ކުޅިވަރު / ޗެލްސީ

އުނދަގޫ ހާލަތުގައި އޮތް ޗެލްސީ އަށް މުހިއްމު މޮޅެއް

ނޯރިޗް (މާޗް 11) - އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ ރޯމަން އަބަރަމޮވިޗަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އުނދަގޫ ހާލަތެއްގައި އޮވެ، ޗެލްސީން ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ނޯރިޗް ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ޗެލްސީން ލީގުގެ ފުލުގައި އޮތް ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު ތިންވަނަ މިނިޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ޖަހައިދިނީ ޑިފެންޑަރު ޓްރެވޯ ޗަލޮބާ އެވެ. އަދި 14 ވަނަ މިނިޓުގައި ކައި ހަވާޓްޒް ދިން ބޯޅައަކުން ޖެހީ މޭސަން މައުންޓެވެ.

ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރި ނޯރިޗަށް 69 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޓީމޫ ޕޫކީ ކާމިޔާބު ކުރި ލަނޑުން އެޓީމު އުންމީދެއް ހޯދި ނަމަވެސް ޗެލްސީން ތިންވަނަ ލަނޑު ޖަހައި ތިން ޕޮއިންޓް ޔަގީން ކުރީ މެޗުގެ އެންމެ ފަހު މިނިޓުގަ އެވެ. މި ލަނޑު އެންގޯލޯ ކަންޓޭގެ އެހީތެރިކަމާ އެކު ޖެހީ ހަވާޓްޒް އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ޗެލްސީ ކުޅުނީ ރަށުން ބޭރުގަ އެވެ. މި ތިން މެޗު ވެސް ކާމިޔާބުކޮށް، ޗެލްސީ ލީގު ތިންވަނައިގައި އޮތީ 27 މެޗު ކުޅެގެން 56 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން 63 ޕޮއިންޓާ އެކު ލިވަޕޫލް ދެވަނައިގައި އޮތްއިރު، ހަތަރުވަނައިގައި އޮތީ، ދެ މެޗު މަދުން ކުޅެގެން 48 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ދަނޑު ބޭރުން ކުލަބަށް ދިމާވަމުންދާ ކަންކަމުގެ ސަބަބުން ޓީމަށް ބޮޑެތި އަސަރުތަކެއް ކޮށްފި ކަމަށާއި، ނަމަވެސް ކުޅުމުގެ ފުރުސަތު ނުގެއްލޭހާ ހިނދަކު ކޮންމެ މެޗެއްގައި ވެސް އެންމެ މަތީ ލެވެލްގައި ވާދަކުރަން ޓީމު އޮންނާނީ ތައްޔާރަށް ކަމަށެވެ.

"މެޗަތަކަށް ބޭނުންވާ ވަރަށް ޖޯޒީ އާއި، ޓީމު ބަސް އޮތްހާ ހިނދަކު އަހަރެމެން ހުރިހާ މެޗަކަށް ވެސް ނުކުންނާނީ އެންމެ ވަރުގަދަޔަށް،" އިނގިރޭސި ސަރުކާރުން ޗެލްސީ އަށް ހަރަދުކުރުމުގެ ހުއްދަ ދީފައިވާ މިންވަރާ ގުޅޭގޮތުން ޓުޗެލް ބުންޏެވެ.

"ކޮންމެ ދުވަހަކު ވެސް އަހަރެމެން އެންމެ ރަނގަޅަށް މަސައްކަތް ކުރާނަން. އިއްޔެ ހިޔެއް ނުކުރަން ކަންކަން މިހެން ދިމާވާނެއެކޭ، އަދި މާދަމާ ވާނެ ގޮތެއް ވެސް ބުނާކަށް ނޭނގޭ."

އިނގިރޭސި ސަރުކާރުން ރަޝިއާގެ މަހުޖަނު އަބްރަމޮވިޗުގެ މުދާތައް ހިފަހައްޓަން އިއްޔެ ނިންމި އިރު، އޭގެ ތެރޭގައި އޭނާ 2003 ވަނަ އަހަރު 140 މިލިއަން ޕައުންޑަށް ގަތް ޗެލްސީ ފުޓުބޯޅަ ކުލަބު ވެސް ހިމެނެ އެވެ. އިއްޔެ އަކީ ޗެލްސީގެ 117 ވަނަ އަހަރީ ދުވަސް ވެސް މެ އެވެ. ޔޫކޭގެ ސަރުކާރުގެ ހާއްސަ ލައިސެނެސެއްގެ ދަށުން ޗެލްސީ އަށް ފުޓުބޯޅައިގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އޮތް ނަމަވެސް މާލީ ގޮތުން ކުލަބަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހިފަ އެވެ.

ޗެލްސީ އަށް އިނގިރޭސި ސަރުކާރުން ދިން ހާއްސަ ހުއްދައިގެ ދަށުން އެޓީމަށް މެޗުތައް ކުޅެވުނަސް މެޗުތަކަށް ސަޕޯޓަރުންނަށް ޓިކެޓް ވިއްކުން މަނާކުރިއިރު، ހޯމް މެޗުތަކަށް ކުޅިބަލަން ވަދެވޭނީ ކުލަބުގެ ސީޒަން ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށެވެ.

ފިޔަވަޅުތަކާ އެކު، ޗެލްސީ ރަށުން ބޭރުގައި ކުޅޭ މެޗްތަކަށް އެޓީމުގެ ދަތުރާއި، ހުރުމުގެ ކަންތައް ހަމަޖައްސަން ކުލަބަށް ހަރަދު ކުރެވޭނީ ގިނަވެގެން 20،000 ޕައުންޑެވެ. އަދި ހޯމް މެޗުތަކަށް ކޭޓަރިން އާއި ސެކިއުރިޓީ ކަންކަމަށް ހަރަދު ކުރެވޭނީ 500،000 ޕައުންޑް ކަމަށް ވެސް ވަނީ ސަރުކާރުން ނިންމައިފަ އެވެ.

ޗެލްސީގެ ފިހާރަ ބަންދުކޮށް ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުން ޗެލްސީ އަށް މަނާކޮށްފައި ވުމުގެ ސަބަބުން، ކުލަބުގެ މެއިން ސްޕޮންސަރު 'ތުރީ' ވަނީ ވަގުތީގޮތުން އެ ކުލަބާ މެދު އޮތް އެއްބަސްވުން ވެސް ސަސްޕެންޑް ކޮށްފަ އެވެ. އަދި ކުލަބް ޖޯޒީ އާއި ދަނޑުގައި ބޭނުން ކޮށްފައިވާ އެ ކުންފުނީގެ އިސްތިހާރު ބޯޑުތައް ވެސް ނަގަން ވަނީ އަންގައިފަ އެވެ. ނަމަވެސް ރޭގެ މެޗު ފެށެން ކުޑަތަންވެފައި ވަނިކޮށް މި ނިންމުން ނިންމުމާ ގުޅިގެން ޗެލްސީ ކުޅުނީ ސްޕޮންސަރު ޖަހާފައިވާ ޖޯޒީގަ އެވެ.

ހަމަ އެއާ އެކު ކުޅުންތެރިން ގަނެ ވިއްކުމާއި ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމުގެ އެއްވެސް ކަމެއް ކުރިޔަށް ނުގެންދެވޭނެ އެވެ. މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ މުހިއްމު ތިން ޑިފެންޑަރުން ކަމަށްވާ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި އަންޑްރެެސް ކްރިސްޓެންސެން އަދި އެންޓޯނިއޯ ރުޑިގާގެ ކޮންޓްރެކްޓް ހަމަވާއިރު، ކްރިސްޓެންސެން ވަނީ ބާސެލޯނާ އަށް ބަދަލުވާން މާ ކުރިން ނިންމައިފަ އެވެ. އަޒްޕިލިކުއެޓާ އަށް ވެސް ބާސާގެ ހުށަހެޅުން އޮތްއިރު، ރުޑިގާ ހޯދަން ވެސް ގިނަ ކުލަބުތަކަކުން ޝައުގުވެރިވެ އެވެ.

މެޗު ބްރޯޑްކާސްޓް ކޮށްގެން ޗެލްސީ އަށް ލިބޭ ފައިސާއަށް ހުރަހެއް ނެތް ނަމަވެސް، ކުލަބު ވިއްކާލުމުގެ ކަންކަން ކުރިޔަށް ގެންދެވެން އޮތީ، އަބްރަމޮވިޗް އެ މަސައްކަތް ޔޫކޭ ސަރުކާރާ ހަވާލު ކޮށްގެން ކަމަށް ޔޫކޭ ސަރުކާރުން ބުނެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ވުލްވްސް އަދި އެސްޓަން ވިލާ ވެސް ވަނީ ކުޅުނު މެޗްތައް ކާމިޔާބު ކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން ރަށުން ބޭރުގައި ސައުތެމްޓަންއާ ވާދަކޮށް މޮޅުވީ 2-1 އިންނެވެ. ސްޓުއާޓް އާމްސްޓްރޯންގްގެ ލަނޑުން ސައުތެމްޓަން ލީޑު ނަގައިފައި ވަނިކޮށް ނިއުކާސަލް މޮޅުވީ ކްރިސް ވުޑާއި ބްރޫނޯ ގިމަރޭސް ޖެހި ދެ ލަނޑުންނެވެ. މިއީ ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލްއާ ގުޅުނު މި ދެ ކުޅުންތެރިން ވެސް ކުލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ނަތީޖާއާ އެކު ނިއުކާސަލް ވަނީ ލީގުގައި ބަލިނުވެ ނުވަ މެޗު ކަމަކޮށްފަ އެވެ.

ފިލިޕޭ ކުޓީނިއޯ އާއި މެޓީ ކޭޝް އަދި ކެލަމް ޗެމްބާސްގެ ލަނޑުތަކުން އެސްޓަން ވިލާ ރަށުން ބޭރުގައި 3-0 އިން ލީޑްސް ޔުނައިޓެޑް ބަލިކުރިއިރު، ވުލްވްސް ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. ވުލްވްސްގެ ލަނޑުތައް ޖަހައިދިނީ ރައުލް ހިމިނޭޒް އާއި ޑެނިއެލް ޕޮޑެންސް އަދި ރުބެން ނެވެސް އެވެ. އަނެއް ލަނޑަކީ ވަޓްފޯޑުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454