ޗެލްސީ ވިއްކާލައިގެން ލިބުނު 2.35 ބިލިއަން ޕައުންޑް (ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު) އޭނާގެ އަމިއްލަ ފައިސާ ކަމަށާއި، އެ ފައިސާ އަތުލުމަށް ސަރުކާރުން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ކްލަބްގެ ކުރިގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ ގާނޫނީ ޓީމުން ބުނެފިއެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން 2022 ގައި ފެށި ހަނގުރާމައިގައި ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެ ގައުމުގެ ބިލިއަނަރު އަބްރަމޮވިޗްގެ އިންވެސްޓްމެންޓްތަކާ ދެކޮޅަށް ވެސް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅި އެވެ. ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ އަބްރޮމޮވިޗަށް އެޅި ފިޔަވަޅުތަކާ އެކު ޗެލްސީ ވިއްކާލަން ވެސް އޭނާ އަށް ނަޖުބޫރު ކުރި އެވެ.
ކްލަބް ވިއްކާލައިގެން ލިބުނު ފައިސާ ވެސް އޭނާ އަށް ބޭނުން ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅި އެވެ. އެ ފައިސާ ހުރީ އަބްރަމޮވިޗްގެ ފުރިހަމަ މިލްކުވެރިކަން އޮންނަ 'ފޯޑްސްޓޭމް ލިމިޓެޑް' ގެ ނަމުގައި އިނގިރޭސި ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓެއްގަ އެވެ. ނަމަވެސް އެކައުންޓް ވަނީ ފްރީޒުކޮށްފަ އެވެ.
ޔޫކްރޭން ހަނގުރާމައިގެ ޝިކާރައަކަށްވި މީހުންނަށް އެހީވުމަށް އުފައްދާ ފައުންޑޭޝަނަކަށް އެ ފައިސާ ބަދަލުކުރުމާ ބެހޭގޮތުން އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ވާހަކަ ދެއްކެވި އެވެ. ސްޓާމާ ވިދާޅުވީ ފައިސާ ބަދަލުކުރުމުގެ ވަގުތު ކުޑަތަންވަމުންދާ ކަމަށާއި، ކޯޓު މެދުވެރިކޮށް ނަމަވެސް އެ ފައިސާ ހޯދައި ޔޫކްރޭންގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
އަބްރަމޮވިޗްގެ ވަކީލުން ވަނީ ސަރުކާރުން އެއްވެސް ގާނޫނީ އެއްވެސް ހަމައެއް ނެތި އިންޒާރުދެމުންދާ ކަމަށް ބުނެފައެވެ.
އަބްރަމޮވިޗްގެ ފަރާތުން ބުނެފައިވަނީ، ޗެލްސީ ވިއްކާލި ދުވަހު އޭނާ ވީ ވައުދާ އެއްގޮތަށް އެ ފައިސާ ޗެރިޓީގެ ކަންކަމަށް ހޭދަކުރުމަށް އޭނާ އަދިވެސް ހުރީ ތައްޔާރަށް ކަމަށެވެ. ނަމަވެސް މިކަން ލަސްވަމުންދަނީ އިނގިރޭސި ސަރުކާރުން ކަންކަން ނިންމުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އޭނާގެ ގާނޫނީ ޓީމުންނެވެ.
އަބްރަމޮވިޗަށް ދޭ އަދަބެއްގެ ގޮތުގައި އެކަން ހަދައި އެ ފައިސާގެ ނާޖާއިޒު ފައިދާ ބޭނުން ކުރުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަކީލުން ތުހުމަތުކުރެ އެވެ. ފެބްރުއަރީ 2022 ގައި ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އިނގިރޭސި އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ވަނީ އަބްރަމޮވިޗަށް ކުރިމަތި ކުރި ފިއްތުންތަކާ އެކު ކްލަބް ވިއްކާލަން މަޖުބޫރުކޮށްފައެވެ.