ރިޕޯޓް / ކޮވިޑް-19

އެއްބަޔަކު އުސޫލަށް ތަބާނުވާތީ ކަރަންޓީނަކީ އަދަބަކަށް ވެއްޖެ!

ކޮވިޑް-19 ފެތުރެން ފެށި ދުވަސްވަރު ބަޔަކު ކަރަންޓީނަށް ގެންދަން ފުލުހުންގެ އުޅަނދަކަށް އަރުވަނީ. -- ފޮޓޯ: މިހާރު

މާލެ އިން ރަށަށް ގޮސް ހުރި މީހާ ގޭ ބަންދުގައި އޮވެ ކުރާނެ ކަންތައް ހުސްވެ ފޫހިވެގެން ފާރުމަތިން ބޯ ދިއްކޮއްލާއިރު ފެންނަނީ މާލެ އިން އައިސް ފޭބި ގޮތަށް ރަށުތެރޭ މީހަކު އުޅޭތީ އެވެ. މީހުންނާ ބައްދަލުވެ ވާހަކަ ދައްކައި ފިހާރަތަކަށް ވެސް ވަންނަނީ އެވެ. ގެސްޓް ހައުސްގައި މަސައްކަތްކުރާ މީހާ ގެސްޓުންނަށް ހިދުމަތް ދީފައި އައިސް އެ އުޅެނީ އާއިލާ ގޮވައިގެން ފިނިބުރު ޖަހާށެވެ. ކެފޭތަކަށް ވެސް ވަންނަނީ އެވެ. އެކަހެރިވެގެން ހުރި މީހާގެ ކިހާ ޝަކުވާއެއް ހުންނާނެ ހެއްޔެވެ؟ ޝަކުވާއެއް ނެތަސް އޭނާ ފޫހިކަމުގައި އެ ހޭދަކުރާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަހުގެ ބޭނުމެއް، އެހެން މީހުންގެ އުޅުން ހުރި ގޮތުން އެބަ އޮތް ހެއްޔެވެ؟

އާންމުންގެ މީހަކާއި ވަކި ހާއްސަ ބޭނުންތަކެއްގައި ރަށްރަށަށްދާ މީހުންނާއި ޓޫރިސްޓުންނަށް ކޮވިޑް-19ގެ ކަރަންޓީނު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައި އޮންނާތީ ކިޔަމުން ދިޔަ ފާޑުކިޔުންތައް ޝަކުވާ އަށް ބަދަލުވެ މިހާރު މި ތިބީ ރުޅިގަދަވެފަ އެވެ. ކަރަންޓީނުކުރުމުގައި ވަކި ބަޔަކަށް ލުއިތަކެއް ދޭން ޖެހެނީ އެ ނޫން ގޮތެއް ނެތިގެންކަން އެންމެންނަށް ވެސް އެނގެ އެވެ. ކަރަންޓީނުގެ ސަބަބުން ރަށްރަށަށް ކޮވިޑް ނުފެތުރި ހިފެހެއްޓިފައިވާކަން ވެސް ގަބޫލުކުރެ އެވެ. އެކަމަކު ހުރިހާ ކަމެއް ހަމައިން ނެއްޓި ހަމައެއްލަމައެއް ނެތުމުން، ކަރަންޓީނަކީ މިހާރު އާންމުންނަށް އަދަބަކަށްވެގެން ޝަކުވާ ބޮޑުވެ ރުޅިގަދަވީ އެވެ.

ގެސްޓް ހައުސް ހިންގާ ރަށެއްގައި އުޅޭ މީހަކު ރަށުގެ ހާލަތު ސިފަކޮށްލަދިނެވެ؛

ގެސްޓުން އައިސް ލޯންޗުން ފައިބައިގެން ދަނީ އެވެ. މާލޭން އަންނަ އާންމު މީހާ ބަލާ އަންނަނީ ހަޒްމަޓް ސޫޓުގައި އެމްބިއުލާންސްގަ އެވެ. އެ މީހުންނަށް ހިނގާފައި ވެސް ގެޔަށް ދިއުމުގެ ހުއްދައެއް ނޯވެ އެވެ. ގެސްޓުން ރަށުތެރޭ އުޅެނީ މާސްކެއް ވެސް ނާޅަ އެވެ. އެކަމަކު ރަށުގެ އެހެން އެންމެން އުޅެން ޖެހެނީ މާސްކް އަޅައިގެންނެވެ. ރަށަށް ރަސްމީ ބޭނުންތަކުގައި މާލޭން އަންނަ މީހުން ވެސް ފިހާރަތަކާއި ކެފޭތަކަށް ވެސް ވަދެ ރަށު މީހުންނާ މައްސުނިވެގެން އުޅެ ޕިނިކް ހަދާފައި ދަނީ އެވެ.

"ވަރަށް އަންފެއާ. މިއީ ދެން ވަރަށް ހެއްވާ ކަމެއް. މާލޭން ރަށަށް އަންނަ އާންމު މީހާ މި ޖެހެނީ 14 ދުވަހު ބަންދުވެގެން އޮންނަން. އުސޫލުތަކަށް ތަބާވާން މި ޖެހެނީ އެ މީހުން. ހާއްސަ ހުއްދައޭ ކިޔައިފައި އަންނަ މީހުން ހަމަ ބޭނުންހާ ގޮތަކަށް އުޅޭ،" އޭނާ ކިޔައިދިނެވެ.

ގެސްޓް ހައުސް ހިންގާ ރަށްރަށުގައި އުޅޭ މީހުން، އެހެން ރަށަކަށް ދާ ނަމަ ވެސް 14 ދުވަހު ކަރަންޓީނުވާން ޖެހެ އެވެ. އެކަމަކު ޒަރޫރީ ބޭނުންތަކަށް ރަށަކަށް ދެވިދާނެ އެވެ. ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމަށް މިހެން މީހުން ގޮސް އުޅެން ޖެހެނީ ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވިޔަސް އެއީ ހަމައެކަނި ލިޔެކިޔުމުގައި އޮންނަ ކަމެކެވެ. ގެސްޓް ހައުސް ހިންގާ ރަށްރަށުގައި އުޅޭ މީހުން އެހެން ރަށަކަށް ދާއިރު ކަރަންޓީނުވާން ޖެހޭއިރު މާލޭން އެ ރަށްރަށަށްދާ މީހުން ވެސް ކަރަންޓީނުވާން ޖެހެ އެވެ.

މި ނޫން ގޮތެއް ނެތީ؟

ކޮވިޑް ކޮންޓްރޯލްވާނެ އިރެއް އަދިވެސް ނޭނގޭތީ ރައްކާތެރިވެގެން ތިބުން ނޫން ގޮތެއް ނެތެވެ. އެކަމަކު ރަށްރަށުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް، ކޮވިޑް ފެތުރިފައި އޮތް މާލެއިން މީހުން ރަށްރަށަށް ދާން އެބަ ޖެހެ އެވެ. ޓޫރިސްޓުން ގެނެސް އިގްތިސާދު ހިންގައިގެން ނޫނީ މި އޮތް ދަތި ހާލުން އަރައިގަނެވޭނެ ގޮތެއް ނެތެވެ. މި ކަންކަމަށް ބަލައި ކަރަންޓީނުކުރުމުގެ އުސޫލެއް ހަދައި އަމަލުކުރަން ފެށި ނަމަވެސް މިއީ މިހާރު މާނައެއް އޮތް ކަމެއް ނޫނޭ ބުނެވޭހާ ގިނައިން ކަންކަން ފެންނަނީ އެވެ.

އެކި ޕްރޮޖެކްޓްތަކާއި ރަސްމީ އެކި ބޭނުންތަކަށް މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނު ނުވެ ފަސް ދުވަހު އުޅެން ހުއްދަ ދެނީ ރަށުގައި އެ ކުރަން ދާ ކަމެއް ކޮށްލުމަށް ފަހު، އެހެން މީހުންނާ މައްސުނިވެގެން ނޫޅެ އެނބުރި އަންނަ ގޮތަށެވެ. އެކަމަކު މިހެން ދާ މީހުން ރަށު މީހުންގެ ސައިކަލް ފަހަތަށް އަރައިގެން ދުއްވަނީ އެވެ. ރަށުގައި ހުންނަ ކެފޭތަކަށް ވަދެ ކައިބޮއެ ހަދަނީ އެވެ. ހއ. ހޯރަފުށީގައި އެއާޕޯޓް ހުޅުވަން ބޭއްވި ހަރަކާތްތަކުގައި ޖާފަތެއް ދިން އިރު މާލޭން ދިޔަ އެތައް ބަޔަކު ރަށު މީހުންނާ އެކު ކޭމަށް އަރައި ތިބި ފޮޓޯތަކަކީ ރަނގަޅު މިސާލެކެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ އުފަލުގައި ބޭއްވި، ރަށު ރައްޔިތުން ބައިވެރިވި ޖާފަތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ކ) އާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ކ-2) އާއި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފޭސްބުކް/ހޯރަފުށީ އެއާޕޯޓް

ގެސްޓް ހައުސް ހިންގާ ރަށެއްގައި އެންމެ ގެސްޓަކު ހުއްޓަސް ރަށު އެންމެން އުޅެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އެ ރަށެެއްގެ މީހުން ވެސް ބަލި ނެތް އެހެން ރަށަކަށްދާ - ހާއްސަ ހާލަތެއްގައި ނޫނީ - 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހެ އެވެ. ގެސްޓް ހައުސް ހިންގާ ރަށްރަށުގައި އެ ތަންތަނުން ވެސް ވަކި އުސޫލުތަކަކަށް އަމަލުކުރަން އޮތަސް އެގޮތަކަށް ވެސް އަމަލެއް ނުކުރެވެ އެވެ. އާންމުން އުޅޭ ހިސާބަށް ޓޫރިސްޓުން އެރުމާއި އެ މީހުންނާ އެހެން މީހުން ދިމާވުމާއި މި ހުރިހާ ކަމެއް ހިނގަ އެވެ.

އެކަމަކު މާލޭން ރަށަށްދާ އާންމު މީހާ ކަރަންޓީނުގައި 14 ދުވަސް ލާޒިމެވެ. މަގުމައްޗަށް ބޯ ދިއްކޮށްލިޔަސް އަދަބު ލިބިދާނެ އެވެ. ރުޅިގަދަވެގެން އުޅެނީ މިހެން ވާތީ އެވެ. ފިޔަވަޅުތައް އަޅާފައި ހުރީ އެންމެންގެ ރައްކަލަކަށް ކަމަށް ވިޔަސް އާންމު މީހާ އަށް މިހާ ބޮޑު ތަފާތުކުރުމެއް ގެންގުޅޭތީ، މިއީ ވަކި ބަޔަކާ ހެދި ފެތުރޭ ބައްޔެއް ކަމަށް މާނަކުރެވެނީ އެވެ.

ބަލި ފެތުރިފައި އޮތް ތަނަކުން ބަލި ނެތް ތަނަކަށް ނުދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިޔަސް ބަލިމަޑުކަމާ އެކު ކުރިމަތިވި ދަތި ހާލާއި ހާސްކަމުގައި އަދިވެސް އުޅެން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގޭތީ ރަށަށް ދާން ބޭނުންވެފައި ތިބި މީހުން ބައިވަރެވެ. މިގޮތަށް ދާ މީހުން ސްކޫލް ޗުއްޓީއާ އެކު އިތުރުވެ ކަރަންޓީނުވެގެން ތިބޭނެ ތަންތަން ވެސް ބައެއް ރަށްރަށުގައި މިހާރު ވަނީ ލިބުން ދަތިވެފަ އެވެ.

ޓެސްޓްކޮށްފައި ނުދެވޭނެތަ؟

ޓޫރިސްޓުން ރާއްޖެ އަށް މި އަންނަނީ ރާއްޖެ އަށް ދަތުރު ފެށުމުގެ ތިން ދުވަސް ކުރިން ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއަކާ އެކުގަ އެވެ. މާލޭގައި ތިބި ދިވެހިންނަށް ވެސް މިހެން ރަށްރަށަށް ނުދެވެންވީ ކީއްވެތޯ ސުވާލުކުރާ މީހުން ވަރަށް ގިނަ އެވެ. އެކަމަކު ކޮވިޑަކީ ވައިރަސް ހަށިގަނޑަށް ވަންނަތާ ވަކި މުއްދަތެއްގެ ތެރޭގައި ނޫނީ ޓެސްޓަކުން ވެސް ދައްކާ ބައްޔަކަށް ނުވާތީ މިހެން ހަދާ ޓެސްޓަކީ ވެސް އެ މީހަކީ ވައިރަސް ނެތް މީހެއްކަން ސައްތައިން ސައްތަ ޔަގީންކުރެވޭ ގޮތެއް ނޫނެވެ. މި ބުނާ މުއްދަތަކީ "އިންކިއުބޭޝަން" އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އާންމު އިންކިއުބޭޝަން މުއްދަތަކީ ގާތްގަނޑަކަށް ފަސް ދުވަހެވެ. މި ވައިރަސް އިންފެކްޓުވާ މީހުންގެ 97 ޕަސެންޓް މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ 11-12 ދުވަސް ތެރޭގަ އެވެ. އަދި 99 ޕަސެންޓަކީ 14 ދުވަސް ތެރޭގައި ބަލީގެ އަލާމާތް ފެންނަން ފަށާ މީހުންނެވެ.

ޓެސްޓް ހަދައިގެން އަންނަ ޓޫރިސްޓުންނަށް ވެސް އެހެން މީހުންނާ ގައިގޯޅި ނުވެ ވަކި އުސޫލުތަކެއް ހިފަހައްޓަން އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައި އޮންނަނީ މިހެންވެ އެވެ.

އެހެންވެ، ބަލި ނެތްކަމާއި އެ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ނުފެތުރޭނެ ކަމުގެ ޔަގީންކަން އެންމެ ބޮޑު ގޮތަކީ 14 ދުވަހުގެ ކަރަންޓީނެވެ. ބަލި ނެތްކަން އެންމެ ބޮޑަށް ޔަގީންވާނެ ގޮތަކީ މި 14 ދުވަހުގެ ފަހުން ޓެސްޓްކޮށް ބެލުމެވެ.

ބައެއް ގައުމުތަކުގައި 14 ދުވަހު ހުންނާކަން ނުޖެހޭ، މިތާ ކީއްވެ؟

ކޮވިޑް-19 ރަށްރަށުގައި ފެތުރުނަ ނުދޭން އަޅާފައިވާ އެންމެ ވަރުގަދަ ފިޔަވަޅަކީ އެ ބަލި ފެތުރިފައިވާ ތަނަކުން، ބަލި ނެތް ރަށަކަށްދާ މީހާ 14 ދުވަހުގެ ކަރަންޓީނުކުރުމެވެ. ގަބޫލު ނުކުރެވުނު ކަމުގައި ވިޔަސް، މާލޭގައި މިހާ ބޮޑަށް ބަލި ފެތުރިގެން ދިޔައިރު ވެސް ރަށްރަށުގައި ކޮވިޑް އާންމު ނުވެ އޮތް އެންމެ ބޮޑު އެއް ސަބަބަކީ މާލޭން ރަށްރަށަށް ދިއުން ކޮންޓްރޯލްކުރުމާއި ރަށްރަށަށް ދާ މީހުން ކަރަންޓީނުކުރުމެވެ.

ބައެއް ގައުމުތަކުގައި ފަސް ދުވަސް، ހަތް ދުވަސް އަދި 10 ދުވަސް ވެސް ކަރަންޓީނަށް ކަނޑައަޅާފައިވެ އެވެ. އެކަމަކު އެއީ ޑަބްލިޔުއެޗްއޯ އިން ލަފާ ދީފައި އޮންނަ ވަރެއް ނޫނެވެ. ކަރަންޓީނު މުއްދަތު ކުރުކޮށްފައިވާ ގިނަ ގައުމުތަކަކީ ބަލި ވަރަށް ބޮޑަށް އާންމުވެފައިވާ ގައުމުތަކެވެ. އެ ގައުމުތަކުގައި ބަލި ޖެހިފައިވާ މީހުން ގިނަކަމުން، ކަރަންޓީނަކީ މާނައެއް ހުރި ކަމަކަށް ވެސް ނުވަނީ އެވެ. ކަރަންޓީނު މުއްދަތު މި ކަނޑައަޅަނީ އެ މީހަކު އުޅެފައި އެ އަންނަ ތަނެއްގައި ބަލީގެ ހާލަތު އޮތް މިންވަރާއި އެ މީހަކު ދާ ތަނެއްގައި ބަލީގެ ހާލަތު އޮތް ވަރެއްގެ މައްޗަށެވެ.

އާބާދީގެ ތެރޭގައި ކޮވިޑް އާންމުވެފައި އޮތް ނަމަ، އެވަރަށް ބަލި އުޅޭ އެހެން ގައުމަކުން އެތަނަށް އަންނަ މީހާ ކަރަންޓީނުވެގެން ހުންނަން ޖެހުމުގެ މާނައެއް ނެތެވެ. އެކަމަކު ބަލި އޮތް ތަނަކުން ނެތް ތަނަކަށް ދާ ނަމަ ތަފާތެވެ. އެއީ ހައި ރިސްކް ތަނަކުން ލޯ ރިސްކް ތަނަކަށް ދިއުމެވެ. މާނަ އަކީ، ބަލި ނެތް ތަނަކަށް ބަލި ދިއުމަށް އޮތް ފުރުސަތު ބޮޑުވުމުވެ.

ބަލި ނެތް ތަނެއްގައި ބަލި ފެތުރުމަކީ ބޮޑު ގޯހެކެވެ.

ޖަވާބަކީ ފަރުދީ ޒިންމާ

ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް މީހުން އަމަލު ނުކުރާތީ ނޫސްވެރިން ޕްރެސް ކޮންފަރެންސްތަކުގައި އެޗްޕީއޭ އަށް އަބަދުވެސް ސުވާލުކުރެ އެވެ. އެޗްޕީއޭ އިން ޖަވާބު ވެސް ދެ އެވެ. މިއީ އެޗްޕީއޭ އިން ނުވަތަ ވަކި އިދާރާއަކުން އެކަނި ކުރާ މަސައްކަތުން ކޮންޓްރޯލް ވާނޭ ބައްޔެއް ނޫނެވެ. އަދި ވެކްސިނެއް އަދި ހާއްސަ ފަރުވާއެއް ވެސް ނެތުމުން ކޮންމެ މީހަކު ވެސް އެ މީހެއްގެ ޒިންމާ އަދާކޮށްގެން ނޫނީ ނަތީޖާއެއް ނުފެންނާނެ އެވެ. އެޗްޕީއޭގެ ޖަވާބަކީ އެއީ އެވެ.

ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނީ ކޮން އިރަކުންތޯ ކުރާ ސުވާލު އެޗްޕީއޭ އަށް އަމާޒުވުން މިހާރު އިތުރުވެއްޖެ އެވެ. މި ސުވާލަށް ވެސް ޖަވާބަކީ ފަރުދީ ޒިންމާ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކަރަންޓީން ނުވެ ރަށަށް ދާން ބޭނުންވާ މީހުން ގިނަ ކަމަށާއި އެކަމަކު ބަލީގެ ނުރައްކާތެރިކަން ވަޒަންކޮށް އެންމެން ގުޅިގެން މަސައްކަތްކޮށްގެން ނޫނީ އެ ދުވަސް އަވަހަކަށް ނާންނާނެ ކަމަށެވެ. ބައްޔަށް ވުރެ ކުރިއެރޭނީ ބަލި ޖެހިފައި ތިބި މީހުން ދެނެގަނެ އެކަހެރި ކުރިވިގެންކަން ކަމަށާއި އެހެންވެ ކޮންޓެކްޓް ޓްރޭސިން ފަދަ ކަންކަމުގައި ތެދު މައުލުމާތު ދިނުމާއި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ޓެސްޓްކޮށް މީހުންނާ އެކަހެރިވުމާއި ބަލިން ރައްކާތެރިވުމުގެ އިރުޝާދުތަކަށް ތަބާވެގެން ނޫނީ ކަރަންޓީނު ނުވެ ރަށަށް ދެވޭނެ ދުވަހެއް އަވަހަށް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

27 ކޮމެންޓް, 103 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 7%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާައާއ

28 November 2020

ބޮޑުސޯބް އެބުރޭހެން ކުދިސޯބުވެސް އެބުރެނޭ. އިންސާފެއް ލޯބީގާ ނެތޭ ކެހިވެރިވި ދުނިޔޭގާ.... މީވާ ވަރަށް ތެދު ބަސްކޮޅެއް.

The name is already taken The name is available. Register?

އިބްރ

28 November 2020

ތިލަފަތުން ކިރީމާ ވާގޮތް މިއީ. މި ވެރިކަމުގައި އިންސާފްލިބޭނީ ތިލަފަތުގެ ފިކުރުގެ މީހުނަށް.

The name is already taken The name is available. Register?

އައިޝަ

28 November 2020

ދިވެހިންނަކީ ގަމާރުން ކަމަށް ހަދައިފި. ކޯވިޑްގަ ފޮލޯކުރަން ޖެހެނީ އެއް އުސޫލް ތަކެއް ނޫންތަ؟ ރާއްޖެއަށް ވަކި އުސޫލްތަކެއް ޑަބްލިޔު އެޗް އޯ އިން އިން ހަދާފަ އޮތީތަ. އ

The name is already taken The name is available. Register?

އަބްދުއްالله

28 November 2020

އައްޗި. ހާދަ ހަޑިކޮށް ކާބަޔެކޭ ދޯ؟ މޭޒާ ގޮނޑިޔާ އުލާ ވަޅިޔާ ބޭނުންކުރަން ނޭގޭ ބައެއްތަ؟

The name is already taken The name is available. Register?

ރީތި މޫސަ

28 November 2020

ރުޅިއަންނަނީ ރުޅިއަންނަންވެގެން ސަރުކާރުންވީމަ އޯކޭ އެހެންބަޔެއްވިއްޔާ ގައިދުރު

The name is already taken The name is available. Register?

ދިއްދޫމީހާ

27 November 2020

ނިކަމެތި ރައްޔިތުމީހާއަ މިފެންނަނީ މާލެއިން ރަށްށަ އަންނަ ބޭފުޅާ އުޅޭގޮތް، ކޮޗިން ފެރީއޭއަ ބާވަން މާލެއިން ކުޅުދުއްފުށީއަ ދިޔަމީހުން މުޅި ރަށް ކުޑަކޮއްފަ ދިޔައީ، ހީވަނީ މާލެއިން ސަރުކާރުގެ ބޭނުމަށޭ ކިޔާފަ ދާމީހުން ތިބެނީ ކޮވިޑް ސްޕްރޭ ޖަހާގެން ތިބޭއެހެން،،

The name is already taken The name is available. Register?

ޢާދަނުބެ

27 November 2020

ދަނޑުތަކުގަ މީހުން ފުޜާ ފުޓުބޯޅަ ކުޅެވޭ ކޮވިޑްޓެސްޓު ހަދާފަ ޕޮޒިޓިވް ނުވަންނާ އެހެންތަނަކަށްނޔގޮސް ސީދާ ފުރަންދެވޭގޮތް ހެދޭނޭނުން

The name is already taken The name is available. Register?

އުދުހޭ

27 November 2020

މިކަމާ ދެކޮޅަށް އިހްތިޖާޖްކުރަން ސިޔާސީ ޕާޓީއަކުން ނޫޅޭތަ؟ އުޅެންޏާ އަހަރެންވެސް ބައިވެރިވާނަން.

The name is already taken The name is available. Register?

ހީނާ

28 November 2020

ނޫނޭ. އަ ދުރޭ އެބައުޅޭ. ގުޅާބަލަ އޭނައަށް. އޭނަގެ ފޯނު ނަންބަރަކީ 200000=50+50

The name is already taken The name is available. Register?

ދަތުރުވެރިޔާ

27 November 2020

ގެސްޓް ހައުސް މުޢައްޒަފުންވެސް ނިނުކުމެވޭގޮތަށް ހަދާފަ އޮންނަނަމަ އެރަށު ރައްޔިތުންނަށް ކިހާ ބޮޑުތަން ފަސޭހަވެގެންދާނެ. ރިޒޯޓް މުޢައްޒަފުން ރަށަށް އައިސް ކަރަންޓީން ވާންޖެހޭނަމަ ގެސްޓު ހައުސް މުޢައްޒަފުންނަށްވެސް އޮންނަންވާނީ އެ އުޞޫލު ދޯ

The name is already taken The name is available. Register?

ކިނބޫ

27 November 2020

ކަލޭމެންތަ ތިހެން ތިކިޔަނީ. ކަލޭމެންގެ ސަރުކާރުގެ ދެއުޅިއެއްނުވާ ކަމާއި އުރަތްޕެއް ނެތީމަ ތިހެން ތިވަނީ. އެނގޭތަ އެކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454