ރިޕޯޓް / ގޭންގް ހަމަނުޖެހުން

ފުލުފުލުން ޕްލޭންތައް، އެކަމަކު ލޭ އޮހޮރުވުން ކުރިއަށް!

މިދިޔަ ހުކުރުދުވަހުގެ ހަވީރާއި އެ ރޭގައި މާލޭގައި ހިންގި މާރާމާރީގައި ވަޅި ހެރުމުގެ ސަބަބުން މަރުވި ފާތިރު މުހައްމަދު (ކ) އަދި އަހުމަދު އިރުޝާމް.

މުޅި ގައުމުގައި އޮތީ ގޭންގްތަކުގެ އިސް ލީޑަރުންގެ ފައިގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ޓެގް އަޅުވައި އެ މީހުން ބަރާބަރަށް މޮނީޓަ ކުރަމުން އަންނަ ވާހަކަ އެވެ. ކޮންމެ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވަނީ ގޭންގްތަކުގެ އިސް ލީޑަރުންގެ ފައިގައި ޓެގް އެޅުވުމަށްޓަކައި މޮނިކޮން ގާނޫނު ހިންގަން ފެށުމުން، ގޭންގް މާރާމާރީ އާއި ބޮޑެތި ކުށްތައް ކުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެކަމަކު އަންކޮޅުން މިދިޔަ ހުކުރު ދުވަހާއި އެ ދުވަހުގެ ރޭ މި ފެނުނީ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރިއެއްގައި އުުމުރުން 14 އަހަރުގެ ދެ ކުއްޖަކަށް ވަޅިން ހަމަލަދީ، މަރާލިތަނެވެ. އަދި އިއްޔެ ވެސް މީހަކަށް ވަޅިން ހަމަލަދީ ޒަހަމްކޮށްލި އެވެ.

އެހެންކަމުން މިނިސްޓަރު އުމަރު މި ދައްކަވާ ވާހަކަތަކުގެ ބުރަދަން ހުރީ ކިހާ ވަރަކަށް ހެއްޔެވެ؟ ގޭންގްތަކުގެ އިސް މީހުންގެ ފައިގައި ޓެގް އަޅުވައި، ހޯމް ކާފިއު ހިންގާ ކަމަށް ވިދާޅުވާއިރު، ވަޅި ހެރުމާއި މާރާމާރީ ހުއްޓޭ ތަނެއް ނުފެނެ އެވެ. ކޮންމެ ގޭންގް މާރާމާރިއަކާ އެކު، ޓެގް އެޅުވުމުގެ ވާހަކަތައް ސޯޝަލް މީޑިއާގެ ޓްރެންޑަކަށް ވަނީ އެކަން ކާމިޔާބު ނުވާ ކަމަށް އާންމުން ދެކޭތީ އެވެ. އެންމެ ފަހުން ވެސް މި ފެނުނީ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރިއެކެވެ. އޭގެ އަސްލު އަދި ނޭނގުނަސް ބޮޑަށް ބެލެވޭ ގޮތުގައި އެއީ ބަދަލު ހިފުމުގެ މާރާމާރިއެކެވެ. އެކަމުގެ ތެރޭގައި ކުޑަ ދެ ކުއްޖެއްގެ ފުރާނަ ދުއްވާލިއިރު، މިނިސްޓަރު އުމަރު މި ދައްކަވަނީ ހަމަ "ހުސް، ފޮނި" ވާހަކަތަކެއް ހެއްޔެވެ؟ ސިޔާސީ ގޮތުން "ފޮނި، ބައިސާ" ކަނޑަނީ ހެއްޔެވެ؟ އެ ކުޑަކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ކޮބައި ހެއްޔެވެ؟ ނުބެލެހެއްޓުނީ ކީއްވެ ހެއްޔެވެ؟ ގޭންގްތަކުގެ ތެރޭގައި އުޅޭ ނަމަ، އެކަމަށް ފުރުސަތު ހުޅުވުނީ ކީއްވެ ހެއްޔެވެ؟

އުމަރު މިފަހަރު ވިދާޅުވެފއި ވަނީ ގޭންގް މާރާމާރި އާއި ބޮޑެތި ކުށްތައް، އާންމުންނަށް އެނގޭ މިންވަރަށް ދަށްކުރެވޭނީ، އޭނާ ކަނޑައަޅުއްވާފައިވާ ސްޓްރެޓެޖީ އެއްކޮށް ހިންގިގެން ކަމަށެވެ. އޭގެ ތެރެއިން މިހާރު ހިންގަނީ ގޭންގްތަކުގެ އިސް ލީޑަރުންގެ ފައިގައި ޓެގް އަޅުވައި، އެމީހުން މޮނިޓަ ކުރުމުގެ އުސޫލު އެކަންޏެވެ.

މިދިޔަ ހުކުރުދުވަހު މާލޭގައި ކުޑަ ދެ ކުއްޖަކަށް ވަޅިން ހަމަލާ ދީ މަރާލުމާ ގުޅިގެން މަޖީދީމަގު ރާނބާ ރެސްޓޯރަންޓް ކައިރި ފުލުހުން ބަންދުކޮށްގެން ތަހުގީގު ކުރަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"އަޅުގަނޑުގެ ސްޓްރެޓެޖީގެ ދެ ކަންތައް އަދި އޮތީ ނުފެށި. އެއީ ގޭންގްތަކުގައި އުޅޭ ކުޑަކުދިންނަށް ދ. ވާނީގައި ދެ މަސް ދުވަހުގެ ޕްރޮގްރާމެއް ހިންގުމާއި ޑްރަގްސް ބޭނުންކުރާ މީހުން ވަގުތުން ރިމާންޑް ސެންޓަރަށް ގެންދިއުން. އެ ދެ ކަންތައް ފަށައިގަތީމާ، އޭގެ މާނަ އަކީ ގޭންގް މާރާމާރި އާއި ބޮޑެތި ކުށްތައް ހުއްޓުވުމުގައި ބޮޑު ކާމިޔާބީއަކާ ހަމައަށް ދެވޭނެއޭ. އަޅުގަނޑު މިކުރާ މަސައްކަތުގެ ނަތީޖާ އޭރުން އަދި ކިރިޔާ ފެންނަން ފަށާނީ،" އުމަރު ވިދާޅުވި އެވެ.

ގޭންގްތަކުގައި އުޅޭ ކުޑަކުދިންނަށް ވާނީގައި ދެ މަސް ދުވަހުގެ ޕްރޮގްރާމްގެ މަސައްކަތް އަންނަ ހުކުރުދުވަހު ފަށާނެ އެވެ. އަދި އެއަށް ފަހު އެ ކުދިން މުޖުތަމައުގެ ތެރެއަށް ދޫކޮށްލާނީ ހަ މަސް ދުވަހުގެ އިންޓާންޝިޕަކަށް ފަހުގަ އެވެ. އެއީ ކުޑަކުދިން އިސްލާހުކޮށް، އަލުން މުޖުތަމައު އަށް ގެންނަން ހިންގާ ވަރަށް ރަނގަޅު ޕްރޮގްރާމަކަށް ވާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވެ އެވެ.

"ވާނީގެ ކޭމްޕަށް ގެންދަން ޖެހޭ 23 ކުއްޖަކު މިހާރު ވެސް ވަނީ އައިޑެންޓިފައި ކޮށްފައި. މި ޕްރޮގްރާމްގައި ފުރަތަމަ ވެސް 50 ކުއްޖަކު ވާނީގެ ކޭމްޕަށް ގެންދަން ޖެހޭ ކަމަށް އަޅުގަނޑުމެންގެ ރެކޯޑްތަކުން ދައްކާ. އެކަމަކު އަޅުގަނޑު ވެސް ގަބޫލުކުރަން މި ޕްރޮގްރާމް ކާމިޔާބު ކުރެވޭނީ އެތައް ފަހަރަކު ޕްރޮގްރާމް ހިންގައިގެން ކަން،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުގެ ސްޓްރެޓެޖީގެ ދެ ކަންތައް އަދި އޮތީ ނުފެށި. އެއީ ގޭންގްތަކުގައި އުޅޭ ކުޑަކުދިންނަށް ދ. ވާނީގައި ދެ މަސް ދުވަހުގެ ޕްރޮގްރާމެއް ހިންގުމާއި ޑްރަގްސް ބޭނުންކުރާ މީހުން ވަގުތުން ރިމާންޑް ސެންޓަރަށް ގެންދިއުން. އެ ދެ ކަންތައް ފަށައިގަތީމާ، އޭގެ މާނަ އަކީ ގޭންގް މާރާމާރި އާއި ބޮޑެތި ކުށްތައް ހުއްޓުވުމުގައި ބޮޑު ކާމިޔާބީއަކާ ހަމައަށް ދެވޭނެއޭ. އަޅުގަނޑު މިކުރާ މަސައްކަތުގެ ނަތީޖާ އޭރުން އަދި ކިރިޔާ ފެންނަން ފަށާނީ: އުމަރު

ގޭންގްތަކުގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމުގެ ޕްރޮގްރާމްގައި، އެ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ރުހުން ނުލިބުނަސް ގެންދާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ ކޯޓު އަމުރެއްގެ ދަށުންނެވެ. ވާނީ ކޭމްޕަށް ގެންދަން ފުރަތަމަ ކަނޑައެޅި 23 ކުދިންނަކީ ބެލެނިވެރިންގެ ރުހުމާ އެކު ޕްރޮގްރާމްގެ ތެރެއަށް ވަންނަ ކުދިންކަން އުމަރު ފާހަގަކުރެއްވި އެވެ.

ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: ގޭންގް ކުށްތަކާއި އެހެނިހެން ބޮޑެތި ކުށްތަކުން މުޖުތަމައު ރައްކާތެރިކުރުމަށް އޭނާ ފައްޓަވާފައިވާ ޕްރޮގްރާމް ކާމިޔާބުވާނީ އަދި ދެ ކަމެއް ފުރިހަމަވެގެން ކަމަށް ވިދާޅުވި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ކުދިން ބެލެހެއްޓުމަކީ މައިންބަފައިންގެ ޒިންމާއެއް. އެކަމަކު އެ ޒިންމާ އެމީހުންނަށް އަދާނުކުރެވުނީމާ، ދައުލަތަށް އެބަ ޖެހޭ އެ ކުދިން ނަގައިގެން ކުދިން ރަނގަޅު ކުރަން. އެ ޒިންމާ ދައުލަތުން މި ނަގަނީ. މި ޒިންމާ ނަގާކަށް ބެލެނިވެރިންގެ ރުހުމެއް ބޭނުމެއް ނުވާނެ. ކޯޓު އަމުރެއްގެ ދަށުން އެކަން ކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވިސްނޭ މައިންބަފައިންގެ ނުރުހުމުގައި ދައުލަތުން ކުދިންނާ ހަވާލުވާއިރު، އަޅުގަނޑާ ދިމާލަށް ކިޔާނެ އެއްޗެހި. އަޅުގަނޑާ މެދު ނުރުހުން ވާނެ ވަރު އެނގޭ. ނޫސްވެރިން ބައްލަވަން ތިއްބަވާތި އަޅުގަނޑާ ދިމާލަށް އެ ދުވަހަކުން ކިޔާނެ އެއްޗެހި. އެކަމަކު ހަގީގަތަކީ ކުދިން ބަލަން މައިންބަފައިންނާ ހަވާލުކުރީމާ އެކަން އެމީހުންނަކަށް ނުކުރެވުނުކަން."

ގޭންގްތަކުގައި އުޅޭ ކުޑަކުދިން އިސްލާހުކުރުމުގެ ޕްރޮގްރާމް މިއީ އަލަށް ފަށާ ކަމަކަށް ވާތީ، މިކަމުގެ ނަތީޖާ ފެންނާނެ ގޮތެއް އަދިއެއް ނޭނގެ އެވެ. އެކަމަކު އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި "ގޯހެއް ނުވާނެ" އެވެ.

ޓެގް އަޅުވަން ފެށުމުން ކުޑަކުދިން ކުރިއަށް ނެރެނީ

ގޭގްންތަކުގެ އިސް ލީޑަރުންގެ މައްޗަށް މޮނިކޮން ގާނޫނު ހިންގައި، އެމީހުން އުޅޭނޫޅޭ ގޮތް 24 ގަޑިއިރު ބަލަން ފެށުމުން، ގޭންގްތަކުން ކުޑަކުދިން ކުރިއަށް ނެރެ، އެ ކުދިން ލައްވައި ބޮޑެތި ކުށްކުރުވަން ފަށާފައިވާ ކަމަށް އުމަރު ވިދާޅުވެ އެވެ. މޮނިކޮން ގާނޫނު ކުޑަކުދިންގެ މައްޗަށް ނުހިންގާތީ އޭގެ ފައިދާ ގޭންގްތަކުގެ އިސް މީހުން ނަގަނީ ކަމަށް ސަރުކާރުން ބުނެ އެވެ.

"ކުޑަކުދިންގެ ފައިގައި ޓެގް އަޅުވައި، އެ ކުދިންގެ މައްޗަށް މޮނިކޮން ގާނޫނު ހިންގުމަކީ އަޅުގަނޑުގެ ސްޓްރެޓެޖީގައި ހިމެނޭ ކަމެއް ނޫން. އެ ކުދިން އިސްލާހު ކުރުމަށް އޮންނާނީ ކުރިއްސުރެ ވެސް ވަކި ޕްރޮގްރާމެއް ކަނޑައަޅާފައި. ވާނީގައި އެކަމަށް ހެދި ކޭމްޕް ނިމި، އަދި ކިރިޔާ މި ފަށައިގަނެވެނީ. ކޭމްޕް ނިމުމާ ހަމައަށް މިދިޔަ މުއްދަތުގައި ވެސް، ގޭންގްތަކުގެ އިސް މީހުން މިދިޔައީ ކުޑަކުދިން ލައްވައި ބޮޑެތި ކުށްތައް ކުރުވަމުން. އޭގެ އެއް ކަންތައް [މިދިޔަ ބުރާސްފަތި ދުވަހު] ތި ފެނުނީ،" އުމަރު ވިދާޅުވި އެވެ.

އަދިވެސް އުންމީދު ކުރަންވީތަ؟

ގޭންގް މާރާމާރީތައް ހުއްޓުވުމަށްޓަކައި ކޮންމެ ސަރުކާރަކުން ވެސް "މޮޅެތި" ވާހަކަތައް ދެއްކި ނަމަވެސް އެކަމުގެ އަޑިއަށް ފީނައި އެކަން ހުއްޓުވޭ ގޮތެއް ނެތެވެ. ގޭންގްތަކުގެ މީހުން ލައްވައި އެކަން ކުރުވާ މީހުން ހޯދިފައެއް ނެތެވެ. ފައިސާ ދޭ ބައެއް އެނގޭކަށް ނެތެވެ. ގޭންގްތަކުގައި އުޅޭ މީހުންގެ މައިންބަފައިންނަށް އެމީހުންގެ ޒިންމާއެއް ނުއުފުލެ އެވެ. ކުރުކޮށް ބުނާ ނަމަ، މުޅި މުޖުތަމައު މިއޮތީ މި ގޭންގް މާރާމާރިގައި ރަނގަޅަށް "ބަނދެވިފަ" އެވެ.

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ރޭ ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ފައިގައި ޓެގް އެޅުވުމުގެ ވާހަކަތަކަށް ފަހު، ދެން އޮތީ ގޭންގްތަކުގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް، ވާނީ ކޭމްޕަށް ފޮނުވުމުގެ ވާހަކަ އެވެ. އެއަށް ފަހު ދެން އިވޭނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ މީހުން، މާފުށީގައި ހެދި ރިމާންޑް ސެންޓަރަށް ފޮނުވާ ވާހަކަ އެވެ. ރިމާންޑް ސެންޓަރުގެ މަސައްކަތް ނިމި، އެތަނަށް މިދިޔަ ހަފުތާގައި ވަނީ ލައިސަންސް ވެސް ލިބިފަ އެވެ. މުޅިއެކު 80 މީހުންގެ ޖާގައިގެ ރިމާންޑް ސެންޓަރު، ޖަލުތަކަށް ގެންނަ ބަދަލުތަކާ އެކު އަދި ފަހުން 300 މީހުންގެ ތަނަކަށް ބަދަލުކުރާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަޅުގަނޑަށް ވިސްނޭ މައިންބަފައިންގެ ނުރުހުމުގައި ދައުލަތުން ކުދިންނާ ހަވާލުވާއިރު، އަޅުގަނޑާ ދިމާލަށް ކިޔާނެ އެއްޗެހި. އަޅުގަނޑާ މެދު ނުރުހުން ވާނެ ވަރު އެނގޭ. ނޫސްވެރިން ބައްލަވަން ތިއްބަވާތި އަޅުގަނޑާ ދިމާލަށް އެ ދުވަހަކުން ކިޔާނެ އެއްޗެހި. އެކަމަކު ހަގީގަތަކީ ކުދިން ބަލަން މައިންބަފައިންނާ ހަވާލުކުރީމާ އެކަން އެމީހުންނަކަށް ނުކުރެވުނުކަން: އުމަރު

ގޭންގް މާރާމާރީގައި އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދާއި އަހުމަދު އިރުޝާމް ހިލްމީ މަރުވުމުން، އައި ފާޑުކިޔުންތަކަށް ހޯމް މިނިސްޓަރުގެ ޖަވާބަކީ ފައިގައި ޓެގް އެޅުވުމަކީ އޭނާގެ ޕްލޭން އަދި ފުރިހަމަވުން ނޫން ކަމަށެވެ. އެއާ އެކު ކުރަން ޖެހޭ ދެ ކަންތައް އޮތީ ކުރިއަށެވެ. ގޭންގްތައް ހުއްޓުވުމުގެ ނަތީޖާ ފެންނާނީ އޭރުން ކަމަށް އުމަރު ވިދާޅުވެ އެވެ. އަނެއްކާވެސް ބަލަން ތިބެންވީ އެވެ. އުންމީދު ކުރަންވީ އެވެ.

40 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 14%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމަށްޖެހިފައިވާ އުމަރުފޭލިޔާ ބަލި

06 June 2016

ދުނިއޭގެ ޕޮލިހުން ގެންގުޅޭ އިކްޕްމްންޓް އަކީ ކޮބައިކަން ކެޓްލޮގްތަކުން ހޯދައި އެތަކެތިގަނެ ފުނިޖެހުމަކީ އިޖްތިމާއީ ޖަރީމަތައް ހުއްޓުވުމަށް އޮތް ހައްލެއްނޫން. މައްސަލަޔަކީ މިހާވަރުވެސް ނޭނގޭ މީހަކަށް އިޖްތިމާޢި މައިދާން ހައްމަތަކުރުމުގެ ވަޒީރުކަން ހަވާލުކުރެވިފައިވުން. މިފަދަ މީހުން ރަނގަޅުވާނީ ޕޮލިހުން ގެންގުޅެނި ކޮންކަހަލަ އިކްއިޕްމަންޓް ތަކެއްތޯ ބެލުމަށް މީހުން މައުލޫމަތު ސާފުކުރާ ފޯނު އިންކްއަރީ ޑެސްކްކުގައި ބައިންދަން. އޭރުން ގުޅާލުމާއެކު މައުލޫމާތު ވަރަށް ފުރިހަމަޔަށް ދޭނެ. އަދި ބޭނުންކުރަނީ ކިހިނެއްތޯ އަހަލާއިރަށް އޭގެ މެނުއަލްތައް ހުރިތަންތަން ވެސް ބުުނެދޭނެ. ބޭނުންކުރިންތޯ އަހާލާއިފިނަމަ "ތިނަންނަވެސް މިދަނި ތިކަމާއިބެހޭގޮތުން މީޙުންލިޔެފަހުންނައެއްޗެތި ކިޔައިގެން ދަސްކުރެވޭތޯ ބަލަމަުންކަމާއި ގިނަފަހަރަށް ގޮވަނީ އަތަށް ކަމަށްވެސް ބުނާނޭ.

The name is already taken The name is available. Register?

މުޙައްމަދު

05 June 2016

އަދި ޕްލޭން ފުރިހަމައެއްނޫން. މައިން ބަފައިން، ދަރިންނާއިމެދު އިހުމާލުވާނަމަ، ކުދިން ގެންދަންވީ ގަދަކަމުންވެސް. އަދި އޭގެ އިތުރަށް މައިންބަފައިންނަށްވެސް އަދަބުދޭންވީ. ހިތުން ނުފިލާވަރުގެ ބަންދެް ނޫނީ ޖޫރިމަނާއެއް ކޮށްލަންވީ.

The name is already taken The name is available. Register?

ފާތޭ

05 June 2016

މިސަރުކާރުން ފުލުހުންގެ ބޭނުންގެ ކުރަނީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަށް ހުއްޓުވަން. މާރާމާރީ އާއި މީހުންމެރުމާ ވައްކަން ތަކަށްވުރެބޮޑަށް.

The name is already taken The name is available. Register?

ރަނގަޅަށް ވިސްނާށެވެ. ތިމާ މިއުޅެނީ ރަނގަޅަށް ތޯ.

05 June 2016

ކޮމެންޓް ކުރާމީހުންނަކަށް ވެސް ނޭގުނުވީޔާ .... އިންސާނިޔަތުކަން ، އީމާންތެރިކަން ، އިހްސާންތެިކަން ނެތުމުގެ ސަބަބުން މުޖްތަމަޢު ފަސާދަވެގެން ދާނެކަން ބުނާކަށް. ދުނިޔެމިއޮތީ ހަލާކެއްގެ ތެރޭގަ. ފަހުޒަމާން ގާތްވެއްޖެ. ހެޔޮވިސްނޭމީހު މިކަމާދޭތެރޭވިސްނާނީ. ދެންތިބޭނީ ޖާހިލުން. ސަރުކާރަކާ ނޫން ކަށްވަޅުގާ ސުވާލުކުރާނީ. ސުވާލުކުރާނީ ތިމާގެ އަމިއްލަަ ނަފްސާ. ދެންވެސް ވިސްނާލައްވާ.

The name is already taken The name is available. Register?

ގޭންގ

05 June 2016

ގޭންގު..ގޭންގު..ބަލަ މީ ހުއްދަ ދެވިގެން ހިންގާ ހަރަކާތެއްތަ؟ ގޭންގުތައް ހެދުމަކީ ގާނޫނީ ކުށެއް. މި ކުށުގަ ބައިވެރިވާ މީހުންނަށް އަދަބު ނުދެވެނީ ކީއްވެ؟ ގައިމުން ހުއްދަނެތި ކެފޭ، ރެސްޓޯރަންޓު ހިންގުން، ކުލަބު ޖަމިއްޔާ ހިންގުން، މާ ހެފުން، މަގުމައްޗަށް ނިކުތީމަ އެބަ ހުއްޓުވާ. ނިހާނު ބުނީ މި ރާއްޖޭގަ ގޭންގު ތަކެއް ނޫޅޭނެއޭ، ކަންމަތީގަ ތިބޭ ކުދިންނަށް ގޭންގުތަކޭ ކިޔާ މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅާނަމޭ. ގޭންގު ގޭންގު މި ކިޔަނީ ހޯމް މިނިސްޓަރ...

The name is already taken The name is available. Register?

ތާ1

05 June 2016

އެތައްހާސް ފުލުހުންނަކާއި ސިފައިންނެއް މުސާރަދީފަ އެބަތިބި. އެކަމަކު އެއްވެސް ތަނެއްގައި ޑިއުޓީކުރާތަނެއްނެތް ހަމައެކަނި ރައީސް ގަނޑުވަރާއި ފުލިހުންނާއި ސިފައިންގެ ތަންތަން ފިޔަވާ. ގައުމު މިހާލަތުން އަރައިގަންނަދެން ކީއްވާނީ ކޮންމެ ހަތަރު އަނގޮޅިއެއްގަ ފުލުހަކު ބެހެއްޓިއްޔާ. މީހުން އެބަތިއްބެއްނު. އެމީހުންލައްވާ ތިކުރަނި ކޮންމަސައްކަތެއް ކީއްކުރަން މުސާރަދީފަ އެމީހުން ބައިތިއްބަނި.

The name is already taken The name is available. Register?

ފުލުސްމީހާ

05 June 2016

ދޮންކަލޯ ހިއްވަރެއް ހުރިއްޔާ އެއްމެ ރެޔަކުވެސް މަގުމަތީގަ ގަޑިއެއްހާއިރު ހުރެލަބަލަ. އޭރުން އެގޭނެ

The name is already taken The name is available. Register?

ޒަހީން

06 June 2016

"ތާ1" ނަމުގައި ކޮމެންޓް ކުރި ފަރާތުން ބުނި އެއްޗަށް "ފުލުސްމީހާ" ދިން ރައްދުން ހަމަ ހައިރާން ވެއްޖެއެވެ. ފުލުހުންގެ ހުވަޢާއި ސިފައިންގެ ހުވައިގައި އެބުނާ ވާހަކަ އޭނާއަށް ނޭގުނީހެން ހީވަނީ. މަގުމަތީގައި 24 ގަޑިއިރު ތިބެ މުޒާހަރާ ހުއްޓުން އޯކޭ އެކަމަކު މާރާމާރީ ހުއްޓަންވީމަ ބަހަނާ ދައްކަނީ. ޗީޗީ

The name is already taken The name is available. Register?

ކަޅު މުހައްމަދު

05 June 2016

ކޮންމެ ކަމެއްވެސް އޮއްނަނީ އެއްކަމާއި އަނެއްކަން ގުޅި ލާމެހިފަ. މާލެގެ ދިރިއުޅުމުގެ ފެންވަރާއި ކުށުގެވެށި ވަނީ ލާމެހިފަ. ގޭންގެއް ހުއްޓުވިދާނެ ގޮޅިއައް ލައިގެން. ދެން އަނެއްކާވެސް އެހެން ބަޔަކު ގޭންގެއް ހަދައިގެން އުޅޭނެ.މި ކުޑަ ތަންފުކުގައި ޒުވާނުން ގިނަވަނީ އިތުރު ފުރުސަތު ތަކެއްނެތީމަ. ކައިބޮއެ އަންނައުނު ހޯދަން ޖެހޭ. ރަގަޅު ވަޒީފާއެއްނެއް. ދެން ކޮމިއުނިޓީ ހަދައިގެން ފަސޭހަ ގޮތެއް ހޯދަނީ އަނިޔާވެރިކޮށް. ހިން ދެމިލަން އަމިއްލަ ރޫމެއް، ގެޔެއް ނުހުރޭ. ދާން ޖެހެނީ ބޭރުތެރެއަށް. ނިދަން ޖެހެނީ ހަތަރު މީހުން އެއް ރޫމްގަ. ސްޓެރެސް ވާނެ ލައިފް. މާޔޫސްވޭ. ތޮއް ޖެއްސުން ހުއްޓުވާ. ކުރިިން ދިވެހިން އުޅުނު ދިރިއުޅުން ހޯދައިދީ. ރާއްޖެތެރެ ތަރައްގީ ކުރޭ.

The name is already taken The name is available. Register?

ވެލް ސެއިޑުް

05 June 2016

ވެލް ސެއިޑު

The name is already taken The name is available. Register?

އެމްއެސް

05 June 2016

ހަމައެކަނި ކޮމާންޑަކަށް ޙަރަކާތްކުރާ ފުލުހަކަށްވުރެ އަމިއްލަ ބުއްދީގެ ބޭނުން ކުރުމުގެ މިނިވަންކަން އޮތް ފުލުހެއް އުފެދެން ވެއްޖެ

The name is already taken The name is available. Register?

އެމްސް

05 June 2016

މިނިސްޓަރ ސިފަވެގެން މިދަނީ އެމްބީއޭ އޮތް ރޯނުއެދުރެއްގެ ސިފައިގަ

The name is already taken The name is available. Register?

ތާރުކުނާވަޙީދު

05 June 2016

ސުވާލަކީ 14 އަހަރުގެ ކުޑަ ދެކުދިންގެ މައިންބަފައިންގެ ދައުރަކީ ކޮބައިހޭ؟ ދަރިން ވިހާފަ މަގުމައްޗަށް ނެރެ ގޭންގް ގްރޫޕްތަކާ ޙަވާލުކުރަނީހޭ؟ އެ އެންމެންގެ ކަންކަން ފުލުހުންގެ ބޮލުގައި އަޅުވަނީ ކީއްވެހޭ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454