ޗެލްސީ ގަންނަން ހުށަހެޅި ބިޑު ކާމިޔާބުކުރި ކޮންސޯޓިއަމްގެ އިވްސެރިޔާ ބޮއެލީ.-- ފޮޓޯ: އޭއެފްޕީ
07 މެއި 2022 - 13:06
ލަންޑަން (މެއި 7) - އެމެރިކާގެ ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކްލަބް އެލްއޭ ޑޯޖާސްގެ ކޯ އޯނަރު ޓޮޑް ބޮއެލީ އިސްކޮށް ހުރެ އިންގްލެންޑުގެ ޗެލްސީ ފުޓްބޯޅަ ކުލަބް ގަންނަން ހުށަހެޅި ކޮންސޯޓިއަމަށް ކްލަބް ވިއްކާލަން އެއްބަސްވެއްޖެކަން އެ ކުލްބުން ހާމަކޮށްފި އެވެ.
ޗެލްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓޮޑް ބޮއެލީއާ އެކު، އެމެރިކާގެ އިންވެސްޓްމެންޓް ކުންފުނި ކްލިއާލޭކް ކެޕިޓަލް އާއި އެމެރިކާގެ ވިޔަފާރިވެރިޔާ މާކް ވޮލްޓާ އަދި ސްވިޓްޒަލެންޑުގެ ބިލިއަނަރު ހަންސްޔޯގް ވީސް ގުޅިގެން ހިންގި ކޮންސޯޓިއަމުން ހުށަހެޅި 4.25 ބިލިއަން ޕައުންޑު (5.2 ބިލިއަން ޑޮލަރު) އަށް ކްލަބު ވިއްކާލަން އެއްބަސްވެފައިވާ ކަމަށެވެ.
"ޖުމްލަ އިންވެސްޓްމަންޓްގެ ތެރެއިން 2.5 ބިލިއަން ޕައުންޑަކީ ކްލަބުގެ ހިއްސާ ގަތުމަށް ހޭދަކުރާ ވަރު އަދި ފައިސާ ޖަމާކުރާނީ ފްރީޒްކޮށްފައިވާ އިނގިރޭސިވިލާތުގެ ބޭންކް އެކައުންޓަކަށް، އެއީ ރޯމަން އަބްރަމޮވިޗް ކަށަވަރުކޮށްދީފައިވާ ގޮތަށް އޭގެ 100 ޕަސެންޓް ޗެރިޓީއަށް ހަދިޔާކުރުމުގެ ނިޔަތުގައި. ފްރީޒްކޮށްފައިވާ އިނގިރޭސިވިލާތުގެ ބޭންކް އެކައުންޓަށް ޖަމާކުރުމުން އެ ފައިސާ ޓްރާންސްފާ ކުރުމަށް އިނގިރޭސި ސަރުކާރުގެ ރުހުން ބޭނުންވާނެ،" ޗެލްސީގެ ބަޔާނުގައިވެ އެވެ.
ސްޓޭމްފޯޑް ބްރިޖުގައި ޗެލްސީގެ ސަޕޯޓަރުން ރޯމަން އަބްރަމޮވިޗަށް ހާއްސަކޮށް ދަމާފައިވާ "ދަ ރޯމަން އެމްޕަޔާ" ބެނާ.--
"މީގެ އިތުރުން، އަލަށް ހަވާލުވާ އޯނަރުން ކްލަބުގެ ފައިދާއަށް އިތުރު އިންވެސްޓްމަންޓަކަށް 1.75 ބިލިއަން ޕައުންޑް ހޭދަ ކުރާނެ. އޭގެ ތެރޭގައި ސްޓެމްފޯޑް ބްރިޖާއި އެކަޑަމީ އަދި އަންހެނުންގެ ޓީމާއި ކިންގްސްމެޑޯ (23 އަހަރުން ދަށުގެ ޓީމު އަދި އަންހެން ޓީމުގެ މެޗްތައް ކުޅޭ ސްޓޭޑިއަމް) އަށް އިންވެސްޓްކުރުމުގެ އިތުރުން ޗެލްސީ ފައުންޑޭޝަނަށް ފަންޑު ކުރުން މެދުނުކެނޑި ކުރިއަށް ގެންދިއުން ހިމެނޭ."
މި ބިޑުގައި ބޮއެލީ އިސްކޮށް ހުރި ނަމަވެސް ކްލަބު ގަތުމުގެ ކަންކަން ފުރިހަމަކުރުމަށް ފަހު އެންމެ ބޮޑު ހިއްސާއެއް ކޮންޓްރޯލް ކުރާނެ ކަމަށް ބެލެވެނީ ކްލިއާލޭކް ކެޕިޓަލް އިންނެވެ.
ޓޮޑް ބޮއެލީގެ ގުރޫޕަށް ޗެލްސީ ވިއްކާލަން ނިންމި ނިންމުމާ އެކު، ކުލަބްގެ ސޭލްސް ފައިނަލް ކުރާނީ އިނގިރޭސިވިލާތުގެ ސަރުކާރާއި ޕްރިމިއާ ލީގާ އެކު މަޝްވަރާތައް ކުރުމަށް ފަހު މި ހިނގާ މެއި މަހުގެ ފަހުކޮޅު ކަމަށް ވެސް ޗެލްސީން ބުންޏެވެ.
"މި ސޭލްގެ ހުރިހާ ހުއްދައެއް ހޯދައި، އެއްކޮށް ފުރިހަމަ ވާނެކަމަށް ލަފާ ކުރެވެނީ މެއި މަހުގެ ފަހުކޮޅު."
ބޮއެލީގެ ކޮންސޯޓިއަމް އިން ޗެލްސީ ހިންގަން ހަވާލުވާއިރު، 2023 ވަނަ އަހަރު އަންނަންދެން މެނޭޖްމަންޓް ފީ ނެގުން މަނާ ވާނެ އެވެ. އަދި މި މުއްދަތުގައި ކްލަބުގެ އެއްވެސް ހިއްސާއެއް ވެސް ނުވިއްކޭނެ އެވެ. އެއީ އަބްރަމޮވިޗް ޗެލްސީ ދޫކޮށްލުމަށް ފަހު ވެސް ކްލަބު ދަރަނިވެރި ނުވެ މާލީގޮތުން ފުދިގެން ކްލަބު ހިންގަން މަގުފަހިކުރުމުގެ ގޮތުންނެވެ.
ޗެލްސީ އަކީ 2003 ވަނަ އަހަރުން ފެށިގެން ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗްގެ ކްލަބެކެވެ. އޭނާގެ ދައުރުގައި ކުލަބުން ވަނީ 19 އަހަރުތެރޭ 19 މޭޖާ ޓްރޮފީ ހޯދައިފަ އެވެ. އެކަމަކު ރަޝިއާ އިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުމާ އެކު، އޭނާ އަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަރިސް މީހެއްކަމަށާއި، އިނގިރޭސިވިލާތުގައި ހުރި އޭނާގެ މުދާތަށް ހިފަހައްޓަން ޖެހޭ ކަމަށް ބުނެ އިނގިރޭސި ގާނޫނުހަދާ މަޖިލީހުގައި ވާހަކަ ދައްކަން ފެށުމާ އެކު އަބްރަމޮވިޗް ޗެލްސީ ވިއްކާލަން މިދިޔަ މާޗު މަހު ނިންމީ އެވެ.
ޗެލްސީ ގަންނަން ގިނަ ބަޔަކު ހުށަހެޅިއިރު، އޭގެތެރެއިން ޝޯޓްލިސްޓު ކުރީ ތިން ފަރާތަކުން ހުށަހެޅި ބިޑުތަކެވެ. ރިޖެކްޓްވި ބިޑުތަކުގެ ތެރޭގައި ބޮސްޓަން ސެލްޓިކްސްގެ ކޯ އޯނަރު ސްޓެފަން ޕަގްލިއޯކާ އާއި ބްރިޓިޝް އެއާވޭސްގެ ކުރީގެ ޗެއާމަން މާޓިން ބްރޮޓޮންގެ ބިޑު ހިމެނެ އެވެ.
ޓޮޑް ބޮއެލީގެ ގުރޫޕުން ޗެލްސީ ގަންނަން ހުށަހެޅި ބިޑު ކާމިޔާބުކުރީ، ކުރީގެ ލިވަޕޫލްގެ ޗެއާމަން ސާ މާޓިން ބްރޯޓަންގެ ކޮންސޯޓިއަމް އަދި އެންބީއޭގެ ބޮސްޓޮން ސެލްޓިކްސް އާއި އިޓަލީގެ އެޓަލާންޓާގެ ވެރިޔާ ސްޓީވް ޕަގްލިއުކާ އިސްވެ ތިބެ ހިންގި ކޮންސޯޓިއަމާ ވާދަކޮށެވެ.
ބިޑުތައް ޝޯޓްލިސްޓު ކުރި ފަހުން އެންމެ ފަހު ވަގުތު އިނގިރޭސި ބިލިއަނަރު އަދި ފްރާންސްގެ އޯޖީސީ ނީސްގެ ވެރިޔާ ޖިމް ރަޓްކްލިފް ހުށަހެޅި ބިޑު ވަނީ ރިޖެކްޓް ކޮށްލައިފަ އެވެ. މިދިޔަ ހަފްތާ އޭނާ ހުރި ބިޑަށް ފަހު، ރޯމަން އަބްރަމޮވިޗް އޭނާ ޗެލްސީ އަށް އިންވެސްޓް ކޮށްފައިވާ 1.5 ބިލިއަން ޕައުންޑު އަނބުރާ ހޯދަން ޑިމާންޑް ކުރަމުންދާ ކަމަށް މީޑީއާތަކުން ރިޕޯޓް ކުރި އެވެ. އަދި މީގެ ސަބަބުން ކުލަބު ވިއްކާލުމުގެ ކަންނަން ހުއްޓި، އަންނަ ސީޒަނުގައި ޕްރިމިއާ ލީގު ނުކުޅެވިދާނެ ކަމަށް ވެސް ރިޕޯޓް ކުރި އެވެ. އެކަމަކު ޗެލްސީ އާއި އަބްރަމޮވިޗް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ
ލޯނު ވެސް މާފުކޮށް، ކްލަބު ވިއްކާލުމަށް ފަހު ލިބޭ ހުރިހާ ފައިދާއެއް ހަނގުރާމައިގައި ގެއްލުންވާ ފަރާތްތަކަށް ޗެރިޓީއަށް ދޭގޮތަށް އަބްރަމޮވިޗް ކުރިން ވެސް ބުނެފައި ވާއިރު، އޭނާ އަދިވެސް ހުރީ އެގޮތުގައި ކަމަށް، އަބްރަމޮވިޗާ ހަވާލާދީ އިއްޔެ ޗެލްސީ އިން ނެރުނު ބަޔާނުގައިވެ އެވެ.
ބޮއެލީ މިހާރު ލަންޑަނުގައި ހުރިއިރު، ޗެލްސީން މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު ސްޓޭމްފޯޑް ބްރިޖުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ ޕްރިމިއާ ލީގު މެޗުގައި އޭނާ ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy