ޖެނުއަރީ 28، 2015 ވަނަ ދުވަހުގެ ހަވީރުހާއިރު އެވެ. އޭރު މަސައްކަތް ކުރަމުން ދިޔަ "ހަވީރު"ގެ ނިއުސްރޫމުގެ ފޯނަށް އެ ރަށު މީހަކު ގުޅާފައި ދިން ޚަބަރަކީ ވ. ރަކީދޫގައި ކުޑަކުއްޖަކު މަރުވެގެން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ނޫސްތަކަށް ވުރެ ކުރިން ލިބުނު އެ ޚަބަރު ބްރޭކް ކުރުމުގެ ކުރިން، އެކަން ޔަގީންކުރަން ރަށު ކައުންސިލަށް ގުޅުމުން ދިނީ އެއަށް ވުރެ ސިހުން ލިބުނު ޚަބަރެކެވެ.

"މީހުން ބުނާ ގޮތުން ކުޑަކުއްޖާ މަރުވީ އޭނާގެ މަންމަ އަނިޔާކޮށްގެން،" ރަކީދޫގެ ކައުންސިލްގެ ރައީސްއަކަށް އޭރު ހުންނެވި އާދަމް ސާމީ އެ ދުވަހު ވިދާޅުވި އެވެ.

ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ރަސްމީކޮށް ޔަގީންކޮށްދިނުމުގެ ކުރިން ސާމީ ވަނީ، އޭރު ރަށުތެރޭގައި ދެކެވެމުން ދިޔަ އެ ވާހަކަތައް "ހަވީރު"އާ ހިއްސާކުރައްވައިފަ އެވެ. އުމުރުން އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަންމަ، އާފިޔާ މުހައްމަދުގެ މާ ބޮޑު އަޅާލުމެއް އޭނާއަށް ނުލިބޭ ކަމާއި ކުއްޖާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުރި ކަމަށް ވެސް ސާމީ ވިދާޅުވި އެވެ.

އެ ދުވަހު ބްރޭކިން ނިއުސް އަކުން ޚަބަރު ނިންމާލި ނަމަވެސް، އެއަށް ވުރެ ތަފްސީލުކޮށް އެ ހާދިސާ ދެނެގަތުމަށް، އޭގެ އަނެއް ދުވަހުގެ ހެނދުނު، އިބްތިހާލްގެ ރަށް ރަކީދުއަށް "ހަވީރު"ގެ ޓީމެއް ފުރި އެވެ. އެކުގައި، "ހަވީރު"ގެ އެންމެ ސީނިއަ އެއް ނޫސްވެރިޔާ އަދި މިހާރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސެން ފިޔާޒު މޫސާ ވެސް ވަޑައިގަތެވެ. ފޮޓޯ ގްރާފަރަކާ އެކު ދިޔަ ތިން މީހުންގެ ޓީމުން، އެ ރަށަށް ފޭބި އިރު ވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ.

ރަކީދޫގެ މަގެއްގެ މަތި: މިއީ އާބާދީގައި 100 މީހުން ވެސް ހަމަނުވާ ރަށެއް
ރަކީދޫގެ މަގެއްގެ މަތި: މިއީ އާބާދީގައި 100 މީހުން ވެސް ހަމަނުވާ ރަށެއް

އެއީ ކުޑަކުޑަ، ހިތްފަސޭހަ، އަދި އާބާދީގައި އެންމެ 100 މީހުން ވެސް ހަމަނުވާ ރަށެކެވެ. މީގެ ކުރިން ނުދާ، އަދި މާ އާއްމުކޮށް އަޑުނީވޭ ރަކީދޫގެ ބަނދަރަށް ފޭބި އިރު ވެސް ރަށުތެރެއިން މާ ބޮޑު ދިރުމެއް ފެންނާކަށް ނެތެވެ. ބަނދަރުމަތީގައި ހަދާފައި ހުރި ފިނިއަށީގައި ތިބި ދެބައި އުމުރުގެ ފިރިހެނުންތަކެއް ފިޔަވައި، އިތުރު ބަޔަކު ނުފެނެ އެވެ. އިބްތިހާލުގެ ގެއާ ދިމާއަށް ދިޔައިރު ވެސް، މަގުމަތިން ފެނުނީ ފަޅުކަމެވެ.

ފުލުހުންގެ ތަހުގީގަށް، އިބްތިހާލުުގެ ގެ އޭރު ހުރީ، ވަށައިގެން ކޯޑަން އަޅައި ބަންދުކޮށްފަ އެވެ. އެހެންވެ، އެ ގެއަށް ވަދެވޭ ގޮތެއް ނުވި އެވެ. ބޭރުން ފޮޓޯތަކެއް ނެގުމަށް ފަހު، ދެން ދިޔައީ އެންމެ ކައިރީގައި ހުރި ގޭގެ މީހުންނާ ވާހަކަ ދައްކާލުމަށެވެ.

އެ ގެއިން އަހަރުމެންނަށް އިންޓަވިއު ދިނީ މެދު އުމުރުގެ، ސަމާސާ މިޒާޖުގެ އަންހެނެކެވެ. މިއީ ނޫސްވެރިން ކަމަށް ބުނެ ތައާރަފްވުމުން، ގެއަށް ވައްދައި މެހެމާންދާރީ އަދާކުރި އެވެ. އޭނާ ކިޔައިދިން ގޮތުން، އިބްތިހާލު އޭނާގެ މަންމައާ އެކު ދިރިއުޅެމުން ދިޔަ ގެ ވެސް ހުންނާނީ ހަމަ އެކަހަލަ ގޮތަކަށެވެ. އެހެންވެ، އޭނާއަށް ފެނުނު މަންޒަރާއި އަޑުތައް ކިޔައިދިނީ، އޭނާގެ އަމިއްލަ ގެއިން މިސާލު ދައްކަމުންނެވެ.

"އަހަރެން ގިނައިން އެ ގެއަށް ދާއިރު އިބްތިހާލް އިންނާނީ ގޭގެ ދޮރު ކައިރީގައި ބަހައްޓާފައި ހުންނަ ކުޑަ ގޮނޑިއެއްގައި. ގިނައިން އިންނާނީ ސޯޓު ބުރިއެއް ލައިގެން ހުސް ގަޔާ،" ގޭތެރެއިން ހަމަ އެކަހަލަ ލަކުޑި ކުޑަ ގޮނޑިއެއް ނަގައި ދައްކާލަމުން އަވައްޓެރިޔާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުން، އެ އުމުރުގެ ގިނަ ކުދިންނާ ހިިލާފަށް، އިބްތިހާލުގެ ބަސް މަދެވެ. ހުންނަލެއް އަނަރޫފަވެފައި ނިކަމެއްޗެވެ. މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުން ނުލިބޭކަން، ބަލައިލުމުން ވެސް އެނގެ އެވެ. ކައިވެނިން ބޭރުން ލިބިފައި ހުރި އިބްތިހާލް ދެކެ އާފިޔާ ރުޅިއަންނަކަން އަވައްޓެރިންނަށް އެނގެ އެވެ. ކުއްޖާ ބަލަން ބޭނުން ނޫން ކަމަށް، އެކި ފަހަރު މަތިން އަވައްޓެރިން ކައިރީގައި ބުނެފައި ވެސް ވެ އެވެ. އެކަމަކު ތަޅާ އަނިޔާކޮށް، އެ ކުއްޖާގެ ފުރާނަ ދުއްވާލާވަރު ކުރާނެ ކަމަކަށް ކައިރި އެއްވެސް މީހަކު ހިއެއްނުކުރެ އެވެ.

"އެހެން ރޯ އަޑު އިވޭނެ ވަރަށް ގިނައިން. އެއީ ހަމަ އާއްމު ކަމެއް،" އަވައްޓެރިޔާ ކިޔައިދިނެވެ.

އިބްތިހާލު ރޯ އަޑު އެ ދުވަހު ވެސް އޭނާއަށް އިވުނެވެ. އެކަމަކު ބަލައިލަން ނުދިޔައީ، އެއީ ކޮންމެ ދުވަހަކުހެން އިވޭ އަޑަކަށް ވާތީ އެވެ.

އެ ދުވަހު އޭނާގެ މަންމަ، އާފިޔާގެ ފަރާތުން ލިބުނު އަނިޔާތަކުން އިބްތިހާލް މަރުވީ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ވާހަކަ އަވައްޓެރިއެއްގެ ގެއަށް ގޮސް ބުނީ ވެސް އާފިޔާ އެވެ. އެ އަވަށްޓެރިޔާ އެ ގެއަށް ދިޔައިރު ކުއްޖާ އޮތީ ހުސް ގަޔާ އެވެ. ގައިގެ އެކި ތަންތަނުން އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަވައްޓެރިޔާގެ އެދުމަށް، ޑޮކްޓަރަކު ބަލައި އާފިޔާ ސިއްހީ މަރުކަޒަށް ދިޔަ ނަމަވެސް، އެތަނަށް ނުވަދެވެނީސް ހޭނެތިގެން އޭނާ ވެއްޓުނީ އެވެ.

އާފިޔާ ކޯޓުން ނެރެނީ: އޭނާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް އެއްބަސްވެފައި --މިހާރު ފޮޓޯ/ނިޝާން އަލީ
އާފިޔާ ކޯޓުން ނެރެނީ: އޭނާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް އެއްބަސްވެފައި --މިހާރު ފޮޓޯ/ނިޝާން އަލީ

އިބްތިހާލްގެ މަރު، ރަށު ކައުންސިލުން ފުލުހުންނަށް ރިޕޯޓު ކުރީ އެ ދުވަހުގެ މެންދުރު 12 ޖަހާކަންހާއިރު އެވެ. ދަރިފުޅުގެ މަރުގެ ތުހުމަތުގައި އާފިޔާ ހައްޔަރުކުރީ ޖެހިގެން އައި ދުވަހު އެވެ.

އޭރު އުމުރުން 26 އަހަރުގެ އާފިޔާ ހައްޔަރުކޮށްފައި ހުންނަތާ މިހާރު ފަސް އަހަރާއި 11 މަސް ވެއްޖެ އެވެ. ދަރިފުޅު މަރާލި ކަމަށް އެއްބަސްވެ، އެކަން ކުރި އަނިޔާވެރި ގޮތް، ވަރަށް ތަފްސީލުކޮށް ކޯޓުގައި އޭނާ ކިޔައިދިިނެވެ. މޭގައި ޖެހުމުން ކުއްޖާގެ މޭގެ ކަށިގަނޑެއް ބިނދުނެވެ. ކުރިމަތި ފަރާތާއި ބަނޑާއި ބޮލަށް އެކިވަރުގެ އަނިޔާ ދިނެވެ. ޑޮކްޓަރުން ކޯޓުގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު އިބްތިހާލް މަރާލީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ.

އިބްތިހާލުގެ މަރުގެ ހާދިސާ ކަވަރުކުރަން ރަކީދުއަށް ދިޔަ އިރު އެ ރަށުގެ ރީތިކަން އަހަރުމެންގެ ލޮލުގައި އަޅައިގެން ނަމަވެސް، ރަށުން ފޭބި އިރު ފެނުނީ ހުސް އިހުމާލެވެ. މައިމީހާގެ އަނިޔާވެރިކަމެވެ. އަނިޔާކޮށް، ކުޑަކުއްޖަކު ރޯއަޑު އިވޭއިރު ވެސް އަވައްޓެރިން މާ ބޮޑު ކަމަކަށް ނުހެދުމުގެ ޝަކުވާ އެވެ. އަނިޔާގެ ރިޕޯޓުތައް ކަމާ ބެހޭ ފަރާތްތަކަށް ކުރި ނަމަވެސް، އެ ތަންތަނުން އަޅާނުލި ކަމެވެ. އަދި އަނިޔާކުރި މަންމައަށް ހައްގު އަދަބު ނުދެވި އެހާ ގިނަ ދުވަސްވުމެވެ.

އަސަރު ގަދަ ފޮޓޯ

އިބްތިހާގެ މަރުގެ ޚަބަރުތަކާ އެކު "ހަވީރު"ގައި ޖެހި ފޮޓޯގަނޑަކީ އެ ދުވަސްވަރުގެ އެންމެ ބޮޑު ހަނދާނެވެ. އެ ފޮޓޯ ނެގީ، އޭގެ ދުވަސްކޮޅެއް ކުރިން ދޮންބައްޕައާ އެކު އަތޮޅު ފެރީގައި އިބްތިހާލް ކުރި ދަތުރެއްގައި، ފޮޓޯގްރާފަރު އިބްރާހިމް އަސަދު އެވެ. ވ. އަތޮޅު ފެރީގެ ކަައްޕިއަކީ އިބްތިހާލަށް ހެޔޮ، އޭނާގެ ދޮންބައްޕަ އެވެ.

އަސަދު އޭރު ބުނި ގޮތުގައި އެ ފޮޓޯ ނެގީ ވެސް، މުޅި ދަތުރުގައި ކުއްޖާގެ ފަރާތުން ފެނުނު އެކަނިވެރިކަމާއި މާޔޫސްކަން ފެނިފަ އެވެ. ހެއްވާލެވޭތޯ ސަމާސާކުރިއިރު ވެސް ކުއްޖާ އަޅައެއް ނުލަ އެވެ. އެހެންކަމުން އެއީ ވަރަށް އެކަނިވެރި ކުއްޖެއްކަން އިހުސާސްކުރެވުނު ކަމަށް، އަސަދު ބުންޏެވެ.

"ފުރަތަމަ އަސްލު ފޮޓޯ ޝެއާކުރާ ހިތެއް ވެސް ނުވި. އެކަމަކު އެ ކުއްޖާ އަށް ލިބިފައި ހުރި އަނިޔާތަކުގެ ފޮޓޯ ދައުރުވެ އެ ކުއްޖާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އަޑުއިވެން ފެށީމަ ކުށެއް ނެތް މައުސޫމް ކުއްޖާގެ ފޮޓޯ ޝެއާކުރީ،" ފްރީލާންސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އަސަދު، އޭނާގެ ފޮޓޯ އާންމުކުރި ސަބަބާ ބެހޭ ގޮތުން، އޭރު "ހަވީރު"އަށް ބުންޏެވެ.

އެ ބޮޑު ކުށަށް ހަ އަހަރު ވާން އެންމެ މަހަކަށް ވެފައި ވަނިކޮށް، އެންމެ ފަހުން، އާފިޔާގެ މައްޗަށް މިއަދު ހުކުމް އިއްވަނީ އެވެ. އިބްތިހާލަށް އިންސާފު ނުލިބި، ހަ އަހަރު ވަނީ އެވެ.

އެކަމަކު އިބްތިހާލްގެ މަރުން ތާރީހުގައި އުފެއްދި އަނިޔާވެރި ސަފުހާ ނުފޮހެވޭނެ އެވެ. އެ މަރާ ގުޅިގެން، ކުޑަކުދިންގެ ހައްގުގައި އެޅުނު ފިޔަވަޅުތަކުގެ ކާމިޔާބީ އާއި ނާކާމިޔާބު ވަޒަންކޮށްލަން މިއަދު ރަނގަޅެވެ. މިހާރު ވެސް ދޭތެރެ ދޭތެރެއިން މި އިވެނީ ކުޑަކުދިންނަށް ކުރާ އެކި އަނިޔާތަކުގެ ވާހަކަތަކެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، ދިވެހި މުޖުތަމައުގެ އަނިޔާވެރިކަމަށް އަދި ހައްލެއް ނުފެނެ އެވެ.