ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތުގައި އުންމީދީ ކާމިޔާބީތަކެއް ލިބެމުން އައި ނަމަވެސް އަދިވެސް ވަރަށް ގިނަ ދުވަހު އިންތިޒާރުކުރަން ޖެހިދާނެ
02 ސެޕްޓެމްބަރ 2020 - 09:01
ކޮވިޑް-19 ފެތުރޭކަން އެނގުނުތާ މި ވީ އަށް މަހެއްހާ ދުވަހުގެ ތެރޭގައި 25 މިލިއަން މީހުންނަށް މި ބަލި ޖެހިއްޖެ އެވެ. މި ރޭޓުން ބަލާ ނަމަ ދުވާލަކު އެއް ލައްކަ އަށް ވުރެ ގިނަ މީހުންނަށް މި އަންނަނީ ބަލި ޖެހެމުންނެވެ. މަޑުޖެހުމެއް ނެތެވެ. ބަލީގެ ނުރައްކާ ވެސް ކުޑައެއް ނުވެ އެވެ. ބަލި ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ގޮތުން ދުނިޔޭގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިފައި ވާއިރު އޮތް އުންމީދަކީ ވެކްސިނެކެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ވަރަށް ފަސޭހައިން ފެތުރޭތީ އާއި މި ވައިރަހަށް އިންސާނުން އާ ވުމުން މިއީ އަދިވެސް ވަރަށް ނުރައްކާ އަދި ހަގީގަތް ސާފުނުވާ ވައިރަހެއްގެ ގޮތުގައި ބަލަން ޖެހެ އެވެ. ވެކްސިނެއް މުހިންމުވާ ސަބަބަކީ، މި ވައިރަހަށް ހަށިގަނޑު ހާނުވައި، ހަށިގަނޑަށް ވައިރަސް ވަން ކަމުގައި ވިޔަސް މާ ބޮޑު ބައްޔަކަށް ނުވެ ސަލާމަތްވާނެ މަގު ފަހިކުރުމެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތައް ލޮކްޑައުންކުރުން ނިމުމަކަށް ގެނައުމަށާއި ގައިދުރުކަން ބެހެއްޓުމަށް އޮންނަ މަޖުބޫރީ ހާލަތަށް ލުޔެއް ގެންނަން ބޭނުން ނަމަ ވެކްސިނަކުން ނޫނީ އަދި އުންމީދެއް ނެތެވެ.
ކޮވިޑް-19 އަށް ރަޝިޔާ އިން އުފެއްދި ވެކްސިން
ރަޝިޔާ އިން މިހާރު ވަނީ ވެކްސިނެއް އުފައްދައި އެ ބޭނުންކުރުމުގެ ހުއްދަ ވެސް ދީފަ އެވެ. އެކަމަކު ވެކްސިން އުފެއްދުމުގައި އަމަލުކުރަން އޮންނަ މިންގަނޑުތައް ދޫކޮށްލައި، ކުރު މަގެއް އިޚްތިޔާރުކޮށްގެން އުފެއްދި މި ވެކްސިނާ މެދު އެހެން ގައުމުތަކުން އުފައްދާ ޝައްކު ބޮޑެވެ. ނަމަވެސް ރަޝިޔާ އިން ބުނަނީ ޝައްކު އުފައްދަން ޖާގައެއް ނޯންނާނެ ކަމަށާއި އެހެން ގައުމުތަކަށް ރަޝިޔާގެ ޓެކްނޮލޮޖީ ނޭނގެނީ ކަމަށެވެ.
އެކި ގައުމުތަކުގައި އަންނަނީ ވެކްސިންގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރަމުންނެވެ. މީގެ ތެރޭގައި އުފެއްދުމުގެ އެންމެ ކުރީ މަރުހަލާގައި 140 ވެކްސިނެއް އެބަ އުޅެ އެވެ. އަދި ކްލިނިކަލް ޓްރަޔަލްސްތަކުގައި، އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރުމުގެ މަރުހަލާގައި ވެސް ވިއްސަކަށް ވެކްސިން އެބަ އުޅެ އެވެ.
- އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިނުން ކޮވިޑް-19 އާ ދެކޮޅަށް ހަށިގަނޑުން އިމިއުން ރެސްޕޯންސް އުފައްދާކަން ވަނީ ސާބިތުވެފައި. މީގެ އެތައް ސަތޭކަ މިލިއަނެއްގެ ވެކްސިން އުފެއްދުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފައި.
- އެމެރިކާގައި މެއި މަހު އަށް މީހަކަށް ދިން އަޖުމަ ބެލުމުގެ ވެކްސިނަކުން އެނގިފައިވާ ގޮތުގައި، ކޮވިޑް-19 ޖައްސާ ވައިރަސް ހަށިގަނޑުން ނައްތާލެވޭ ވަރަށް އެ ވެކްސިނުން ވެސް އިމިއުން ރެސްޕޯންސް އުފައްދާ
- ޗައިނާގައި އުފައްދާފައިވާ ވެކްސިނެއް ވެސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ކަމާއި އެ ވެކްސިން ރައްކާތެރި ކަމަށް ވެސް މިހާތަނަށް ވަނީ ބެލެވިފައި، މި ވެކްސިން ޗައިނާގެ އަސްކަރިއްޔާގެ އެތައް ބަޔަކަށް ވަނީ ދީފައި.
- ވެކްސިން އުފެއްދުމުގައި މުޅިން އާ ގޮތްތައް ވެސް މި ހާލަތުގައި އަންނަނީ ބޭނުންކުރަމުން.
ވެކްސިން އުފެއްދުމުގައި އުންމީދީ ކުރިއެރުންތަކެއް ހޯދަމުން އައި ނަމަވެސް މި ވެކްސިންތަކުން ބަލި ކޮންޓްރޯލްކުރުމުގައި ކާމިޔާބުވާނީ ކިހާ ވަރަކަށް ކަމެއް ޔަގީންކަމާ އެކު ބުނަން އަދިއެއް ނޭނގެ އެވެ.
މޮޑާނާ ކުންފުނިން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތުގައި
އާންމު ހާލަތުގައި ވެކްސިނެއް އުފެއްދުމަށް އެތައް އަހަރެއް ނުވަތަ ދިހަ ވަރަކަށް އަހަރު ވެސް ނަގަ އެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން މިހާރު ބުނަމުން އަންނަނީ މި ހޭދަވާ އަހަރުތަކުގެ ތެރޭގައި ކުރަން ޖެހޭ ކަންކަން، މަދު މަސްތަކެއްގެ ތެރޭގައި ވެސް ކުރެވިދާނެ ކަމަށެވެ.
މިކަމުގެ ތަޖުރިބާކާރު ގިނަ ބޭފުޅުން ވިދާޅުވަނީ ދުނިޔޭގެ އެންމެންނަށް ލިބޭ ވަރަށް ވެކްސިން އުފައްދައި އާންމުކުރެވޭ ވަރު ވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. މިއީ ކޮވިޑް-19 ގެ ވައިރަސް އެންމެ ފުރަތަމަ ފެނުނުތާ 12-18 މަސް ދުވަސް ފަހެވެ.
އިންސާނުންގެ ތެރޭގައި މިހާރުވެސް ދަނީ ކޮރޯނާވައިރަހުގެ ހަތަރު ވައްތަރެއް ފެތުރެމުންނެވެ. މިއިން ކޮންމެ ވައިރަހަކުން ވެސް އަރިދަފުސް ރޯގާގެ އަލާމާތްތައް މެދުވެރިކުރުވަ އެވެ. މިއިން އެއްވެސް ވައިރަހަކަށް ވެކްސިނެއް ނެތެވެ.
ވެކްސިން އުފައްދަން މަސައްކަތްކުރާ މީހުން ކެނޑިނޭޅި މަސައްކަތް އެބަ ކުރެ އެވެ. އެކަމަކު އަދިވެސް ގިނައީ ކުރަން ހުރި މަސައްކަތެވެ.
- މިހާރު ކުރިއަށް ގެންދާ ޓްރަޔަލްތަކުން ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހެ އެވެ. ބަލި ޖެހުމުން އޮންނަ ނުރައްކަލަށް ވުރެ ވެކްސިންގެ ސަބަބުން ކުރިމަތިވާނެ ނުރައްކާ ބޮޑުވެގެން ނުވާނެ އެވެ.
- ވެކްސިނުން އިމިއުން ރެސްޕޯންސް އުފައްދާ ކަމާއި ވައިރަހުގެ ސަބަބުން ބަލި ނުވާ ވަރަށް އިމިއުން ވޭތޯ ޔަގީންކުރަން ޖެހެ އެވެ.
- މިފަދަ ބައްޔަކަށް ވެކްސިނެއް އުފައްދާއިރު، އެތައް ބިލިއަން ބަޔަކަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދޭނެ ގޮތެއް ވެސް ހޯދަން ޖެހެ އެވެ.
- ވެކްސިން ދޭން ފެށުމުގެ ކުރިން ސިއްހީ އިދާރާތަކުން ވެކްސިނަށް ހުއްދަ ވެސް ދޭން ޖެހެ އެވެ.
- މީހުންނަށް ވެކްސިން ދިނުމަށް ހިންގަން ޖެހޭ ޕްރޮގްރާމްތައް ރޭވުމާއި އެކަން ތަންފީޒުކުރުމަކީ ބޮޑު މަސައްކަތެކެވެ. ބައްޔެއް ފެތުރުން ކޮންޓްރޯލްކުރުމަށް އާބާދީގެ 60-70 ޕަސެންޓް މީހުން ބައްޔަށް އިމިއުން ވާން ޖެހޭނެ ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. މިއީ ހާޑް އިމިއުނިޓީ އެވެ. އެކަމަކު މި އަދަދު ހާސިލްކުރުމަށް އެތައް ބިލިއަން ބަޔަކަށް ވެކްސިން ދޭން ޖެހޭނެ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ގައުމުތައް ލޮކްޑައުންކުރުމަކީ ވެސް ވެކްސިންގެ ކާމިޔާބީ ބެލުމުގެ މަސައްކަތް ލަސްވާ ސަބަބަކަށް ވަނީ ވެފަ އެވެ. ވެކްސިން މަސައްކަތްކުރާކަން ޔަގީންކުރުމަށް މީހުންނަށް ބަލި ޖެހެން ވެސް ޖެހެ އެވެ. "ޗެލެންޖް ސްޓަޑީ" ނުވަތަ ވެކްސިން ދިނުމަށް ފަހު ގަސްދުގައި ބަލި ޖެއްސުމަކީ ގެންގުޅޭ ވިސްނުމެކެވެ. އެކަމަކު މިއީ ކުރަންވާ ވަރަށް ވުރެ ނުރައްކާ އަދި ނުރަނގަޅު ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
މިއީ މާ ބޮޑު ސުވާލެއް ވެސް ނޫނެވެ. ވެކްސިނެއް އުފެއްދިއްޖެ ނަމަ އެންމެ ފުރަތަމަ ދޭ ބަޔަކަށް ވާނީ ސިއްހީ ހިދުމަތްތެރިންނެވެ. ބަލީގައި އެންމެ ނުރައްކާވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވާތީ އެ މީހުންނަށް ވެސް އިސްކަން ދޭނެ އެވެ.
ވެކްސިންގެ ސަޕްލައި އިތުރުވަމުން ދިޔަ ވަރަކަށް އާބާދީގެ އެކި އުމުރުފުރާތަކަށް އަދި ބަލީގެ ނުރައްކާ ވަޒަންކުރާ މިންގަނޑުތަކަށް ބަލައިގެން ވެކްސިން ދެމުން ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މމމމަމމފެހިފަތް
02 September 2020
ވެކްސިން ބޭނުންކޮންމެމީހަކަށް ހިލޭ މިރާއްޖެއިންވެސް އެބަލިބޭ ހަމައެކަނި ޕޮޒިޓިވް ވީމަނިމުނީ ސާދަދުވަސްފަހުންއެމީހަކީ ސޭފްޒޯންގަހުރިމީހަކަށްމިވަނީ އެއްވެސް ޓެސްޓެއްހަދާކަށްދެންނުޖެހޭ، އަދިކަރަންޓީނަކަށްވެސް ދެންދާކަށްނުޖެހޭ،،،،ކިހާބޮޑު ނިޢުމަތެއްމިއީ...
ބާބާ
02 September 2020
ޕޮޒިޓިވް ވިކަން ޔަގީންވެސް ކުރަންޖެހޭތާ. ތިފެސިލިޓީޔަކަށް ގެންގޮސް ދޫކޮށްލާތާ އެތައް ދުވަހެއްގެ ފަހުން ކޮވިޑްޖެހިގެން އައިސީޔޫގައިވެސް އެބާއްވަނީ.
ދުންދަނޑި
02 September 2020
"އޮކްސްފޯޑު ޔުނިވާސިޓީއިން އުފައްދާ ވެކްސިން".......، ދެން އުޅެނީ އެމެރިކާ "ބަޔަކު" ހަދާ ވެކްސިނަކާއި ޗައިނާ "ކޮންމެވެސް ބަޔަކު" ހަދައިގެން އުޅޭ ވެކްސިނަކާއި، ރަޝިޔާގަ "ބަޔަކު" އުފެއްދި ވެކްސިނެއް. ހެހެހެ. ޕުރޮޕެގެންޑާ.
ހެރިޓޭޖް ޓިންޓިން (މިސުރުވާ)
02 September 2020
އުފައްދާ ވެކްސިން ކައްޓަކުން ހަށިގަނޑު ތޮރުފާލައިގެން ޖަހާ ބާވަތުގެ ވެއްސިނަކަށް ވުރެ ދިރުވާލައިގެން ނުވަތަ ފުރަގަސް ފަރާތަށް އުނގުރި އެއްގެ ސިފާގައި ޖަހާލައިގެން ބޭނުން ކުރެވޭ ބާވަތުގެ އެކްސިނަކަށް ވުން ވަރަށް މުހިންމު. އޭރުންތާ އަހަރެމެން ކަހަލަ ކަށިޖަހަން ބިރުގައްނަ ކުދިންނަށް ވެސް ބިރަކާނުލާ ވެއްސިނުގެ ބޭނުން ހިފޭނީ.
ބުރަކި
03 September 2020
ެޔައްވުރެ ވެކުސިނުން ވަސްބަލާލައިގެން ހަމަޖެހޭނެ ގޮތެއް މާރަންގަޅު