އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ފުލުހުން ބަލައި ފާސް ކުރަމުންދާ ގެއަކީ އޭނާ ގެއްލުނު ރޭ މީހަކަށް ޝައްކު ކުރެވޭ މަންޒަރުތަކެއް ފެނުނު ގެއެއްކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ފުލުހުން ބަލަމުން ދަނީ ދަނގެތީގެ އުމުރުން ދުވަސްވީ މީހަކާއި އެ މީހާ ބަލަހައްޓާ ބަންގްލަދޭޝްގެ މީހާ އުޅޭ ނެދުންގެ އެވެ. "މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ ގެ ބަލައި ފާސް ކުރަނީ ފުލުހުންނަށް މި ރަށުގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތެއްގެ މައްޗަށެވެ.
އެނގިފައިވާ ގޮތުގައި މަހުމޫދު ގެއްލުނު ރޭ ގާތްގަނޑަކަށް 9:00 ގެ ފަހުން، ބިދޭސީމީހާ އުޅޭ ގެ ކައިރިން ލާފައި ދިޔަ އެ ރަށުގެ މީހަކަށް ޝައްކު ކުރެވޭ އަޑެއް އިވިގެން ފާރުމަތިން ބޯ ހިއްލާލައި އެ ގޯތި ތެރެ ބެލި އެވެ. އޭނާ އަށް އޭރު އިވުނީ، އެ ގޭގައި މީހަކު ހަޅޭއްލެވި އަޑާއި އެއްޗެއް އެއްލައިލި ކަހަލަ އަޑެކެވެ.
އެ މަންޒަރު ދުށް މީހާ ފާރުމަތިން ބޯ ދިއްކޮށް ގޯތިތެރެ ބަލައިލި އިރު ފެނުނީ ބިދޭސީމީހާ އެއްޗެއް ހިފައިގެން ބިންމަތީގައި ދަމަމުން ދިޔަ ތަން ކަަމަށް ވެ އެވެ.
އެ މަންޒަރު ސިފަވެފައި ވަނީ ބިންމައްޗަށް ވެއްޓިފައި އޮތް މީހެއްގެ ދެ ފައިގައި ހިފައިގެން ދަމާފައި ދާ ކަހަލަ ގޮތަކަށެވެ. އަދި ދެ އަތް ވެސް ވެއްޓިފައި އޮތްހެން ވެސް މަންޒަރު ފެނުނު މީހާ އަށް ހީވި އެވެ. ނަމަވެސް، އެ ތަން އަނދިރިކަމުން އެއީ އިންސާނެއް ކަމެއް ނުވަތަ ނޫންކަން ޔަގީނެއް ނުވި އެވެ.
މި އަޑާއި މަންޒަރު ފެނުމުން، އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާ އަށް ކަމެއް ވީތޯ ބަލަން އެ މަންޒަރު ދުށް މީހާ މުސްކުޅި މީހާގެ ތިމާގެ މީހަކާ ބައްދަލުކޮށް އެ މައުލޫމާތު ދިނެވެ. ތިމާގެ މީހާ ގޮސް އެހުމުން އެ ބިދޭސީ މީހާ ބުނެފައި ވަނީ އެ ގަޑީގައި ބުޅަލެއް މެރީ ކަމަށެވެ. އެ ތިމާގެ މީހާ އެ ވަގުތު ގޭގެ ތެރެއަކަށް ނުވަދެ އެވެ.
އެކަމަކު، މި މަންޒަރު ފެނުނު މީހާގެ މައުލޫމާތު ފުށުއަރަނީ މަހުމޫދު އެންމެ ފަހުން ފެނުނު ކަމަށް އާއިލާ އިން ބުނާ ގަޑިއާ އެވެ.
މަހުމޫދުގެ އާއިލާގެ ފަރާތްތަކުން ކުރިން ބުނެފައިވާ ގޮތުގައި، އޭނާ ގެއިން ނުކުތީ ސާފް ޗެމްޕިއަން ޝިޕްގައި މިދިޔަ ބުދަ ދުވަހުގެ ރޭ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗަށް ފަހު 11:00 ގެ ފަހުންނެވެ.
މިއީ، މިހާރު މަހުމޫދު އެންމެ ފަހުން ފެނުނު ކަމަށް ޔަގީން ކުރަން އެނގޭ ގަޑިއެއް ނޫނެވެ. މި ގަޑިއާ މެދު ޝައްކު އުފެދޭ ސަބަބުތައް ހުރި ކަމަށް ވަނީ އެނގިފަ އެވެ.
ބިދޭސީ މީހާ އުޅޭ ގެއަށް ފޮރެންސިކް ފުލުހުން ވެސް ވަދެގެން ބަލައި ފާސްކުރާއިރު، އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާ ވަނީ މިހާރު އެހެން ގެއަކަށް ގެންގޮސްފަ އެވެ.
ފުލުހުން ބަލައި ފާސް ކުރަމުންދާ ގެއަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު ފަޅު ގޯއްޗާ ފުދޭވަރަކަށް ކައިރީގައި ހުރި ތަނެކެވެ. އެ ގެއިން ނުކުމެގެން ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ފަޅު ގޯއްޗަށް ދެވިދާނެ އެވެ.
މަހުމޫދުގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ރަށުގެ މީހުންގެ ތުހުމަތު އަމާޒުވީ ރަށުގައި އުޅޭ ތޮއްޑޫން އައިސް އުޅޭ ދެ ފިރިހެނަކަށާއި އެ ރަށު އަންހެނަކަށެވެ. އެ މީހުން މިހާރު މަހިބަދު އަށް ގެންގޮސް އެހެން މައްސަލައެއްގައި ތިބީ ހައްޔަރުކޮށްފަ އެވެ.
މަހުމޫދުގެ ބޮލަށް ވެސް އެއްޗަކުން ޖަހާފައިވާ ކަހަލަ އަނިޔާއެއް ލިބިފަ އެވެ. އަދި ކަރަށް ތޫނު އެއްޗެއް ހަރާފައިވާ އިރު މޫނުުގެ އެކި ތަންތަން ވެސް އޮތީ ކަފާލައިފަ އެވެ.
މަހުމޫދު އަކީ އަބަދު ވެސް ގަނޑުކޮށް ފައިސާ ގެންގުޅުނު މީހެކެވެ. އޭނާގެ ވޮލެޓުގައި އަބަދު ވެސް ހާހުން ހާހުން ރުފިޔާ ހުންނަ ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެ އެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު ވޮލެޓު އަދިވެސް ނުފެނެ އެވެ. އަދި އޭނާގެ ފޯނު ވެސް ފެނިފައެއް ނުވެ އެވެ.