ސްޕޯޓްސް ފިޝިން އަށް ދާ މުހައްމަދު ސައްޖާހު ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ލޯންޗުގައި ދަަތުރެއް ކޮށްފައި، ލޯންޗު އެޅީ ވިލާ ކޮލެޖާއި މެރީ ބްރައުންއާ ދެމެދު އޮންނަ ފައްތިޔާތައް ބާއްވާ ސަރަހައްދުގަ އެވެ. ގެއަށް ދިޔަ އިރު ލޯންޗުގެ ހުރިހާ ސާމާނެއް ހަމަ ނަމަވެސް، އަނެއް ދުވަހު ފަތިހު ލޯންޗަށް އަރާ ބަލައިލި އިރު ލޯންޗުގެ އިންޖީނުގެ ރިމޯޓެއް ނެތެވެ. އޭގެ އިސްކުރުތައް ނައްޓާލައިގެން ބަޔަކު ނުވަތަ މީހަކު އޭތި ވަގަށް ގެންދިޔައީ އެވެ.
ސައްޖާހުގެ ލޯންޗުގެ ރިމޯޓު ވަގަށް ނެގީ އެ ލޯންޗުގެ މީޓަރު ވަގަށް ނެގިތާ ދެ ހަފްތާ ވަރު ފަހުންނެވެ.
ސައްޖާހުގެ އިތުރުން ސްޕޯޓްސް ފިޝިން އަށް ދާ ބައެއް މީހުން ބުނާ ގޮތުން އެ މީހުން ގެންގުޅޭ ޒާތުގެ ލޯންޗުތަކުން އަގުބޮޑެތި ސާމާނު ވަގަށް ގެންދިޔުން މިހާރު ވަރަށް އާންމުވެއްޖެ އެވެ. އެކެއްގެ ލޯންޗުން ވައްކަމެއް ކޮށްފިއްޔާ އެ މީހުންގެ ވައިބާ ގްރޫޕުތަކުގައި އެ ވާހަކަ ދައްކަ އެވެ. އެހެންވެ މި މައްސަލައާ މެދު އެ މީހުން ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ.
"މިހާރު"އާ ވާހަކަ ދެއްކި ސްޕޯޓްސް ފިޝިން ލޯންޗުތަކުގެ ވެރިން ބުނި ގޮތުގައި ވައްކަން ކޮށްފައި ހުންނަނީ ދަންވަރު މަގުމަތީގައި މީހުން ނޫޅޭ ވަގުތުތަކުގަ އެވެ. އެގޮތުން ކޮވިޑާ ހެދި ކާފިއު ހިންގި ދުވަސްވަރާއި ރޯދަ މަހުގެ ތެރޭގައި ވައްކަންތައް އިތުރުވިކަން އެ މީހުން ފާހަގަ ކުރި އެވެ. އަދި ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ވައްކަން އިތުރުވި ކަމަށް ވެސް އެ މީހުން ބުނެ އެވެ.
"ދެތިން ދުވަހެއް ނުދާނެ އެއްޗެއް ނުގެއްލޭ،" ސައްޖާހު ބުންޏެވެ.
"މިދިޔަ ރޯދަ މަސް ތެރެ އެއީ [ވައްކަމުގެ] ރެކޯޑެއް. ދޮޅު މަސް ތެރޭ ހަމަ ގުނައިގެން އެކި މީހުންގެ ލޯންޗުތަކުން 10 ވަރަކަށް ކޮމާންޑް ލިންކު [ލޯންޗު ރިމޯޓު] ވަގަށް ނަގައިފި."
ލޯންޗު ވެރިންނަށް ބޮޑެތި ގެއްލުން
ފާއިތުވި ދޮޅު މަސް ތެރޭގައި 15 ވަރަކަށް ލޯންޗުން ވައްކަން ކޮށްފައިވާ ކަމަށް ލޯންޗު ގެންގުޅޭ ފަރާތްތަކުން ބުންޏެވެ. އެންމެ ގިނައިން ވަގަށް ގެންގޮސްފައި ހުރީ ލޯންޗުތަކުގެ މީޓަރެވެ.
މީޓަރަކީ އިންޖީނުތަކުގެ ޕެޓްރޯލާއި ސްޕީޑު ހުރި ވަރު ފަދަ މައުލޫމާތުތައް ދައްކައިދޭ އެއްޗެކެވެ. އެއީ ފަސޭހައިން ނައްޓާލެވޭ އަދި އަގުބޮޑުކޮށް ވިއްކާލެވޭނެ އެއްޗެކެވެ. އޭގެ އަގު އުޅެނީ 17،000-18،000ރ. އާ ދެމެދުގަ އެވެ. އާދައިގެ އިސްކުރު އަނބުރާ ކަށިގަނޑެއް ބޭނުންކޮށްގެން ވެސް އޭތި ނައްޓާލެވިދާނެ އެވެ.
ނަމަވެސް، މީޓަރުގެ އިތުރުން، ބުރަ މަސައްކަތް ކޮށްގެން ނޫނީ ނައްޓާނުލެވޭ ފަދަ ރިމޯޓު ސެޓާއި، ޖީޕީއެސް އާއި، ބުރަފަތި ވެސް ވަގަށް ގެންގޮސްފައި އެބަ ހުއްޓެވެ.
"މީތަރުތަކާއި، ކަބަޑުތަކުގައި ހުންނަ ތަކެއްޗާ، ބައެއް ދުވަސް ދުވަހު ގިއަރާއި، ބައެއް ދުވަސް ދުވަހު ބުރަފަތި. އިންޖީނު ނުގެންދާކަން އެކަނި،" ލޯންޗެއްގެ ވެރިއެއް ކަމަށްވާ މުހައްމަދު ޝިފާޒު ބުންޏެވެ.
މީގެ ދެތިން މަސް ކުުރިން ޝިފާޒުގެ ލޯންޗުން ދެ ފަހަރެއްގެ މަތިން ޖީޕީއެސް ސެޓު ވަނީ ވަގަށް ގެންގޮސްފަ އެވެ. އޭނާ ބުނި ގޮތުގައި އޭގެ އެއްޗެއްގެ އަގު 15،000ރ. އަށް ވުރެ ބޮޑުވާނެ އެވެ.
ސްޕޯޓްސް ފިޝިންގައި އުޅޭ ބައްސާމް އަބްދުﷲގެ ދެ ލޯންޗަކުން ވެސް މީގެ މަހެއްހާ ދުވަސް ކުރިން ވައްކަން ކޮށްފައިވެ އެވެ. އޭނާގެ ކުޑަ ލޯންޗު ރަޖިސްޓްރީ ކޮށް ނުނިމެނީސް އޭގެ ފެން ޕަމްޕު ވަގަށް ނެގީ އެވެ. އެއީ 2000-3000ރ.އާ ދެމެދުގެ އަގު ހުރި އެއްޗެކެވެ. ބައްސާމްގެ އަނެއް ލޯންޗުން 17،000ރ.ގެ ދެ މީޓަރު ވަގަށް ނެގި އެވެ. އަދި 4000ރ. ގެ ޓޫލް ސެޓެއް ވެސް ވަގަށް ނެގި އެވެ. އޭނާ ބުނީ އެކަމުން ވަރަށް ބޮޑު ގެއްލުމެއްވި ކަމަށެވެ.
ޕާޓްސް ގަނެ ވިއްކާ ނެޓްވޯކެއް؟
ސްޕޯޓްސް ފިޝިން ލޯންޗެއްގައި އުޅޭ އަބްދުﷲ ޝިހާދު ބުނީ ވައްކަން ކޮށްފައި ހުރި ގޮތަށް ބަލާއިރު އެކަން ކުރަނީ ލޯންޗުތަކުގެ ސާމާނު ދަންނަ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އެއީ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދީ އެކަން ވަރަށް މޮޅަށް ކޮށްފައި ހުންނާތީ އެވެ.
"އެ ނަގަނީ މި މަސައްކަތް އެނގޭ ދަންނަ މީހެއް. އެއީ އެއްވެސް ޑެމޭޖެއް ނުކޮށް، ނައްޓަން ޖެހޭ ގޮތަށް އިސްކުރުތައް ނައްޓައިގެން، އެތި ވެސް ހަލާކު ނުކޮށް، ކޭބަލްތައް ވެސް ބުރި ނުކޮށް، ރީއްޗަށް ނައްޓާފައި ހުންނަނީ،" ޝިހާދު ބުންޏެވެ.
ލޯންޗެއް ރިމޯޓަކީ ފަސޭހައިން ނައްޓާލެވޭ އެއްޗެއް ނޫނެވެ. ސައްޖާހު ލޯންޗުތަކުގައި އުޅޭތާ 15 އަހަރުވީ އިރު ވެސް އަދިވެސް އޭނާއަށް ރިމޯޓު ނައްޓާކަށް ނޭނގެ އެވެ. އެކަމަކު، ދަންވަރު އޭނާގެ ލޯންޗުން ރިމޯޓު ވަގަށް ނެގި މީހަކު އެކަން ކޮށްފައި ހުރީ ސީޓުތަކާ އެއްޗެހީގެ ދަށުން ވަޔަރުތައް ނަގައި ޕްލަގުތަކުން އުފުރައިގެން ގެންދިޔައީ އެއަށް ގެއްލުމެއް ނުވާ ގޮތަށެވެ.
"ސީދާ ކަން ކުރަން އެނގޭ މީހަކަށް ނޫނީ ނޭނގޭނެ އޭތި ނައްޓާކަށް. މަ ވެސް ގާތްގަނޑަކަށް 15 ވަރަކަށް އަހަރުވެއްޖެ މިކަމުގެ ތެރޭގައި އުޅޭތާ. އަދިވެސް މަށަކަށް ނޭނގޭ އޭތި އުފުރާކަށް،" ސައްޖާހު ބުންޏެވެ.
މީގެ ދެ ދުވަސް ކުރިން ލޯންޗަކުން ބުރަފައްޗެއް ވަގަށް ނަގައިގެން ބަނދަރުމަތީގައި އުޅުނު ކަމަށް ބުނާ މީހަކު އަތުލައިގަނެ އޭނާ ފުލުހުންނާ ހަވާލު ކުރި އެވެ. އެކަމަކު ސައްޖާހު ބުނީ އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ވައްކަމުގެ ސަބަބުން ގެއްލުންވީ މީހުންގެ ތުހުމަތުގެ އިނގިލިތައް އަމާޒުވާ އެއް ބަޔަކީ ފަޅު ތެރޭގައި އަޅާފައި ހުންނަ ގަލްފް ކްރާފްޓް ލޯންޗުތައް ބަލަހައްޓަން ބައިތިއްބާފައި ތިބޭ ބިދޭސީންނެވެ. އޭގެ ކޮންމެ ލޯންޗެއްގައިހެން މަދުވެގެން ބިދޭސީއަކު ބަހައްޓާފައި ހުރެ އެވެ. އެ މީހުން ނިދަނީ ވެސް، އަދި ކައި ބޮއި ހަދަނީ ވެސް އޭގަ އެވެ.
ބައެއް ލޯންޗު ވެރިން ގަބޫލުކުރާ ގޮތުގައި ވައްކަން ކުރާ މީހުން އެކަން ކުރަނީ އެ ބިދޭސީންގެ އެހީތެރިކަމާ ވެސް އެކު އެވެ. ވަގަށް ނަގާ ސާމާނު ވިއްކަނީ އެ ބިދޭސީންނަށް ކަމަށާއި ދެން އެ މީހުން އެ ތަކެތި އެހެން މީހުންނަށް ވިއްކަނީ ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ.
އެ ތުހުމަތަށް ބާރު ލިބުނީ އެގޮތަށް ލޯންޗެއްގައި އުޅޭ ބިދޭސީއެއްގެ ފޯނުން މި ފަހުން ވަގަށް ނަގާފައި ހުރި ގިނަ އަދަދެއްގެ ސާމާނުގެ ފޮޓޯ ފެނުމުންނެވެ.
"އެ މީހުން އެ އެއްޗެހި ގަނެގެން އެ މީހުން އެބަ ވިއްކާ ތިލަފުއްޓަށާއި، މާލެތެރެއަށާއި، ރަށްރަށާއި ތަންތަނަށް،" އިބްރާހިމް ރަޝީދު (ލޯންގޭ) ބުންޏެވެ.
ވަގަށް ނަގާފައިވާ މީޓަރުތައް ވަރަށް ކުޑަ އަގެއްގައި ބްލެކް މާކެޓުގައި ވިއްކަ އެވެ. ބައްސާމްގެ ލޯންޗުން ވައްކަން ކުރުމުން އޭނާ މީޓަރެއް ގަންނަން ރަށު ތެރެއިން މަސައްކަތް ކުރުމުން، 2500ރ. އަށް މީޓަރެއް ވިއްކަން އުޅުނު މީހަކާ ދިމާވި ކަމަށް އޭނާ ބުންޏެވެ. އެ އަގުގައި ވިއްކަން އުޅުނު މީހާ ފަހުން އަގު ކުޑަކުރަމުން ގޮސް 1000ރ. އަށް ކުޑަ ކުރި ނަމަވެސް، އެއީ ވައްކަން ކޮށްގެން ހޯދި އެއްޗެއް ކަމަށް ބެލެވޭތީ ބައްސާމް އޭތި ނުގަނެ އެވެ.
"ފުލުހުންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ"
ވަގަށް ސާމާނު ގެންގޮސްފައިވާ ބައެއް ލޯންޗުތަކުގެ ވެރިން ބުނީ ފުލުހަށް މައްސަލަ ހުށަހެޅި ނަމަވެސް، އެއްވެސް ކުރިއެެރުމެއް ނުލިބޭ ކަމަށެވެ. މައްސަލަަ ހުށަހެޅުމުން ލޯންޗަށް އަރައި، ފިންގާ ޕްރިންޓު ކޮޅަކާއި ބަޔާން ނަގާލާފައި ފުލުހުން ދަނީ އެވެ. އެކަމަކު، އޭގެ ފަހުން ފުލުހުންގެ އެއްވެސް ހަަބަރެއް ނުވާ ކަމަށް އެ މީހުން ބުނެ އެވެ.
ލޯންގޭ ބުނި ގޮތުގައި، ރޯދަ މަހުގެ ކުރީކޮޅު އޭނާގެ ލޯންޗުން ވައްކަންކޮށްގެން މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، ބަޔާން ނަގާލަން އައުމަށް ފަހު ފުލުހުން އެ މައްސަލައިގައި އަދިވެސް ގުޅާ ވެސް ނުލާ ކަމަށް އޭނާ ބުންޏެވެ. ބައްސާމް ވެސް ބުނީ އެހެންނެވެ.
"ޕޮލިހުން އަރާފައި ފިންގާ ޕްރިންޓު ނަގާލާފައި، ހަބަރެއް ވާނަމަ ކިޔާލައިފަ އެ ނިމުނީ. އެ ފަހުން ގުޅާ ނުލާ،" ބައްސާމް ބުންޏެވެ.
އަދުނާން އަބްދުލްހަމީދު ބުނީ، ކުރިން ވެސް ވައްކަމުގެ މައްސަލަތައް ހުށަހަޅައިގެން ފުލުހުންނަށް އެ މައްސަލަތައް ބެލިފައި ނުވާތީ އޭނާގެ ލޯންޗުގެ މީޓަރު ވަގަށް ނެގުމުން ފުލުހުންނަށް މައްސަލަ ހުށަ ނާޅާ ކަމަށެވެ. ފުލުހުން މައްސަލަ ބަލައި އިންސާފު ހޯދައިދޭނެ ކަމަށް އޭނާ އުންމީދެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލޯންޗުތަކުން ވައްކަން ކުރާ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަލާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް، އާދައާ ހިލާފަށް އެފަދަ މައްސަލަތައް ގިނަ ކަމަށް ފާހަގަ ނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ލޯންޗުތަކުން ވައްކަން ކުރުމުގެ މައްސަލަތައް މަދު ކުރަން ލޯންޗުތައް އަޅާ ސަރަހައްދުގައި ވީހާ ވެސް ގިނަ ކެމެރާ ހަރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ބައެއް ލޯންޗުތަކުގެ ވެރިން ދެކެ އެވެ.
"ސިޓީ ކައުންސިލުން ޖެހޭ އެތާނގައި ކެމެރާ ހަރުކުރަން. އެއީ އަހަރެމެން ކުލި ދައްކައިގެން އެތާ ލޯންޗު ބާއްވާފައި އޮންނާތީ،" އަދުނާން ބުންޏެވެ.