ރިޕޯޓް / ހައި ކޯޓް

ބޮޑު ބަހުސަކަށް ނިމުން ގެނެސްދިން ތާރީޚީ ހުކުމް

ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާއާ ދެކޮޅު މުޒާހަރާއެއް: ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށާ ގުޅޭ ބޮޑު ނިންމުމެއް ހައި ކޯޓުން ވަނީ ދާދި ފަހުން ނިންމާފައި -- ފޮޓޯ/މިހާރު

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ރާއްޖޭގައި ހަރުކަށި ގާނޫނުތަކެއް ހުއްޓަސް އޭގެ ނަތީޖާ ނުފެންނަ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް އަބަދުވެސް އޮވެ އެވެ. ގާނޫނުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ނުވަތަ ކަމާ ބެހޭ މުއައްސަސާތަކާއި ނިޒާމުގައި ހުރި ކަންތައްތަކެއްގެ ސަބަބުންނެވެ. ނަމަވެސް ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށެއް ސާބިތުވާ ކަމަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޯޓަކުން ކުރި ހުކުމަކީ ތާރީޚީ ނިންމުމެކެވެ. އަދި ބޮޑު ބަހުސެއްގެ ނިމުމެއް ވެސް މެ އެވެ.

ދެމަފިރިއެއްގެ ދެމެދުގައި ހިނގާ ކަމެއް ރޭޕްގެ އަމަލަކަށް ވެދާނެ ގޮތަށް ޖިިންސީ ކުށުގެ ގާނޫނުގައި އޮތްއޮތުމަކީ ފުޅާ ދާއިރާއެއްގައި ބަހުސްތަކެއް ހިނގި ކަމެކެވެ. އެ ގާނޫނު މަޖިލީހުން ފާސްކުރިއިރު އަދި އޭގެ ފަހުން ވެސް ގިނަ ބަހުސްތަކެއް ދިޔައީ ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ހުއްދަ ގުޅުމެއް ކަމަށްވާ ކައިވެންޏެއްގެ މަތީގައި ތިބި ބައެއްގެ މެދުގައި ހިންގާ ޖިންސީ އަމަލުތަކަކީ ރޭޕް ކަމަށް ބެލެވިދާނެ ކަމާ މެދު އެވެ.

ގާނޫނީ ގޮތުން ރޭޕްގެ އާންމު މާނައަކީ އަނިޔާއެއް ކޮށްގެން ނުވަތަ ބިރެއް ދައްކައިގެން ނުވަތަ ހަގީގަތް އޮޅުވާލައިގެން ނުވަތަ އެ ކުރެވެނީ ކޮން ކަމެއް ވިސްނައިނުގަނެވޭ ފަދަ ހާލަތެއްގައި ހުރި މީހަކާ މެދު ޖިންސީ އަމަލެއް ހިންގުމެވެ. ނަމަވެސް ރޭޕްގެ ކުށާއި "ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށް" މާނަކުރާ ގޮތާއި އޭގެ އަދަބު ވެސް ގާނޫނުގައި ތަފާތެވެ. ގދ. ތިނަދޫގައި 2015 ގައި ލިބުނު އަނިޔާތަކެއްގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ހައި ކޯޓުން ކުރި ހުކުމަކީ 2014ގެ ޖިންސީ ކުށުގެ ގާނޫނު ވުޖޫދަށް އައި ފަހުން ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށެއް ރާއްޖޭގައި ސާބިތުވި ފުރަތަމަ ފަހަރެވެ.

އިސްތިސްނާ ހާލަތަކުން އުފެދޭ ކުށެއް

ކައިވެންޏެއްގެ މަތީގައި ތިބޭ ދެމަފިރިއެއްގެ ދެމެދުގައި ރޭޕްގެ އަމަލެއް ހިންގާނެ ކަމަށް ޖިންސީ ކުށުގެ ގާނޫނު ގަބޫލުކުރަނީ ވަކި ޚާއްސަ ހާލަތްތަކެއްގަ އެވެ. އާންމު އުސޫލަކީ ދެމަފިރިންގެ ދެމެދުގައި ރޭޕްގެ އަމަލެއް ނުހިނގުން ކަމަށް ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާއިން ސާފުކޮށް އެނގެ އެވެ. އެކަން ކުށެއްގެ ގޮތުގައި އެ މާއްދާއިން ކަނޑައަޅަނީ އިސްތިސްނާ ތިން ހާލަތެއްގަ އެވެ. އެއީ ދެމަފިރިންގެ ވަރީގެ މައްސަލައެއް ނުވަތަ ކައިވެނި ރޫޅާލުމުގެ މައްސަލައެއް ކޯޓުގައި ހިނގަމުން ގޮސް، ނިމުމަކާ ގާތަށް ގޮސްފައި އޮތުން ނުވަތަ ވަރި ނުވިޔަސް، ދެ މީހުންގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން މަސްލަހަތަށްޓަކައި ވަކިން ދިރިއުޅެމުން ދިއުން ނުވަތަ ނުރައްކާތެރި ބައްޔެއް ފިރިމީހާގެ ގައިގައި ހުއްޓާ އަނބިމީހާއަށް އެ ބަލި ޖައްސަން ޖިންސީ އަމަލެއް ހިންގުމުންނެވެ.

މާނައަކީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށެއް ސާބިތުވާނީ ހަތަރު އުންސުރެއް ދައުލަތުން ކޯޓެއްގައި ސާބިތުކޮށް ދިނުމުންނެވެ. އެއީ އެ އަމަލު ހިންގީ ދެމަފިރިންގެ ގޮތުގައި ތިބެ ކަން އަދި ގާނޫނުގައި ބުނާ އިސްތިސްނާ ހާލަތެއް އޮތް ކަން އަދި އިސްތިސްނާ ހާލަތެއް އޮއްވާ ޖިންސީ އަމަލެއް ހިންގި ކަން އަދި އެ އަމަލު ހިންގީ އަނބިމީހާގެ ނުރުހުމުގައި ކަމެވެ. އިސްތިސްނާ ހާލަތެއް އޮތަސް، އަނބިމީހާގެ ރުހުން އޮތް ނަމަ އެއީ ރޭޕެއް ނޫނެވެ. އެހެންވެ ބަލަންވީ އެ ކުށުގެ ނަމަށް ވުރެ ބޮޑަށް އަމަލަށެވެ.

"[ރޭޕްކުރުން] މި ލަފްޒު ބޭނުން ކުރެވޭތީ ފަހަރުގައި އޮޅުމެއް އޮތުމަކީ ވެދާނެ ކަމެކެވެ. އެހެން ނަމަވެސް މިއީ އާންމު މާނައިގައި އޮންނަ ރޭޕްގެ މާނައިގެ ތެރެއަށް ފެތޭ ގޮތަށް މާނަކުރަން ޖެހޭ ގޮތަށް އޮތް ކުށެއް ނޫންކަން ބުނެވުނު ގާނޫނަށް ބެލުމުން އެނގެ އެވެ. މިއީ އާންމު މާނައިގައި އޮންނަ ރޭޕް ކުރުމުގެ ކުށުގެ މާނައިން ބޭރުވެ، ވަކި ޚާއްސަ ގޮތަކަށް ކަން ވެގެން ދިއުމުން އެފަދަ ކުށަކަށް ކިޔޭ ޚާއްސަ ނަމެވެ،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައްގު ބޭނުން ކުރަން ހައްދުތަކެއް އޮވޭ

ފަނޑިޔާރު އަލީ ސަމީރު ލިޔުއްވައިި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ގާނޫނީ ގޮތުގެ އިތުރަށް ދީނީ ގޮތުން ވެސް އެކަމަށް ވަރަށް ބޮޑަށް އަލި އަޅުވާލާފައިވެ އެވެ. ކައިވެންޏެއްގެ މަތީގައި ތިބޭ ކޮންމެ ފިރިހެނަކާއި އަންހެނަކަށް ވެސް ޖިންސީ ގުޅުމުގެ ހައްގު ލިބިފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގެ އާންމު އުސޫލަކީ ވެސް ހައްގުތައް ލިބުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވުން ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ހައްގެއް ބޭނުން ކުރުމުގައި ގައިދުތަކެއް ހިމެނި އަދި އަނެކާއަށް ގެއްލުމެއް ދިނުން މަނާވާނެ ކަމަށް ހުކުމުގައި ބުނެ އެވެ.

ވަކި ހާލަތްތަކެއްގައި ޖިންސީ ގުޅުމަށް އިންކާރު ކުރުމުގެ ހައްގު އަނބިމީހާއަށް ލިބިގެންވާ ކަން ފާހަގަކޮށް، އޭގެ ބައެއް މިސާލުތަކުގެ ގޮތުން މާބަނޑު ދުވަސްވަރާއި ހައިޟުގެ ދުވަސްވަރާއި ގައިން ގަޔަށް އަރާ ބައްޔެއް ހުރުން ފަދަ ހާލަތްތައް އިލްމުވެރިން ބަޔާން ކުރައްވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ކައިވެންޏެއްގެ މަތީގައި ތިއްބަސް، ގުޅުން ބިނާވާން ޖެހޭނީ ލޯތްބާއި އިހްތިރާމްގެ މައްޗަށް ކަމާއި އަނިޔާގެ މައްޗަށް ނޫން ވެސް ރަސޫލާގެ ހަދީސް ބަސްފުޅުތަކާއި އިލްމުވެރިންގެ ރައުޔުތަކާ ހަވާލާދީ، ހުކުމުގައި ބަޔާންކޮށް ދިނެވެ.

"އިލްމުވެރިންގެ މި ވާހަކަތަކަށް ބަލާއިރު އެނގެން އޮތީ ދެމަފިރިކަމުގެ ސަބަބުން ޖިމާއުވުމަކީ ފިރިމީހާއަށް ލިބިި އޮންނަ ހައްގެއް ކަމުގައި ވީ ނަމަވެސް މި ހައްގަކީ ކޮޮންމެ ކޮންމެ ހާލަތެއްގައި ބޭނުން ކުރެވެން އޮތް ހައްގެއް ނޫން ކަމެވެ. އެ ހައްގުގެ މައްޗަށް ބައެއް ގައިދުތައް ހުރި ކަމެވެ. އަދި ދިމާވާ ޚާއްސަ ހާލަތެއްގެ ސަބަބުން ޖިމާއުވުމަށް އަނބިމީހާއަށް ވެސް އިންކާރު ކުރެވެން ވެސް އެބަ އޮތް ކަމެވެ،" ހުކުމުގައިވެ އެވެ.

ހައި ކޯޓް: ޒިޔާދާގެ މައްސަލާގައި ނިންމި ނިންމުން އޭގެ ޒާތުގައި ވަރަށް ބޮޑު -- ފޮޓޯ/މިހާރު

ކުށް ސާބިތު ކުރުމުގެ އުސޫލު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމެކޭ އެއްފަދައިން އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކަކީ ވެސް ސިއްރުވެރި ގޮތެއްގައި ހިންގާ ކުށްތަކަށް ވާތީ އެފަދަ ކުށްތައް ސާބިތު ކުރުމުގައި ލުއި މިންގަނޑުތަކެއް ޖިންސީ ކުށުގެ ގާނޫނުގައި ބަޔާން ކޮށްފައި އޮވެ އެވެ. އެއީ މަދުވެގެން ފަސް ހެއްކެއް ހަމަވުމުން ކުށް ސާބިތުވީ ކަމަށް ބެލުމެވެ. ނަމަވެސް ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށެއް މީގެ ކުރިން ކޯޓެއްގައި ސާބިތުވެފައި ނެތަތީ، އެފަދަ މައްސަލަތަކުގައި ހެކި ވަޒަން ކުރާނެ ގޮތް ހައި ކޯޓުން ނިންމަން ޖެހުނީ އަލަށެވެ.

ހުކުމުގައި ވަނީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށަކީ ވަކި މިންވަރަކަށް އަދި ވަކި ބާވަތެއްގެ ހެކި ހުރުން އިސްލާމީ ޝަރީއަތުން ލާޒިމްކުރާ ކުށަކަށް ނުވާތީ ޝަރީއަތާއި ގާނޫނު ހުއްދަކުރާ ކޮންމެ ހެއްކެއް އެފަދަ މައްސަލަތަކުގައި ބަލައިގަނެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީ 51 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެފަދަ ކުށެއް ސާބިތުވޭތޯ ބެލުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހެކި ވަޒަން ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ރިއާޔަތް ކުރެވިދާނެ ކަމަށް ވެސް އެ ހުކުމުގައި ކަނޑައެޅި އެވެ.

އެއީ އަނިޔާ ލިބޭ މީހާ ކިޔައިދޭ ކިޔައި ދިނުން އަސްލަކަށް ބެލުމެވެ. އަދި އެ މީހާ ކިޔައިދޭ ކިޔައި ދިނުމަކީ އާދަޔާ ޚިލާފް ތެދެއް ކަން ކަށަވަރު ކުރުމަށްޓަކައި އޭނާގެ ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވޭތޯ ބަލަން މެޑިކަލް އެވިޑެންސާއި އެހެން ހެކިތަކުން އެ މީހާގެ ވާހަކައަށް ބާރު ލިބޭތޯ ބެލުމެވެ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ހެކި ވަަޒަން ކުރުމާ ބެހޭ ގޮތުން މި އަހަރު ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލުތަކެވެ. އެފަދަ މައްސަލަތަކުގައި ކޯޓުތަކުން މިހާރު ރިއާޔަތް ކުރަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަށެވެ.

ކަމެއް ސާބިތު ކުރުމަށް އާންމު އުސޫލަކީ މަންޒަރު ލޮލަށް ފެނުނު މީހުންގެ ހެކިބަސް ގަބޫލުކުރުން ކަމަށް ވިޔަސް، އެފަދަ މައްސަލަތަކުގައި މަންޒަރު ފެނުނު ހެއްކަކު ނެތަސް، އަނިިޔާ ލިބޭ މީހާ އެހެން މީހުންނަށް ކިޔައިދޭ ކިޔައި ދިނުމުގެ މައްޗަށް ބިނާކޮށް އެހެން މީހުން ދޭ ހެކިބަސް (ހިއަސޭ އެވިޑެންސް) ގަބޫލު ކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އިންސާފު ގާއިމް ކުރުމަށްޓަކައި އެފަދަ ހެކިބަސް ބަލައިގަނެވޭނެ ކަމަށް އިސްލާމީ ޝަރީއަތުުގެ އިލްމުވެރިން ބަޔާންކުރައްވާ ކަން ފާހަގަކޮށް، އެކަމަކު އެފަދަ ހެކިބަސް އިތުރަށް ކަށަވަރުވާނެ ހެއްކާއި ގަރީނާ ހުރުން އެ ހުކުމް އޮތް ގޮތުން ލާޒިމްވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

"ހަގީގަތެއް ކަޝްފުކޮށް ދޭ ކޮންމެ ބާވަތެއްގެ ވަސީލަތަކީ ވެސް ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ކަމެކެވެ. މިހެންކަމުން މަންޒަރު ލޮލުން ފެނުނު ހެއްކެއް ނެތް ކަމުގައި ވި ނަމަވެސް ތައުޒީރީ އަދަބެއް ހިމެނޭ މިފަދަ މައްސަލައެއްގައި އަނިޔާ ލިބޭ ފަރާތުން ކިޔައިދޭ ކިޔައި ދިނުމުގެ މައްޗަށް ބާރުު ލިބޭ ހެކިބަސްތަކާއި ހަރުދަނާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް މިފަދަ މައްސަލައެއް ސާބިތުކުރުން އެއީ ޝަރުއީ އަދި ގާނޫނީ ގޮތުން ގޯހެއް ކަމުގައި ނުބުނެވޭނެ.." ހުކުމުގައި ކަނޑައެޅި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީން ވެސް އެ ނިންމުމަށް މަރުހަބާ ކިޔާފައި ވަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.

ހައި ކޯޓުގެ ނިންމުމަކީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި ތާރީޚީ ބޮޑު ނިންމުމެކެވެ. ސިއްރުވެރި ގޮތަކަށް ހިނގަމުން އައި އެ ކުށާ ގުޅިގެން، އަހަރުތަކެއް ވަންދެން އުފެދިފައި އޮތް ބޮޑު ބަހުސަކަށް ނިމުން ގެނެސްދީ އަދި އަނިޔާ ލިބެމުންދާ އެތައް ބަޔަކަށް އުއްމީދުގެ ހުޅުކޮޅު ދިއްލުނު ނިންމުމެވެ.

8 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 4%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްالله

07 October 2020

އަނބިންނަކީ ފިރިން ގޮވާން ކުރުމަށްޓަކާ، ހިތުހުރި އިރަކު ވަނުމަށް އޮންނަ ދަނޑު ބިމެއް ކަމުގަ މި އޮންނަ އޮތޮން ކޮބާ؟

The name is already taken The name is available. Register?

ޖަމަނާއީ

07 October 2020

އަނިޔާ އަކީއަނިޔާ. ނަމަވެސް ލާރީގެ ބޭނުމުގަ އިދެފަ ރޭނުކުރަން ބަހަނާއެއްމީ. ހާލަތްނިޔާކުރާގޮތުން އިނދެފަ އެއްދާން ނުކުރެވެންޏާ ފިރިމީހާގެ ޙައްޤު ކޮބާ؟ މިކަމަށްވެސް ބަޔާން ވެގެން ވާންޖެހޭ. ފިރިހެނުންނަށް ދަޅަދައްކައިގެންވެސް ކައިވެނި ވެވޭ.

The name is already taken The name is available. Register?

ސައިމާ

07 October 2020

މި އާޓިކަލް ކިޔާލިންތަ؟ އެއޮތީ ވަރަށް ރީތިކޮށް ލިޔެދީފަ ރޭކުރުމަށް އިއުތިރާޒު ކުރެވޭނެ ހާލަތްތައް. ދެން ދަޅަދައްކައިގެން އިނދެގެން އުޅޭމީހަކާ ގާތްވުމަށްވުރެ ވަރިވުން މާ ބުއްދިވެރި. އަބިފިރިކަމުގެ ގުޅުމުގެ އުފަލަށްވުރެ ބުއްދި ބަލިކަށިވެއްޖެނަމަ، ކައިވެނި ވަރަށް ހިތިވާނެ.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

07 October 2020

އަންހެނުންނަށް ދެއްކޭ ދަޅަވެސް މަދުނޫންކަން ބެއްޔާމެނަށް އެނގޭ. އަދި އެކަމުގައި ބަރުބާދުވެގެންދާ ޖިންސުންލަޠީފުން ވަރަށް ގިނަ.

The name is already taken The name is available. Register?

ޖާބިރޫ

07 October 2020

ބަލަ ކައިވެނި ކުރަނީ ހަމައެކަނި ޖިންސީ ގުޅުން ހިންގަންތަ؟

The name is already taken The name is available. Register?

ބިލްގޭޓްސް

07 October 2020

އަހަންނަކަށް ނޭގެ އެހެން މީހުންގެ ގޮތެއް އެކަމަކު އަހަންނާ އެކު އެއްދާން ކުރަން ބެނުން ނުވާ މީހަކާ އެކު އެކަން ކޮށްގެން އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ. ހައްގެއް ވިއަސް ހައްގެއް ނޫނަސް. މި ދައްކަނީ ގެރިބަކަރީގެ ވާހަކައެއް ނޫން ދެއްތޯ؟

The name is already taken The name is available. Register?

ދާންދޫ

07 October 2020

ޒިޔާދާ މަރުވެފައި ވަނީ ވަނީ އޭނާގެ ފިރިމީހާ ހިންގި އަނިޔާވެރިއަމަލުތަކުގެ ސަބަބުން ކަން ޑޮކްޓަރުން ބަޔާން ކޮށްދޭ އިރު ، މެރުމުގެ ޤަޞްދެއް ނެތި ކުރާއަމަލަކުން މީހަކު މަރުވެއްޖެ ނަމަ އިސްލާމީޝަރީޢަތުގައި އޮންނަ ހުކުމް ، އެ އަމަލެއްގެ ސަބަބުން ޒިޔާދާ މަރުވި އަމަލު ހިންގި މީހާގެ މައްޗަށް އިއްވާފައި ނުވާތީވެ ތިޔަ ހުކުމުން ދިވެހިރައްޔިތުންނަށް ކަށަވަރު ކޮށްދޭ ރައްކާތެރިކަމެއް އޮތް ކަމަކަށް ނުފެނޭ .

The name is already taken The name is available. Register?

ދާންދޫ

07 October 2020

ތިޔަހުކުމުން ތިފަދަ އަމަލުތައް ހުއްޓުވޭނެކަމަށް ބުނާބުނުމަކީ ޕޮރޮޕަގެންޑާއެއް ހަށިފޭރުމުގެ އަމަލަކީ އެކަމުގެކުށް ސާބިތުވާ މީހާގެމައްޗަށް އިސްލާމީޝަރީޢަތުގައި މަރުގެހުކުމް ކަށަވަރު ކުރައްވާފައިވާ އަމަލަކަށް ވާއިރުވެސް އަދި އެކަން އެގޭއިރުވެސް އިސްލާމްދީނާއި ބީރައްޓެހިމީހުން ހަށިފޭރުމުގެ އަމަލުތައް ހިންގާކަމީ އެގެން އޮތް ހަޤީޤަތެއް ކަމާއި އަދި ތިހުކުމުން ބަހުސު ނިމުނަސް ޒިޔާދާ މަރުވި އަމަލުހިންގި މީހާއެކުށުން ބަރީޢަވުން ނޫންކަމެއް ނުވޭ .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454