ނޯޓު: މިއީ ބައްޕަ އާއި އެއްބަނޑު އެއްބަފާ ބޭބެމެންގެ ފަރާތުން ހަތަރު އަންހެން ކުދިންނަށް ލިބުނު ޖިންސީ ގޯނާގެ ވާހަކަ ގެނެސްދީފައިވާ ރިޕޯޓެއް. މި ރިޕޯޓު ގެނެސްދީފައިވަނީ ގޯނާތަކުގެ ތަފްސީލު، ކިޔުންތެރިންނަށް ފަސޭހަވާނެ ވަރަށް ކުޑަކުރުމަށް ފަހުގައި
ކުޑަކުއްޖަކަށް ކުރާ ގޯނާގެ މަަންޒަރު ސިފަކޮށްދޭ ފޮޓޯއެއް: ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މިންވަރު ދަނީ އިތުރުވަމުން
13 ޖުލައި 2020 - 09:05
ގޭތެރެއިން ލިބެމުން ދިޔަ ޖިންސީ އަނިޔާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން އެދުމުން އޭނާ އެންމެ ފުރަތަމަ ވެސް އޮއްސާލީ ސުވާލުތަކެކެވެ. މި ވާހަކަތަކުން އޭނާއަށް އިންސާފު ލިބިދާނެތޯއޭ އެވެ؟ ކުޑައިރުގެ މައުސޫމުކަން ގޭތެރެއިން ބަޔަކު ފޭރިގަތުމުން، އެކަމުން ސަލާމަތްވާން އެތައް ތަނަކަށް ދުވި އިރު ނުވި ފައިދާއެއް މިހާރު ވަކި ވާނެތޯއޭ އެވެ؟
އެތައް ޝަކުވާތަކާއި ސުވާލުތަކަށް ފަހު، ނޫހުގައި ނަން ނުޖެހުމަށް އެދި، އެ ވާހަކަތައް ކިޔައިދޭން އޭނާ އެއްބަސްވި އެވެ. އެކަމަކު މިހާރު 22 އަހަރުގެ އެ ޒުވާނާގެ އެހެން ޝަރުތެއް ވެސް އޮތެވެ. ޖިންސީ ޝިކާރައަކަށް ހެދި އޭނާގެ ބައްޕައަށް ބައްޕަ ނުކިޔައި، ނަމުން މުހާތަބު ކުރުމަށެވެ. އޭނާ ދެކޭ ގޮތުގައި އުފަން ހުރިހާ ދަރިންނަށް ޖިންސީ ގޯނާކުރި މީހަކަށް ބައްޕައެއްގެ ދަރަޖައެއް ނުދެވޭނެ އެވެ. އެހެންވެ އޭނާ އެދުނީ ބައްޕަގެ ބަދަލުގައި އޭނާގެ ނަން، މޫސަ ބޭނުން ކުރުމަށެވެ.
އެ ޒުވާނާ ބުނިގޮތުގައި، އޭނާގެ ދޮއްޓަށް ހަތަރު ބޭބެ އާއި ތިން ދައްތަ ހުންނައިރު، އެ ހުރިހާ ކުދިންނަށް ވެސް މޫސަ ވަނީ ޖިންސީ ގޯނާކޮށްފަ އެވެ. މިއީ އޭނާ އުފަންވުމުގެ މާ ކުރިއްސުރެ ގޭތެރޭގައި ހިނގަމުންދާ ކަންތައްގަނޑެކެވެ. ޒުވާނާގެ ބަހުން ނަމަ، ހަތަރު އަންހެން ދަރިން މޫސަ ގެންގުޅުނީ "ޝަހުވާނީ އެދުން ފުއްދުމަށް ގެންގުޅޭ ކުޅޭ އެއްޗެހިތަކެއްގެ" ގޮތުގަ އެވެ.
ދަރިއަކާ ބެހިގެން، މޫސަގެ މައްސަލަ ވަނީ މީގެ ފަންސަވީހަކަށް އަހަރު ކުރިން، ޒުވާނާ އުފަންވުމުގެ ވެސް ކުރިން، ފުލުސް އޮފީހަށް ހުށަހަޅާފަ އެވެ. އެކަމަކު އެ ފަހަރު މައްސަލަ ނެގީ، "ފިރިމީހާ ބަންދުކުރުމުން ދަރިންނާއި އަނބިމީހާ ހާލުގައި ޖެހޭނެ" ކަމަށް އޭރު ބަޔަކު އޭނާގެ މަންމައަށް ވިސްނައިދިނުމުން ކަމަށް ބުންޏެވެ.
މޫސަގެ އަނިޔާތައް ފެށުނު އިރެއް ބުނާކަށް ވެސް ޒުވާނާއަކަށް ނޭނގެ އެވެ. ހަނދާން ހުންނަން ފެށީއްސުރެ، މޫސަ ބުނާ "ކަންތައްތައް" ކޮށްދޭން ޖެހެ އެވެ. އޭނާ ބުނާ ގޮތުން، މަންމަގެ ބަދަލުގައި ހުރިހާ އަންހެން ކުދިން ވެސް ނިންދެވީ މޫސަގެ ގާތުގަ އެވެ.
އަހަރެންގެ ކުރިމަތީގައި ވެސް ދައްތަ ރޭޕްކުރި. އޭރު [ބޭބެ]ގެ އުމުރުން 18 އަހަރަށް ވުރެ ބޮޑުވާނެ. ދައްތައަށް ވާނީ 11 ވަރަކަށް އަހަރު
ސިއްރުވެފައިވާ މޫސަގެ މި އަމަލުތައް ފަޅާއެރީ، ޒުވާނާ ޕްރީ ސްކޫލުގައި ކިޔެވި އިރު، ކްލާސް ތެރޭގައި ދެކެވުނު ވާހަކައަކުންނެވެ. އުމުރާ ނުގުޅޭ ވާހަކައެއް ކުއްޖަކާ ދިމާއަށް ބުނުމުން، ޓީޗަރުންގެ ސަމާލުކަމަށް އެކަން އައިސް، އެ އަނިޔާތަކުގެ ވާހަކަ ދައްކަން އޭނާއަށް މަޖުބޫރުވީ އެވެ. ކޮންމެ ދުވަހަކު، އޭނާ އަށާއި ދައްތަމެންނަށް ލިބެމުން ދިޔަ ގޯނާތަކުގެ ވާހަކަތައް ޓީޗަރުންނަށް ކިޔައިދިނީ މަންމަގެ ހާޒިރުގަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކޮށް، މޫސަ ހައްޔަރުކުރީ، އޭނާ މަސައްކަތް ކުރާ ބޭރު ދަތުރުކުރާ ބޯޓެއްގައި ފުރަން އުޅެނިކޮށެވެ. ފަހުން އެނގުނު ގޮތުގައި، އޭނާ ވަނީ ފިރިހެން ދަރިން ވެސް ބޯޓަށް ގެންގޮސް، އެކި ފާޑުގެ ފިލްމުތައް ދައްކައި އެ ކުދިންނަށް ވެސް ގޯނާކޮށްފަ އެވެ.
ތުހުމަތުތަކަށް އިންކާރު ކުރި ނަމަވެސް ފިރިހެން މީހާގެ މައްޗަށް މައްސަލަ ސާބިތުވެ، ހަ އަހަރަށް ޖަލަށް ލާން ހުކުމްކުރި އެވެ. އެތައް އަހަރެއް ވާންދެން، މޫސަގެ ފަރާތުން ދަރިންނަށް ލިބެމުން ދިޔަ ގޯނާތަކަށް ނިމުން އައީ އެހާ ހަމައިންނެވެ.
ބައްޕަ ހައްޔަރުކުރި ނަމަވެސް ގޭތެރެއިން އަންހެން ކުދިންނަށް ލިބެމުން ދިޔަ އަނިޔާތަކެއް ނުހުއްޓުނެވެ. ދެން އެކަން ކުރިމަތިވީ، އެއްބަނޑު އެއްބަފާ ބޭބެމެންގެ ފަރާތުންނެވެ. އެންމެ ފުރަތަމަ ގޯނާތައް ކުރަން ފެށީ، މަންމަ އޮފީހަށް ދިޔުމުން ނުވަތަ ދޮއްޓަށް ތިބި ދައްތައިން ބަދިގޭގައި އުޅޭ ވަގުތުތަކުގައި ކުޅެން އުޅުމުގެ ތެރޭގަ އެވެ. ގައިގައި އަތްލައި، ކުދިކުދި ގޯނާތައް ކުރަން ފެށީ ކުޅުމުގެ ނަމުގަ އެވެ. އެކަމަކު މޫސަ ހައްޔަރުކުރުމާ އެކު، ނިދާ ވަގުތުތަކުގައި ކުދިންނާ ބެހި، އަމަލުތައް ނުބައިވި އެވެ.
"އަހަރެންގެ ކުރިމަތީގައި ވެސް ދައްތަ ރޭޕްކުރި. އޭރު [ބޭބެ]ގެ އުމުރުން 18 އަހަރަށް ވުރެ ބޮޑުވާނެ. ދައްތައަށް ވާނީ 11 ވަރަކަށް އަހަރު،" ޒުވާނާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ލޯ ކުރިމަތީގައި ދައްތަމެންނަށް ލިބެމުން ދިޔަ އަނިޔާ، އެންމެ ފަހުން އޭނާއަށް ވެސް ކުރިމަތިވި އެވެ. އެކަމަކު އޭރު ވެސް އޭނާއަކީ ވަރަށް ގިނައިން ބިރުވެރި ހުވަފެން ފެނިގެން ރޯ ކުއްޖަކަށް ވާތީ، ގޭތެރެއިން ލިބޭ އަނިޔާތަކުގައި އޭނާގެ ރުއިމުގެ އަޑު ކަނޑުވާލީ ހުވަފެން ފެނުނީ ކަމަށް ބުނަމުންނެވެ.
އެކަން އޮތީ އާއިލީ ސިއްރެއްގެ ގޮތުގަ އެވެ. އެކަކު އަނެކަކަށް އެ ވާހަކަތައް ދައްކައެއް ނޫޅެ އެވެ. އެކަމަކު، އެ ބިރުވެރިކަމުން ސަލާމަތްވުމުގެ ހިތްވަރު ޒުވާނާއަށް ލިބުނީ އޭގެ ހަ އަހަރު ފަހުން، އޭނާގެ އުމުރުން 12 އަހަރުގަ އެވެ.
ގޭގެ ސޯފާގައި ނިދާފައި އޮއްވާ، ބޭބެ އައިސް އޭނާއަށް ގޯނާ ކުރަން ފެށުމާ އެކު ބާރަށް ހަޅޭއްލަވައި ގޭގެ އެންމެން ހޭލެއްވި އެވެ. އެހާ ހިސާބުން މަންމައަށް ވެސް މަޖުބޫރުވީ ފެނުނު މަންޒަރު ގަބޫލުކޮށް، ކަމާ ބެހޭ ފަރާތަށް މައްސަލަ ހުށަހަޅާށެވެ. އެކަމަކު ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމަށް ފަހު، ޒުވާނާ ބުނިގޮތުގައި މައްސަލަ އަނބުރާ ގެންދިޔައީ މަންމަގެ އެދުމަށް، "މިހާރު ބޭބެ ބިރުގަންނާނެ" ކަމަށް ބުނަމުންނެވެ. އެކަމަކު އެކަން ތަކުރާރުވެ، އޭނާ ހައްޔަރުކުރި އެވެ.
މީހެއްގެ އަމަލަކާ ހެދި، މީހަކަށް ދިމާވެދާނެ އެންމެ ވޯސްޓް ކޮންސީކުއެންސެސް ތަހައްމަލުކޮށްފިން. އަދިވެސް، އޭގެ ފަހަކުން މީހަކަށް އަހަރެންގެ ގަޔަކު ލޯބިން އަތެއް ނުލެވޭ
ކޮއްކޮއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް މައްސަލަ ސާބިތެއް ނުވި އެވެ. އެންމެ ފަހުން، އަހަރެއްހާ ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ، އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.
ދެ ފަހަރަށް މައްސަލަ ހުށަހަޅައިގެން ވެސް ބޭބެގެ މައްޗަށް މައްސަލަ ސާބިތު ނުވެ، އަނބުރާ ގެއަށް ފޮނުވާލި ދުވަހު، މިކަމުގައި އިންސާފެއް ނުލިބޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އިއްތިފާގުން ހަމަ އެ ދުވަސްވަރު، އޭނާގެ ބައްޕަ ވެސް ޖަލުން ދޫކޮށްލުމުން، އިންސާފު ހޯދުމުގައި ހަތިޔާރު ބެހެއްޓީ އެވެ.
"[މޫސަ] ޖަލުން ދޫކޮށްލި ދުވަހު ގޭގައި ދައްތައެއްގެ ބާތުޑޭ ޕާޓީއެއް އޮޮތް. އޭނާ ގެއަށް އައިސް ވަނުމާ އެކު ހުރިހާ ކުދިން ބިރުން އެކި ތަންތަނަށް ދުއްވައިގަތީ. އެ ދުވަހު އެނގުނު ހުރިހާ ކުދިން ވެސް [މޫސަ] ދެކެ ކިހާ ބިރުގަންނަކަން،" އެ ޒުވާނާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި އެ ދުވަހަށް ފަހު، އެ މީހުންގެ ހަޔާތުން ބައްޕަ ގެއްލިއްޖެ އެވެ. އަދި ހަގަށް ތިބި އަންހެން ކުދިން ގޮވައިގެން މަންމަ އެހެން ގެއަކަށް ބަދަލުވުމުން، ބޭބެމެންގެ ފަރާތުން ލިބެމުން ދިޔަ ގޯނާތަކަށް ވެސް ނިމުން އަ އެވެ. ދޮށީ ދެ ބޭބެއިން މީހުންނާ އިނދެގެން އެހެން ރަށެއްގައި އުޅޭއިރު ހަގަށް ތިބި ދެ ބޭބެ މިހާރު ތިބީ، މީހުން މެރުމާއި މަސްތުވާތަކެތީގެ ބޮޑެތި ކުށްތަކެއް ސާބިތުވެގެން ޖަލުގަ އެވެ.
ފެށުނީއްސުރެ އާއިލާ ތެރެއިން ގޯނާތައް ކުރިމަތިވި ނަމަވެސް، މިކަމުގައި އޭނާ މަންމަ ކުށްވެރިކުރާކަށް ބޭނުމެއް ނޫނެވެ. ޒުވާނާ ބުނީ އެންމެ ކުޑައިރުއްސުރެ މަންމަ އުޅުނީ ވަރަށް ބަލިވެ، މަންމަގެ އަމިއްލަ މައްސަލަތަކުގެ ތެރޭގައި ކަމަށެވެ. އަދި މަންމަގެ މައްޗަށް އެހެން "ނުފޫޒެއް" ނުފޯރުވާ ނަމަ، މަންމަ އެކަންކަން ހުއްޓުވީސް ކަމަށް އޭނާ ބުންޏެވެ.
އާއިލާގެ ފިރިހެނުންގެ ފަރާތުން ލިބެމުން ދިޔަ ގޯނާތަކަށް ނިމުން އައި ނަމަވެސް، މިހާރު 22 އަހަރު ވެފައިވާ އެ ޒުވާނާ އަދިވެސް އުޅެނީ އެ ވޭނުން ސަލާމަތް ނުވެގެންނެވެ. ގްރޭޑް އެކަކުން ފަށައިގެން ސްކޫލު ދައުރު ނިމެންދެން އޭނާ ކައުންސިލަރުންގެ ގާތަށް ދިޔަ އެވެ. މީގެ ތިން އަހަރު ކުރިއާ ޖެހެންދެން، އޭނާ ސައިކޭޓްރިއަސްޓުންގެ އެހީ ހޯދި އެވެ. އެކަމަކު އެ ފަރުވާ ވެސް އޭނާ ހުއްޓާލީ، ކޮންމެ ދުވަހަކު ވެސް، އެ ވާހަކަތައް ދައްކައިގެން މާޒީގެ ބިރުވެރިކަމަށް ދާން ޖެހޭތީ އެވެ.
"ތެދަށް ބުނަންޏާ އަދިވެސް އަހަރެން ފިރިހެނުން ދެކެ ވަރަށް ބިރުގަނޭ. ފަހަތުން މީހަކު ކޮއްޓާލިޔަސް، ނިދާފައި އޮންނައިރު ގައިގައި އަތްލިޔަސް ސިއްސައިގެން ދަނީ. ހަމަ އޯކާ ދެމޭ ގޮތް ވަނީ،" އެ ޒުވާނާ ކިޔައިދިނެވެ.
"ކިތަންމެ ގައިގައި ރިއްސިޔަސް، ބޭސް ވެސް އުނގުޅަނީ އަމިއްލައަށް."
ޑިޕްރެޝަނާއި އެންޒައިޓީ އާއި ބައިޕޯލާ ފަދަ ނަފްސާނީ ބަލިތަކުގެ ނުރައްކާތެރި ހާލަތްތައް އެ ޒުވާނާ ތަހައްމަލުކޮށްފި އެވެ. އެކަމުން އަރައިގަތުމަށް އަހަރުތަކެއް ވާންދެން، ބޭސް ކެޔެވެ. އަދިވެސް އޭނާ އުޅެނީ އެކަމުން ސަލާމަތް ނުވެވިގެންނެވެ.
"މީހެއްގެ އަމަލަކާ ހެދި، މީހަކަށް ދިމާވެދާނެ އެންމެ ވޯސްޓް ކޮންސީކުއެންސެސް ތަހައްމަލުކޮށްފިން. އަދިވެސް، އޭގެ ފަހަކުން މީހަކަށް އަހަރެންގެ ގަޔަކު ލޯބިން އަތެއް ނުލެވޭ."
އެ ޒުވާނާ ބުނިގޮތުގައި ބައެއް މީހުން އޭނާ ދެކެނީ ވަރަށް "މުޑުދާރު" މީހެއްގެ ގޮތުގަ އެވެ. "އެންމެން އަތްލާފައި ހުރި މީހެކޭ" އޭނާއާ ދިމާއަށް މީހަކު ބުންޏެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ އޭނާ ދެރަވީ އާއިލާއެއްގެ ލޯބި ނުލިބުމުންނެވެ.
"ހަނދާންވޭ ވަރަށް ކުޑައިރު ވެސް ދުއާކުރަން ބައްޕަ ރަނގަޅުވޭތޯ. ބޭބެމެން ރަނގަޅުވޭތޯ. ކުރިން ބައްޕަ ކިޔަނީ އެހެން ނުކިޔައިފިއްޔާ ފާފަ ލިބޭނެ ކަމަށް ހީކޮށް. އެކަމަކު މިހާރު ބޭނުމެއް ނޫން އެ މީހުންގެ ނަމުން ނޫން ގޮތަކަށް މުހާތަބު ކުރާކަށް ވެސް،" އޭނާ ބުންޏެވެ.
އެ ޒުވާނާއަށް އިންސާފު ނުލިބުނު އިރު، މޫސަ އަދިވެސް ހުރީ މުޖުތަމައުއަށް ދޫވެފަ އެވެ. ހަ އަހަރުގެ ޖަލުގެ ހުކުމުން ސަލާމަތްވި ނަމަވެސް އޭގެ ފަހުން ވެސް އެހެން ތިން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވި އެވެ. އާއިލާގެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ދެ ބޭބެއަށް ވެސް މިހާތަނަށް އަދަބެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
14 July 2020
ރާއްޖޭގެ ކަމާބެހޭ މުއައްސަސާ ތަކުގަ ހުރި ތިޔަޒާތުގެ މައްސަލަތަކުގެ ރިކޯޑް ތައް ނޫސްވެރިޔަކަށް ފެނިއްޖިއްޔާ ސަހަރޯ ހީވާނެ. ތިޔައީ އަދި ދާދިކުޑަ މިންވަރެއް. މީސްމީހުންގެ ޒާތީ މައުލޫމާތަށްވާތީ ޝަރީއަތުން ސާބިތުނުވަނީސް އެކަހަލަ މައުލޫމާތުތައް ސަރުކާރަކުން ހާމައެއް ނުކުރާނެ.
ނަންނު
13 July 2020
ހާދަ ދެރައޭ.ރަޙުމުގެ ކަންފުޅެއްވެސް ނެތް.އިންސާނުންތަ ތީ.ﷲ ގެ ޢަޒާބު ފޯރާ ދުވަހަށް މަޑުކޮށްލާ.
ވޯލް
13 July 2020
މަށަށް މިކަމުގައި މަންމަވެސް ހަމަ ގޯސް. ރާއްޖޭގައި އާއިލާތަކުގައި ގިނަ ފަހަރަށް ގިނަ ކުދިން ތިބޭ އާއިލާތަކުގައި މަންމަޢާއި ބައްޕަ ލޯބިވާ ތިބޭނީ 2-3 ކުދިން ބާކީ ތިބޭ ކުދިން އެކި ގޮތްގޮތުން އަނިޔާދޭ. އެއްބަޔަކު ޖިންސީ އަނިޔާ، އަނެތްބައި ފަހަރު މައިން ބަފައިންގެ މުދަލާއި ލޯބި ދިނުނުގައި ތަފާތު ކުރޭ.
ނާއިލާ އަ ހުމަދު
13 July 2020
އާއިލާއަށްވީތީގާތްމީ ހުނަށް ވީތީއޭ ކިިޔާއެކުގައުޅޭކަށް މަޖްބޫރެއްނޫން .! ތިމާއަށް ނުލިބިވާއެއްޗެއް އަމިއްލަދަރިންނަށް ހޯދައިދިނުން ، ތިމާ ކަމަކުން ހްރޫމުވެފަވާނަމައެކަމެއް ދަރިންނަށް ފުރިހަމަކޮއްދިނުން! . ބަޔަކު ކިތަންމެ ލޭބަލެއް އެލުވިއަސް ޖެ ހިލުމެއް ނުވާނަށް! ފަ ހަތަކަށްވެސް ނުޖެ ހޭނަށް! ދަރިންނާ ހިސާބަކަށް ނާދެވޭނެ !. މައިން ނަކީ އަބަދުވެސް ގުރުބާނީތަކެއްވާބައެއް !ބިރު ދައްކާނީ ސުވަރުގެ ނުވައްދަވާނެ ކަމުގެ ބިރު !.
#ގައުމުގެ ހާލަތު
13 July 2020
މި ކަންކަމުން ސަލާމަތް ވެވޭނީ އިސްލާމީ ޝަރީޢަތް ގާއިމު ކޮއްގެން. ދެން އަމިއްލަ ދަރި ގަޔަށްށާ ކޮއްކޮ މެން ގަޔަށް އަރާނީ ގޮތްކުޑަކަމުން އިންސާނުން ގެ ސިފައިގައި ހުރި ޖަނަވާރުން
ހަކީމް
13 July 2020
ބޮޑެތި ނަންނަން ކިޔާފަ ދައުލަތުގެ ޙަރަދުގައި ފަލަބޮޑެތި މުސާރަ ދީފަ މިނިސްޓަރުންނާއި ، ޑެޕުޓީ އިންނާއި ، ސްޓޭޓް މިނިސްޓަރުން ލައިގެން އަދު ނުވީތާކަށް ހިޔުމަން ރައިޓަސް ހަދައިގެން އުޅުމުގެ ބޭނުމަކީ ކޮބާތޯ ...
ސާމްހާން
13 July 2020
މިފަދަ މައްސަލަތަށް ހުށަހެޅުމުން ކުދިންގެ މައިންބަފައިންގެ ނުރުހުމުގައިވެސް ޖެންޑަރ އަދި ފުލުހުން އެބަޖެހޭ މައްސަލަ ތަހުގީގުކޮށް އެ ކުދިންނަށް މިފަދަ އަނިޔާތަކާ ދުރުން އުޅުމަށް އެހީތެެރިވެދޭން
ދިވެއްސެއް1
13 July 2020
މިފަދަ ވާހަކަ އަޑުއަހާފާ އިންތިހާއަށް ދެރަވެ ހިތާމަކުރަން. 21 ވަނަ ޤަރުުނުގައި ރާއްޖެ މިހާރު ކަޑައްތު ކުރުމަން މިދާ ތަރައްޤީގައި މިފަދަ ކަންކަމަށް ސަމާލު ކަންދެވެންޖެހޭނެ. ހަޤީޤަތުގައި މައްސަލައަކީ ސަރުކާރަކުން އެެއްވެސް މިނިސްޓްރީއެއްގެ ވަޞީލަތްތަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަކަށް ސަމާލުކަމެއް ނުދެވޭތީ. ޤާނޫނެއް / ޤަވާއިދެއް ކަރުދާހުގަައި ލިޔެވިދާނެ. އަދި ޒަމާނީ ނަންތަށް ކިޔާ މަރުކަަޒުތަައްވެސް ހެދިދާނެ. ޢެތަންފީޒު ނުވާނަމަ، އެެެއީ ކަނޑުގައި ..
ކައިލ
13 July 2020
ތި މޫސައާ ގޯނަ ކުރި ދެ ބޭބެ މި މުޖުތަމައުގައި ބެހެއްޓުމުގެ ބޭނުމެއް ނެތް. އެމީހުންގެ ސަބަބަުން އިތުރު މީހުންނަށް ޖިންސީ ގޯނާ ލިބެމުންދާނީ. އެމީހުންގެ ނަންތައް ހާމަމަކުރޭ. އޭރުން ދެން ތިބި މީހުންން ސަލާމަތްކުރެވޭނީ. އެމީހުންނަކީ މުޅި މި ޤައުމަށް ހުރި ނުރައްކަލެއް.
މުރަނާ
13 July 2020
ތިޔަ ހުރިހާ މީހުން ތަކަށް ޙުކުން ކުރަން ރައްޔިތުން ނުކުންނަންވީ. ކީއްްކުރަން ނަމާ ކަމާ ސިއްރު ކުރާ ގޮތަކަށް ކޮންމެހެން ތިޔަވާހަކަ މީޑިޔާގަ ތިޔަ ދައްކަނީ؟ އެމީހުންގެ ވަނަވަރު ހާމަކުރޭ. އަހަރެމެން ތިޔަކަން ހުއްޓުވާނަން. ތިޔަކަހަލަ ގޭގެ އަދިވެސް މިރާއްޖޭގެ ރަށްރަށުގަ އެބަހުރި. އ. އަތޮޅުން އޭގެ ގެއެއް ފެނިއްޖެ
ޑރ ފާސިދު
13 July 2020
ކަލޭ އެހެން ކިޔާފަ ތި ސިއްރު ކުރިއްޔޯ؟
ނާއިލާ އައަހުމަދު
13 July 2020
މިފަދަ ކަންކަން ސިއްރުކޮއް އަނިޔާސިއްރު ކުރާކަށް ނުޖެ ހޭނެ އަޑަކާ ހަޔާތެއް ލިބިގެންވޭ! އަމިއްލަ އަށް މިފަދަ ކަމެއްތަޖްރިބާކުރަން ނުޖެ ހުނަސް މިފަދައަނިޔާއެއީ މުޖްތަމައުން ،އަމިއްލަ ޢައިލާއިންވެސް ލިބޭނެ އަނިޔާތައް ކަމަށް ގަބޫލު ކުރަން ޖެ ހޭނެ !.މިއީ ފުރައްސާރަޔާ މަލާމަތް ރައްދު ވާ އަން ހެނުން ނަށް ވެގެންނުވާނެ! . ލޮލުން ކަރުނަ !. އިތުރު ހިތްދަތިކަމެއް!!!
އައިންތު
13 July 2020
މާތް ﷲ ވަނީ ކެއްތެރިންނާ އެކު.ތިބާ ތިކަމުން ސަލާމަތްވެ އުފާވެރި ދިރިއުޅުމެއް ދައްކަވާށި.އާމީން.