މާލޭ މާރުކޭޓު ސަރަހައްދުގައި މީހުން ވިޔަފާރިކުރަނީ: ކޮވިޑް-19އާ އެކު އައިސް އޮތް އިގްތިސޯދީ އަޑިގަނޑުގައި އެތައް ބަޔެއްގެ އާމްދަނީ ހުއްޓި ނުވަތަ މަދުވުމުގެ އަސަރު ދިރިއުޅުމަށް ވަރަށް ބޮޑަށް ވަނީ ފޯރާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
25 އޯގަސްޓް 2020 - 08:23
ބިލު ނުދެއްކޭތާ ގިނަ ދުވަސް ވެގެން އެޕާޓްމެންޓުން ފެން ކަނޑާލުމުން ހައްވަ (އަސްލު ނަމެއް ނޫން) އެކަމަށް ހައްލު ހޯދީ އެކި މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ފެން ބިލަށް 1،700 ރުފިޔާ ހަމަވި އެވެ. އެކަމަކު ކަރަންޓު ބިލަށްވާ 3،900 ރުފިޔާ އޮތީ ނުދެއްކި އެވެ. ހަ އަހަރުގެ ދަރިފުޅު ގޮވައިގެން މާލޭގައި އެކަނި އުޅޭ މި މަންމަ، ރޮށި ފިހެ ވިއްކައިގެންނާއި ތަނެއް ކުއްޔަށް ދީގެން، ހޯދަމުން އައި ކުޑަ އާމްދަނީކޮޅު ކޮވިޑް-19އާ އެކު ގާތްގަނޑަކަށް ހުއްޓުނީ އެވެ.
"ފަސް މަހުގެ ބިލު ނުދައްކާ އޮތީމަ ކަރަންޓު ވެސް ކަނޑާލަފާނޭ ހިތާ ބިރުން މި ހުންނަނީ،" ހައްވަ، 35، މިދިޔަ ހަފްތާގައި ބުންޏެވެ.
"ލާރި ނުލިބޭތީ ވަރަށް އުނދަގޫވޭ. މީހުން ކައިރީ އެހާ ގިނައެއްކޮށް ނުވެސް ކިޔޭނެތާ!"
މި ދުވަސްވަރު ވަޒީފާއެއް އޮވެފައި ކިރިޔާ ވެސް އެއްޗެއް ލިބެންޏާ އެހެން ބައެއް މީހުންނަށް ވުރެ ނަސީބުވެރި އެވެ. މިސާލަކަށް، މީގެ ހަފްތާއެއް ވަރު ކުރިން މާލޭ މަގުމަތީގައި އަޑުންއަޑުނަގާ ރޯން ހުރި މެދު އުމުރުގެ ފިރިހެން މީހާ އެވެ؛
"ކޮވިޑް އައިމަ އަހަރެމެންގެ ވަޒީފާހޭ ގެއްލެންވީ، ކާންބޯން ހަދާނީ ކިހިނެއްހޭ، މިއަދު ވެސް ކާ އެއްޗެއް ނުލިބުނޭ، އެހެން ކިޔައި ބާރު ބާރަށް ރޮއެ، ހަޅޭއްލަވަން އެ މީހާ ހުރީ، އެސްޓީއޯ ޓްރޭޑް ސެންޓަރު ބޭރުގައި،" މަންޒަރު ދުށް މީހަކު ބުންޏެވެ.
މިއީ އަތްމަތިދަތިކަން އެތައް މަހަކަށް ދިގުދެމިގެންދިޔުމުގެ އަސަރެވެ. ކޮވިޑާ އެކު އިގްތިސޯދު ހުއްޓި އެތައް ބައެއްގެ އާމްދަނީ ގެއްލި ނުވަތަ ދަށަށް ގޮސްފައި އޮތް މި ހާލަތު ދިގުލައިގެންދާ ވަރަކަށް މި ދަތިކަން ދާނީ ބޮޑުވަމުންނެވެ. މި ކަމުގެ ކުރީކޮޅު އެހެން ގޮތްގޮތް ހޯދައިގެން ނުވަތަ ފަހަށް ރައްކާކޮށްފައި ހުރި ފައިސާ އިން ހަރަދުތައް ފޫބެއްދި މީހުންނަށް ވެސް މިހާރު ދާނީ ގޮތް ހުސްވަމުންނެވެ. ނަތީޖާ އެންމެ ހިތިވާނީ ކިރިޔާ ފުދޭ ވަރަށް އެއްޗެއް ލިބިގެން ދިރިއުޅެމުން އައި އާއިލާތަކަށެވެ.
"ފިރިމީހާ ހުރިހާ ވަގުތެއްގައި، ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްގެން ވެސް، ދަރިފުޅަށް އެންމެ ރަނގަޅަށް ކަންތައް ކޮށްދެވޭ ވަރެއް ނުވޭ. އެއީ އެންމެ ދެރަވާ ކަމަކީ."
ކޮވިޑްގެ ބޮޑު ހުއްޓުމުގެ ކުރިން އައިޝާ (އަސްލު ނަމެއް ނޫން)ގެ ފިރިމީހާ އަށް ޓެކްސީ ދުއްވައިގެން އާއްމުކޮށް މަހަކު ވިއްސަކަށް ހާސް ރުފިޔާ ލިބުނެވެ. ދޮޅު އަހަރުގެ ކުއްޖަކު އޮތް ދެމަފިރިން ހަރަދުތައް ހަމަޖައްސަމުން އައީ އެ ކާރުގެ ވެރިމީހާ އަށް އަށެއްކަ ހާސް ރުފިޔާ ދީފައި ބާކީވާ ފައިސާ އިންނެވެ. އައިޝާ، 25، ދަރިފުޅު ބަލާތީ އާމްދަނީ ހޯދަން މަސައްކަތްކުރަނީ ފިރިމީހާ އެކަންޏެވެ. ލޮކްޑައުން ތެރޭގައި އާމްދަނީ އެއްކޮށް ހުއްޓިގެން އެ އާއިލާ އުޅެން ޖެހުނީ އެހެން މީހުންގެ އެހީގަ އެވެ. ލޮކްޑައުން އުވާލި ފަހުން ވެސް ހަމަޖެހުމެއް ނެތެވެ.
"ކޮންމެވެސް ވަރަކަށް ސޭވިންގްސްގައި ހުރީމަ އެ އެއްޗެއްސާއި ދެ ފަރާތުގެ އާއިލާގެ އެހީއާ އެއްކޮށް އެ ދުވަސްތައް ދިޔައީ. ދެން ހުޅުވާލީމަ ކޮންމެވެސް ވަރަކަށް ރަނގަޅުވީމަ އެހީއެއް ނުހޯދަން،" ހުޅުމާލޭގައި ދިރިއުޅޭ އައިޝާ ބުންޏެވެ. އެކަމަކު ލޮކްޑައުން ދޫކޮށްލިޔަސް، އައިޝާގެ ފިރިމީހާ ފަތިސް ނަމާދުކޮށްގެން ކާރަށް އަރާ ގޮތަށް ރޭގަނޑު ދިހައެއް ޖަހަންދެން ޓެކްސީ ދުއްވާ އިރު ވެސް މި ދަނޑިވަޅުގައި މަހަކަށް ޖެހެނީ 3،000-4،000 ވަރެވެ. ކަން އެހެން އޮއްވާ، މި ހަފްތާ އިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 8:00ގެ ފަހުން ވެހިކަލް ދުއްވުން މަނާކުރުމުން ފިރިމީހާ އަށް ނެގޭ ދަތުރުތައް މަދުވެ، ދެން އެ ވަރު ވެސް ނުލިބޭނެ އެވެ.
"ފިރިމީހާ ހުރިހާ ވަގުތެއްގައި، ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްގެން ވެސް، ދަރިފުޅަށް އެންމެ ރަނގަޅަށް ކަންތައް ކޮށްދެވޭ ވަރެއް ނުވޭ. އެއީ އެންމެ ދެރަވާ ކަމަކީ،" އައިޝާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި އަތްމަތި މިހާ ދަތިވެގެންދިޔަ އިރު އަނެއްކޮޅުން ތަކެތީގެ އަގު އުފުލި އަތްފޯރާފަށުން ނައްޓައިގެން ހިނގައްޖެ އެވެ؛ "އެއްޗެހީގެ އަގު ބޮޑުކަމުން، ކުއްލިއަކަށް އެއްޗެއް ގަނެލަން ކަންމަތީ ފިހާރައަކަށް ދެވޭ ވަރެއް ނުވޭ މިހާރު. ކުރީ ދުވަހު އަޅުގަނޑު ތިން ލުނބޮޔާއި އެއް މިރުހާ ގަތް އިރު 62 ރުފިޔާ އެރި."
މޭ މަހުގެ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ހަރަދުތައް ބެލެހެއްޓުމުގައި 65 ޕަސެންޓް މީހުންނަށް މި ހާލަތުގެ ސަބަބުން ވަރަށް ބޮޑަށް ނުވަތަ މެދު މިންވަރަކަށް ވަނީ ދަތިވެފަ އެވެ. ގައުމީ ޔުނިވާސިޓީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ހެދި އެ ދިރާސާ އިން ދެއްކި ގޮތުގައި ކޮންމެ 10 މީހަކުން އެކަކުގެ އާމްދަނީ މުޅިން ގެއްލި ކޮންމެ 10 މީހަކުން ތިން މީހެއްގެ މުސާރަ ކުޑަވި އެވެ. އަދި، ކުރިއަށް އޮތް މަހު ވަޒީފާ ގެއްލޭނެ ކަމަށް ކޮންމެ 10 މީހަކުން އެކަކު ބުނެފައިވެ އެވެ.
Socio-economic aspects of COVID-19 in the Maldives: Round 1
— Health Protection Agency (@HPA_MV) June 26, 2020
A study by @MNUedu in collaboration with HPA. pic.twitter.com/FUHJex0hzq
މާލެ ލޮކްޑައުންކުރުމާ އެކު އާމްދަނީ ހުއްޓި ހާލުގައި ޖެހިގެން 235 މީހަކު ސަރުކާރުގެ ވަގުތީ ބޯހިޔާވަހިކަން ވެސް ހޯދި އެވެ. އޭގެ ތެރެއިން ގިނަ މީހުންނާއި އިތުރު އެތައް ބަޔަކު ވެސް ވަނީ، ކުލި ދައްކައިގެން މާލޭގައި ދިރިނޫޅެވިގެން، އެނބުރި ރަށަށް ބަދަލުވެފަ އެވެ.
ހައްވަ މިދިޔަ ހަފްތާގައި ހުރީ، ބައިބަޔަށް ބަހާލައިގެން ކަރަންޓު ބިލު ދައްކަން އެދި ފޯމު ލައިގެން ޖަވާބެއްގެ އިންތިޒާރުގަ އެވެ. މި ދަތިކަމުގައި ލުޔެއް ދިނުމުގެ ގޮތުން، މާޗު، އޭޕްރިލް، މެއި އަދި ޖޫންގެ ކަރަންޓު ބިލު އެ ގޮތަށް ދެއްކުމުގެ ފުރުސަތު ސްޓެލްކޯ އިން އޮތީ ދީފަ އެވެ. ކަރަންޓު ކަނޑާނުލާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކަރަންޓު ބިލާއި ފެން ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް، ސަރުކާރުގެ ސަބްސިޑީގައި، އޭޕްރީލް އިން ޖޫން އަށް ދިނެވެ. އެކަމަކު މި ލުއިތަކާ އެކު ވެސް ބިލު ނުދެއްކޭ މީހުން ހައްވަ ނޫނަސް އެބަތިބިކަން ސޯޝަލް މީޑިއާގައި ފާޅުކުރާ ޝުއޫރުތަކުން އެނގެ އެވެ.
ކޮވިޑާ ގުޅިގެން ވެއްޓުނު މާލީ އަނދަވަޅުގައި އާއްމުންނަށް ސަރުކާރުން ދޭ މައިގަނޑު ލުޔަކީ 5،000 ރުފިޔާއާ ހަމައަށް ފޯރުކޮށްދޭ އިންކަމް ސަޕޯޓް އެލަވަންސެވެ. އެކަމަކު އެ އެހީ ލިބުން ލަސްވުމާއި އެލަވަންސަށް ޝަރުތު ހަމަވާކަން ސާބިތުކޮށްދޭން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހަމަކުރަން އުނދަގޫކަމުގެ ޝަކުވާތައް އެބަހުއްޓެވެ.
"އަހަރެންގެ އަތުގައި މި ވަގުތު އޮތީ 575 ރުފިޔާ. އިންކަމް ސަޕޯޓް އެލަވަންސް ލިބޭތޯ މޭ މަހުން ފެށިގެން އެބަ މަސައްކަތްކުރަން. އަދިވެސް އެއްވެސް އެއްޗެއް ނުލިބޭ،" ޓްވީޓެއްގައި މީހަކު ލިޔެފައިވެ އެވެ.
"އެހެން ވަޒީފާއެއް ލިބޭތޯ އަދިވެސް މި އުޅެނީ. އަގުތައް ވަރަށް މައްޗަށް ގޮސްފައި ހުރީމަ ބިލުތައް ދައްކައި ޒަރޫރީ އެއްޗެހި ގަންނަން ވަރަށް ދަތި."
Have just MVR 575 with me right now. Trying to get the income support allowance since May. Still didn't get anything. Tried to find another job and still hunting. Struggling to pay the bills and buying basic necessities since the prices have increased so much.
— sareyy (@mayramsara) August 23, 2020
އައިޝާ ބުނިގޮތުގައި އޭނާގެ ފިރިމީހާ އަށް އެއް މަހުގެ އިންކަމް ސަޕޯޓް އެޕްރޫވްވެފައި އަދިވެސް ފައިސާއެއް ނުލިބެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ޑިރެކްޓަރު ޝުހާދު އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމްގެ ކުރީކޮޅު ދިމާވި ގޮންޖެހުންތަކާ ހެދި އޭރު ލަސްކަމެއް އުޅުނަސް އެ ކަންކަމަށް ހައްލު ހޯދައި މަސައްކަތް މިހާރު ވަނީ ހަލުވިކޮށްފައި ކަމަށެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި، އޭރު ޑިޖިޓަލް ސިސްޓަމެއް ތައްޔާރުވެފައި ނެތުމާއި މުވައްޒަފުން މަދުވުން އަދި ކޮވިޑްގެ ކޮންޓެކްޓަކާ ގުޅިގެން ބައެއް މުވައްޒަފުން އައިސޮލޭޝަނަށް ދާން ޖެހުން ހިމެނެ އެވެ.
ޝުހާދު ވިދާޅުވި ގޮތުގައި ފުރަތަމަ ތިން މަހުގެ އެލަވަންސަށް އެދި ހުށަހެޅި އެޕްލިކޭޝަންތަކުގެ 99 ޕަސެންޓް މިހާރު ވަނީ ޕްރޮސެސްކޮށްފަ އެވެ. އަދި ނުނިމި ހުރި އެޕްލިކޭޝަންތަކުގެ ތެރެއިން ބޮޑު ބަޔަކީ، އޭނާ ވިދާޅުވީ، ފުރިހަމަ ނުވެގެން އެޕްރޫވް ނުވެ ހުރި އެޕްލިކޭޝަންތައް ކަމަށާއި ލިޔެކިޔުން ހުށަހަޅާ ވަރަކުން އެފަދަ މީހުންނަށް ވެސް އެލަވަންސް ދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެންސްޕާ އިން ފައިސާ ޖަމާކުރަން ބަލާ އިރު އެކައުންޓް ނަމްބަރު ނުވަތަ އެކައުންޓުގެ ވެރިފަރާތުގެ ނަމުގައި މައްސަލައެއް ހުރެގެން އެ ކަންކަން އިސްލާހުކުރަން އަނބުރާ ފޮނުވާލަން ޖެހޭތީ ވެސް އެލަވަންސް ލިބުން ބައެއް ފަހަރު ލަސްވެ އެވެ.
އޭޕްރީލް، މެއި އަދި ޖޫން އަށް، 5،700 މީހަކަށް އިންކަމް ސަޕޯޓް އެޕްރޫވްކުރި އެވެ. ޖޮބް ސެންޓަރުން ޝާއިއުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ތިން މަހަށް އެލަވަންސް ހޯދަން ހުށަހެޅި 17،693 އެޕްލިކޭޝަންގެ ތެރެއިން 11،081 އެޕްލިކޭޝަން އެޕްރޫވްކުރި އެވެ. އެއީ 63 ޕަސެންޓެވެ.
ޝުހާދު ވިދާޅުވީ އެލަވަންސް ނުދޭން ނިންމި އެޕްލިކޭޝަންތައް ފުރަތަމަކޮޅު ގިނަޔަސް، އެޕްރޫވްކުރި ނިސްބަތް މަހުން މަހަށް އިތުރުވެ ޖޫން މަހު 70 ޕަސެންޓަށް އަރާފައިވާ ކަމަށެވެ. ފަށައިގަތް އިރު އެ އަދަދު ދަށްވި އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އޭޕްރީލް މަހު ގިނަ މީހުންނަށް 5،000 އަށް ވުރެ މަތިން މުސާރަ ލިބިފައި ހުރުމެވެ. އިންކަމް ސަޕޯޓަށް އެދި އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނެވެ.
އިންކަމް ސަޕޯޓު ހޯދަން އެންމެ އުނދަގުލީ ނުރަސްމީ މަސައްކަތްތަކުން އާމްދަނީ ހޯދަމުން އައި މީހުންނަށެވެ. މިސާލަކަށް، ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ އަންހެނުންނާއި ކޮންޓްރެކްޓެއް ނެތި މަސައްކަތްކޮށްދޭ ފްރީލާންސަރުންނެވެ. ހާއްސަކޮށް، މުޅިން ވެސް ނަގުދު ފައިސާ އިން މުއާމަލާތްކުރަމުން އައި މީހުން އަތަކު، ހުށަހަޅާނެ ލިޔެކިޔުމެއް ނުހުރެ އެވެ. ހައްވައަކީ އެފަދަ މީހެކެވެ.
ރޮށި ފިހެ ފިހާރައަކަށް ލައިގެން ހައްވަ އަށް ދުވާލަކު ލިބެމުން އައި 200 ރުފިޔާ މިހާރު 80 ވަރަކަށް ރުފިޔާ އަށް ދަށްވެއްޖެ އެވެ. ކޮވިޑާ އެކު ޑިމާންޑު ވެއްޓުނީ އެވެ. ސްކޫލްތައް ބަންދުވެ، އޮފީސްތަކަށް ދިޔުން މަދުވެފައިވާތީ ވެސް، ކަންމަތީ ފިހާރަ އިން އަވަސް ނާސްތާއެއް ގަނެލާނެ މީހުން މިހާރު މަދެވެ.
"[އިންކަމް ސަޕޯޓަށް] ލާން އުޅުނިން. އެކަމަކު ހުރިހާ އެއްޗެއް ހަމަނުވާތީ އެކަން ނުވީ،" ހައްވަ ބުންޏެވެ.
އިންކަމް ސަޕޯޓު ދިނުމުގެ އުސޫލު ކުރިން އޮތް ގޮތުން ޑޮކިއުމެންޓް ހަމަނުކުރެވޭ މީހުން ވަރަށް ގިނަވި ކަމަށް ޖޮބް ސެންޓަރުން ވެސް ބުންޏެވެ. އެކަމަކު އުސޫލަށް ބަދަލު ގެނެސް، ލިޔެކިޔުމުގެ ޝަރުތުތައް ވަނީ ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ. ޝުހާދު ވިދާޅުވި ގޮތުގައި މި ހާލަތު އައި އިރު ވަޒީފާއެއްގައި އުޅުނުކަން ނުވަތަ އާމްދަނީއެއް ލިބެމުން އައިކަން ކިތަންމެ ކުޑަ މިންވަރަކުން ސާބިތުކޮށްދިނަސް، ތެދު މައުލޫމާތު ދޭން އެ މީހަކު ވާ އިގުރާރަށް ބިނާކޮށް، އެލަވަންސް ދޭނެ އެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ކޭކު އަޅާ މީހަކަށް ފައިސާ ޓްރާންސްފާކޮށްފައި ހުންނަ ސްލިޕްތަކާއި އެފަދަ މީހުންގެ ސޯޝަލް މީޑިއާ ޕްރޮފައިލާއި ރަށްރަށުގައި ހެދިކާ ހަދައިގެން ވިއްކާ މީހުންނަށް ކައުންސިލުން ދޭ ސިޓީ އަށް ބަލާފައި ވެސް އެޕްލިކޭޝަންތައް އެޕްރޫވްކުރަމުންދާ ކަމެވެ. ހުޅުމާލޭ ހޮޓަލަކަށް ހެދިކާ ވިއްކައިގެން ކުއްޔާއި ހުރިހާ ހަރަދެއް ބަލަހައްޓަމުން އައި އާއިލާއަކުން، ހޮޓަލުން ކޮށްފައި ހުރި އިންވޮއިސްއެއް ނުވަތަ ދެ ފަރާތުން މުއާމަލާތުކުރި ކަމުގެ ލިޔުމެއް ހޯދިޔަސް އެންމެ ރަނގަޅު ކަމަށް ލަފާދީފައިވާނެ ކަމަށް ވެސް ޝުހާދު ވިދާޅުވި އެވެ.
"ހުރިހާ ޑޮކިއުމެންޓެއް ހަމަ މަޖުބޫރޭ ބުނާ ގޮތަކަށް ނޫން އަޅުގަނޑުމެން މި ގެންދަނީ. އަޅުގަނޑުމެންގެ ފުރަތަމަ ޕޮލިސީއަކީ ވީހާ ވެސް ގިނަ ބަޔަކު އުސޫލަށް ފެއްތޭތޯ ބެލުން. ރިޖެކްޓްކުރެވޭތޯއެއް ނޫން ބަލަނީ،" އޭނާ ވިދާޅުވި އެވެ.
"ހަގީގަތަކީ ވަރަށް ގިނަ ބޭފުޅުން ވަރަށް ދަތި ހާލަތުގައި މިހާރު މި އުޅެނީ. އެހެންވީމާ އަޅުގަނޑުމެންނަށް ހިތްހަމަޖެހުމަކަށް ވާނީ ވީހާ ވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުން."
ޖުލައި އާއި އޮގަސްޓަށް އިންކަމް ސަޕޯޓް އެލަވަންސް ހޯދަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮތީ ހުޅުވާލައިފަ އެވެ. ސަރުކާރުން އިންކަމް ސަޕޯޓް ކުރިއަށް ގެންދަން އަދި ހަމަޖައްސާފައި އޮތީ ސެޕްޓެމްބަރާ ހަމައަށެވެ. އެކަމަކު ކޮވިޑާ އެކު ފުނޑިގެންދިޔަ ބޮޑު ޓޫރިޒަމާއި ކުދި ވިޔަފާރިތައް މި އަޑިގަނޑުން އަރައިގަންނަން މަދުވެގެން ވެސް އެތައް މަހެއް ނަގާނެ ކަމަށް ބެލެވޭ އިރު ބަލީގެ ދެވަނަ ރާޅެއް މި އޮތީ ނަގައިފަ އެވެ. އެ ކަމާ ގުޅިގެން ހިފެހެއްޓުންތައް އެބަ އާދެ އެވެ. އަދި އަނެއްކާވެސް ބޮޑު ބަންދަކަށް ދާން ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ. އެހެންކަމުން ކުރިއަށް ހުރީ އަދި މިއަށް ވުރެ ވެސް ދަތި ދުވަސްތަކަކަށް ވުން ގާތެވެ.
"ދަރިން ލިބެން ތައްޔާރުވެފައި ތިއްބާ ވަޒީފާ ގެއްލިގެންދިޔަ އެތައް ބަޔަކު ވެސް އަޅުގަނޑު ދަންނަން. އެ މީހުންނަށް ކުރެވޭނެ އިހުސާސްތައް ހިތަށް ވެސް ނުގެނެވޭ،" އައިޝާ ބުންޏެވެ.
ހައްވަ، މި ހާލަތުގެ ކުރިން ބިލްތައް ދައްކަމުން އައީ ފިހާރައެއް ހިންގަން އޭނާގެ ގެއިން ކުއްޔަށް ދީފައި ހުރި ތަންކޮޅަކުން ލިބޭ 10،000 ރުފިޔާ އިން ބައިއެޅުމުން އޭނާ އަށް ޖެހޭ 5،000 ރުފިޔާ އިންނެވެ. ކޮވިޑްގެ ބަންދާ އެކު އެ ތަނުގެ ވިޔަފާރި ދަށްވެ، ކުއްޔަށް ހިފައިގެން އުޅުނު މީހާ ތަން ދޫކޮށްލުމުގެ ކުރިން ހަތަރު މަހަށް ކުލި ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދޭން ޖެހުނެވެ. އޭގެ ވެސް ދެބައިކުޅަ އެއްބައިގެ ގޮތުގައި ހައްވަ އަށް ލިބުނީ 2،500 ރުފިޔާ އެވެ. މިހާރު ހައްވަ އުޅެނީ ކުރީގެ އަގުގައި އެ ތަން ކުއްޔަށް ހިފާނެ މީހަކު ނުވެގެންނެވެ.
"އަސްލު މި ބަލަނީ ސްކޫލް ހުޅުވުނީމަ [ރޮށީގެ ވިޔަފާރި] ރަނގަޅުވާނެ ކަމަށް. އެހެން ހީކޮށްލައިގެން ހުންނަނީ. ދެން މި ކަންތައް ރަނގަޅުވީމަ އޯކޭ ވާނެ ކަމަށް،" ހައްވަ ބުންޏެވެ.
"އަވަހަކަށް ރަނގަޅެއް ނުވެސް ވާނެ. މި އަންނަ އަހަރު ކަންނޭނގެ ވާނީ. ދެން ފުއްދާލައިގެން އުޅެވޭތޯ މި ބަލަނީ."
އަސްލު ނަމުގެ ބަދަލުގައި އެހެން ނަމެއް ބޭނުންކޮށްފައި އެވަނީ، އިންޓަވިއު ދިން މީހުންނަކީ ކޮން ބައެއްކަން ހާމަކުރަން ބޭނުންނުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
28 August 2020
ދެން ކޮސްނުގޮވާ ކަލޭމެން ވެސް ...
ދަރަނި ދަންތުރަ
28 August 2020
ކީއްވެގެންތޯ ދިވެހިންގެ އަތްމަތިދަތިވާންވީ އޯގާތެރި ސެލްފީ އިބޫ ރައީސް ނޫންތޯ އެހެރީ ޖަޒީރާވަންތަ ދިރިއުޅުން ނޫންތޯ ގިނަދިވެހިން ބޭނުންވީ އެޖެންޑާ 19 ގެ ތަފާތު ނޫންތޯ މިފެއްނަނީ ހުރިހާ ދިވެހިން އުފަލުން ނަށަންވީ ނޫންތޯ ހާދަހާ ޖަޒީރާ ވަންތައޭދޯ
ދަރަނި ދަންތުރަ
28 August 2020
މިހާރު ނޫހުން މިކަހަލަ ބުހުތާން ރިޕޯޓު ލިޔަނީ ކިއްވެބާ ؟ ދިވެހިން ވަރަށް ޖަޒީރާވަންތަކޮން މިއުޅެނީ އެއްއިރު ކެއިއްޔާ އަނެއްއިރު ނުކައި ލެޑު ލައިޓުތަށް އުކާލާފަ ފުޅި ބައްތި ދިއްލައިގެން ކިހާސަޅިތޯ މިހާރުގެ މިދިރިއުޅުން ، ޔާމީނުގެ ވެރިކަމުގައި ދިވެހިން ކޮންފަދަ ނިކަމެތި ހާލެއްގައިތޯ އުޅުނީ މިއަދު ދިވެހިން ޖީބުތަށް ފުރިފައި މިހުރީ ސްޓާލިންގ ޕައުންޑުން އިނގޭތޯ ކީއްކުރާ ދިވެހި ރުފިޔާއެއްތޯ އައްޗީ... މިކޮމެންޓު ޖަހާނެބާ
އިސްމާލު
26 August 2020
މިދަނޑިވަޅުގައިވެސް މީރާއިން އުޅެނީ ޖުރުމަނާ މައްޗަށް ޖުރުމަނާ ނެގޭތޯއެވެ. ވިޔަފާރިވެެިންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއްދޭންވެސް ނުވިސްނައެވެ.
މުސާރަ
25 August 2020
ސަރުކާރުގެ ބޯޑެތި މުސާރަތައް ކުޑަވާންޖެހޭ
ޢުނބު ޝޭމް
25 August 2020
ކައިރީ އުޅޭ މީ ހުންނަކަށް ނޫން އޭނާ ނަފާ ހޯދަނީ. ޖީއެ މްއާރު ތަންތަނަށް އެޔާޕޯޓާ ތަންތަން ވިއްކާގެން ހޯދި ލާރިން ފުރީ އަ މިއްލަ ބެންކު އެކައުންޓު. ޢެހެން ނޫނީ ކިހިނެއް އެހާދުވަހުޔޫކޭގަ މައި ބަދަބިދިގެން މަސަތްކަތެއް ނުކޮއް ދަރިން ސްކޫލަށް ލައިގެން އުޅޭނީ. ޢަނެއްކާ އަނެއްބުރަށް ޔޫކޭ ގަމައި ބަދަބިދިގެން އުޅޭ ނެ ލާރި މިހާރު އެހޯދަނީ
ހޯގުޅާ
25 August 2020
ސަރުކާރުން ފެންބިލާ ކަރަންޓް ބިލު ތައް ފުރީކޮށްދޭށްވީ ވަގުތު މީ. އުރީދޫއާއި ދިރާގުން އިންޓަރނެޓް އަގުހެޔޮކޮށްދޭށްވީ. ކުށްޔަށް ދީފަ ހުރި ތަންތާގެ ވެރިން އެތަންތަނުގެ ކުލި ކުޑަކޮށްދޭށްވީ. އޭރުން ރަށްއިތުން ނަށް ހަމަ ނޭވާލައިގެން ކޮންމެ ވެސ ވަރަކަށް އުޅެވޭނި
ޙިނި
25 August 2020
ތި ޑައިގުރަމް ނެރުނުލެއް އަވަހީ މީގެން ވެރިޔަކު މަސައްކަތް ތެރިންނާ ހާލުބަލާލަން ބައްދަލުވެސް ކޮއްނުލާ.
ދި ކޮމެންޓާރ
25 August 2020
މި ޙަބަރު ހަމަ ކިޔާ ނިމުނުތަނާ ލޭންޑް ލައިންއަކުން ގުޅާފި ސްޓެލްކޯއިންނޭ ކިޔާފަ... ބިލް ނުދައްކާ އަދި ކަރަންޓް ކަނޑާ ލިސްޓްގެ ނަން އިނީމަ ކަމަށްވަނީ.. މި މަހުގެ 30 ގެ ކުރިން ބިލް ނުދައްކާ ފިއްޔާ ކަރަންޓް ކަރަންޓް ކަނޑާލާނެކަމަށް ބުނި..އެކަންވެސް ގަބޫލް ކުރަން އަހަރެން އަދި ބިލްވެސް ދައްކަންޖެހޭ އެއްޗެއްކަން އިނގޭ..ނަމަވެސް ނޯޖޮބް ފޯ 5 މަންތްސް ނައު...މިހާރު ކައިބޮއެ މިއުޅެނީ ރައްޓެހިން އަތުން ކުދި ލޯން ނަގައިގެން... ސަދަގައްލޯ ހުލްއަލީމް...
ޚިޔާލު
25 August 2020
މާލޭގައި އުޅޭ ރާއްޖެތެރޭ މީހުން އަވަހަށް އެމީހެއްގެ ރަށަށް ދަތުރު ފަށަންވީ. ކޮންމެ މީހަކު ވަޒީފާގައި އުޅޭކަށް ނުޖެހޭ. ރަށަށް ގޮސްފައި މަސްބާނާލައިގެން ނޫނީ ދަނޑުވެރިކަން ކޮށްގެން ވެސް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ހޯދަންވީ. ހުދު ގަމީސް ލާފައި، ޓައީ އަޅާފައި ނޫނީ ރީތި ޓޮޕް ލައިގެން އޮފީހަށް ދިއުމުގެ ބޭނުމެއް މިހާރު ނެތް. ދީނުގައި ވެސް އަންގަވާފައިވަނީ ނަމާދު ނިމުމުން ބިންމަތީ ފެތުރިގަނެ މަސައްކަތް ކުރުމަށް. ހަލާލު ކޮންމެ މަސައްކަތަކީ ރަގަޅު މަސައްކަތް