ވީޓީސީގެ މާޒީ: މިއީ އާދައިގެ ހަނދާންތަކެއް ނޫން

މަގުސަދަކަށް ވީ އޭރު މާލޭގައި ހުރި އިންޖީނުގެއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމެވެ. ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު (ވީސީޓީ) އުފައްދައި އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް، ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން، އިލެކްޓްރިކަލް ވަޔަރިން އަދި މެޝިނިން އެންޑް މެކޭނިކަލް ފިޓިންނާ އެކު ޕްރޮގްރާމްތައް ފެށިތާ މި މަހު 14 އަށް 45 އަހަރު ވީ އެވެ.


ވީޓީސީގެ ހަނދާންތައް މިހާރުގެ ޒުވާނުންގެ ނުހުރެދާނެ އެވެ. އެކަމަކު އެއީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް އިންސްޓިޓިއުޓްގެ ގޮތުގައި 1990ގެ އަހަރުތައް ނިމެންދެން ވެސް އޮތެވެ.

ވީޓީސީގެ ނަން ބަދަލުވަމުން އައިސް މިހާރު އެއީ ޕޮލިޓެކްނިކެވެ. ފުރަތަމަ ދުވަހު ގެންގުޅުނު މަގުސަދުތައް އެތައް ތަނަކުން ފުޅާވެފަ އެވެ.

ވީސީޓީގެ މައި ކެމްޕަސް ހިންގީ މިހާރު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހުރި އިމާރާތުގަ އެވެ. މައި ކެމްޕަސްގެ އިތުރުން ކުޅުދުއްފުށީގައި އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ޕްރޮގްރާމަކާއި ރ. އަލިފުށީގައި ބޯޓު ބިލްޑިން ތަމްރީންތަކާއި ކ. ތުލުސްދޫގައި 1980 ގެ ކުރީކޮޅު ހިރިގަލާއި އަތްތެރި މަސައްކަތުގެ ދާއިރާއިން ވެސް މީހުން ތަމްރީންކުރި އެވެ. އެހެންކަމުން އެއީ އެކި ފަންނުތަކުގައި ޒުވާނުން ތަމްރީންކުރުމުގެ ވަސީލަތްތައް މަދު ދުވަސްވަރަކަށް ބަލާ ނަމަ، ވަރަށް ބޮޑެތި މަސައްކަތްތަކެކެވެ.

އިންޖީން ހެދުމުގައި ވީޓީސީގެ ދަރިވަރުން: އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވި

ބޯޓު ބިލްޑިންގެ ދާއިރާއިން ރާއްޖެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ރަށަށް އަލިފުށި ވީ ވީސީޓީން ހިންގި ޕްރޮގްރާމްގެ ސަބަބުންނެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެ ކިއްސަރު ވަޑާން ދަސްކުރި ބައެއް ވަޑިންނަކީ މިހާރު ވެސް އެ ދާއިރާގައި ފާހަގަކޮށްލެވޭ މީހުންނެވެ. ބޯޓު ބިލްޑިންގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ އަލީ ހަސަނަކީ އޭގެ ތެރެއިން އެކެކެވެ.

ވޮކޭޝަނަލް ތަމްރީނު ދޭ ތަންތަން ބަލަހައްޓަމުން އަންނަ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ވީޓީސީގެ ޓީޗަރެއްގެ ގޮތުން އޮސްޓްރޭލިޔާގައި މަތީ ތައުލީމު ހާސިލްކުރެއްވި މުހައްމަދު ހާޝިމް ވަނީ ވީޓީސީގެ 45 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އޭނާގެ ފޭސްބުކް ޕޭޖްގައި ގިނަ ފޮޓޯތަކެއް ހިމަނުއްވައިފަ އެވެ. އެއިން ކޮންމެ ފޮޓޯއަކީ ވެސް، މާޒީގެ މުހިންމި ހަނދާނެކެވެ.

ހާޝިމް ވިދާޅުވި ގޮތުގައި ވީސީޓީއަކީ ވަރަށް ފުންނާބު އުސް މަސައްކަތްތެރިން އުފައްދައިދިން ތަނެކެވެ. އޭގެ ތެރެއިން ގިނަ މީހުން އެކި އިންޑަސްޓްރީތަކުގައި މިހާރު ވެސް އިސް ރޯލެއް އަދާކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ވީޓީސީގެ އިންސްޓްރަކްޓަރުންނާއި ބައެއް ދަރިވަރުން ހއ. ދިއްދޫ ޖެޓީ ހެދުމުގައި: އިޖުތިމާއީ ބައެއް މަސައްކަތްތަކުގައި ވީޓީސީން ބައިވެރިވި

"ރާއްޖޭގައި މިހާރު ވެސް އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުންނަކީ ހަމަ ވީޓީސީގެ ފުރާޅުގެ ދަށުން ނުކުމެފައި ތިބި މީހުން،" ވީސީޓީ ހުޅުވިތާ 10 އަހަރު ފަހުން އިންސްޓްރަކްޓަ ޓްރެއިނީއެއްގެ ވަޒީފާގައި އެ ސެންޓަރާ ގުޅިވަޑައިގެންނެވި ހާޝިމް ވިދާޅުވި އެވެ.

ވީޓީސީ ހިންގި ޒަމާނުގައި ސަރުކާރުން މާލެ އާއި އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ އިޖުތިމާއީ އެކި ހަރަކާތްތަކުގައި ވެސް އެ ސެންޓަރުގެ ދަރިވަރުންނާއި އިންސްޓްރަކްޓަރުން ބައިވެރިވި އެވެ. އެގޮތުން 1988 ވަނަ އަހަރު މ. ދިއްގަރާއި އެ އަތޮޅު މަޑުއްވަރީ އަދި 1992 ގައި ހއ. ދިއްދޫގެ ޖެޓީ ހެދުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވީޓީސީގެ ދަރިވަރުންނާއި އިންސްޓްރަކްޓަރުން ބައިވެރިވެގެންނެވެ.

ވީޓީސީގެ ކުލާހެއް ކުރިއަށް ދަނީ: އޭރު އެތައް ސަތޭކަ ދަރިވަރުންނެއް ތަމްރީންކުރި

ރާއްޖެއަށް 2004ގެ ސުނާމީ ކާރިސާ ކުރިމަތިވި އިރު ވީޓީސީ ވަނީ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއަކަށް ބަދަލުވެ، އެފްއައިޓީގެ ނަމަށް ބަދަލުކޮށްފަ އެވެ. އެ ކާރިސާގައި ފުނޑުފުނޑުވި ތ. ވިލުފުށީ ދަރިވަރުންނަށް ދެ ބްލޮކްގެ 12 ކްލާސްރޫމް އަޅައިދިނުމުގެ މަސައްކަތް ކުރީ އެފްއީޓީ ދަރިވަރުންނެވެ.

"އެގޮތަށް ވީޓީސީއާ ގުޅިފައިވާ ވަރަށް ފޮނި ހަނދާންތައް އެބަހުރި،" ޕޮލިޓެކްނިކްގެ ފުރަތަމަ ސީއީއޯ، ހާޝިމް ވިދާޅުވި އެވެ.

ވީޓީސީގެ ޕްރޮގްރާމެއްގައި ދަރިވަރުން މަސައްކަތް ކުރަނީ

ވޮކޭޝަނަލް ތަމްރީނާ ގުޅިފައިވާ ބައެއް ތާރީހުތައް

އެންޑީއޭ މިހާރު ހުރި އިމާރާތުގައި ވީސީޓީ ހިންގަމުން ދަނިކޮށް އިންޑިއާ ސަރުކާރުގެ އެހީގައި ހެދި އާ އިމާރާތަށް 1996 ގައި ބަދަލުވި އެވެ. މިހާރު އެއީ ޕޮލިޓެކްނިކްގެ އިމާރާތެވެ. އެ އިމާރާތަށް ވީޓީސީ ބަދަލުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (މައިޓް) ގެ ނަމުގަ އެވެ.

ވޮކޭޝަނަލް ތަމްރީނު ދެމުން އަންނަ ޕޮލިޓެކްނިކް: ޒަމާނާ އެއްގޮތަށް ކިޔެވުން ބަދަލުކުރަން ޖެހޭ

ސަރުކާރުގެ އެކި މިނިސްޓްރީތަކުން ހިންގަމުން އައި އިންސްޓިޓިއުޓްތައް މޯލްޑިވްސް ކޮލެޖު އޮފް ހަޔަ އެޑިއުކޭޝަން (މިހާރުގެ ގައުމީ ޔުނިވާސިޓީ)ގެ ދަށަށް ބަދަލުކުރަން ސަރުކާރުން 1999-2000 ގައި ނިންމި އެވެ. އެއާ އެކު އެ އިންސްޓިޓިއުޓްތައް ކޮލެޖުގެ ދަށަށް ބަދަލުކޮށް ހިންގަން ފެށީ ފެކަލްޓީގެ ގޮތުގަ އެވެ. މައިޓްގެ ނަމަކަށް ވީ ފެކަލްޓީ އޮފް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ (އެފްއައިޓީ) އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2009 ގައި ވޮކޭޝަނަލް އެޑިއުކޭޝަނަށް ހާއްސަކޮށްގެން "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިން" (މިވެޓް) ގެ ނަމުގައި އާ އިދާރާއެއް އުފެއްދި އެވެ. އެ އިންސްޓިޓިއުޓް އުފައްދަން މަޖުބޫރުވީ، ހާޝިމް ވިދާޅުވި ގޮތުގައި، ކޮލެޖުގެ ދަށުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގަން އުނދަގޫވެގެންނެވެ.

ވީޓީސީގެ ބައެއް ލެކްޗަރާއިން ރަށަކަށް ކުރި ޒިޔާރަތެއް

މިހާރު މި ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދީ އޭޕްރީލް 12، 2010 ގަ އެވެ. އެއާ އެކު މިވެޓުގެ މަސައްކަތްތަކާއި އެފްއައިޓީގައި ހިންގަމުން ދިޔަ ޑިގްރީ ފެންވަރަށް ވުރެ ދަށުގެ ކޯސްތައް ހިންގުން އެ އިދާރާއާ ހަވާލުކުރި އެވެ.

ޕޮލިޓެކްނިކް ރީބްރޭންޑް ކުރުން

ހާޝިމް ވިދާޅުވީ ޒުވާނުން ކުރިއަށް ދާން ފަހި ފުރުސަތުތައް ހޯދައިދެވޭނީ އެންމެން ބައިވެރިވެގެން ކަމަށެވެ. ބައެއް ރަށްރަށަށް ކުރައްވާ ދަތުރުތަކުން ދެރަވާ ކަހަލަ މަންޒަރުތައް ފެނިވަޑައިގަންނަވާ ކަން ފާހަގަކުރައްވައި ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން އެކި މަސައްކަތްތަކުގައި ބައިވެެރިވެގެން އުޅޭއިރު ބައެއް ޒުވާނުން ތިބެނީ އަތްއުރާލައިގެން ކަމަށެވެ. ނަމަވެސް އިގުތިސޯދު ކުރިއަށް ގެންދަން އެންމެ މުހިއްމު އެއް ވަސީލަތަކީ އިންސާނުން ކަމަށް ވާތީ، އެ ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވީޓީސީ އާއި ސިންގަޕޫރުގައި ޓެކްނިކަލް އެޑިއުކޭޝަން ފޯރުކޮށްދޭ ކޮލެޖަކާ ގުޅިގެން ފެބްރުއަރީ، 1985 ގައި ހިންގި ތަމްރީނު ޕްރޮގްރާމެއްގެ ބައިވެރިން

ހާޝިމްގެ އުއްމީދަކީ މިހާރު ވެސް 300 އެއްހާ ދަރިވަރުން ތިބި ޕޮލިޓެކްނިކް ރީބްރޭންޑުކޮށް ޒުވާނުން ބަލައިގަންނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމެވެ. އެކަން ކުރަން ޖެހޭނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ވަޒީފާގެ ބާޒާރަށް ފެތޭ ގޮތަށް ކަރިކިއުލަމްތައް ބަދަލުކޮށް، ކެރިއާއެއްގެ ގޮތުގައި ވޮކޭޝަނަލް ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތު ވެސް ފަހިކޮށްދީގެންނެވެ.

އަބަދުވެސް މާޒީގެ ތެރެއިން އުފާވެރި މަންޒަރުތައް ފެންނާނެ އެވެ. އެގޮތުން ހާޝިމާއި އޭނާ ފަދަ ވީޓީސީއާ ގުޅިފައި ތިބި އެތައް ބަޔަކަށް، އެ ދުވަސްވަރުގެ އެ މަސައްކަތްތައް ފާހަގަކުރެވެ އެވެ. ރާއްޖެއަށް ބޭނުންވާ އެތައް ދާއިރާއަކުން ހުނަރުވެރިން އުފައްދައި، އިންޑަސްޓްރީތަކަށް ނެރުމަކީ، ވީޓީސީގެ ރަން ޒަމާނުގެ މުހިންމު ބައެކެވެ.