މާފިލާފުށީގައި ދިވެހި ސިފައިން ތަމްރީނުތަކެއްގައި: އިންސާނާ އަށް ދެއްވި ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިސްލާމް ދީން ގޮވައިލާ. --ފޮޓޯ: އެމްއެންޑީއެފް
04 ނޮވެމްބަރ 2016 - 06:27
އިންސާނުންނަށް ޤުދުރަތުން ލިބިފައިވާ އެކިއެކި ބާރުތަކާއި ކައުނުގައި އިންސާނާ އަށްޓަކައި ކިޔަމަންތެރި ކުރެވިފައިވާ ތަކެތީގެ ބޭނުން ހިފުމުގައި އެއް ބަޔަކީ އެމީހުންނާއި ދެންތިބި އެހެން މީހުންނަށް ވެސް އެއިން ގެއްލުން ނުވާނެ ގޮތުގައި އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނެވެ. ނަމަވެސް އަނެއް ބަޔަކީ އެބަޔަކަށް ނުވަތަ އެހެން މީހުންނަށް އެކި ގޮތްގޮތުން ގެއްލުން ލިބެނިވި ގޮތުގައި އޭގެ ބޭނުން ހިފާ މީހުންނެވެ.
މި ބާވަތުގެ މީހުން ދެބަޔަކަށް ބެހެއެވެ. އެއް ބަޔަކީ އެމީހުންގެ ބާރުތައް ގަސްތުގައި ނުބައިކޮށް ބޭނުންކުރާ މީހުންނެވެ. އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހުންނަށް ގެއްލުން ލިބެނިވި ގޮތެއްގައި ގަސްތުގައި ނުބައިކޮށް ބޭނުންކުރާ މީހުންނެވެ. ދެވަނަ ބަޔަކީ ނޭނގި ތިބެ އެމީހުންގެ ބާރުތައް ގެއްލުން ލިބެނިވި ގޮތެއްގައި ބޭނުންކުރާ މީހުންނެވެ. މީގެ ތެރެއިން ފުރަތަމަ ބާވަތުގެ މީހުންނަކީ ނުލަފާ މީހުންނެވެ. އެފަދަ މީހުން މައިތިރި ކުރެވޭނީ ހަރުކަށި ގަވައިދުތައް ހިންގައި އަދަބު ދީގެންނެވެ. ދެވަނަ ބާވަތަކީ ޖާހިލުންނެވެ.
މިފަދަ މީހުން އިސްލާހު ކުރެވޭނީ އުގަންނައިދީ ހޭލުންތެރި ކޮށްދީގެންނެވެ. އިސްލާމް ދީނަކީ މި ހޭލުންތެރިކަން އިންސާނާ އަށް ގެނެސްދީ އިންސާނީ ބާރުތަކުގެ ބޭނުން ހިފާނެ އެންމެ ހެޔޮ ގޮތް އަންގައިދޭ ދީނެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެ ސުންނަތަށް ނަޒަރު ހިންގާލާއިރު އިންސާނާ އަށް ޤުދުރަތުން ދެއްވާފައިވާ ވަރަށް ގިނަ ބާރުތަކެއްގެ ވާހަކަ އެކި ގޮތްގޮތަށް ބަޔާން ވެފައި ވެއެވެ.
ގައުމީ އެތުލެޓިކްސް މުބާރާތުގައި ޒުވާނުންތަކެއް ދުވަނީ: އިންސާނާގެ ހަށިގަނޑު ވަރުގަދަކުރުމަށް އިސްލާމް ދީނުގައި ވަނީ ބާރުއަޅާފައި. -- ފޮޓޯ:ނިޝާން އަލީ/މިހާރު
މިގޮތުން އިންސާނާ އަށް ބުއްދީގެ ނިޢުމަތް ދެއްވާފައިވާ ކަން ބަޔާން ކޮށްފައި ވެއެވެ. އިވުމާއި ފެނުމާއި ރަހަ ބެލުމުގެ އިޙްސާސް ދެއްވާފައިވާކަން ބަޔާން ވެގެންވެއެވެ. އަތާއި ފައިން އެކިއެކި ކަންތައް ކުރުމުގެ ގާބިލުކަން ދެއްވާފައިވާކަން ހާމަވެގެން ދެއެވެ. ރުޅިއައުމާއި ފޫހިވުމާއި ޝައުޤުވެރިވުމާއި ލޯބިވުމާއި ބިރުގަތުމާއި ދަހިވެތިވުމާއި މިނޫންވެސް މިފަދަ އެތައް ޝުޢޫރުތަކެއް އިންސާނާގެ ނަފްސުގައިވާ ކަމުގެ އިޝާރާތްތައް ވެއެވެ. ކަންކަމަށް އެދުންވެރިވުމާއި ކަންކަން ބޭނުން ވުމުގެ ތަބީއަތު ލިބިފައިވާކަން ހާމަ ކުރެއެވެ.
މިއިން އެއްވެސް ބާރަކީ ބޭކާރު ގޮތުގައިވާ ބާރެއް ނޫނެވެ. އެއީ އިންސާނާގެ ދިރިއުޅުމުގެ ޙަޔާތަށްޓަކައި ނުހަނު ބޭނުންތެރި ބާރު ތަކެކެވެ. އިންސާނާގެ ޙަޔާތުގައި ކާމިޔާބުވުން ބިނާވެފައިވަނީ އޭނާ އެދޭ ކަންތައްތަކާއި އޭނާގެ ބޭނުންތައް ފުރިހަމަވުމުގެ މައްޗަށެވެ. މިކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އިސްވެ ދެންނެވުނު ބާރުތަކަށް ކޮންމެހެން ބޭނުންވެއެވެ.
އެހެންކަމުން އިސްލާމްދީން އިރުޝާދު ދެނީ މި ބާރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ. އަދި އެއާ މެދު އިހްމާލު ނުވުމަށެވެ. އިންސާނާގެ ނަފްސުގައިވާ މި އިޝާރާތް ކުރެވުނު ބާރުތަކުގެ އިތުރަށް ވަށައިގެން މިވާ މާހައުލުން ތަފާތު ވަސީލަތްތައް ވެސް ވަނީ އިންސާނާ އަށްޓަކައި ކިޔަމަން ކުރެވިފަ އެވެ. މިގޮތުން އިންސާނާ ފަދަ އެހެން އިންސާނުންގެ ފަރާތުން ޚިދުމަތްތައް ލިބެއެވެ.
އެކިއެކި ހައިވާނުންގެ ފަރާތުން ޚިދުމަތްތައް ލިބެއެވެ. ގަސްގަހާގެއްސާއި މަސްމަހާމެހި އަދި ވަޔާއި ފެނާއި އަލިކަމާއި ހޫނުކަމާއި މިހެންގޮސް އަދަދުވެސް ނުކުރެވޭހާ ގިނަ ތަކެތި ވަނީ އިންސާނާގެ ޚިދުމަތުގަ އެވެ. މާތްﷲ މިހުރިހާ ކަމެއް މިގޮތަށް މެދުވެރި ކުރައްވާފައި ވަނީ އިންސާނާ އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައެވެ. ކުޅިވަރަކަށް ނޫނެވެ. އަދި އެއިން އެހެން މީހުންނަށް ގެއްލުން ދޭކަށް ވެސް ނޫނެވެ.
ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ސަޖަން ފަތަނީ: އިންސާނާގެ ހަށިގަނޑު ވަރުގަދަކުރުމަށް އިސްލާމް ދީނުގައި ވަނީ ބާރުއަޅާފައި. --ފޮޓޯ: އިމޭޖަސް އެމްވީ/ މުހައްމަދު އަހުސަން
އިންސާނާގެ ކިބައިގައި ﷲ ލައްވަވާފައިވާ އެކިއެކި ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އޭނާއަށާއި އޭނާއާ އެކު މުޖުތަމަޢުގައި އުޅޭ އެހެން މީހުންނަށްވެސް މަންފާ ކުރަނިވި ގޮތެއްގައި ބޭނުން ހިފުމުގެ ފުރުސަތު އިސްލާމް ދީނުގައި ދެއެވެ. މިގޮތުން އޭގެ ބޭނުން ހިފާނެގޮތް ދަސްކޮށްދެ އެވެ. އެއިން އެއްވެސް ބާރެއް އިހުމާލު ނުކުރުމަށް އިރުޝާދު ދެއެވެ. އިންސާނާގެ އެއްވެސް ބޭނުމެއް ނުވަތަ އެދުމެއް މުޅިން ފުހެވިގެން ދާކަށް ފުރުސަތެއް ނުދެއެވެ. އެއްވެސް ޝުޢޫރެއް އިންކާރެއް ނުކުރެ އެވެ.
މިގޮތުން އިންސާނާ ދުނިޔަވީ ދިރިއުޅުން ދޫކޮށްލައި، އެކަހެރިވެގެން ވޭތުކޮށްލާކަށް ނޭދެއެވެ. ނަފްސުގެ އެދުންތައް ފުނޑުފުނޑުކޮށްލައި ނިކަމެތިކޮށްލައި މުސީބާތްތަކާއި ހާލުގައިޖެހިގެން އުޅޭކަށް އަމުރެއް ނުކުރެއެވެ. ދުނިޔޭގެ ޒީނަތްތެރިކަމާއި އުފާތަކާއި ނިއުމަތްތަކުން މުޅިން މަހުރޫމު ވާކަށްވެސް ގޮވައެއް ނުލައެވެ. ސަބަބަކީ އިސްލާމް ދީނަކީ އިންސާނާ ހައްދަވައި އިންސާނާގެ ނަފްސުގައި އެކިއެކި ބާރުތައް ލެއްވެވި ފަރާތުގެ އިލާހީ ގާނޫނެވެ. ވީއިރު އެފަރާތުން އިންސާނާގެ ކިބައިގައި ލައްވަވާފައިވާ ބާރުތައް އެއީ ބޭކާރު ގޮތުގައި ލައްވަވާފައިވާ ބާރުތަކަކަށް ވުމަށް ރުހިވޮޑި ނުގަންނަވާނެ އެވެ.
އެއްވެސް ޝައްކެތް ނެތް ގޮތުގައި އެކަލާނގެ އެދިވޮޑިގެންވަނީ މިކައުނު އެކަލާނގެ ތަދުބީރު ކުރައްވައި ރާއްވަވާފައިވާ ގޮތަށް ދެމިއޮތުމެވެ. އެތަނުގައި އިންސާނުން އެމީހުންގެ ފައިދާއާއި މަންފާއަށްޓަކައި މަސައްކަތް ކުރުމެވެ. އެތަނުގައިވާ ތަފާތު އެކިއެކި ވަސީލަތްތަކުގެ ބޭނުން އިންސާނުން ހިފުމެވެ. ނަމަވެސް އެބޭނުންތައް ހިފަން އެކަލާނގެ ރުހިވޮޑިގަންނަވަނީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށާއި އަދި އެނޫން މީހުންނަށްވެސް ގެއްލުމެއް ނުލިބޭ ގޮތަކަށެވެ.
އެހެންވެ އިސްލާމީ ޝަރީއަތުގައި ބައެއް ކަންތައްތައް ޙަރާމް ކުރައްވައެވެ. އަނެއްބައި ކަންތައްތައް މަކްރޫހަ ކުރައްވައެވެ. ނަމަވެސް ގިނަ ކަންތައްތައް ވަނީ ޙަލާލު ކުރައްވާފަ އެވެ. ޙަރާމް ނުވަތަ މަކްރޫހަ ކުރައްވާފައިވަނީ އެކަމުގެ ސަބަބުން ގެއްލުން ލިބެނިވި ކަންތައްތަކެވެ. ޙަލާލު ކުރައްވާފައި ވަނީ އެއިން ފައިދާ ލިބެނިވި އަދި އެހެން މީހަކަށް ގެއްލުން ނުލިބޭ ކަންތައްތަކެވެ.
ދިވެހި ފުލުހުންތަކެއް ޑިއުޓީއެއް ނިންމުމަށް ފަހު އަރާމު ކޮށްލަނީ: ގައުމުގެ ދިފާއުގައި ހިދުމަތް ކުރެވޭ ވަރުގެ ބާރު ގަދަ ބަޔަކަށް ވުމަށް މުސްލިމުންނަށް އިސްލާމް ދީން ގޮވައިލާ.
އިސްލާމް ދީން ބިނާވެފައިވާ މަތިވެރި އަސްލުތަކުގެ ތެރެއިން އެއް އަސްލަކީ އިންސާނާގެ އެދުންތަކާއި ބޭނުންތައް ފުއްދުމުގެ ފުރުސަތު އެ ދީނުގައި ދީފައި ވުމެވެ. އަދި އޭނާ އަށް ފައިދާ ލިބެނިވި ކަންކަން ކުރުމުގެ މިނިވަންކަންވެސް ދީފައި ވުމެވެ. ނަމަވެސް މި ހައްގާއި މިނިވަންކަން ލިބިފައިވަނީ ވަކި ހައްދެއްގެ ތެރޭގައެވެ. މިގޮތުން އެހެންމީހުންގެ ހަމަ އެ ހައްގާއި މިނިވަންކަން އޮންނާނެކަން ދަނެ އެހެން މީހެއްގެ ހައްގެއް ގެއްލުވާލައިގެން ނުވާނެއެވެ. އަދި އެހެން މީހެއްގެ މިނިވަންކަމަށް އަރައިގަނެގެން ނުވާނެއެވެ. އެއީ ގަސްތުގައި ވިއަސް ނުވަތަ ޖާހިލުކަމުން ކަމުގައި ވިއަސް މެއެވެ.
މިއީ ކަނޑައެޅިގެން ގެއްލުން ނުވަތަ ކަނޑައެޅިގެން ފައިދާ ހުރި ކަންކަމުގައި އޮންނަ އުސޫލެވެ. އެކަމަކު އެކަމެއްގައި ފައިދާވެސް އަދި ގެއްލުންވެސް އެކުލެވިފައިވާ ކަންކަމުގައި އިންސާނުން ކޮންމެވެސް ވަރަކަށް ތަހައްމަލު ކުރަން ޖެހޭނެ އެވެ. އަނެކަކަށް ދޫކޮށްލަން ޖެހޭނެ އެވެ. އެބަހީ ތިމާއަށް ކުޑަ ގެއްލުމެއް ލިބުނަސް ފައިދާ ބޮޑަށް ލިބެނިވި ކޮޅަކަށް އަނެކަކު ދޫކޮށްލުން އެއީ އިސްލާމް ދީނުގައި އޮންނަ ގޮތެވެ.
އިންސާނުންނަށް ގެއްލުން ހުރިގޮތާއި ފައިދާ ހުރިގޮތް އެއީ ކޮންމެ ކޮންމެ ބަޔަކަށް ކަށަވަރު ކަމާ އެކު އެންމެ މޮޅަށް އެނގޭނެ އެއްޗެއް ނޫނެވެ. މި ސަބަބަށްޓަކައި އިސްލާމީ ޝަރީއަތް އައިސްފައި ވަނީ އިންސާނުންނަށް ގެއްލުންހުރި ކަންތައްތަކުން ދުރުހެލިވެ ފައިދާ ލިބެނިވި ކަންތައްތައް ކުރުމަށް ބާރުއެޅޭ ފަދަ ގޮތެއްގައެވެ. އިންސާނާއަށް އެންމެ ފައިދާހުރިގޮތް ދެނެވޮޑިގެންވަނީ އެ އިންސާނާ ހެއްދެވި ފަރާތަށެވެ.
ވީއިރު އިންސާނާގެ އެދުންތަކާއި ބޭނުންތައް ފުއްދުމުގެ ފުރުސަތު އެކަލާނގެ ބާވާލެއްވި ޝަރީއަތުގައި ދެއްވާފައިވާ ގޮތަށް ވުރެ މޮޅު ގޮތަކަށް ބުނެދެވޭނެ އެހެން އެއްވެސް ފަރާތެއް ނުވާނެ އެވެ. ވީމާ އިސްލާމީ ޝަރީއަތަށް ފާޑު ކިޔައި، އިންސާނުންނަށް އެންމެ ފައިދާ ބޮޑީ އެޝަރީޢަތުގައި އެވާ ގޮތަށްވުރެ މިވެނި ގޮތެއް ކަމަށް ދައުވާ ކުރާ މީހުންނަކީ ދުނިޔޭގައިވާ އެންމެ ބޮޑެތި ޖާހިލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
04 November 2016
އިސްލާމްދީނުގައި ފުރަތަމަ އަންގާފައިވަނީ ތިމާމީހާ ފުރަތަމަ އިންސާނަކަށް ވުމަށް ،،، އިންސާނަކަށް ވަނީ ބޮލާޢި ކައްޓާއި މަހާއި ހުރުމަކުންނޫން ،، އެމީހާގެ ނަފްސް ތޯހިރުކޮށް އަނެއް އިންސާނާޔަށް ހުރުމަތްތެރިކޮށް ހިތައި ފަގީރުންނާޢި މިސްކީނުންނަށް އަޅާލުމަކީ އެންމެ މުހިންމު އެއްބައި ، ﷲ ގުރުއާންގައި ވަހީކުރައްވާފައިވޭ ،، އެކަންކަން ނެތްމީހަކީ އިސްލާމްދީނުގެ މީހުންނޫންކަމަށް ، އެކަންކަން ހިތުތެރޭގައި ނެތި ނަމާދުކުރާ މީހުންގެ ނަމާދުވެސް ވަނީ ބޭކާރު ހަރަކާތްތަކެށް ކަމަށް ،،،، ވަރަށް ސަލާމް
އަލީ
04 November 2016
ބާރުތައް ބޭނުންކުރާއިރު އަމުތު ތަކައް ތަބާވަނީ ސިފައިން އަދި ފުލުހުން....ނަންވާނީ އަންނި!