ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ރަށްވެހިން: "މިތިބީ ހިތްހަމަޖެހިގެން"

ގެ ބަހައިގެން ލިބުނު ތަންކޮޅު ކުޑަވުމުން މާލޭގެ ރަށްވެއްސަކަށް ވިއަސް މަރިޔަމް މުއީނާ، އޭނާގެ ދަރިންނާ އެކު އުފަން ރަށުގައި ދިރިއުޅެމުން ދިޔައީ ކުއްޔަށެވެ. ވަށައިގެން ބެދިފައި ހުރި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ވުމުން ސާފު ވައި ލިބޭނެ ގޮތެއް ނެތެވެ. ނަމަވެސް އެ ހާސްކަމުގައި އުޅެމުން ދަނިކޮށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ، މި މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ބަދަލުވުމާ އެކުގަ އެވެ.


މީގެ ފަސް އަހަރު ކުރިން ހިއްކި 240 ހެކްޓަރުގެ ބިމުގައި، އެންމެ ފުރަތަމަ ވަޒަންވެރިވި ދެ ތިން އާއިލާގެ ތެރޭގައި މުއީނާގެ އާއިލާ ހިމެނެ އެވެ. އެ މީހުން މިހާރު އުޅެމުން އަންނަ ތިން ކޮޓަރީގެ ބޮޑު އެޕާޓްމަންޓުގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ މޫދެވެ. އިރުއަރާ މަންޒަރެވެ. ކުރިމަތީގައި އޮތް ގޮނޑޮދޮށަށް ބީއްސާލާ ރާޅުގެ އަޑެވެ.

"މާލެއާ އަޅާބަލާފައި މިތަން [ހުޅުމާލެ ފޭސް 2] ވަރަށް، ވަރަށް ހިތްހަމަޖެހޭ. ހީވަނީ ރާއްޖެތެރޭ ރަށެއްގައި ދިރިއުޅެވޭހެން. އެހާ ވެސް ހިތްފަސޭހަ، މޫދު އެހާ ކައިރިވީމަ، ސާފު ވައި ލިބިފައި. ވަރަށް ހިތްފަސޭހަ އަސްލު ހަގީގަތުގައި،" ހުޅުމާލޭ ފޭސް ދޭއްގެ ލޮޓް ނަމްބަރު 20054ގައި ދިރިއުޅެމުން އަންނަ މުއީނާ ބުންޏެވެ.

އޭނާ ބުނާ ގޮތުން މާލޭގައި އުޅުނުއިރު ތިބެން ޖެހެނީ ގޭ ދޮރާ ހިސާބަށް ވެސް ނުނިކުމެވި، ގޭގައި ތާށިވެފަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފެށި އިމާރާތް

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިވަގުތު މީހުން އުޅެނީ ހަމައެކަނި އެގޭގަ އެވެ. އަމިއްލަ މީހުން ބޮޑު އަގުގައި ގަނެފައި ހުރި ބައެއް ބިންތައް ވެސް މިހާރު އަންނަނީ ތަރައްގީކުރަމުންނެވެ.

ދެ ވަނަ ފިޔަވަހީގައި މި ވަގުތު އަދި ފިހާރައެއް ނެތެވެ. އެކަމަކު މުއީނާ އުޅޭ ގޭގެ ތިރީގައި މިހާރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ކެފޭ މި މަހުގެ 5 ގައި ހުޅުވައިފި އެވެ.

މުއީނާ ބުނީ ގެ ކައިރީގައި ފިހާރައެއް ނެތަސް މާ ބޮޑު އުނދަގުލެއް ނެތް ކަމަށެވެ. ހަފުތާއަކަށް ވާ ވަރަށް ގެއަށް ބޭނުންވާ ތަކެތި ގަނެފައި ބަހައްޓަނީ އެވެ. އަދި ބްރިޖުން ގުޅާލާފައި އޮތް ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ގޮސް ބާޒާރުކުރަން އުނދަގޫ ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ ކުރިން އުޅެމުން ދިޔަ އެޕާޓްމަންޓުގެ ކުއްޔަކީ 25،000ރ. ގަ އެވެ. އެކަމަކު ޖާގަ ތަނަވަސް އާ އެޕާޓްމަންޓަށް މިހާރު ދައްކަން ޖެހެނީ 22،000ރ. އެވެ. އެއީ ވެސް މުއީނާގެ އާއިލާއަށް ލިބުނު އިތުރު ހިތްހަމަޖެހުމެކެވެ.

ދެ ވަނަ ފިޔަވައްސަށް ދެން ބަދަލުވި މީހުންގެ ތެރޭގައި މުހުތާރު މުހައްމަދާއި އޭނާގެ އާއިލާ ހިިމެނެ އެވެ. އޭނާ ބުނީ ގިނަ އަހަރުތަކެއް ވަންދެން މާލޭގައި އުޅުމަށް ފަހު ހުޅުމާލެއަށް ބަދަލުވީ ވަރަށް ގިނަ ކަންކަމަށް ވިސްނުމަށް ފަހު ކަމަށެވެ. އެގޮތުން ދަރިންގެ ކިޔެވުމާއި މަންމަގެ ޑައިލިސިސް ހެދުމާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑަށް ވިސްނި ކަމަށް އޭނާ ބުންޏެވެ.

"އެކަހަލަ ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް ބެލުމަށް ފަހު ހުޅުމާލެއަށް ބަދަލުވީ. މާ ބޮޑު ޗެލެންޖަކާ ކުރިމައްޗެއް ނުވާނެ،" ގއ. ކޮނޑޭއަށް އުފަން މުހުތާރު ބުންޏެވެ.

"ފޭސް 2 އޭ ބުންޏަސް މިއީ ވަކި ރަށެއް ނޫން. ތެދެއް، ގޭ ތިރީގައި، ކަންމަތީގައި ފިހާރައެއް ނެތް. އެކަމަކު އެއީ މާ ބޮޑު އުނދަގުލެއް ނޫން. ކައިރީގައި ތަންތަން ހެދުނީމަ ފަސޭހަވާނެ،" މުހުތާރު ބުންޏެވެ.

އޭނާ ބުނީ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފަށާނީ ހިޔާ ފްލެޓުތަކަށް މީހުން ބަދަލުވުމުން ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮއްވާ އަމިއްލަ އިމާރާތްތަކުގައި ފުރަތަމަ ދިރިއުޅެން ފެށުމުން އެތައް ބަޔަކަށް ހައިރާންކަން ލިބުނު ކަމަށެވެ. އޭނާއަށް މިހާރު ކުރެވެނީ 2004 ގައި ހުޅުމާލޭގައި ފުރަތަމަ ފްލެޓުތަކުގައި މީހުން އާބާދުވި އިރު އެ މީހުންނަށް ވެސް ކުރެވުނު ފަދަ އިހްސާސްތަކެއް ކަމަށް ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހަނިވެ، ޕާކްކުކުރާނެ ތަނެއް ނެތުމުގެ އުނދަގޫ އެބަ އޮތެވެ. ފޭސް 1 ގައި، މަގުގެ ބައެއް ހިސާބުތަކުގައި ޕާކިން ޒޯން ހަދާފައި ހުއްޓަސް ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ހުއްދަ ދިނީ އެފަދަ އެއްވެސް ކަމެއް ހަމަނުޖައްސަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ މީހުން އުޅެން ފެށި އިމާރާތް

މުހުތާރު ދެކޭ ގޮތުގައި ކުދިކުދި ފިހާރަތައް ހެދުމުގެ ބަދަލުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޮޑެތިި ޝޮޕިން މޯލްތައް ތަރައްގީކުރަން ސަމާލުކަން ދިނުން މުހިންމެވެ.

"ހިނގާލާފައި ކަންމަތީ ފިހާރައަށް ދާ ސްޓައިލަކަށް ވުރެ މޮޑަން ކޮމިއުނިޓީއަކަށް މިތަން ޑިވެލޮޕްކޮށްފައި މި އިނީި. އެ މޮޑަންކަން ކޮމްޕްލީޓް ވާނީ ހަމަ އެކަހަލަ ޝޮޕިން މޯލްތަކުން،" މުހުތާރު ބުންޏެވެ.

އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރީ މާލޭ ހާބަރުގެ ފުޑް ކޯޓެވެ. އެއް ސަރަހައްދެއްގައި ބައިވަރު ކެފޭތައް ހުއްޓަސް އެ ކެފޭތަކުން ގިނަ ބަޔަކު ހިދުމަތް ހޯދަ އެވެ.

ވިޔަފާރީގެ މުސްތަގުބަލް: ވަރަށް އުޖާލާ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ކެފޭ "ޓީ ސައިޑް" ހުޅުވިތާ އަދި ވީ ދެ ހަފުތާ އެވެ. އެކަމަކު ވިޔަފާރީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އެތަނުގެ ވެރިޔާ ނަސްރުﷲ ހާދީ ބުންޏެވެ.

"އެކަހެރިކޮށް އޮތް ސަރަހައްދަކާ އަޅާބަލާއިރު ވިޔަފާރި އަދި އިރާދަކުރެއްވިއްޔާ ރަނގަޅަށް ކުރިއަށް ދަނީ. އާއްމުންގެ ސަޕޯޓު ލިބޭ،" ޓީވީއެމްގައި ކެމެރޭމަނަކަށް މަސައްކަތްކުރާ ނަސްރުﷲ ބުންޏެވެ.

އެ ސަރަހައްދުގައި ނަސްރުﷲ އެ ކެފޭ ހުޅުވީ ވެސް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ހުޅުވި ކެފޭއިން ލިބުނު ތަޖުރިބާގެ އަލީގަ އެވެ.

ޓީ ސައިޑް ފުރާލާފައި އޮންނަނީ ފިނި ބުރު ޖަހާލަން ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހި ބަލާލަން ދާ މީހުންތަކުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެފޭ ހުޅުވޭވަރު ވީ އެގްރިމެންޓް ހަދާފައި އޮންނަތާ ދެ އަހަރު ފަހުންނެވެ. ކެފޭ ހުޅުވުން ލަސްވީ ދެ ވަނަ ފިޔަވަހީގައި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ނެތުމުންނެވެ.

ދެ ވަނަ ފިޔަވަހީގައި ފުރަތަމަ ހުޅުވި "ޓީ ސައިޑް" ކެފޭ.-- ފޮޓޯ: ނަސްރުﷲ

"މުސްތަގުބަލު ވަރަށް އުޖާލާކޮށް އޮތް ތަނެއް މިއީ. [ބޮޑު] އާބާދީއެއް މިތަނަށް އަންނައިރު، މިތަނަށް ބޭނުންވާނެ ވިޔަފާރީގެ ވަރަށް ގިނަ ކަންތައްތައް. ފިހާރަ އާއި ކެފޭތައް. މިހާރު ވެސް ވަރަށް ގިނަ މީހުން އާދޭ. ފެނުނީމަ ކުއްޔަށް ދޭ އިތުރު ތަނެއް ހުރިތޯ އަހާ،" ނަސްރުﷲ ބުންޏެވެ.

ބޮޑު އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރި ދެ ވަނަ ފިޔަވަހީގެ މަގުތައް ހަނިވުމަކީ، ނަސްރުﷲ ވެސް ދެކޭ ގޮތުގައި، ކުރިމަތިވާނެ އުނދަގުލެކެވެ. އޭނާގެ ކެފޭ ކުރިމަތީގައި ޕާކްކުރުން މަނާކޮށް ފުލުހުން ވަނީ ކޯން ބަހައްޓައިފަ އެވެ. މަގުގައި ޕާކްކުރާނެ ތަނެއް ނެތުމުން، ފުލުހުންނަށް އެ ނޫން ހައްލެއް ވެސް ނޯންނާނެ އެވެ. އެހެންކަމުން ކެފޭއަށް ޒިޔާރަތްކުރާ މީހުން ޕާކްކުރަން ޖެހެނީ ބީޗަށް ވާ ގޮތަށް މިހާރު އޮތް ހުސް ސަރަހައްދުގަ އެވެ.

އަލަށް އާބާދުވާން ފެށި ތަނަކަށް ވާތީ އެކި ކަހަލަ ދަތިތައް ދިމާވާނެ އެވެ. އެކަމަކު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ދިރިއުޅެން ފެށުމާއި ކެފޭ ފަދަ ތަންތަން ހުޅުވަމުން ދިއުމަކީ، ކުރިމަގަށް އާ ފިޔަވަޅެކެވެ. އެ ދިރުން ދެން ދާނީ ބޮޑުވަމުން، މީހުން ގިނަވަމުން، ތަންތަން ވެސް ހެދެމުންނެވެ.