ރިޕޯޓް

މާޔޫސްކަމާއި ނާއުއްމީދީ ދިވެހިންތަކުން އައްޑާތައް ފުރިފައި

މަސްތުވާތަކެތީގެ ބޭނުންކުރާ ކަމަށް ތުހުމަތުކުރާ ގެއަކަށް، ފުލުހުންނާއެކު ދިޔައިރު ތިބި ބަޔަކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

30 ނޮވެމްބަރ 2020 - 11:28

78 comments
sad icon 85%

މ. ސަމްމާމުއާގޭގެ މަތީ ކޮޓަރީގެ ސާފުތާހިރުކަމާއި ތަރުތީބު ވަނީ ގެއްލިފަ އެވެ. ފާރުތަކުގައި އެކި ކަހަލަ ލިއުންތަކެވެ. ކުލަ ވެއްޓި ހަޑިވެފަ އެވެ. ކުޑަދޮރުގެ ދޮރުފަތެއް ނެތެވެ. އެ ހާލުގައި ހުރި ކޮޓަރިއެކޭ އެތަނަށް ކޮންމެ ދުވަހަކު ޒިޔާރަތްކޮށް، މަސްތުވާ މީހުންގެ ދިރިއުޅުމެކޭ އެއްވެސް ތަފާތެއް ނެތެވެ. އެ އެންމެންގެ ހަޔާތުގެ މިސްރާބު ވަނީ ގެއްލިފަ އެވެ. އުއްމީދެއް ނުފެނެ އެވެ. އެމީހުންގެ ދިރިއުޅުން ފުރިފައިވަނީ ހަމައެކަނި މާޔޫސްކަމާއި އެ މާޔޫސްކަން ބޮޑުކޮށްދޭ މަސްތުވުމުގަ އެވެ.

މާލޭގައި ފާޅުގައި މަސްތުވާތަކެތި ބޭނުންކުރަން ހާއްސަ މިފަދަ އެތައް ތަނެއް މިހާރު އެބަ ހުއްޓެވެ. މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހި އެއިން ސަލާމަތްނުވެވި ދިރިއުޅެމުން އަންނަ އެތައް ސަތޭކަ ބަޔަކު އެއްވެ، ކޮންމެ ދުވަހަކު ވެސް މަސްތުވެގަންނަ ހާލިތަކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ފުލުހުންގެ ތެރޭގައި އާންމު ނަމުން ނަމަ އައްޑާތަކެވެ.

ފުލުހުން ކުރިއަށް ގެންދާ "އެންޓި - ސްޓްރީޓް ޑީލިން އޮޕަރެޝަން"ގައި މިދިއަ ބުރާސްދަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބައެއް ނޫސްވެރިން ބައިވެރިކޮށް، އައްޑާތަކަށް ޒިޔާރަތްކޮށް، ހާލަތު ބެލުމުގެ ފުރުސަތު ލިބުނެވެ. އެއިން ކޮންމެ ތަނަކުން ވެސް ފެނުނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައި އޮތް ނިސްބަތާއި މި ނުރައްކަލުން ސަލާމަތްނުވެއްޖެ ނަމަ، މިހާރު ކުރިމަތިވެފައި އޮތް ކޮވިޑަށް ވުރެ ވެސް އޭގެ ނުރައްކާ ބޮޑުވެ، ދިގުދެމިގެން ހިނގައިދާނެކަމުގެ ނިޝާންތަކެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބީ، ދިރިއުޅުމާ މެދު ކުރިން އުއްމީދެއް ނެތް ބައެއް ނޫނެވެ. އައްޑާތަކުން ދިމާވި ބައެއް މީހުންނަކީ ހުނަރުވެރިންނެވެ. މަތީ ތައުލީމް ހާސިލްކުރުމުގެ އަޒުމުގައި، އޭގެ ބައެއް ކޯސްތައް ފުރިހަމަކުރި މީހުންނެވެ. އެއް ޒުވާނަކު ހުރީ އޮފީސް މެނޭޖްމަންޓް ދާއިރާ އިން ޑިޕްލޮމާ ހަދާފަ އެވެ. ވަކީލުކަން ކިޔަވަމުން އައި ޒުވާން އަންހެން ކުއްޖަކާ ވެސް ދިމާވި އެވެ. އަތްތެރި މަސައްކަތާއި ކުރެހުމުގެ ފަންނުގެ ފިރިހެނަކު ވެސް، ކޮންމެ ދުވަހަކު މަސްތުވާ ލިސްޓްގައި ހިމެނެ އެވެ. ކަނޑު އުޅަނދުފަހަރުގެ ކައްޕިއަކު ވެސް ވަނީ މަގު އޮޅި، ރަށުގައި ހުރި ކުޑަދަރިފުޅާއި އަންހެނުންގެ މަތިން ހަނދާން ނެތިފަ އެވެ.

ތިން ފަހަރަކު އެއް އަންހެނަކާ

ސަމްމާމުއާގެ ބޮޑަށް މަޝްހޫރުވެފައި އޮންނަނީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނުން އާންމުކޮށް ގޮސް އުޅޭ ތަނެއްގެ ގޮތުގަ އެވެ. އޮޕަރޭޝަންގައި އެތަނަށް ހަތަރު ފަހަރެއްގެ މަތިން ނޫސްވެރިން ދިޔައިރު، ތިން ފަހަރަކު އެއް އަންހެނަކާ ދިމާވި އެވެ.

ޅ. އަތޮޅުގެ ރަށަކަށް އުފަން، މިހާރު އުމުރުން 31 އަހަރުގެ އެ އަންހެންމީހާ މަސްތުވާތަކެތި ބޭނުންކުރަން ފެށީ އުމުރުން އެންމެ 15 އަހަރުގަ އެވެ. ޖަލުގައި އަށް އަހަރު ހޭދަކުރި އެވެ. ކައިވެނީގެ ބޭރުން ލިބުނު ދަރިފުޅަށް 14 އަހަރު ވިއިރު އެ ކުއްޖާ ނުފެންނަތާ ވެސް މިހާރު 10 އަހަރު ވެއްޖެ އެވެ. މަސްތުވާތަކެއްޗަށް ދެވިހިފުމުން ދަރިފުޅު ފެންނަ ހިސާބަށް ދާން ވެސް ބޭނުންނުވަނީ އެވެ.

މިދިއަ 15 ވަރަކަށް އަހަރު އެއިން ސަލާމަތްނުވެވިގެން، ދިރިއުޅުމުގެ މިސްރާބު ގެއްލި، ހަމަ މަގަށް އެޅޭނެ ދުވަހެއް ނޭނގުނަސް އޭނާ ވެސް ބުނީ "މި ކަމުން ރަނގަޅުވާން ބޭނުން" ކަމަށެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މިހާރު އިންތިޒާރުކޮށްގެން ހުރީ އަލުން އެންޑީއޭ އިން ޖާގަ ލިބި، މި ހުތުރު އަދި ނުސާފު ހަޔާތުން ދުރުވެވޭނެ މަސައްކަތް ފެށޭނެ އިރަކަށެވެ.

މ. ސަމްމާމުއާގެއަށް ދިޔައިރު، އެ ތަނުގެ ތެރޭގައި ތިބި ބަޔަކު ފުލުހުން ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ހާލިތަކުން ފެންނަ ބިރުވެރިކަމަކީ މި މަސްތުން ސަލާމަތްވުމުގައި ހުރި ބޮޑެތި ގޮންޖެހުންތަކެވެ. ފުލުހުންގެ މަގުސަދަކީ ވެސް އެކަން އާންމުންނާ ހަމައަށް ގެނެސްދިނުމެވެ. މި އެންމެން ހައްޔަރުކުރުމަކީ ހައްލު ނޫން ކަމާއި ފަރުވާ އާއި އަޒުމާއި އުއްމީދާއި މުޅި މުޖުތަމައުގެ އެއްބާރުލުން ނުލިބި، މި ހިތާމަވެރި ސަފުހާ ފޮހެނުލެވޭނެ ކަމެވެ.

އެއް ޒުވާނަކު ބުނި ގޮތުގައި "މުޖަތަމައުގައި ބޭނުންހިފޭ މީހަކަށް ވާން" ބޭނުންވިޔަސް، ފަރުވާ ނުލިބި ދެން ސަލާމަތެއް ނުވެވޭނެ އެވެ. އެކަމަކު ސަރުކާރު ކުންފުންޏެއްގައި އެސިސްޓެންޓް ފައިނޭންޝަލް އޮފިސަރަކަށް އުޅެފައި، މަތީ ތައުލީމް ހާސިލްކުރަން ވަޒީފާ އިން ވަކިވި ޒުވާނާ ހުރީ އެ މަގުން ކުރިއަށް ދެވޭނެ ހާލަތެއްގައެއް ނޫނެވެ. އޭނާގެ ސިކުނޑި ގެންގޮސްދެނީ ކޮންމެވެސް އައްޑާއަކަށެވެ. އެތަނުގައި އެހެން މީހުންނާ އެކު މަސްތުވެ، އަނެއްކާވެސް ހަމަހޭވެރިކަން ގެއްލިދެ އެވެ.

"ސިނގިރޭޓަކީ އަހަރެންގެ ހަލާކު" ކަމަށް ބުނި ޒުވާނަކު ކިޔައިދިން ގޮތުގައި އަމިއްލަ ނަފުސު ދެކެ އޭނާ ލަދު ވެސް ގަނެ އެވެ. އެކަމަކު އައްޑާތަކަށް ދިއުން ހުއްޓުވޭނެ ހިތްވަރެއް ނެތްކަން ގަބޫލު ވެސް ކުރެ އެވެ. މަސްތުވާތަކެއްޗަށް އޭނާގެ ދެވިހިފުން އޮތް މިންވަރު، މައިންބަފައިން އޭނާއަށް ގަނެދިން މޮބައިލް ފޯނުތަކުން މިސާލު ދެއްކި އެވެ.

މިދިއަ އަހަރު ޖަލުން މިނިވަންވުމުން އާއިލާއަށް އުއްމީދެއް ލިބުނެވެ. އެހެންކަމުން ދިރިއުޅުން އަލުން ފަށައިދިނުމުގެ މަގުސަދުގައި މައިންބަފައިން ގަނެދިނީ ފޯނެކެވެ. އެކަމަކު އެ ފޯނު އަތުގައި ބޭއްވޭ ގޮތެއް ނުވި އެވެ. އަލުން މަސްތުވެގަތުމަށް ވިއްކާލީ އެވެ. އެހެން ގޮސް މިހާތަނަށް ހަތަރު ފޯނު ވިއްކާލައިފި އެވެ.

"ފޯނު ވިއްކާލާފައި ބޮނީ. މިހާރު މަންމަމެން ކައިރީގައި ބުނާކަށް ނުކެރޭ ފޯނެއް ގަނެދޭށޭ،" ކުޑައިރުއްސުރެ އާއިލާއާ އެކު މާލޭގައި ދިރިއުޅެމުން އަންނަ ޒުވާނާ ބުންޏެވެ.

"ތިން މަސް ތެރޭގައި ހަތަރު ފޯނު ގަނެދިނީމާ ވެސް ވީ ވަރަކީ މިއީ."

އައްޑާއެއްގައި، މަސްތުވާތަކެތި ބޭނުންކޮށް، ތަން ގޮނޑުވެފައި. .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރިއުޅުން އާރާސްތުކުރުމަށް މަސައްކަތެއް ނުކުރިޔަސް މަސްތުވާތަކެތި ހޯދައިގެން އެ ބޭނުންކުރަން "ހިތްވަރުލާފައި" އެ މީހުން އުޅެ އެވެ. އޭގެ ތެރެއިން އެކަކު ބުނީ "އެތިކޮޅެއް" ގަނެލަން ހުސް ގޯނި ވިއްކައިގެން ވެސް ލާރި ހޯދާ ކަމަށެވެ.

"އަހަރެން ސިކް ވާތީވެ އެ އެއްޗެހި ވެސް ވިއްކަނީ. އެއްލައިލާފައި ހުންނަ ގޯނި ހޮވައިގެން، އެ ވެސް ރުފިޔާއަކަށް ގޯންޏެއް. ފަންސާސް ގޯނި ހަމަކޮށްގެން ވެސް އެބަ ވިއްކަން،" އޭނާ ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ ގެއެއް ފުލުހުން ފާސްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަސްތުވާތަކެއްޗަށް ވުރެ، "ހޫނު އަލިފާން ކެޔަސް ރަނގަޅުވާނެ"

ގާނޫނީ ވަކީލަކަށް ވުމުގެ ހުވަފެންތައް ދެކެމުން އައި 30 އަހަރުގެ އަންހެނަކާ ދިމާވީ ހެންވޭރުގައި ހުރި އައްޑާއެއް ކައިރިންނެވެ. އޭނާ ވެސް، އޭގެ އެހެން މީހުންނެކޭ އެއްގޮތަށް، އައްޑާ ތެރޭގައި މަސްތުވެގަންނަން ލަދެއް ނެތި އެވެ. ކުރީގެ އުއްމީދުތަކަކީ، މިހާރު ހަމައެކަނި ބުނެލާ ހުސް ވާހަކައެއް ފަދަ އެވެ.

މައުހަދުން ޝަރީއާ އެންޑް ލޯ އިން ފައުންޑޭޝަން ކޯސް ފުރިހަމަކުރުމުގެ އިތުރުން ގާރީ ކޯސް ވެސް އޭނާ ހެދި އެވެ. އެކަމަކު އުއްމީދުތަކާ އެކު އެ ކޯސްތައް ފުރިހަމަކޮށް، އުމުރުން 19 އަހަރުގައި އޭނާގެ މިސްރާބު ގެއްލުނީ، ރައްޓެހިންނާ އެކު މަޖާކުރުމުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ފެށި ހިސާބުންނެވެ.

ދެ ފަހަރެއްގެ މަތިން ރިހެބަށް ގޮސް ފަރުވާ ހޯދި އެވެ. އެކަމަކު އަލުން އަނެއްކާވެސް އޭނާ ހުރީ، ހަޑިމުޑުދާރު އައްޑާއެއްގެ އާންމު މެހެމާނަކަށް ބަދަލުވެފަ އެވެ. މަސްތުވެލަން ބޭނުންވުމުން އެތިކޮޅެއް ގަނެލައިގެން ގޮސް ވަންނަނީ އޭގެ އައްޑާއަކަށެވެ.

އެކަމަކު ނޫސްވެރިންނާ ވާހަކަ ދައްކަމުން، އެހެން މީހުންނަށް އޭނާ ދިން ރަނގަޅު މެސެޖެއް ވެސް އެބަ އޮތެވެ. އޭނާ ބުނި ގޮތުގައި ކަމަކާ ދެރަވެގެން ނަމަވެސް މިއީ ބޭނުންކުރަން ހެޔޮވާ ވަރުގެ އެއްޗެއް ނޫނެވެ.

"މަސްތުވާތަކެއްޗަށް ދިޔައީމަ އެ ލިބެނީ ކުރިއެރުމެއް ނޫނޭ. އެ މީހަކު ދާނީ ހުރި ވަރަށް ވުރެ ދަށަށް،" އޭނާ ބުންޏެވެ.

ކުރެހުމަށާއި ލަކުޑީގެ މަސައްކަތަށް ހުނަރުވެރި 34 އަހަރުގެ ޒުވާނަކާ ބައްދަލުވި އެވެ. ރީތިކޮށް، އަދި އެހާމެ ނަލަކޮށް ކުދިކުދި އޮޑިފަހަރު ހަދާލުމަކީ އޭނާއަށް ނުހަނު ފަސޭހަ މަސައްކަތެކެވެ. އެކަމަކު އޭނާ ބުނާ ގޮތުން ކައިވެންޏެއް ނުކުރެވި، ދިރިއުޅުމެއް ވެސް ނުފެށި އުޅެން މި ޖެހެނީ، މަސްތުވެގަތުމުގެ ނުބައި އާދައިން ސަލާމަތްނުވެވިގެންނެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހުމަށް ވުރެ، އޭނާ ސިފަކުރި ގޮތުގައި، "ހޫނު އަލިފާން ކެޔަސް މާ ރަނގަޅުވާނެ" އެވެ.

އެކަމަކު އޭނާ ވެސް ކޮންމެ ދުވަހަކުހެން އެ ދަނީ އައްޑާއަކަށެވެ. އެތަނުގެ އަނދިރިކަމުގައި، ދިރިއުޅުން އިތުރަށް އަނދިރިކުރަނީ އެވެ.

ކޮންމެވެސް ގޮތަކުން ލާރި ހޯދައިގެން އެއިން ކޮންމެ މީހަކު ވެސް މަގުމަތިން ނުވަތަ ޑީލަރަކު އެ ހުރި ތަނަކުން މަސްތުވާތަކެތި ގަނެލަ އެވެ. އެ މީހުން އެ ބޭނުންކުރާނެ ތަނެއް ނެތުމުން ވަންނަނީ މާލޭގައި ގިނަވަމުން އަންނަ، އަދި ބަންދުކުރެވޭނެ ގާނޫނީ މަގެއް ފުލުހުންނަށް އަދި ފެންނަން ނެތް، އައްޑާއަކަށެވެ.

އެއިން ކޮންމެ ތަނަކުން ވެސް ފެންނަނީ އުއްމީދެއް ނެތް އެތައް ދިވެހިންގެ ދިރިއުޅުން ވެއްޓިފައި އޮތް އަނދިރި ވަޅުގަނޑެވެ. ދިރިހުރުމުގެ މަޖުބޫރީ ހާލަތަކީ، އެ މީހުންނަށް، ހަމައެކަނި މަސްތުވެގަތުމެވެ. އެ ނުރައްކަލުން ސަލާމަތްވާނެ ހިތްވަރެއް، އޭގެ ތެރެއިން ގިނަ މީހުންގެ ނެތެވެ. އެ ހިތްވަރު ހޯދައިދޭން ސަރުކާރުން ގާއިމްކޮށްފައި ހުރި އިދާރާތަކުގައި އެ ފެންވަރެއް ވެސް ނެތްކަން، ބައެއް މީހުންގެ ވާހަތަކުން އެނގެ އެވެ.

މި އައްޑާތަކުން އެ ދައްކައިދެނީ މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ރާއްޖޭގެ ބައެއް ނިޒާމްތައް ފުނޑެމުން ދާ ކަމެވެ. މަޖަލަކަށް ނަމަވެސް، ނުވަތަ އެހެން ސަބަބަކާ ހުރެގެން ވިޔަސް، މަސްތުވާތަކެތީގެ ތެރޭގައި ދިރިއުޅުމުގެ މިސްރާބު ގެއްލިފައި ތިބި އެތައް ހާސް ދިވެހި ރައްޔިތުންނާ އެކު، މި މައްސަލަގަނޑުގައި، ދައުލަތުގެ ނުކުޅެދުންތެރިކަން ވެސް، އެހާމެ ބޮޑުވެއްޖެ ކަމެވެ.

78 ކޮމެންޓް, 242 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 87%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮސްކަލޯ

02 December 2020

އީމާން ތެރިކަން ހުރި މީހުން ފާފަތަކަށް އަރަި ނުގަންނަނީ އެކަމުން މަޙުޝަރު ދުވަހު ލިބޭނެ އަދަބަށް ބިރު ވެތި ވެއެވެ. ކާފަރު ގައުމުތަކުގައި ބައެއް މީހުން ކުށަށް އަރައި ނުގަންނަނީ އމީހުނަށް ދުނިޔެ މަތީގައި ލިބޭނެ އަދަބު ގެ ސަބަބުން ނެވެ. އީމާންތއެރި ކަމެއް ވެސް ނެތް، އަދި ދުނިޔެމަތީގައި ވެސް އަދަބު ނުލިބޭނެ ކަން ޔަގީން ވާ ބަޔަކު ކުށްތަކަށް އަރަިގަތުމަށް ޖެހިލުމެއް ނުވާނެ އެވެ. ވީމާ ކުށް ކުރުން ހުއްޓުވަން ބޭނުން ނަމަ ވަރުގަދަ އަދަބު ދޭށެވެ.

The name is already taken The name is available. Register?

ޢިމްސާ

02 December 2020

އެތެރެކުރާ އައްޑާތައް ހުއްޓުވާބަލަ. ަަަަަަަަަަަަަަަަަަަަަަަަަ

The name is already taken The name is available. Register?

01 December 2020

ދެން އޮތް ޒުވާން ޖީލް މަސްތުވާތަކެތިން ސަލާމަތްކުރުމަށް މިހާރު މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އަދަބްދީ... ސިންގަޕޫރު ގަ ވެސް ޑްރަގް ބޭނުން ކުރާ މީހުންނަށް ހަރުކަށި އަދަބްދޭ... ސިންގަޕޫރުގަ އެގޮތަށް ހަރުކަށި އަދަބް ދެނީ މުޖުތަމައު މިވަބާ އިން ސަލާމަތްކުރުމަށް..

The name is already taken The name is available. Register?

01 December 2020

ހުސް ގޭމް... އިސްލާހު ވާކަށް ތިއިން އެއް ސޮރެއް ވެސް ބޭނުމެއް ނުވޭ.... ތިޕާޓޭން ބޭނުން ވަނީ ވައްކަންކޮށްގެން މަސްތުވާތަކެތި ގަންނަން.... އިސްލާހު ވާން ބޭނުންވާ ކުދިން އެތިބެނީ އިސްލާހު ވެފަ، ނުލާހިކު ރީތިކޮށް، ނުލަހިކު ުރަގަޅަށް އެބަ އުޅޭ ކުރީގެ އެޑިކްޓުން.... ތިހިން ތިތަންތާ ނިދާ ތިގޮތަށް އުޅޭ ޕާޓޭންތީ އިސްލާހު ވާން ބޭނުން ވެގެން އުޅޭ ބައެއް ނޫން... ތި އެންމެން ރެޑްކޮށް ތިއޮތް ހިފެނީ، ޖަލަށް ލައި އަދަބްދީ... ޖަލުގަ މަސެއްކަތް ކުރުވާ...

The name is already taken The name is available. Register?

ޙަބީބު

01 December 2020

ހުރިހާވެސް ނުބަޔަކީ މިރާއްޖޭގެ މަދުވިޔަފާރި ވެރިން އެމީހުން މިތަކެތި އެތެރެކުރަނީ ވަރައް ބޮޑައް ފޮރުވާ އޮޅުވާ ލައިގެން ކަނޑުބޯޓު ފަހަރުގަ އެލުވައިގެންނާ ހިލަބޯޓުތަކާ ތެޔޮބޯޓުފަހަރުގަ

The name is already taken The name is available. Register?

ބޭބެ

01 December 2020

އެމް ޑީ ޕީ ސަރުކާރު ސަރުކާރައް މިވަނީ މިހެން ވީމް ދޯ

The name is already taken The name is available. Register?

މަ ވެސް ތި ހާލު

01 December 2020

މަގޭ ގޭގެ ކުރިމަތީ ގެ އެވެ. މަށަށް މިހާރު 39 އަހަރެވެ. މަ ބޮޑުމިވީ އެ ގޭ މީހުން މަސްތުވެ، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ތަން ބަލަމުން ނެވެ. ގޭ ދޮރުމައްޗަށް ބޯ ދިއްކޮލުމަކީ ދަތި އުދަގޫ ކަމެކެވެ. މަގު ހިނގާ ނޫޅެވޭ ވަރުވީއެވެ. މަގޭ ދަރިންނަށް މި މަންޒަރު ނުދަންކަން މަ މިހާރު އަމިއްލަ ގެ ދޫކޮށް މި އުޅެނީ ކުއްޔަށެވެ. މަގޭ ގޭގެ ކުރިމަތީ ގޭގައި ހިނގާ މަސްތުވާ ތަކެތީގެ ވިޔާފާރި އަދި ބޭނުންކުރުން ހުއްޓުވޭނެ ވަރުގެ ބައެއް އަދި ސަރުކާރަކަށް ނާދެއެވެ.

The name is already taken The name is available. Register?

ރަންދެލި

01 December 2020

ހުކުރު ވިލޭރެ އެއްގަ ރައްޓެހިންނާއެކު ހުޅުމާލެ އަށް ގޮސް ސަމާސާ ވާހަކަ ދައްކާލަން ބީޗުގާ ތިބެފާ ބޭނުންކޮށްލާ ހަމަ އެންމެ ޕާޓީ ޑްރަގު ޓެބްލެޓަކުން ފެށޭ ދަތުރުން ބައެއް ކުދިންގެ މުޅި ހަޔާތް ނިމިދަނީ މިފަދަ 'އައްޑާ' ތަކުގެ ތެރޭގައެވެ. ބައެއް ފަހަރު ވަރަށް ހިތާމަވެރި ގޮތްގޮތަށް ހަމަ އެރެއިން އެރެއަށް ވެސް ނިމި ގޮއްސާ އެބަހުށްޓެވެ. ދިވެހި ޒުވާނުންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާ ކުރަމެވެ.

The name is already taken The name is available. Register?

ބަޑި އެދުރު

01 December 2020

ބަަޑި ބޭސް އެތެރެ ނުކުރެވޭ. މަސްތުވާ ތަކެތި ކުރެވޭ.

The name is already taken The name is available. Register?

ކަކުނިބޯ

01 December 2020

އެހެންތަ މަ ގޮތްބަލާލަން ތިކަހަލަ ތާކަށް އޭގެ ރީތިކުއްޖަކާއެކު ދާނަން އެއްފަހަރު ގޮތްބަލާލަން އިގޭ އޯތިޔަ އެޑްރެސްވެސް ނޯޓްކޮށްލާފިން އިގޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!