މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު އަބްރަމޮވިޗް.
10 މާޗް 2022 - 16:54
ލަންޑަން (މާޗް 10) - އިނގިރޭސި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައި ރަޝިއާގެ ވިޔަފާރިވެރިންގެ ލިސްޓަށް ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އިތުރުކުރުމުން ޗެލްސީ ހުއްޓުމަކަށް އަތުވެއްޖެ އެވެ.
އިނގިރޭސި ސަރުކާރުން މި ނިންމުން ނިންމާފައި މިވަނީ ޗެލްސީގެ 117 ވަނަ އަހަރީ ދުވަހު އެވެ. ރަޝިއާގެ ބިލިއަނަރު އަބްރަމޮވިޗް، 55، ގެ އެސެޓްތައް ފްރީޒްކުރުމުން އޭނާ އަށް ދެން ކުރިން ރޭވިފައި އޮތް ގޮތަށް ޗެލްސީ ވިއްކާލުމުގެ ކަންކަން ކުރިއަކަށް ނުގެންދެވޭނެ އެވެ.
ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އަބްރަމޮވިޗް ގާތް ގުޅުމެއް ބާއްވާ ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކްރިސް ބަރަތަންޓް ވަނީ އަބްރޮމޮވިޗަށް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އަދި އިނގިރޭސި ވިލާތުގައިވާ އަބްރޮމޮވިޗްގެ އެސެޓްތައް ހިފެހެއްޓުމަށް ވެސް ގޮވައިލުމާ އެކު ޗެލްސީ ވިއްކާލަން އަބްރަމޮވިޗް ނިންމީ މިމަހުގެ 2 ވަނަ ދުވަހު އެވެ.
ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ކުރިއަށް ގެންދަން ހާއްސަ ސްޕޯޓިން ލައިސަންސެއް ދީފައިވީ ނަމަވެސް މާލީ ގޮތުން ކުލަބަށް ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ. މައްސަލަ ހައްލު ވަންދެން ޗެލްސީ ކުޅޭ މެޗުތަކަށް ސަޕޯޓަރުންނަށް ޓިކެޓް ނުވިއްކާއިރު، ސްޓެމްފޯޑް ބްރިޖްގައި ކުޅޭ މެޗުތަކަށް ހާޒިރުވެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ހޯލްޑަރުންނަށެވެ. މީގެ އިތުރުން ޗެލްސީގެ ފިހާރަ ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ.
މި ސީޒަން ނިމުމުން ޗެލްސީގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް ވެސް ހަމަވާނެ އެވެ. އޭގެ ތެރޭގައި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި އަންޑްރެސް ކްރިސްޓެންސެން އަދި އެންޓޮނީ ރުޑިގާ ހިމެނެ އެވެ. ނަމަވެސް ކުލަބުގެ ވެރިޔާ އަށް އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ޗެލްސީ އަށް ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމާއި ކުޅުންތެރިންގެ ގަނެވިއްކުމުގެ މުއާމަލާތްތައް ވެސް ވަނީ ހުއްޓާލަން މަޖުބޫރުވެފަ އެވެ.
އަބްރަމޮވިޗް ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާއާ އެކު.
"މިއަދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީއަށް ކުރާނެ އަސަރުތަކަށް ރިޢާޔަތްކޮށް، ސަރުކާރުން ވަނީ، ފުޓްބޯޅައާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ޗެލްސީގައި ކުރިއަށް ގެންދިޔުމަށް ހުއްދަދޭ ލައިސަންސެއް ދީފައި،" އިނގިރޭސި ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
"ލައިސެންސުން ހުއްދަދޭ ކަންކަމުގެ ތެރޭގައި ޕްރިމިއާ ލީގާއި، ލޯޔަލް ސަޕޯޓަރުން އަދި އެހެން ކްލަބްތައް ހިމާޔަތް ކޮށްދޭނެ ފުޓްބޯޅައާ ގުޅުން ހުރި އެހެން ހަރަކާތްތައް ކުރިއަށް ގެންދިޔުން ހިމެނޭ."
މީގެ އިތުރުން ވެސް މި ލައިސެންސްގެ ސަބަބުން ކުރެވޭނީ ކަނޑައެޅިފައިވާ ވަކި ކަންތައްތަކެއް ކަމަށާއި، ފިޔަވަޅުތަކާ ހިލާފް ކަމެއް ހިންގާތޯ ފުޓުބޯޅައިގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަބްރަމޮވިޗް ޗެލްސީގެ ވެރިޔާގެ ގޮތުގައި ހޭދަކުރި 19 އަހަރުގެ ތެރޭ އޭނާ ވަނީ އިނގިރޭސި ފުޓްބޯޅައިގެ މޫނުމަތި ބަދަލުކޮށްލައި، ޗެލްސީއަށް ދުނިޔޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްދީފަ އެވެ. މި މުއްދަތުގައި ޗެލްސީ ވަނީ 21 މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ އިން ބާންލީއާ ދެކޮޅަށް ކުޅެ 4-0 އިން ވަނީ މޮޅުވެފަ އެވެ. އަދި މިރޭ ލީގުގައި ނުކުންނާނީ ފުލުގައި އޮތް ނޯރިޗް ސިޓީއާ ދެކޮޅަށެވެ. ލީގުގައި ޗެލްސީ މިވަގުތު އޮތީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްގެ ފަހަތުން ޓޭބަލްގެ ތިންވަނައިގަ އެވެ.
މި ސީޒަނުގެ އީއެފްއެލް ކަޕުގެ ފައިނަލުން ޗެލްސީ ވަނީ ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ބަލިވެފަ އެވެ. އަބްރަމޮވިޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލުމުން ޗެލްސީ ހިންގުމާ ދުރަށް ޖެހި، އެ ކްލަބު ހިންގުން ޗެލްސީގެ ފައުންޑޭޝަނާ ހަވާލުކުރީ ފައިނަލް މެޗުގެ އެއް ދުވަސް ކުރިންނެވެ. ނަމަވެސް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި ސީޒަނުގައި ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕުގެ ކާމިޔާބީއަށް ފަހު އިތުރު މުބާރާތްތައް ވެސް ކާމިޔާބުކުރަން ކުޅުންތެރިން ތިބީ އަޒުމް ކަނޑައަޅައިގެން ކަމަށެވެ.
"އަދިވެސް ލީގުގެ ތިން ވަނައިގައި އޮތީ އަހަރެމެން. އެފްއޭ ކަޕް، ޗެމްޕިއަންސް ލީގު އަދި ނުނިމޭ. އެހެންވެ މާޔޫސް ވުމުގެ ބޭނުމެއް ވެސް ނެތް،" ޓުޗެލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
11 March 2022
ރަސިޔާ ހަނގުރާމަ ފެށީމާ ޕުޓިން އަށާ އަބުރަމޮވިޗަށް ފިޔަވަޅުއަޅާ. ޗެލްސީ މީގެ ތެރެއަށް ވެއްދީމާ އެވީ ކޯއްޗަކަށް. ކޮންމެގޮތެއްހަދާފަވެސް ޗެލްސީ މީގެތެރޭގައި ފިތިގެންނުވާނެ، އެހެންކަމަށް ވެއްޖިއްޔާ އިނގިރޭސި ވިލާތުގަ އޮންނަފާޑުގެ ޑިމޮކުރަސީގެ ވައްތަރެއްމީ. ތިވެސް ދެން ގޮތެއްދޯ؟
ބޮރިސް
11 March 2022
މިއީ ޓެރަރިސްޓް ނިންމުމެއް. ޗެލްސީ އަށް ކުރާ ސަޕޯޓެއްގެ ބޮޑުކަމުން ހަނގުރާމާއިގައި ރަޝިޔާއަށް ތާއީދުކުރަން ނިންމައިފިން.
ބަގު
11 March 2022
ޢިނގިރޭސި ސަރުކާރުގެ ބޮޑުންނަކީ ޔުނައިޓެޑްގެ ބޮޑެތި ފޭނުން އަދި ވިޔަފާރި ޕާޓުނަރުން އެހެންވެ މިނޫންގޮތެއް އެމީހުންނައް ނެތީ
އަލިއާ
10 March 2022
ތީ މާކުރިންވެސް އަޅަންވެފަ އޮންނަންޖެހޭ ފިޔަވަޅެއް ރަޝިއާގެ މާފިއާގެ ކަަޅުފައިސާއިން ހަރަދުކޮށްގެން ހިންގާ ކުލަބެއް ތީ، ފޮހެލަންވީ ތިކުލަބު ކަަޑުވެސް
ވިސާކާމިސް
10 March 2022
ދުވަސްކޮޅަކުން ސިޓީ އަދި ނިއުކާސަލް ކަންނޭގެ އިނދަޖައްސާލާނީ ... މިއީ ޔުނައިޓޭޑް އަޑީގަ އޮވެގެން އަނބުރާ ގޭސްގަނޑެއް
ނޫމަރާ
11 March 2022
ވަރަށް އެނގިފައި ތިއޮތީ
މުހައްމަދުކޮއި
10 March 2022
މީ ހަސަދަވެރިވާ ބަޔަކު އަޑީގައި ތިބެގެން ދަނޑިވަޅު ބަލާފައި ޗެލްސީ ފުނޑާލަން ރާވައިގެން ހިންގާ ޖަރީމާތަކެއް. އެހެންޏާފަހެ، މީގެ ދެހަފްތާ ކުރިން އަބްރަމްވިޗް އަކީ އިނގިރޭސިންނަށް މަސީޙެއް. މިހާރު މުޖުރިމެއް. ދެފުށްކެހެރި ވިޔަސް މީދެން ބޮޑުވަރު
ލައްގަޅޭ
10 March 2022
މީ މންޗެސްޓަރ ޔުނައިޓެޑައް ޗެމްޕިއަންސް ލީގް ކުޅެވޭނެ ގޮތެއްވޭތޯ ބަލަަންވެގެން. މިވަރުންވެސް އަދި ހިޔެއްނުވޭ ވާނޭކޭ. އާސެނަލް އަދި ޓޮޓްނަމް އައްވެެސް ފިޔަވަޅެއް އަޅަންފޭނޭ. އޭރުން ފަހަރެއްގަ މެންޔޫ އައް ޓޮޕް 4 އަށް އެރިދާނެ. އެވެސް ފަހަރެއްގަ.
ބެރުޖަން
11 March 2022
އެހެންޏާފަހެ މީގެ ދެހަފްތާކުރިން ޔޫކްރޭން އޮތީ މިނިވަން ގައުމެއްގެ ގޮތުގައި. މިހާރު ބިމާތިރިކޮށްފި. ހަނގުރާމައިގާ މީހުންތަށް މަރުވަމުން އެދަނީ. ހޮސްޕިޓަލަށް ބޮންއަޅައިފި. އެމެރިކާއަށް އިރާގުން ފެނުނުފަދަ ކެމިކަލް ހަތިޔާރު މިހާރު ރަޝިޔާއިންވެސް ޔޫކްރޭނުން ހޯދާނެކަމަށް ބެލެވޭ. ރަޝިޔާއާއި ޗައިނާގެ މީހުންނަށް އަންގައިދީފައި އޮންނަނީ ޔޫކްރޭންގައި ހަނގުރާމައެއް ނުހިގައޭ. ހަލާކުވެދާނެ.