12 މާޗް 2022 - 10:56
ލަންޑަން (މާޗް 12) - ރަޝިއާގެ މަހުޖަނު ރޯމަން އަބަރަމޮވިޗުގެ އެސެޓްތައް ޔޫކޭ ސަރުކާރުން ހިފެހެއްޓުމާ ގުޅިގެން ޗެލްސީ ފުޓުބޯޅަ ކުލަބަށް ދިމާވެފައިވާ މައްސަލައިގައި، ބާކްލޭސް ބޭންކުން އެކްލަބުގެ އެކައުންޓްތައް ވަގުތީ ގޮތުން ފްރީޒް ކޮށްފި އެވެ.
ޗެލްސީގެ އޯނަރު އަބްރަމޮވިޗުގެ އެސެޓްތައް ހިފެހެއްޓުމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ގިނަ ފިއްތުންތަކުގެ ތެރެއިން ކުލަބް އޮޕަރޭޓް ކުރުމުގެ ހާއްސަ ހުއްދައެއް ދީފަ އެވެ. އޭގެ ސަބަބުން ޗެލްސީގެ މެއިން ސްޕޮންސަރު 'ތްރީ' ޓެލެކޮމިއުނިކޭޝަން ކުންފުނިން އެޓީމާ އެކު ހަދާފައިވާ އަހަރަކު 40 މިލިއަން ޕައުންޑުގެ ކޮންޓްރެކްޓް ވެސް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
މެއިން ސްޕޮންސަރުން އެއްބަސްވުން ސަސްޕެންޑް ކުރުމާ އެކު ކިޓް ޕްރޮވައިޑާ ނައިކީ އިން ވަނީ އެޓީމާ އެކު އޮތް އެއްބަސްވުން ރިވިއު ކޮށްފަ އެވެ. ނަމަވެސް ނައިކީ އިން ވަނީ 2016 ވަނަ އަހަރު އެޓީމާ އެކު ހެދި، ސީޒަނަކު 60 މިލިއަން ޕަންޑުގެ އެއްބަސްވުމާ އެއްގޮތަށް ކުރިޔަށް ދާން ނިންމައިފަ އެވެ. ނައިކީ އާއެކު ޗެލްސީން ހެދި 15 އަހަރު ދުވަހުގެ އެގްރީމަންޓަކީ 900 މިލިއަން ޕައުންޑުގެ ކޮންޓްރެކްޓެކެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ހާއްސަ ލައިސެންސްގެ ދަށުން ޗެލްސީއަށް ފުޓުބޯޅަ ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ދެވިދާނެ ކަމަށެވެ. އަދި ފަހުން ބޮޑުވަޒީރުގެ ތަރުޖަމާނަކު ވިދާޅުވީ، ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތައް ފަސޭހަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ބޮޑުވަޒީރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް ޗެލްސީ އަށް ފައިސާގެ މުއާމަލާތްތަކަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު، އެގައުމުގެ ބާކްލޭސް ބޭންކުން ވަނީ ޗެލްސީގެ އެކައުންޓްތައް ފްރީޒް ކޮށްފަ އެވެ.
އެ ބޭންކުން ބުނީ މި ނިންމުމަކީ އިނގިރޭސި ސަރުކާރުން އެ ކްލަބަށް ދީފައިވާ ލައިސަންސް އެސެސް ކުރުމަށް ވަގުތު ބޭނުންވާތީ ނިންމި ނިންމުމެއް ކަމަށެވެ.
ލައިސަންސްގެ ޝަރުތުތަކުގެ ތެރޭގައި ޗެލްސީއަށް މެޗު ޓިކެޓް ވިއްކައިގެން ފައިސާއެއް ނުހޯދޭނެ އެވެ. ކްލަބް ފިހާރައިން މާޗެންޑައިޒް ނުވިއްކޭގޮތަށް ބަންދު ކޮށްފައި ވާއިރު ކުލަބު ހޯމް ސްޓޭޑިއަމްގެ ބޮޑު ބައެއް ބަންދުކުރަން ވެސް ޖެހިފައި ވެއެވެ.
ޗެލްސީ އިން މުސާރައިގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 28 މިލިއަން ޕައުންޑް ހޭދަކުރާއިރު، ޗެލްސީ އިން ސަރުކާރާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ކުލަބުން ވަނީ ޓިކެޓު ވިއްކުމުގެ ހުއްދައިގެ އިތުރުން، ހަރަދުކުރުމުގައި ވެސް ލިމިޓް އިތުރުކޮށް ލައިސެންސަށް ބަދަލުތަކެއް ގެނެސްދޭން އެދިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީ އަށް ޓިކެޓް ނުވިއްކޭތީ މެޗަކަށް 600،000 މިލިއަން ޕައުންޑުގެ ގެއްލުމެއް ވާނެ އެވެ.
މިހާރު އޮތް ލައިސަންސްގެ ސަބަބުން ހޯމް މެޗުތަކަށް 500،000 ޕައުންޑް ހޭދަކުރުމުގެ ފުރުސަތު ލިބޭއިރު، އަވޭމެޗަށް ދަތުރާއި ހުރުމުގެ ކަންކަމަށް ހޭދަކުރެވެނީ 20،000 ޕައުންޑެވެ.
މީގެ އިތުރުން ރޯމަން އަބްރަމޮވިޗަށް ފިޔަވަޅު އެޅުމުގެ ކުރިން ޗެލްސީ ވިއްކާލުމުގެ ކަންތަކާ ހަވާލުވި އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ރެއިން ގުރޫޕު ވެސް ހިމެނޭހެން، ޗެލްސީން ވަނީ ކުލަބް ވިއްކާލުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެހެން ލައިސެންސް އިސްލާހުކުރުމާ ގުޅޭ ގޮތުން ވެސް ސަރުކާރާ އެކު މަޝްވަރާ ކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބެންކް އެކައުންޓްތައް ފްރީޒް ކުރީ ޗެލްސީ ވިއްކާލުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފައި ވަނިކޮށްވެ. އަދި މަހެއްހާ ދުވަސް ތެރޭ ޗެލްސީ ވިއްކާލުމުގެ ކަންކަން ނިމޭނެ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވީ ޗެލްސީ އާއި ޕްރިމިއާ ލީގާ އެކު ސަރުކާރުން ކެނޑިނޭޅި މުއާމަލާތް ކުރަމުން އަންނަ ކަމަށާއި، ޗެލްސީ އަށް ދޫކޮށްފައިވާ ލައިސެންސަށް އިސްލާހުތައް ގެންނަން އެދި ހުށަހެޅޭނެ ކަމަށެވެ.
ސަރުކާރުން އަބްރަމޮވިޗްގެ އެސެޓްތައް ފްރީޒް ކޮށް ޗެލްސީ އަށް ދަތިކުރީ ޗެލްސީގެ 117 ވަނަ އަހަރީ ދުވަހު އެވެ. އެދުވަހު ޗެލްސީން ވަނީ ލީގުގައި ޓީމުގެ މަގާމް ދަމަހައްޓަން މުހިއްމު މޮޅެއް ހޯދައިފަ އެވެ. މާދަމާ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. މިއީ ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން ޗެލްސީ ސްޓޭމްފޯޑް ބްރިޖުގައި ކުޅޭ ފުރަތަމަ މެޗެވެ. މި މެޗުގައި ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ސަސްޕެންޑް ކޮށްފައިވާ މެއިން ސްޕޮންސަރުގެ ލޯގޯ ޗެލްސީގެ ޖޯޒީއިން އަދި ދަނޑުން ވެސް ނުފެންނާނެ އެވެ.
މާދަމާ ރޭ ޗެލްސީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ހޯމް މެޗަށް ޓިކެޓް ވިއްކާފައި ވާއިރު، އަންނަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ލިލް އާ ދެކޮޅަށް ކުޅޭނީ ފްރާންސްގަ އެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހު ބްރެންޓްފޯޑާ ދެކޮޅަށް ސްޓޭމްފޯޑް ބްރިޖުގައި ކުޅޭ މެޗުގެ ޓިކެޓްތައް ވެސް ވިކި ހުސްވެފައި ވާއިރު އޭގެ ފަހުން ކުޅޭ މެޗުތަކަށް ޓިކެޓް ނުވިއްކޭނެ އެވެ.
ބްރެންޓްފޯޑާ ކުޅުމުގެ ކުރިން މިމަހުގެ 19 ވަނަ ދުވަހުގެ ރޭ މިޑްލްސްބަރާއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ކުއާޓާ ފައިނަލް މެޗުގެ ފުރަތަމަ ބެޗްގެ ޓިކެޓް ވިއްކާފައި ވާއިރު، ސަރުކާރުން ފިޔަވަޅު އެޅީ ދެވަނަ ބެޗްގެ ޓިކެޓްތައް ވިއްކަން ހަމަޖެހިފައި އޮތް ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޕްނާ
12 March 2022
ދެގައުމެއްގެ ހަނގުރާމައަކާހެދި ޗެލްސީ އަށް ދަތިކުރުމަކީ ކުޅިވަރުގެ އަސްލު ގެއްލި، ކުޅިވަރުގެޖަމިއްޔާތަކަށް ސިޔާސީ ނުފޫޒު ވަދެފަ ވާވަރު އަންގައިދޭ ދަލީލެއް.
ކުއްލިއްޔާ
12 March 2022
އެމީހުން އެމީހުނާ ތަޅާ އެހެރެ އަވެދިވަނީ ރަޝިޔާ ކުރިއަށް
ޕުލިސިޗް
12 March 2022
މި ކްލަބްގެ ފޭނުން އެއީ އެއްވެސް ބައެއްގެ ސިމްޕަތީއެއް ބޭނުންވާނެ ބައެއް ނޫންކަމަށް އެ ކްލަބްގެ ފޭނުން ބުނެފަވޭ.
ނޫސްކިޔާމީހެއް
12 March 2022
ހެހެހެހެހެ.ވަރަށް ރަނގަޅު ނިންމުމެއް.
ޕުޓިން
12 March 2022
ތީގައި ދެރަވާނީ އިނގިރޭސީންނަށް..