މައުމޫން ވިދާޅުވަނީ ރައީސް ޔާމީން ބަލިކުރެވޭނެ ކަމަށް، އެހެން ކެންޑިޑޭޓަކަށް ތާއީދުކުރައްވާނެ

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޯޅުމުގައި އެއް ކަމެއް މިއޮތީ ސާފުކޮށް ފެންނާށެވެ؛ ސިޔާސީ މިސްރާބަކަށް "އެއް އޮޑިއެއްގައި" ދެބެއިން، ދެން ދަތުރުފުޅެއް ނުކުރައްވާނެ އެވެ. އެއީ މިހާރު މި ގައުމުގެ ސިޔާސީ މަސްރަހުން ވެސް އެންމެ ޔަގީންކަން ބޮޑު އެއް ކަންތަކެވެ. ދެ ބޭފުޅުން ސިޔާސީ ހަތުރުންނަށް ވެ، އެތައް ކަމެއް ހިނގައިފި އެވެ.


ތިރީގައި މިވަނީ "މިހާރު"ގެ އަހުމަދު ހަމްދޫނާއި ފަޒީނާ އަހުމަދަށް މިދިޔަ ހޯމަދުވަހު މައުމޫން ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

ޕީޕީއެމްގެ ސަރުކާރަށް ތިން އަހަރު ވިއިރު، ޕާޓީގެ ތެރޭގައި މި ވަނީ ވަރަށް ބޮޑު މައްސަލަތަކެއް އުފެދިފައި. ކޮއްކޯފުޅު، ރައީސް ޔާމީނަށް ކުރެއްވި ތާއީދު ވެސް އަނބުރާ ގެންދެވީ. މިގޮތަށް ކަންކަން ބަދަލުވެދާނެ ކަމަށް އުއްމީދު ކުރެއްވިިިންތޯ؟ މިއީ މަނިކުފާނަށް އާއިލީ ގޮތުން ވެސް ކުރިމަތިވެވަޑައިގެންނެވި ކިހާ ބޮޑު މައްސަލައެއްތޯ؟

ފުރަތަމަ ވެސް އަޅުގަނޑު ދަންނަވާލާނީ މިއީ، މައުމޫން އަބްދުލް ގައްޔޫމާއި ޔާމީން އަބްދުލް ގައްޔޫމާ ދެ މީހުންގެ ދޭތެރޭގައި އޮތް މައްސަލައެއް ނޫނޭ. ޔާމީނަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ. އެމަނިކުފާނަކީ އަޅުގަނޑު ވަރަށް ލޯބިވާ އަޅުގަނޑުގެ ކޮއްކޮއެއް. އެއްގޮތަކަށް ވެސް މިއުޅެނީ ދެބެއިންގެ ތެރޭގައި ނުވަތަ ދެ ފަރުދެއްގެ ދޭތެރޭގައި އުޅޭ މައްސަލައެއް ނޫން. އަޅުގަނޑާ ޔާމީނާ ދޭތެރޭގައި އާއިލީ އެއްވެސް މައްސަލައެއް ނެތް. މިއުޅޭ މައްސަލައަކީ، މިހާރުގެ ރައީސަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވައި ހޮވިވަޑައިގެން ހުންނެވި ރައީސެއް. އަދި ހޮވިވަޑައިގަތީ ޕީޕީއެމްގެ އެންމެންގެ ކެމްޕޭން ކުރެއްވުމާއި ތާއީދާއި އެއްބާރުލެއްވުމާ އެކީގައި. ސީދާ އަޅުގަނޑާއި ކައުންސިލާއި އާއްމު މެމްބަރުންގެ މަސައްކަތުން މިހާރުގެ ރައީސް ހޮވިވަޑައިގަތީ. ފުރަތަމަ ބުރުގައި އެކަށީގެންވާ ނަތީޖާއެއް ނުލިބުނީމަ ސީދާ އަޅުގަނޑު ވެސް ވަރަށް މަސައްކަތްކޮށްގެން، އެކި ޕާޓީތަކާ ވެސް ގުޅިގެން ކާމިޔާބުވީ. މިސާލަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދާއި އެއްބާރު ލެއްވުން ވެސް ހޯދައިގެން ކާމިޔާބުވީ.

އެހެންވީމަ މިހާރުގެ ރައީސަކީ ފަރުދީ ގޮތުން އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެން، ހޮވިވަޑައިގެން ހުންނެވި އަމިއްލަފުޅު ނަފްސު ތަމްސީލްކުރައްވާ ބޭފުޅެއް ނޫން. އެމަނިކުފާނަކީ ޕީޕީއެމްގެ ފިކުރާއި އުސޫލްތައް ތަމްސީލްކުރައްވާ ބޭފުޅެއް.

ޕީޕީއެމްގެ ފިކުރެއް ނެތް. ޕީޕީއެމްގެ އުސޫލްތަކަށް އެއްވެސް އިހްތިރާމްކުރުމެއް ނެތް. ގާނޫނުއަސާސީގެ ރޫހަށް ވެސް އިހްތިރާމްކުރުމެއް ނެތް. --މައުމޫން

ކުރުކޮށް ދަންނަވަންޏާ މިހާރު ވެގެން އުޅޭ ގޮތަކީ، ރައީސުލް ޖުމްހޫރިއްޔާ ތަމްސީލް ކުރައްވަނީ ޕީޕީއެމް ކަމަށް ވިޔަސް، ޕީޕީއެމްގެ ފިކުރާއި ޕީޕީއެމް ގަބޫލުކުރާ އުސޫލްތަކާ ހިލާފަށް އަމަލުކުރައްވަމުން ގެންދަވަނީ. އެތައް ދުވަހެއް ވެއްޖެ. މިކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ވެސް ވަރަށް ބޮޑެތި ނުތަނަވަސްކަން މިވަނީ އުފެދިފައި. އަދި އާއްމު ރައްޔިތުންގެ ކުރިމަތީގައި ޕީޕީއެމް މި ދަނީ ބަދުނާމުވަމުން.

ތިޔަ ވިދާޅުވާ ކަންތައްތަކަކީ ކޮބައިތޯ؟

މިސާލަކަށް ކޮރަޕްޝަން، މުއައްސަސާތަކުގެ ތެރޭގައި ފެތުރިފައި މިއޮތީ ހީނުކުރާ މިންވަރަށް. އެކަން ހުއްޓުވަން މަސައްކަތެއް ނުކުރެއްވި. އެކަމުގައި އުޅޭ މީހުންނަކަށް އަދަބެއް ނުލިބޭ. ޝަރުއީ ނިޒާމް ވެސް މިއޮތީ މީހުން ހިތްހަމަނުޖެހޭ ގޮތަކަށް. ޝަރީއަތްތައް ނިމިގެން މިދަނީ މީހުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް. ޝަރުއީ ނިޒާމާ ދޭތެރޭގައި އިތުބާރު ވަަރަށް ބޮޑަށް ކުޑަވެއްޖެ، ބައެއް ޝަރީއަތްތައް ނިމުނު ގޮތުން.

ހަމަ އެހެންމެ ގާނޫނުއަސާސީ އާއި ގާނޫނަށް ގެންނަ ބަދަލުތަކުގައި އަޅުގަނޑުމެންގެ ފިކުރާ ނުގުޅޭ އެތައް ކަމެއް ހިނގައިފި. ޑިމޮކްރަސީގެ ދާއިރާ ހަނިވާ ގޮތަށް ހިޔާލުފާޅުކުރުމާއި މުޖުތަމައުގައި ހަރަކާތްތެރިވަމުގެ ފުރުސަތު ހަނިކޮށްފި. ބައެއް ތަންތަނުގައި މިގޮތަށް ކަންކުރީމަ ކިޔާނެ ޕޮލިސް ސްޓޭޓެކޭ. އެ ކަހަލަ ގޮތަކަށް ވެފައި މިއޮތީ. މިއީ ޕީޕީއެމް އަދި މި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ގަބޫލުކުރާނެ ކަމެއް ނޫން.

ރައީސް ޔާމީނާއި މައުމޫން ސަލާމް ކުރައްވަނީ: ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި މައުމޫން ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ރައީސް ޔާމީން ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފައި.---ފައިލް ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމުން ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ގެނައިރު މިގޮތަށް އަމަލުކުރައްވާނެ ކަމަކަށް އަޅުގަނޑުމެން ހިއެއް ނުކުރަން. އެއާ ހިލާފަށް އެމަނިކުފާނު އޮތީ ޔަގީންކަން ދެއްވާފައި ހުރިހާ ކަމެއް ގެންދަވާނީ އަޅުގަނޑުމެންގެ ފިކުރާ އެއްގޮތަށް ކަމަށް. ޑިމޮކްރަސީ ހަރުދަނާ ކުރައްވާނެ ކަމަށް. އަދުލު އިންސާފު ގާއިމް ކުރައްވާނެ ކަމަށް. ކޮރަޕްޝަން ނައްތާލައްވާނެ ކަމަށް. އެންމެންނަށް ކުރިއެރުން، ހަމަހަމަ ފުރުސަތު ދެއްވާނެ ކަމަށް. ކެމްޕޭން ޖަލްސާތަކުގައި ވެސް ވިދާޅުވި ތިމަންނަށް ގޯސްކޮށް ކަމެއް ކުރެވިއްޖިއްޔާ އެބަ ހުންނެވިއޭ ބޭފުޅަކު، (ހިނިފުޅުވަޑުވަމުން) އަޅުގަނޑުގެ ވާހަކަ އެއީ. ތިމަންނާ މަގަށް އަޅުވާނެ 30 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅަކު. އެހެންވީމަ ތިމަންނަ ގޯހެއް ނުވާނެއޭ. އެކަމަކު ކަންކަންވީ، އެހެނެއް ނޫން. އެއްގޮތަކަށް ވެސް ކަންކަން ރަނގަޅެއް ނުވި. އަޅުގަނޑު ވަރަށް ހިތާމަކުރަން ޕީޕީއެމްގެ ސަރުކާރެއްގައި ކަންތައް މިދިޔަ ގޮތާ މެދު.

ޕީޕީއެމްގެ ބާރުތައް އަތުލެއްވިއިރު ރައީސް ޔާމީން މަނިކުފާނާ ހިޔާލު ތަފާތުވުން އުފެދިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފައި. ގާތްގަނޑަކަށް ކިހާ ދުވަހެއް ވެދާނެތޯ ބައްދަލު ނުކުރައްވާތާ؟

ރައީސުލްޖުމްހޫރިއްޔާއާ އަޅުގަނޑާ އެންމެ ފަހުން ބައްދަލުވީ، އޮކްޓޯބަރު 21، 2015 ގައި. މީގެ ކުރިން، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހަށް ވަރަށް ގިނައިން ދަން. އެޕޮއިންޓެމެންޓަށް އެދެން ގަވާއިދުން. ފުރަތަމަ ދޮޅު އަހަރު ތެރޭގައި ވަރަށް ރަނގަޅު. ވަރަށް ގިނަ ވަގުތު ވެސް ދެއްވާ. އޭރު އަޅުގަނޑު ދަންނަވަން ފެންނަ ކަންތައްތަކުގެ ވާހަކަ. އަޑުއައްސަވާ.

މިސާލަކަށް، އެއް ކަމަކަށް ދެންނެވިން، ޕީޕީއެމްގެ ރަސްމީ އޮފީހުގެ އިތުރުން އެހެން އޮފީހެއް އުފެދިއްޖެއޭ. އެ އޮފީހުން މަސައްކަތް ކުރީމަ މެމްބަރުންނަށް އެބަ އޮޅެޔޭ. އަދި އަތޮޅު ތެރޭގައި ތިބި ޕީޕީއެމް މެމްބަރުންނަށް އެ އޮފީހަކުން އެބަ ގުޅައޭ، ޕީޕީއެމް ކައުންސިލަށް ނޭނގި. ރަސްމީ އޮފީހަށް ވެސް މިކަމެއް ނޭނގެއޭ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ: ރައީސް ޔާމީނާ އެންމެ ފަހުން ބައްދަލުކުރެއްވީ އޮކްޓޯބަރު 21، 2015 ގައި ކަމަށް މައުމޫން ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން ދެންނެވިން. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ އަޅުގަނޑުމެން ވަރަށް އިހްތިރާމް ކުރާ، ގަދަރު ކުރާ ބޭފުޅެކޭ. ކުރަން ވެސް ޖެހޭނެއޭ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ ސިޔާސީ ކަންތައްތަކުގައި އުޅުއްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ. މިހާރު އެކަން އެބަ ހިނގައޭ، އަޅުގަނޑު ދެކޭ ގޮތުގައި މިއީ ރަނގަޅު ކަމެއް ނޫނޭ.

ބޭނުންފުޅިއްޔާ އިޖުތިމާއީ ދާއިރާގައި ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވިދާނެއޭ. އެވާނީ ވެސް ވަރަށް ރަނގަޅު ކަމަކަށޭ. އަޅުގަނޑުގެ އަންހެނުން ވެސް އެކަން ކުރިއޭ. ވަރަށް ކާމިޔާބޭ، ވަރަށް ގިނަ ބޭފުޅުންގެ ތައުރީފް ލިބުނު މަސައްކަތެކޭ. އަޅުގަނޑަށް އެނގިފައިވާ ގޮތައި ކުރީގެ ރައީސުންގެ އަނބިކަނބަލުން ވެސް ސިޔާސީ މަސައްކަތެއް ނުކުރައްވައޭ. ކުރީގެ ރައީސް ނަޝީދުގެ އަނބިކަނބަލުން ވެސް ފުރަތަމަ ކޮޅުގައި އެ މަސައްކަތެއް ނުކުރައްވައޭ. ފަހުން ވީ ގޮތަކީ ނަޝީދަށް މި ދިމާވި މައްސަލަތަކުން އެކަމަނާ ނިކުމެވަޑައިގަންނަވަން ޖެހުނީއޭ ނަޝީދަށް އެހީތެރިކަން ހޯއްދަވައި ދެއްވަން. އެހެންވެ ބޭރު ގައުމުތަކަށް ވަޑައިގެން، ވެެރިންގެ ފެންވަރުގެ ބޭފުޅުންނާ ވެސް އެބަ ހުއްޓޭ ބައްދަލުކުރައްވާފައި. ޔޫއެންއަށް ވެސް ވަޑައިގަތޭ. އެކަމަކު އެއީ ހާއްސަ ހާލަތަކާ ގުޅިގެންނޭ.

ރައީސް ޔާމީނާ ދެމެދު އެންމެ ބޮޑަށް މައްސަލަ ގޯސްވާ ދިމާވި ސަބަބަކީ ކޮބައިތޯ؟

ފަހުން އެންމެ ބޮޑަށް މައްސަލަ ގޯސްވާން ދިމާވި ސަބަބަކީ ކެމްޕޭން ލީޑަރުން ތަމްރީން ކުރަން މަހާސިންތާތަކެއް ބޭއްވުމުން. އެ މަހާސިންތާގެ ބޭނުމަކަށްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ 2018 އަށް ކުރިމަތިލައްވާތީ ކެމްޕޭން ކޮށްދޭން މީހުން ތައްޔާރުކުރުން. އެ މަހާސިންތާ ހުޅުވަން އަޅުގަނޑަށް ދައުވަތު އައި، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބް ސޮއިކުރައްވައި. އެކަމުގައި އަދީބާ ބައްދަލުކޮށް ދެންނެވިން ކިހިނެއްތޯ އަޅުގަނޑު ކަން ކުރަންވީ؟ ފުރަތަމަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ވާހަކަ އަޅުގަނޑު ކައިރީގައި [ރައީސް ޔާމީން] ބުނެފައެއް ނުވެއޭ. ޕީޕީއެމްގެ ފަރާތުން މީހަކު ކުރިމަތިލަންޏާ ޕީޕީއެމް ރައީސް، ކައުންސިލަށް އެނގެން ޖެހޭނެއޭ. ނަމަވެސް އަންގަވާފައެއް ނެތޭ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސަށް ދެންނެވިން މި ވާހަކަ. އޭރު ވިދާޅުވީ "ތިމަންނަ [ރައީސް ކަމަށް ކުރިމަތިލުމާ މެދު] އަދި ވަކި ގޮތެއް ނުނިންމަވަމޭ." ރައީސުލްޖުމްހޫރިއްޔާ [އަލުން ވެރިކަމަށް ކުރިމަތިލެއްވުން] ޝައުގުވެރިކަން ހުރި ނަމަ އަސާސީ ގަވާއިދާ އެއްގޮތަށް އެކަން ޕީޕީއެމް ރައީސަށް އަންގަވަން އަޅުގަނޑު އެދުނިން. އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ހުރިހާ މެމްބަރުންނަށް ހަމަހަމަ ފުރުސަތު އަޅުގަނޑު ހޯދައިދޭން ޖެހެއޭ. ރައީސުލްޖުމްހޫރިއްޔާ އަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އުޅުނުއިރު އަޅުގަނޑަށް އެކަމެއް ނޭނގެ. ބައެއް ބޭފުޅުން އެ ވާހަކަ އަޅުގަނޑު ގާތު ވިދާޅުވީ ސޮއިކުރައްވާފައި. ބައެއް ބޭފުޅުން ސޮއިކުރެއްވީ މަޖުބޫރުން، އިންޒާރުތަކަކާ ގުޅިގެންނޭ. ބައެއް ބޭފުޅުން ސޮއިކުރުމުގެ ކުރިން އެހި ކިހިނެއްހޭ ހަދަންވީ. އަޅުގަނޑާ ހަމައަށް އެ ޕެޓިޝަން ފަހުން އައި، އައިއިރު އިބާރާތް ވެސް މި އޮންނަނީ ވަރަށް ދެރަ ގޮތަކަށް. މިހެން ކަންހިނގަމުން ގޮސް ވަރަށް ދެރަ ކަންކަން ހިނގައިފި. ގާނޫނުއަސާސީ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފި. އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލުކުރަން ބޭފުޅަކު ލައްވައި މަޖިލީހަށް ހުށަހަޅާ ވާހަކަ އޭރުގެ ނައިބު ރައީސް އަދީބު އަޅުގަނޑާ ބައްދަލުކޮށް ވިދާޅުވި. ވިދާޅުވީ، ހަތް ފަނޑިޔާރުންގެ ތެރޭގައި ސިޔާސީ ގޮތުން ހިޔާލު ތަފާތު ބޭފުޅުން އެބަ ތިއްބެވިއޭ. އެހެންވީމަ އެހާ ފަސޭހައެއް ނޫނޭ. އަޅުގަނޑު ދެންނެވިން ތިއީ ރަނގަޅު ގޮތެއްތޯއޭ؟ [އަދީބު] ވިދާޅުވި އެކަން ހަމަޖެހި ނިމިފައޭ އޮތީ. ދެން ހުށަހަޅައިގެން އެ ފާސްވީ. އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން އެއީ. ހަތެއް އެއީ ރަނގަޅު އަދަދެއް ސުޕްރީމް ކޯޓުގައި ތިއްބަވަން.

ކުރީގެ ރައީސް މައުމޫން (ވ) ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު: ނައިބު ރައީސް ކަމަށް އަދީބު ވަޑައިގަންނަވަން އުޅުއްވިއިރު، އެކަމަށް ކެމްޕެއިން ކުރެއްވުމުން އެކަން ވެސް ރައީސް ޔާމީންގެ ސަމާލުކަމަށް ގެންނެވި ކަމަށް މައުމޫން ވިދާޅުވި.--- ފޮޓޯ: ރައީސް އޮފީސް

ދެން އޮތީ ވަކި ބޭފުޅަކަށް ނައިބު ރައީސްކަން ދޭން ގާނޫނުއަސާސީ އަށް ގެނައި ބަދަލު. ރައީސުލްޖުމްހޫރިއްޔާ އަރިހަށް ގޮސް އަޅުގަނޑު ސީދާ ދެންނެވިން، މިއީ ވަރަށް ނޭދެވޭ ކަމެކޭ. ވަކި ބޭފުޅަކަށްޓަކައި ގާނޫނެއް ބަދަލުކުރެވިގެން ނުވާނެއޭ. ވަކި މީހަކަށްޓަކައި މިހެން ހެދީމަ ގާނޫނުއަސާސީގެ އިހްތިރާމް، ގަދަރު ކުޑަވަނީއޭ. އާދައިގެ ގާނޫނަކަށް ބަދަލު ގެނަޔަސް ގާނޫނުއަސާސީއަށް ބަދަލު ގެނެވިގެން ނުވާނެ ކަމަށް. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަކީ ކެމްޕޭން ކުރައްވައިގެން ހޯއްދަވަން ޖެހޭ މަގާމެއް ނޫން. މި ވާހަކަ ވެސް އަޅުގަނޑު ދެންނެވިން. އުމުރުން 65 އަހަރު ވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ހަދައިފި ނަމަ ސަރުކާރަށް އެ ބަދުނާމު ލިބޭނެ ކަމަށް ވެސް ދެންނެވިން. އަނެއް ކަމަކަށް ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުރެވޭ ގޮތަށް ގެނައި އިސްލާހަކީ ވަރަށް ދެރަކޮށްވި ކަމެއް. އަޅުގަނޑަށް އެއްއިރެއްގައި ވެސް ތާއީދުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑަށް ހިއެއް ނުވޭ ދިވެހި ގައުމަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު މިކަމަކާ ރުހޭނެ ހެން. މި އިސްލާހު ހުށަހެޅި އިރު އަޅުގަނޑަކަށް ނޭނގެ. ކިޔަން މިޖެހެނީ މީޑިއާއިން. އަޅުގަނޑު ހަދާނެ ގޮތް ހުސްވެގެން ސިޓީއެއް ލިއެފައި ފޮނުވީ. އަނެއް ދުވަހުގެ ޖަލްސާގައި އެކަން ފާސްކުރާނެ ކަމުގެ ހަބަރު ލިބިފައި އޮތީމަ، އަޅުގަނޑު ހިތަށްއެރީ މި ސިޓީ ނުބައްލަވަނީސް ވެސް ފާސްވެދާނެއޭ. އެހެންވެ މެސެޖެއް ފޮނުވާފައި ދެންނެވިން ސިޓީއެއް ފޮނުއްވާނެ ކަމަށް. ކަންކަން ވަމުން ދިޔަ ގޮތުން، އެ ނޫން ގޮތެއް ނެތިގެން އަޅުގަނޑު ނޫހަށް ދިނީ. އެކަމާ ވެސް ވަރަށް ހިތްހަމަ ނުޖެހުނު. އެ ސިޓީގައި އަޅުގަނޑު އެދުނީ ދިވެހި ރައްޔިތުންނަށް ދޫކޮށްލައްވާށޭ، ދިވެހި ބިމުން ބައެއް ބިދޭސީންނަށް މިލްކުކުރެވޭ ގޮތް ހަދަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނޫންތޯ ބަލަން. މިގޮތަށް ކަން ކުރައްވައިފި ނަމަ މަނިކުފާނަށް ލިބިވަޑައިގަންނަވާނެއޭ ރީތި ނަމާއި ގަދަރު. މިވަރު ބޮޑު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯއްދަވާށޭ. އެކަމަކު އެހެން ނުހެއްދެވި. މިކަހަލަ ކަންކަމުގެ ޒިންމާ ނުސީދާކޮށް އަޅުގަނޑު ނަގަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ދަނީ. ބަލަ މިއީ ޕީޕީއެމް ސަރުކާރެކޭ، މިހެން ހެދީމަ މައުމޫން ވެސް ބައިވެރިވެގެން ކުރި ކަމެއްތާއޭ ތިއީ. ދެން ފާސްކުރި އިސްލާހުތަކުގައި ވެސް އެބަހުރި ވަރަށް ގިނަ ގޯސްތައް. މިހެން ކަންތައްތައް ހުރީމަ އަޅުގަނޑަށް ގަބޫލު ނުކުރެވުނީ މިއީ ޕީޕީއެމްގެ ސަރުކާރެއް ކަމަށް. ޕީޕީއެމްގެ ފިކުރެއް ނެތް. ޕީޕީއެމްގެ އުސޫލްތަކަށް އެއްވެސް އިހްތިރާމް ކުރުމެއް ނެތް. ގާނޫނުއަސާސީގެ ރޫހަށް ވެސް އިހްތިރާމް ކުރުމެއް ނެތް. އެހެންވީމަ އަޅުގަނޑު ބޭނުން ނުވީ މިކަހަލަ ސަރުކާރުން ކުރާ ކަންކަން ބޮލުގައި އެޅޭ ގޮތަށް ހުންނަން. އެހެންވެ ތާއީދު އަނބުރާ ގެނެސް ބުނީ ދެން ނުކުރާނަމޭ ތާއީދެއް.

ތި ވިދާޅުވި ގޮތަށް ގިނަ ކަންކަން ހިނގިއިރު، ކީއްވެތޯ ތާއީދު އަނބުރާ ގެންދަވަން އެހާ ދިގު މުއްދަތެއް ނެގީ؟

އަޅުގަނޑު ބޭނުން ނުވީ، އަޅުގަނޑު ކުރި ކަމެއްގެ ސަބަބުން ފިތުނަ އުފެދި ކަންކަން ވާން. އެހެންވެ އަޅުގަނޑު ކެތްކުރީ. މީޑިއާ އާއި އާއްމު ރައްޔިތުންނަށް އެނގިވަޑައިނުގަތަސް އަޅުގަނޑު ހާދަ މަސައްކަތެއް ކުރީމޭ.

ޕާޓީގެ އެކި ބޭފުޅުންނާ ބައްދަލުކޮށް ވެސް ވާހަކަ ދެއްކިން. ޕާޓީގެ ނައިބު ރައީސަކަށް ފަހުން ވަޑައިގެންނެވި ބޭފުޅަކާ ބައްދަލުކޮށްފައި ވެސް ތަކުރާރުކޮށް އެ ވާހަކަ ދެންނެވިން. ޕާލަމެންޓްރީ ގްރޫޕަށް މެސެޖް ފޮނުވާ ވެސް ހެދިން.

ހަމަގައިމު ވެސް، މިހާރު ރައީސުލްޖުމްހޫރިއްޔާ 2018 ގައި ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން. --މައުމޫން

ރައީސް ޔާމީނަށް، މަނިކުފާނުގެ ތާއީދު ނެތި 2018 ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟ އަދި މަޖިލިހުގެ ޕީޕީއެމް މެމްބަރުންގެ ގޮތުގައި ވެސް މިހާރު ތިއްބެވި ގިނަ ބޭފުޅުން ހޮވިވަޑައިގަތީ މަނިކުފާނު ތާއީދުކުރެއްވުމުން. 2019 ގައި އެ ބޭފުޅުން ހޮވިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވަންތޯ؟

ތިއަށް އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން. އަޅުގަނޑު ތާއީދުކުރުމާ، ނުކުރުމުން ކޮންމެވެސް ކަހަލަ އަސަރެއް ކުރާނެ ކަންނޭނގެ. ކިހާވަރެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ؟ ހަމަގައިމު ވެސް، މިހާރު ރައީސުލްޖުމްހޫރިއްޔާ 2018 ގައި ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން. ދެން ރައީސްކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ އެހެން ބޭފުޅެއްގެ ގޮތެއް އަޅުގަނޑަކަށް ނޭނގެ. އެކަންކަން ކުރާނީ އަސާސީ ގަވާއިދުގެ ތެރެއިން. އުމަރު ނަސީރު އެ އޮތީ ޝައުގުވެރިކަން ފާޅުކުރައްވާފައި. އެ ނޫން ޕީޕީއެމް މެމްބަރުން ވެސް އެބަ ތިއްބެވި ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ. އަޅުގަނޑު ގާތު އެ ބޭފުޅުން ވިދާޅުވެފައި ވަނީ ތިމަންނަމެން އަދި ބޭނުމެއް ނުވެއޭ ނަން ހާމަކުރާކަށް. މައުމޫން ތިމަންނަގެ ނަން ސިއްރު ކޮށްދޭށޭ. އެދުވަސް އައީމާ ތިމަންނަމެން ބުނާނަމޭ. އެހެންވެ އެ ބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި ނަން އިއުލާން ކުރާކަށް ބޭނުމެއް ނޫން.

ކޮން އިރަކުތޯ ތިޔަ ވިދާޅުވާ ބޭފުޅުން ޕްރައިމަރީއަށް ޝައުގުވެރިކަން ފާޅުކުރެއްވީ؟

[ރައީސް ޔާމީންގެ ކެމްޕެއިން] މަހާސިންތާތައް ބޭއްވި ދުވަސްވަރު އެއީ.

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވަކި ހާއްސަ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނަންތޯ؟

ދެން އަންނަ ރިޔާސީ އިންތިހާބުގައި ގައުމު ހަމަ މަގަށް އަޅުވައިދޭނެ ކެންޑިޑޭޓަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ތާއީދުކުރާނަން. އަދި 2019 ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ވެސް ގައުމާއި ރައްޔިތުންނަށް އިހުލާސްތެރިވާނެ ކަމަށް އަޅުގަނޑަށް ފެންނަ ބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ތާއީދު ކުރާނަން.

ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ރައީސަކީ އަދިވެސް މައުމޫން. އެކަމަކު ބާރުތައް އެ ވަނީ މުސްތަޝާރާ ހަވާލުކޮށްފައި. ދެ ފަޅީގެ މައްސަލަ އަދިވެސް އެބަ އޮތް. މީގެ ހައްލަކީ ކޮބައިތޯ؟

ޕީޕީއެމްގެ ބާރުތައް ހަވާލުކުރީ ކޯޓު އަމުރަކުން ނޫން. ބާރުތައް ހަވާލުކުރި ކަމަށް ބުނަނީ ކައުންސިލްގެ ބައްދަލުވުމަކުން. އެހެންވީމަ އެއީ އަސާސީ ގަވައިދުގެ 57 ވަނަ މާއްދާގެ (ނ)އާ ހިލާފު ކަމެއް. ޕާޓީއަށް ވުރެ މުހިއްމީ ގައުމު. ގައުމަށް ހެޔޮ ގޮތެއް ހޯދައިދެވޭތޯ އަޅުގަނޑުމެން ދެމިތިބޭނަން. އެންމެ ފުރަތަމަ ގައުމު ކަމަށް ޖަަހައިގެން މިއުޅެނީ ކޮންމެވެސް ކަމެއްގައި. އެއީ ހަމައެކަނި ރީތި އިބާރާތެއް ވީމައެއް ނޫން. އެއީ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ފިކުރު.

ޝަރުއީ ދާއިރާގެ ތެރެއިން ޕާޓީގެ ބާރުތައް ހޯއްދެވުމުގެ މަގު މިއޮތީ ބަންދުވެފައި. މިއާ ވިއްދައިގެން ބައެއް ބޭފުޅުން ވިދާޅުވޭ 30 އަހަރުގެ ވެރިކަމުގައި ޝަރުއީ ދާއިރާ އިސްލާހު ނުކުރެއްވީމައޭ މިހެން މިވީ؟

(ހިނިފުޅުވަޑުވަމުން) ނޫން، ނޫން! އެއްގޮތަަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑު ރައީސް ކަމުގައި ހުރި އިރު ޝަރުއީ ދާއިރާ މިހެނެއް ނޫން އޮތީ. އޭރަކު މި ސިޔާސީ ކަންތައްގަނޑެއް ނުވަދޭ، ވަރަށް ރަނގަޅަށް ކަންތައް ދިޔައީ. ދުވަހަކު ވެސް ނޯންނާނެ، އެއްވެސް ފަނޑިޔާރަކާ ވެސް ބައްދަލުކޮށްފައި. ވަކި ގޮތަކަށް ކަމެއް ކުރަން އަންގާފައި. އޭރަކު ނޯވޭ މަތީ ކޯޓުތަކެއް. ކޯޓުން ކުރާ ކަމަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ އޭރު އެ މީހަކަށް އޮންނަ ހައްގެއް، ރައީސުލް ޖުމްހޫރިއްޔާ އަށް އިލްތިމާސް ކުރުން. އެކަމަށްޓަކައި އަޅުގަނޑު ހެދީ ގާނޫނީ، ޝަރުއީ ތިން ބޭފުޅުން ހިމެނޭ ކޮމެޓީއެއް. ދެން އެ ކޮމެޓީން ނިންމަވާ ގޮތެއް އަޅުގަނޑުގެ ނަމުގައި އާއްމު ކުރާނީ.

އަޅުގަނޑުގެ ދައުރުގައި ޝަރުއީ ނިޒާމްގައި އެއްގޮތަށް ވެސް ގޯސްކޮށް ކަންތައްތަކެއް ނުދޭ. އެކަމަކު މީހުން ހިތްހަމަނުޖެހޭ ކަންކަން ހުންނާނެ ދެއްތޯ؟ އެއީ އެކަން ވާނެ ވެސް ގޮތް. މހާރު މިވާ ގޮތަކީ ބައެއް ކަންކަން ނިމޭ ގޮތުން، އެއް ބަޔަކަށް ސިޔާސީ ވަރަށް ބޮޑެތި މަންފާތަކެއް ލިބެނީ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމް ކޮށްފައިވާއިރު، އެއާ އެއްގޮތަށް ކަންތައް ކުރިއަށް ދާ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟

ގިނަ ބަޔަކު ދެކޭ ގޮތުގައި މިހާރު ތިން ބާރު ވަކިވެފައެއް ނޫން މިއޮތީކީ. ތިން ބާރު މިހާރު މިއޮތީ ވަރަށް މަސްހުނި ނިޒާމެއް. ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމަށް ދާން އުޅުނުއިރު އަޅުގަނޑުމެން މޮޑެލަަކަށް ނެގީ އެމެރިކާ. އެމެރިކާގެ ސުޕްރީމް ކޯޓަކާ ނުބެހެވޭނެ. އަމުދުން ޝަރީއަތަކަށް ވަކި އެއްޗެއް އަންގަވައިގެން ފާސް ނުކުރެވޭނެ. އެތަން ހިނގަނީ މުޅިން މިނިވަންކޮށް. ރާއްޖެ ރަނގަޅަށް ހިންގޭނީ އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެގެން. މިހާރު މިއޮތީ ވަރަށް ބޮޑަށް މަސްހުނިވެފައި.

އިސްލާހީ އެޖެންޑާއާ އެކު، ގައުމަށް އިސްލާހު ގެންނަން އަމާޒު ހިފާފައި ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް. އެކަމަކު މަޖިލީހުގެ ގިނަ މެމްބަރުން އަދިވެސް ތިއްބެވީ ރައީސް ޔާމީނާ އެކު. މަޖިލިސް ތެރެއިން އެކަން ކާމިޔާބު ވާނެތޯ؟

ސިޔާސީ އެއްވެސް ކަމެއްގައި ފުރިހަމަ ޔަގީންކަމެއް ނޯންނާނެ ދެއްތޯ؟ އެ މީހަކު ބޭނުންވާ މަގްސަދެއް ހާސިލްކުރަން މަސައްކަތް ކުރަން ޖެހޭނެ، އުއްމީދު އޮންނަން ޖެހޭނެ. އަޅުގަނޑުމެން މި ދައްކާ ވާހަކަ ގަބޫލުކުރައްވާ ވަރަށް ގިނަ މެމްބަރުން އެބަ ތިއްބެވި. ކުރިއަށް އޮތް ތަނުގައި އެކި ބިލްތައް މަޖިލީހަށް ހުށަހެޅިގެން ދާއިރު ގައުމަށް ފައިދާވާ ގޮތަށް ކަންކަން ނިންމަވާނެ ބޭފުޅުން ގިނަވާނެއޭ.

ތާއީދު އަނބުރާ ގެންދަވައި އަނެއްކާވެސް ވަޑައިގެންނެވީ ގާސިމް އަރިހަށް. ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް މަނިކުފާނު ވިދާޅުވި. ދެހާސް އަށާރައިގައި ތާއީދުކުރައްވާނީ ގާސިމަށްތޯ؟

ގާސިމާ އެކު 2013 ގައި ހެދި ކޯލިޝަން އުވާލުމުން އަޅުގަނޑު ގުޅުމެއް ނުބާއްވަން. ފަހުން މި ކަންތައްވީ ގޮތުން ގާސިމާ އެކު މަސައްކަތް ކުރަން ނިންމީ ގައުމު ނުބައި މިސްރާބަކަށް ދާތީ އެއް ހިޔާލެއްގައި ތިބި ބަޔަކު މަސައްކަތް ކުރަން. އެއީ ވަކި ޕީޕީއެމަށް ކުރިއެރުން ހޯދައި ޖުމްހޫރީ ޕާޓީ އަށް ކުރިއެރުން ހޯދާކަށެއް ވެސް ނޫން. ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދަން.

މައުމޫން އިސްނެންގެވުމަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ

ދެން އޮންނަ އޮތް ރިޔާސީ އިންތިހާބުގެ ވާހަކައެއް އަަޅުގަނޑުމެން ނުދައްކަން. އެއްވެސް އެއްބަސްވުމެއް ވެސް ނޯންނާނެ. އެހެންވީމަ އެއީ، އަދި ހުޅުވިފައި އޮތް ކަމެއް.

ދެން އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމަށް ހީވާ ގިނަ ބޭފުޅުންތަކެއް މިތިއްބެވީ ޖަލުގައި. ގާސިމަށް ވެސް އަދި ކުރިމަތިލެވޭކަށް ނެތް. އިންތިހާބު ކައިރިވާ ވަރަކަށް ގިނަ ބަޔަކު ސުވާލު އުފައްދާ ކޮން ބޭފުޅެއްތޯއޭ ހުރީ ރައީސް ޔާމީނާ ވާދަކުރަން؟ ރައްޔިތުންނަށް އިތުބާރުކުރެވޭ ރަނގަޅު ކެންޑިޑޭޓެއް 2018 ގައި ފެންނާނެތޯ؟

އަދި މުއްދަތު އެބަ އޮތް. މިހާރު ކޮންމެހެން ފެންނާކަށް ނުޖެހޭ. އިންތިހާބަށް ދެ އަހަރު އެބަ އޮތް. އެހެންވީމަ އަދި ފެންނާނެ އިނގޭތޯ؟ އަދި ނިމުނީކީއެއް ނޫން އިނގޭތޯ؟ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަންތައް ކުރައްވާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެތައް ބަޔަކު އެބަ އުޅޭ. ފުރުސަތު ހޯއްދަވާނީ އަމިއްލަ އަށް. ސިޔާސީ މައިދާނުގައި އެބަ ޖެހޭ އަމިއްލަ އަށް ފުރުސަތު ހޯދަން. އަޅުގަނޑުމެން މިހެން ތިއްބައި ބަޔަކު އައިސް ފުރުސަތު ނުދޭނެ. ވިސްނުން ބަހައްޓަންވީ އަޅުގަނޑުމެން ކުރާ މަސައްކަތުން ފުރުސަތު ހޯދަން.

ބައެއް ބޭފުޅުން ވިދާޅުވޭ، ހުރިހާ ވެސް މަސައްކަތްޕުޅަކީ އަމިއްލަ ބޭފުޅަކަށް ވެރިކަން ހޯއްދަވައިދެއްވުމޭ؟

އެއީ މުޅިން، ހަގީގަތާ ހިލާފު، ނުރަނގަޅު ވާހަކައެއް. އަޅުގަނޑު އެއްގޮތަކަށް ވެސް އެ ހިޔާލެއް ނުކުރަން. އަޅުގަނޑު އަބަދުވެސް ބުނާ ވާހަކަ އަކީ އަޅުގަނޑުގެ ކުދިންނަކީ އަމިއްލަ އަށް ކަންކަން ނިންމޭ ވަރުގެ ކުދިންނޭ. ރަނގަޅު ތައުލީމް ލިބި، ސިޔާސީ ތަޖުރިބާ ވެސް ފުދޭވަރަކަށް ލިބިފައި އެ ތިބީ. އަޅުގަނޑު ނުބުނަން އެއްވެސް ކުއްޖެއް ކައިރީގައި މިހެން ހަދާށޭ ނުވަތަ އެހެން ހަދާށޭ.

ގައުމު އިސްލާހު ކުރަން މަސައްކަތް ކުރައްވަން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި އޮތީ. ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެކަން ކުރާ ނަމަ، އެމްޑީޕީގެ މެމްބަރުންގެ ތާއީދު ވެސް ބޭނުންވާނެ.

އަޅުގަނޑާ އެކު ތިއްބެވި މަޖިލިސް މެމްބަރުން މިހާރު ވެސް ގެންދަވަނީ އެކިއެކި ބިިލްތަކާއި މައްސަލަތަކުގައި އިސްލާހަށް މަސައްކަތްކުރާ ހުރިހާ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވަމުން.

ރައީސް މައުމޫނަކީ މިހާރު، ރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ލީޑަރު ކަމަށް ރައީސް ޔާމީން ފެކްޝަނުން ވަނީ ތުހުމަތު ކޮށްފައި. މަނިކުފާނު ގަބޫލު ކުރައްވަންތޯ އެކަން؟

އަޅުގަނޑު ވަކި ލަގަބެއް ބޭނުމެއް ނޫން. އަޅުގަނޑު ކަންތައް ކުރާ ގޮތުން އެ ބޭފުޅުންނަށް އެގޮތަށް ހީފުޅު ވަންޏާ އެގޮތަށް ވިދާޅުވޭ. އަޅުގަނޑަކީ އިދިކޮޅު ލީޑަރެއް ނޫން. އަޅުގަނޑު އަބަދުވެސް އިސްކަންދޭނީ ހަމަ އާއި އިންސާފުގެ އުސޫލުން. ގައުމަށްޓަކައި އަޅުގަނޑު ފާޅުކުރަނީ އަޅުގަނޑަށް ފެންނަ ހިޔާލު.

ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވިދާޅުވޭ އެންމެ ބޮޑު މައްސަލަ އަކީ ޕީޕީއެމްގެ ކައުންސިލް މަނިކުފާނު ބާއްވައި ނުދެއްވުމޭ. ކޮބައިތޯ އޭގެ ހަގީގަތަކީ؟

ކައުންސިލްގެ ބައްދަލުވުންތައް ގަވައިދުން ބާއްވަމުން އައިން. ކުރީކޮޅު ބަރާބަރަށް ބާއްވަމުން އައިން. ބައެއް ފަހަރު ވާ ގޮތަކީ ކައުންސިލް ބާއްވާނެ ދުވަހަކާއި ގަޑިއެއް އިއުލާން ކޮށްފައި މެމްބަރުންނަށް ދެންނެވުމުން، ހަމަ އެ ގަޑީގައި ސަރުކާރުގެ ނުވަތަ ކޮންމެވެސް މުވައްސަސާއެއްގެ ހަފުލާއެއް ނުވަތަ އިވެންޓެއް ބާއްވާ ގޮތަށް ދިމާވަނީ.

އެހެންވީމާ ކޯރަމެއް ނުލިބޭ. މިގޮތަށް ވަރަށް ގިނަ ޖަލްސާތައް ފަސްކުރަން ޖެހިފައިވޭ. އަދި ބައެއް ފަހަރަށް ކޮންމެވެސް ބޭފުޅަކު ސެކްރެޓަރީ ޖެނެރަލަށް ފޯނު ކުރައްވާފައި، އެ ބައްދަލުވުން ހަފުތާއަކަށް ލަސްކޮށްދޭން ރައީސަށް ދަންނަވަން ވިދާޅުވޭ. އެހެންވީމާ އަޅުގަނޑަށް ޖެހެނީ އެ ބައްދަލުވުން ލަސްކޮށްލަން. މިފަދަ އަޅުގަނޑުގެ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތަކެއް ދިމާވެގެން ވަރަށް ގިނަ ފަހަރު ކައުންސިލް ނުބޭއްވި ގޮސްފައިވޭ.

.ޖުލައި 19 ވަނަ ދުވަހުގެ ރޭ މައުމޫންގެ ރިޔާސަތުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބާއްވަނީ.

އެންމެ ފަހުން 2016 ޖުލައި 19 ވަނަ ދުވަހުގެ ރޭގެ ކައުންސިލްގެ ޖަލްސާގައި ވީ ގޮތުން ކައުންސިލް ޖަލްސާތައް ނުބޭއްވި މިދިޔައީ. އެ ބައްދަލުވުމުގައި ވީގޮތަކީ ފާރިސް އާއި ނާދިރާ ޖަލްސާގައި ތިއްބެވުމުން، ކައުންސިލްގައި ތިމަންނަމެން ބައިވެރިއެއް ނުވާނަމޭ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު [ނިހާން] ވިދާޅުވީ. އެހެން ނަމަވެސް އެވަގުތު ނުކުމެވަޑައި ނުގެން އިރުކޮޅެއް ވުމުން، ބޭރުން ކުއްލިއަކަށް ފޯނެއް އައުުން ތިމަންނަމެން ދެން ނުކުންނަނީއޭ ވިދާޅުވެފައި ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ޖަލްސާއިން ނުކުމެވަޑައިގަތީ. އެބޭފުޅުންނާ އެކު ޕީޕީ މެމްބަރުންގެ ބޭރުން، ކައުންސިލްގައި ތިއްބަވާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ނުކުމެވަޑައިގަތް. މިހެން ވުމުން ކޯރަމް ގެއްލުމުން ޖަލްސާ ނިންމާލަން ޖެހުނީ. ހަމައެ ރޭ ވަރަށް ބޮޑަށް މާފުކުރައްވާށޭ، ތިމަންނަމެން ނުކުތީ މަޖުބޫރުވެގެން އެ ބޭފުޅުން އަޅުގަނޑު ގާތު ވިދާޅުވި. އެހެންވީމާ ބޭރުން އަންނަ ކޯލަކުން ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ މެމްބަރުން ތިއްބެވިކަން އެނގުނީމާ، އޮއްޓަރު ހުރި ގޮތެއްގައި ކައުންސިލްގެ ޖަލްސާތައް ބޭއްވިދާނެ ކަމަށް އަޅުގަނޑަށް ނުފެނުނީ.