ރިޕޯޓް

ރަށަށް ތިޔަ ދަނީ ކޮވިޑް ހިފައިގެންތަ؟

މާލޭގެ ބަނދަރުގައި އަޅާފައި ހުރި ދޯނިފަހަރުތައް: ރަށްރަށަށް ދާއިރު، ކޮވިޑު ފެތުރިދާނެ ކަންކަމަށް ރައްކާތެރިވާންޖެހޭ.

28 ސެޕްޓެމްބަރ 2020 - 22:36

3 comments

ރަށް ކައިރި ސަރަހައްދުން ވަދު މަސްވެރިކަން ކުރާ މަސްވެރިން، ފަތިސްނަމާދު ކޮށްގެން އެ މީހުންގެ ދޯނިތަކާއި ޑިންގީތަކުގައި ފުރައިފި އެވެ. ރޭނުމާއި ސިމެންތި ޖެހުން ފަދަ މަސައްކަތްތައް ރަށުތެރެއިން ހޯދައިގެން ކުރާ މީހުން އިރުއެރުމާ އެކީ މިސްރާބު ޖެހީ ސައިހޮޓާތަކަށެވެ. މަސައްކަތެއް ކޮށްލާނެ މީހަކު ހޯދަން ބޭނުންވާ މީހުން ވެސް އެއްވީ އެތަން ތަނަށެވެ. އޮފީސްތަކަށް ދާ މީހުން އެ ގަޑީގައި ތިބީ ކަސްރަތު ކުރާށެވެ. ހަށިގަނޑުގައި ވަރުޖައްސާލާ، ގައިގެ ރިހުންތަކަށް ލުޔެއް ހޯދަން، އުމުރުން ދުވަސްވީ މީހުން އެރުނީ މޫދަށެވެ. ގޭގޭގައި އަންހެނުން ބުރަކޮށް އުޅެނީ ކުދިން ސްކޫލަށް ގެންދަން ތައްޔާރު ކުރާށެވެ.

މިއީ، ކޮވިޑް-19ގެ ކޭހެއް ނުފެންނަ ރަށެއްގެ އާއްމު ހާލަތެވެ. މި ރަށުގައި މިއޮތް އުފާވެރިކަމާއި ހިތްފަސޭހަކަން ތަސައްވަރު ކޮށްލާށެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް، ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑް-19 މުޅި ދުނިޔޭގައި އަދިވެސް ހަލުވިކަމާ އެކު ފެތުރެމުންދާއިރު، މި ރަށުގެ މީހުންނަށް ހިތްފަސޭހަކަންމަތީ އަދިވެސް މި ތިބެވުނީ އެމީހުންގެ ހުރި ހެޔޮ ސިފަތަކަކާއި އުސޫލުތަކެއްގެ ސަބަބުންނެވެ. ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގައި ތިބި އެ ރަށުގެ މީހުން، ފުރިހަމައަށް ތަބާވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށެވެ.

ދަތުރުވަރެއްގައި މާލެ އައިސް މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރަށަށް ދާން ޖެހުނު މީހުން ދިޔައީ ފުރަބަންދު ހޯމް ކަރަންޓީނުގެ އުސޫލުތައް ފުރިހަމައަށް ތަންފީޒު ކޮށްގެންނެވެ. ކެތްތެރިކަމުގެ ލާމަސީލު މިސާލެއް އެ މީހުން ދެއްކި އެވެ.

ހިތާމައަކީ، ހުރިހާ ރަށެއްގެ އެންމެން މިގޮތަށް ކަންކަން ނުކުރާތީ އެވެ. ކެތްތެރިކަން ކުޑަވެ، ގައިޑްލައިންތަކާ ހިލާފުވާތީ އެވެ. ހޯމް ކަރަންޓީނުގައި ހުރެފައި އެ މުއްދަތު ހަމަވެގެން ސާމްޕަލް ދިން އެކަކު އޭގެ ނަތީޖާ ނުލިބެނީސް ގެއިން ނުކުތް މައްސަލަ އެއް ރަށެއްގައި ފެންމަތިވި އެވެ. އެ ވަގުތުން ފެށިގެން އެ ރަށަށް އަރައި ފޭބުން ޖެހުނީ މަނާކުރާށެވެ. ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި ނެތް މިނިވަންކަމުގައި ތިބި އެ އާބާދީގެ އާއްމު ހާލަތު އެހިސާބުން ގެއްލުނީއެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެމީހުން އުޅެން ޖެހުނީ ހާއްސަ ހާލަތެއްގަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންއެއްގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މަދުން ނަމަވެސް އެގޮތަށް ކަންތައް ހިނގާ ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

"މަދުން ނަމަވެސް ފުރަބަންދު ކަރަންޓީނުގައި ތިބޭ މީހުން ނުވަތަ ކޮންޓެކްޓް ވެގެން ފާހަގަވާ މީހުން ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ އެންގުންތަކާ ގައިޑްލައިންތަކާ ހިލާފުވާކަން. މިގޮތަށް އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން ތިމާގެ ރަށަށް, މާނައަކީ ތިމާގެ އާއިލާ އާއި ގާތް ރަށްޓެހިންނާ އަވަށްޓެރިންނާ އަދި ރަށުގެ އެހެން މީހުން ވެސް ނުރައްކަލަށް އެބަ ހުށަހެޅޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ، ރަށްރަށް މޮނިޓަރިން ހާލަތަށް ގެނައުމުން ކުރިމަތިވާނެ ދަތިތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ރަށެއްގައި ކޮވިޑް ފެތުރިއްޖެ ނަމަ އެއަށް ވުރެ މާ ބޮޑު ނުރައްކަލެއް އެބަ އޮތެވެ. އެއީ، ރަށެއްގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެބަލި ޖެހި، ހާލު ސީރިއަސްވުން ނުވަތަ އެންމެ ހިތާމަވެރި ގޮތް މެދުވެރިވުމުގެ ނުރައްކަލެވެ. ފެންނަން އޮތް އަނެއް ހަގީގަތަކީ، ކޮވިޑް-19ގެ ނުރައްކާ ބޮޑީ ހަމައެކަނި މިކެޓަގަރީގެ މީހުންނަށް ނޫން ކަމެވެ. ކިތަންމެ ޒުވާން، ގައިބާރު ހުރި މީހަކަށް ވެސް އެއީ ހަމަ ނުރައްކާތެރި ބައްޔެކެވެ. އަލާމާތްތަކަށް ސަމާލު ނުވެވި، އެ ހާލަތުގައި ދޭން ޖެހޭ ފަރުވާ ނުދެވިއްޖެ ނަމަ ޒުވާނަކަށް ވެސް ދެރަގޮތެއް ދިމާވެދާނެ އެވެ.

ނަމަވެސް ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ސަބަބުން ތަހައްމަލުކުރަން ޖެހުނު ހިތްދަތި ހާލަތަކީ ވެސް، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ވިސްނަން ޖެހޭ ކަމެކެވެ. އޭނާ އެ ވިދާޅުވީ ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ފުރަތަމަ ފެނުމާ އެކު އެ ބަލި ކޮންޓްރޯލް ކުރަން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ވާހަކަ އެވެ. އޭރު މާލޭގައި ތިބި އެންމެން ޖެހުނީ ގެއިން ނުނިކުމެ ތިބޭށެވެ. މާލެ އަށް ދަތުރުކުރަން ޖެހޭ މީހުންނާއި މާލޭން އެހެން ތަންތަނަށް ދަތުރުކުރަން ޖެހޭ މީހުން ވެސް ތިބީ ތާށިވެފަ އެވެ. މިހާރު އޮތް ވަރަށް ފިޔަވަޅުތަކަށް ލުއި ދިނީ އެ ގޮތުގައި ތިން މަސްދުވަސް ހޭދަވުމަށް ފަހުގަ އެވެ.

ރަށްރަށުގައި މިހާރު އޮތް އާއްމު ހާލަތު ދަމަހައްޓަން ކޮންމެ މީހަކު ވެސް ސަމާލުކަން ދޭން ޖެހޭ މުހިއްމު އެއް ކަމަކީ ރަށަށް ބަލި ގެންދާ މީހަކަށް ނުވުމެވެ. ރަށުގައި ސިއްހީ ގޮތުން އޮތް އަމާންކަން ނަގާލުން ވާނީ ވަރަށް ބޮޑު އިހުމާލަކަށެވެ. އެގޮތަށް ކަންތައް ކުރެވިގެން، އޭގެ ސަބަބުން ރަށަށް ބަލި ފެތުރިއްޖެ ނަމަ، އަމިއްލަ ނަފުސަށް ކުރެވޭނެ އިހުސާސް ވިސްނާލަން ޖެހެ އެވެ. ގައިޑްލައިންތަކާ ހިލާފަށް، ރައްކާތެރި ނޫން ގޮތުގައި ރަށަށް ގޮސް، އޭގެ ސަބަބުން ރަށަށް ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިއްޖެ ނަމަ ކުރެވޭނެ އިހުސާސް ތަސައްވުރު ކޮށްލަން ޖެހެއެވެ. އެ ހާލަތުގައި، ރަށުން ހާލުބޮޑުވާ ކޮންމެ ބަލިމީހެއްގެ ބަލިހާލުގެ ޒިންމާ ބޭ އިހްތިޔާރުގައި ވެސް އެޅުވޭނީ އަމިއްލަ ބޮލުގައެވެ. އޭގެ ތެރެއިން މީހަކު އެބަލީގައި ދުނިޔެ ދޫކޮށްފި ނަމަ، އެއީ އުމުރަށް ވެސް ނުފިލާނެ ހިތާމައެކެވެ.

ރަށްރަށަށް ކޮވިޑް ފެތުރިއްޖެ ނަމަ އޭގެ ގެއްލުން އޮތީ ބަލިޖެހޭ މީހުންނަށް ނުވަތަ އެރަށްތަކުގެ މީހުންނަށް އެކަންޏެއް ވެސް ނޫނެވެ. އެއީ މުޅި ރާއްޖެ އަށް ވެސް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ކޮވިޑްގެ ކުރިން ވެސް، ދެން ވެސް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަދި ލިބޭނެ އިންޑަސްޓްރީއަކީ ޓޫރިޒަމެވެ. އެއީ އެންމެ ގިނަ ބަޔަކަށް ވަޒީފާ ލިބޭ އިންޑަސްޓްރީ އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުނެވެ. ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުވީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ އިންޑަސްޓްރީ އެ ހިސާބުން ހުއްޓުނީއެވެ. އޭގެ ގެއްލުން އެންމެން މިދަނީ ތަހައްމަލުކުރަމުންނެވެ.

ރާއްޖޭގައި ކޮންމެވެސް ވަރަކަށް ބަލި ކޮންޓްރޯލް ކުރެވުމާ އެކު ބޯޑަރުތައް އަލުން ހުޅުވައިލީ ޓޫރިޒަމް އިންޑަސްޓްރީ އަލުން ހިނގައިގަނޭތޯ، އެކަމުގެ އުއްމީދުގަ އެވެ. ރިސޯޓުތައް ހުޅުވީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އޭގެ ތެރެއިން ބައެއް ފިޔަވަޅުތަކަކީ ޗުއްޓީ ހޭދަކޮށްލަން އަންނަ ޓޫރިސްޓުންނަށް ވެސް ބޮޑު ދައްޗަކަށް ވާ ކަހަލަ ފިޔަވަޅުތަކެވެ. އެކަމަކު، މި ހުރިހާ ކަމެއްގެ އަމާޒަކީ ބަލި ފެތުރިފައިވާ ހާލަތުގައި ވެސް ޓޫރިޒަމް ކުރިއަށް ގެންދިއުމެވެ.

ޓޫރިސްޓުންގެ ސަލާމަތަށް އެފަދަ ފިޔަވަޅުތައް އަޅާފައިވިޔަސް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ، ޓޫރިޒަމަށް އެހާ ބޮޑު ދިރުމެއް ލިބިދާނެ ގޮތަކަށް ނޫންކަން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގަބޫލު ކުރައްވަ އެވެ. ދާދި ދަހުން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުތައް މަދުކުރުން، ޓޫރިޒަމްގެ ކުރިއެރުމަށް، ވަރަށް މުހިންމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެންމެ ހިތްހަމަޖެހޭނީ މިހާރުގެ އަދަދުތައް، އާބާދީގެ ކޮންމެ ލައްކައަކަށް ވިއްސަށް ވުރެ ވެސް ދަށަށް ގެންދެވިގެންނެވެ.

"ޓޫރިޒަމްގެ ކުރިއެރުމަށް ބަލާ ކަމަށް ވަންޏާ އޭރުން ފުދޭ ވަރެއް ކަމަށް ބުނެވޭނީ،" ޑރ. މައުސޫމް ވިދާޅުވިއެވެ.

ރަށަށް ވައިރަސް އުފުލައި، ކޮވިޑް ކޭސްތައް އޮތް ރަށްތަކުގެ އަދަދު އިތުރު ނުކުރުމުގެ މުހިއްމުކަން މިގޮތުން ވެސް ބޮޑެވެ.

ރަށަށް ކޮވިޑް ގެންދާ މީހަކަށް ނުވުމަށް ކުރެވޭނީ ކޮން ކަމެއް؟

ރަށަށް ކޮވިޑް ގެންދާ މީހަކަށް ނުވުމަށްޓަކައި ކުރަންވީ ކަމަކީ، ފުރަތަމަ ދުވަހުން ފެށިގެން އުސޫލުތަކަށް ތަބާވުމެވެ. ކޮވިޑުން ރައްކާތެރިވާން ސިއްހީ މާހިރުން ދޭ ލަފަޔަކީ މިހާރު އާ މައުލޫމާތެއް ނޫނެވެ. އެކަމުގައި ކުރަން އޮތީ އެންމެން ވެސް މިހާރު އެކަންކަމަށް ވަރަށް ބޮޑަށް ހޭނިފައިވާ ކަންތައްތަކެވެ.

އެއް ކަމަކީ، މާލެ ނުވަތަ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ތަނެއްގައި ހުރި ނަމަވެސް ބޭކާރު ގޮތުގައި ބޭރަށް ނުނުކުތުމާއި ބައްދަލުކުރާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމެވެ. ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ގެއިން ބޭރަށް ދާ ނަމަވެސް މާސްކު އެޅުމާއި ރައްކާތެރި ގޮތުގައި މާސްކު އެޅުމަކީ ވެސް ކުރަން ޖެހޭ ކަންތައްތަކެވެ. ގިނަގިނައިން އަތް ދޮވުމާއި ތަންތަނުގައި އަތް ނުކޭއްތުމަކީ މިހާރު ފަރިތަ ކަންތައްތަކެވެ.

ކޮވިޑަށް ޓެސްޓު ކުރުމަށްޓަކައި ސާމްޕަލެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އިއުތިރާޒް ނުކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ކޮވިޑް ފެތުރިފައިވާ ރަށެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން އެއީ އަމިއްލަ ނަފުސަށް ވެސް އޮތް ރަނގަޅެކެވެ. އެއީ އަމިއްލަ ނަފުސުގެ ހާލަތު ހުރި ގޮތް ވަޒަންކޮށްލަން ލިބޭ ފުރުސަތެކެވެ. އަލާމާތެއް ހުރި ނަމަ އެޗްޕީއޭއަށް އަންގައި، ސިއްހީ އެހީތެރިކަން ލިބިގަތުމަކީ ވެސް ހަމަ އެހާ މުހިއްމު ކަމެކެވެ.

ރަށަށް ކޮވިޑް ގެންދާ މީހަކަށް ވުމާއި ނުވުން މިކަންކަމާ ގުޅެނީ ކިހިނެއްތޯ މިހާ ހިސާބުން ސުވާލު އުފެދިދާނެ އެވެ. ޖަވާބު ވަރަށް ކުރެވެ. ވައިރަސް ގެންދާ މީހަކަށް ނުވެ ސަލާމަތް ވެވޭނީ ވައިރަހުން ސަލާމަތްވެ ހުރެގެންނެވެ. ރަށަށް ފުރަން އޮންނަ ވަގުތާ ހަމައަށް ވެސް މާލޭގައި އެއްވެސް ބެލުމެއް ނެތި އުޅޭ ނަމަ ހަށިގަނޑުން އެ ހުޅުވައިލެވުނީ ފުރުސަތެކެވެ. ވައިރަހަށް ފުރުސަތު އެ ދެވުނީ މާލެ އިން ރަށަށް ދާ އުޅަނދަކަށް ތިމާގެ ހަށިގަނޑު ހެދުމަށެވެ.

ހޯމް ކަރަންޓީނަށް ދާ މީހާ އަކީ މާލޭގައި އެއްވެސް ބެލުމެއް ނެތި އުޅުނު މީހަކަށް ވެފައި، އޭނާގެ ހަށިގަނޑަށް ވައިރަސް އެރިކަން ނޭނގި ހުރެއްޖެ ނަމަ އޭނާ އެދަނީ ރަށަށް ވައިރަސް ހިފައިގެންނެވެ. އަލާމާތްތައް ހުރެފައި އެކަން ނާންގައި، ޓެސްޓް ވެސް ނުކޮށް ރަށަށް ދާ މީހާއަކީ ވެސް ވައިރަސް ހިފައިގެންދާ މީހެކެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާ އިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލައި

29 September 2020

ކޮވިޑް ކަންތަށް އެއްވެސް ހަރުކަށި ފިޔަވަޅުތަކެއްނާޅާވެސް ްކޮންޓުރޯލް ކުރެވި އަމިއްލައަށް ހަމަމަގަށް އެޅޭކަން މިހާރު ސުވިޑަން އިން ވަނީ ސާބިތުކޮށްދީފަ. އެހެނވީމަ މިާހރު އެޗްޕީއޭ އިން ރައްޔިތުންނަށް ދަތިވާގޮތަށްހިރި ހަރުކަށި ފިޔަވަޅުތަށް ބަދަލުކުރަންޖެހޭ ކޮންމެ މީހަކުވެސް ކޮމްވަގުތެްގަވެސް ފަސޭހައިން ޓެސްޓުކުރެވޭނެ މަގުތަނަވަސްކޮށްދިނީމަ އެނުމުނީ ޕޮޒިޓިވް ވާ މީޙުން އެކަނި އައިސުލޭޓް ކުރީމަ އެ ނިމުނީ މުޅި އެންމެން ބަންދުކޮށްގެން އުޅޭވަރު ކަމެއްނޫން

The name is already taken The name is available. Register?

ލޮލްސްސ

29 September 2020

ރަށަށް ދަނީ މާލޭގައި ނޫޅެންވެގެން މިހިރަ ގަމާރާ! ކުލީގެ އަޅުކަމުން ސަލާމަތްވެއްޖައީމު. މާލޭ މީހުން ބަނޑަށްޖެހޭ! ހަހަހަހަހަހަ

The name is already taken The name is available. Register?

ކަކުނިބޯ

29 September 2020

ރަށަށް ތިޔަ ދަނީ ކޮވިޑް ހިފައިގެންތަ؟ ހޫން އެވެސް ބޭނުންވީތަ ފެންސިރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454