމަހައްޓަން އުނދަގޫވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އެކަމުގެ ސިގްނަލް މިހާރު ވެސް ވަނީ ލިބެން ފަށާފަ އެވެ. މި ފަހުގެ އަހަރުތަކުގައި ހަދާފައިވާ ސާވޭތަކުން އެނގޭ ގޮތުގައި ދޭތެރެ ދޫކުރާ ވަސީލަތްތައް ބޭނުންކުރާ މިންވަރު ވަނީ ދަށްވެފަ އެވެ. އެއީ މައިންގެ ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން މުހިއްމު ކަމަކަށް ވާއިރު ހޭލުންތެރިކަން އިތުރުކުރަން ޖެހެ އެވެ.