ކުޅިވަރު / ޗެލްސީ

އަވޭ މެޗުތަކަށް ޓިކެޓް ވިއްކަން ޗެލްސީ އަށް ހުއްދަ ދީފި!

ލަންޑަން (މާޗް 24) - އިނގިރޭސި ސަރުކާރުން ޗެލްސީ ހިންގަން ދިން ހާއްސަ ލައިސަންސަށް ބަދަލު ގެނައުމަށް ފަހު އެ ކުލަބުގެ އަވޭ މެޗުތަކަށް ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމުގެ ހުއްދަ ދީފި އެވެ.

ރަޝިއާ އިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުމުގެ ސަބަބުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސިވިލާތުގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން އެ ކްލަބަށް ވަނީ މެޗުތަކަށް ސަޕޯޓަރުންނަށް ޓިކެޓް ވިއްކުން މަނާކޮށްފަ އެވެ. ނަމަވެސް ލައިސަންސަށް ގެނެވުނު ބަދަލާ އެކު ޗެލްސީ އަށް އަވޭ މެޗުތަކަށް ޓިކެޓު ވިއްކުމުގެ ފުރުސަތު މިހާރު ލިބިފައި ވިޔަސް، އެ ފައިސާ ޗެލްސީ އަކަށް ނުލިބޭނެ އެވެ.

ބަދަލުތަކާ އެކު ޗެލްސީ އަށް ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕުގެ ހުރިހާ މެޗްތަކަށް ކުލަބުގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމުގެ ހުއްދަ ލިބިފައިވާ އިރު، އަމިއްލަ ދަނޑުގައި ނުވަތަ ނިއުޓްރަލް ދަނޑެއްގައި ކުޅޭ މެޗުތަކުން ލިބޭ ފައިސާ ނަގާނީ މުބާރާތް ބާއްވާ ފަރާތަކަށެވެ. ނަމަވެސް ހުރިހާ މުބާރާތެއްގައި ވެސް އަވޭ މެޗުތަކުގައި ޗެލްސީގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ދާނީ މެޗު ހޯސްޓު ކުރާ ޓީމަކަށެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގައި ކުޅޭ އަވޭ މެޗްތައް ވެސް ހިމެނެ އެވެ.

ސަރުކާރުން އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ކުރިން ޗެލްސީގެ ހޯމް މެޗްތަކަށް ވަދެވޭނީ ކުލަބުގެ ސީޒަން ޓިކެޓް ހޯލްޑަރުންނާއި، ފިޔަވަޅު އެޅުމުގެ ކުރިން ޓިކެޓް ގަނެފައިވާ ފަރާތްތަކަށެވެ. އަލަށް ގެނައި ބަދަލުތަކާ އެކު ވެސް ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކަށް ޗެލްސީގެ އިތުރު ސަޕޯޓަރުންނަށް ޓިކެޓް ނުވިއްކާނެ އެވެ. ނަމަވެސް ލީގުގައި ޗެލްސީ ކުޅޭ ހޯމް މެޗުތަކުގައި އަވޭ ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމުގެ ފެހި ސިގްނަލް އިނގިރޭސި ސަރުކާރުން ވަނީ ދީފަ އެވެ.

ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅި ފަހުން ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ނިއުކާސަލް ކޮޅަށް ލަނޑުޖެހުމަށް ފަހު ކައި ހަވާޓްޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ އިން ވަނީ ޓިކެޓް ވިއްކައިގެން ކުލަބަށް ލިބެންޖެހޭ ފައިސާ އެއްކޮށް ޔޫކްރޭންގެ ހަނގުރާމައިގައި ގެއްލުންވި ފަރާތްތަކަށް ޗެރިޓީގެ ގޮތުގައި ދޭން ޕްރިމިއާ ލީގު ބޯޑުގައި އެދިފަ އެވެ. ޖަވާބުގައި ޕްރިމިއާ ލީގުން ބުނީ ކުލަބާ މަޝްވަރާ ކޮށްފައި، އެ ފައިސާ ލިބެންވާ ފަރާތްތަކުގެ ލިސްޓެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މިހާރު ކުރިޔަށްދާ ފީފާ އިންޓަނޭޝަނަލް ބްރޭކަށް ފަހު ޗެލްސީ އެންމެ އަވަހަށް ކުޅޭނީ އަމިއްލަ ދަނޑުގައި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ. އެއަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ އެވެ. އޭގެ ފަހުން ކުޅޭނީ ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ރެއާލް މެޑްރިޑާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ދެވަނަ ލެގު ކުޅެ، އެފްއޭ ކަޕް ސެމީ ފައިނަލުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުންނާނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

އިނގިރޭސިވިލާތުގެ ކުޅިވަރާ ބެހޭ ވަޒީރު ނައިޖެލް ހަޑްސަން ވިދާޅުވީ، ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވި، އިނގިރޭސި ވިލާތުގެ ދަތިކުރުމުގެ ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓަށް ރޯމަން އަބްރަމޮވިޗް އިތުރުކުރި ފަހުން، ފިޔަވަޅުތައް ތަންފީޒުކުރަމުން ވެސް ޗެލްސީ އަށް ފުޓުބޯޅަ ކުޅުން ކުރިޔަށް ގެންދެވެން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައި ވާނެ ކަމަށެވެ.

ލައިސަންސަށް ގެނެވުނު ބަދަލާ އެކު ޗެލްސީ އަށް ވަނީ މި ސީޒަނުގެ ހަރަދުތައް ފޫބައްދަން އެ ކުލަބުގެ ބެލެނިވެރި ކުންފުނި ކަމަށްވާ ފޯޑްސްތަމް އިން 30 މިލިއަން ޕައުންޑް (40 މިލިއަން ޑޮލަރު) ހޯދުމުގެ ފުރުސަތު ވެސް ދީފަ އެވެ. މިދިޔަ ސީޒަނުގައި އެކަނިވެސް ޗެލްސީން މުސާރައިގެ ގޮތުގައި މަހަކު 28 މިލިއަން ޕައުންޑް ހަރަދު ކޮށްފައިވާކަން ޗެލްސީގެ ޓެކްނިކަލް އެޑްވައިޒަރު ޕީޓާ ޗެކް ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މަގުސަދަކީ ރަޝިއާގެ މަހުޖަނު އަބްރަމޮވިޗަށް ޗެލްސީން އެއްވެސް ފައިސާއެއް ލިބުނަ ނުދިނުމެވެ. އަދި އޭނާގެ އެސެޓްތައް ފްރީޒް ކުރުމުން ޗެލްސީ ވިއްކާލަން އޭނާ ކުރި މަސައްކަތް ވެސް ހުއްޓުމަކަށް އައެވެ. އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމީ، ރަޝިއާ އިން ޔޫކްރޭނަށް ހަމަލާދޭން ފެށިތާ ފަސް ދުވަސް ފަހުން، މި މަހުގެ 2 ވަނަ ދުވަހު އެވެ.

އަބްރަމޮވިޗް ވަނީ ޗެލްސީ ވިއްކާލުމުގެ ކަންކަން އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ރެއިން ގްރޫޕާ ހަވާލު ކޮށްފަ އެވެ. އަދި ކުލަބް ގަންނަން ހުށަހަޅާ ފަރާތްތައް ޝޯޓްލިސްޓް ކުރާހާ އަވަހަކަށް، ލައިސެންސަށް އިތުރު ބަދަލު ގެނެސް، ކުލަބް ވިއްކާލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމުގެ ފެހި ސިގްނަލް ވެސް ސަރުކާރުން ދޭނެ ކަމަށް ބެލެވެ އެވެ.

ޗެލްސީ ގަންނަން ހަ ގުރޫޕަކުން ބިޑް ކުރިކަން އާއްމު ކޮށްފައިވާ އިރު، އޭގެ ތެރެއިން އެންމެ ރަނގަޅު ބިޑްތައް މި ހަފްތާގެ ތެރޭ ޝޯޓްލިސްޓް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. ޑީލްތައް ނިންމަން ސުންގަޑިއެއް ކަނޑައަޅާފައި ނުވި ނަމަވެސް، ގަންނަން ހުށަހެޅި ގުރޫޕްތައް ނުވަތަ ކޮންސޯޓިއަމްތަކުގެ މެދުގައި މިހާރު ވެސް ވަނީ ވާދަވެރިކަން ބޮޑުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ހަފްތާ ބަންދުގައި ވެސް ދެ ފަރާތަކުން ވަނީ ހުށަހެޅި ބިޑުތަކުގެ އަގު މަތިކޮށްފަ އެވެ.

އާންމުކުރި ހަ ބިޑްގެ ތެރޭގައި ހިމެނެނީ ޝިކާގޯ ކަބްސްގެ މިލްކުވެރިކަން އޮންނަ އެމެރިކާގެ ރިކެޓްސް އާއިލާ އާއި، އެލްއޭ ޑޯޖާސްގެ ކޯ-އޯނަރު ޓޮޑް ބޮއެލީ އާއި ސްވިޒަލެންޑުގެ ބިލިއަނަރު ހަންސްޔޯގް ވީސްގެ އިތުރުން، ދަ ބްލޫސް ފުޓްބޯލް ކޮންސޯޓިއަމްގެ ނަމުގައި ލިވަޕޫލްގެ ކުރީގެ ޗެއާމަން ސާ މާޓިން ބްރޯޓަން އާއި ޕާލަމަންޓް މެމްބަރު ލޯޑް ކޯ އިސްވެ ހިންގާ ކޮންސޯޓިއަމެއް ހިމެނެ އެވެ. ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އިސްވެ ހިންގާ ޓްރޫ ބްލޫސް ކޮންސޯޓިއަމްގެ ތާއީދު އޮތީ ދަ ބްލޫސް ފުޓްބޯލް ކޮންސޯޓިއަމްއާ އެކު އެވެ.

އިތުރު ކޮންސޯޓިއަމްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕްރޮޕަޓީ އިންވެސްޓަރު ނިކް ކޭންޑީ އާއި ގްލޯބަލް އިންވެސްޓްމަންޓް ފާމް ސެންޓްރިކަސް ފަންޑު ކޮށްގެން ހުށަހަޅާފައިވާ ބިޑެއް ހިމެނެ އެވެ. ނިކް ކޭންޑީ ވަނީ ދެކުނު ކޮރެއާގެ ހަނާ ފައިނޭންޝަލް ގްރޫޕާއި ސީއެންޑްޕީ ސްޕޯޓްސް ގްރޫޕުގެ ސަޕޯޓާ އެކު އޭނާ ފުރަތަމަ ހުށަހެޅި ދެ ބިލިއަން ޕައުންޑުގެ ބިޑުގެ އަގު މަތިކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސައުދީ މީޑިއާ ގްރޫޕުން ވެސް ބިޑެއް ހުށަހަޅާފައިވާއިރު، ނިއުޔޯކް ޖެޓްސްގެ ވެރިޔާ ވުޑީ ޖޯންސަން ވެސް ޗެލްސީ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ކުލަބު ގަންނަން ހުށަހެޅި ފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ ކަންކަމުގައި ޗެލްސީ ވެސް ޝާމިލު ވާނެ އެވެ. އަދި ޕްރިމިއާ ލީގުގެ އަމުރަށް ކުލަބުގެ ބޯޑް މެމްބަރުކަމުން ރޯމަން އަބްރަމޮވިޗް ބޭރުކޮށްފައި ވިޔަސް، ޗެލްސީ ވިއްކާލާ ފަރާތެއް ކަނޑައެޅުމުގައި އަބްރަމޮވިޗުގެ ބައިވެރިވުން ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮންޓެ

24 March 2022

ޗެލްސީގެ ކާމިޔާބީ ހަޖަމު ނުވެގެން އިނގެރޭސި އެފް.އޭ (މެންޗެސްޓަރ ޔުނައިޓެޑްގެ ޕަޕެޓް) އަދި އިނގެރޭސި ސަރުކާރުން ކުޅޭ ޗަރުކޭސް. ވަރަށް ދެފުށް ދެގޮތް ސިޔާސަތެއް. އިނގެރޭސީންނާއި އެމެރިކާނުން އަރާ އިރާގާއި އެހެން ޤައުމުތައް ތަޅާ ސުންނާފަތި ކުރިއިރު، ފީފާ އަކަށްވެސް ކަމެއް ނުކުރެވުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454