ފްރާންސްގެ ކުލަބް އޯޖީސީ ނީސްގެ ވެރިޔާ، އިނގިރޭސި ބިލިއަނަރު ރަޓްކްލިފް. އޭނާ ވަނީ ފަހު ވަގުތު ޗެލްސީ ގަންނަން 4.25 ބިލިއަން ޕައުންޑް ހުށަހަޅައިފައި.-- ފޮޓޯ: އޭއެފްޕީ
29 އެޕްރީލް 2022 - 21:23
ލަންޑަން (އޭޕްރީލް 29) – އިނގިރޭސި ކުލަބް، ޗެލްސީ ގަންނަން އެންމެ ފަހު ވަގުތު އެ ގައުމުގެ ބިލިއަނަރު ޖިމް ރަޓްކްލިފް 4.25 ބިލިއަން ޕައުންޑު (5.3 ބިލިއަން ޑޮލަރު) ގެ ބިޑެއް ހުށަހަޅައިފި އެވެ.
މި ބިޑާއެކު އަމިއްލަ މިލްކިއްޔާތުގައި ގާތްގަނޑަކަށް 12 ބިލިއަން ޕައުންޑު ހުރި ވިޔަފާރިވެރިޔާގެ ބިޑަކީ ޗެލްސީ ގަންނަން ހުށަހަޅާފައިވާ ހަމައެކަނި އިނގިރޭސި ކޮންސޯޓިސަމް އެވެ. ޗެލްސީ ގަންނަން ބިޑުކުރި ފަރާތްތަކުގެ ތެރެއިން ދެން ޝޯޓްލިސްޓުގައި ތިބީ އެމެރިކާއަށް ނިސްބަތްވާ ތިން ކޮންސޯޓިއަމެކެވެ.
ރަޝިއާ އިން ޔޫކްރޭނަށް އަރައި ކުރަމުން ގެންދާ ހަނގުރާތައިގެ ސަބަބުން އިނގިރޭސި ސަރުކާރުން ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއޭ ޕުޓިންއާ ގާތް ގުޅުމެއް ބާއްވާކަމަށް މަޝްހޫރުވެފައިވާ ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗަށް ފިޔަވަޅު އަޅައިފަ އެވެ. އެހެންވެ އޭނާގެ ވިޔަފާރިތަކަށް ވެސަ އިނގިރޭސި ސަރުކާރުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ޗެލްސީ ވިއްކާލަން އަބްރޮމޮވިޗް ނިންމާފައި ވަނީ މަދުވެގެން 2.5 ބިލިއަން ޕައުންޑަށެވެ.
ރަޓްކްލިފް, 69, ބުނާ ގޮތުގައި އޭނާ ޗެލްސީ ގަންނަން ހުށަހެޅީ ކުލަބުގެ ޗެއާމަން ބްރޫސް ބަކާ މަޝްވަރާ ކުރުމަށް ފަހު އެވެ. އިނގިރޭސިވިލާތުގެ ކެމިކަލް ކުންފުނި އިނިއޯސް ގުރޫޕުގެ ފައުންޑާ ރަޓްކްލިފް އަކީ ފްރާންސްގެ ކުލަބް އޯޖީސީ ނީސްގެ ވެސް ވެރިޔާ އެވެ. އޭނާ ނީސް ގަތީ 2019 ވަނަ އަހަރުގެ މާޗު މަހު 100 މިލިއަން ޔޫރޯ އަށެވެ. އަބްރަމޮވިޗް ވަނީ 2018 ވަނަ އަހަރު ރަޓްކްލިޗް ޗެލްސީ ގަންނަން ހުށަހެޅި ބިޑެއް ރިޖެކްޓް ކޮށްލައިފަ އެވެ.
ޗެލްސީ ގަންނަން ބިޑު ކުރުމަށް ފަހު ރަޓްކްލިފް ބުނީ, އޭނާގެ ބިޑަކީ ކުލަބު ގަންނަން ހުށަހަޅާފައިވާ ހަމައެކަނި އިނގިރޭސި ވިލާތަށް ނިސްބަތްވާ ބިޑަށް ވެފައި, ކުލަބު ވިއްކަން ނިންމާފައިވާ 2.5 މިލައިން ޕައުންޑުގެ އިތުރަށް ކުލަބުގެ އިންފްރާސްޓްރަކްޗާ އާއި އިތުރު ކަންކަމަށް 10 އަހަރުގެ މުއްދަތަކަށް 1.75 ބިލިއަން ޕައުންޑު އިންވެސްޓް ކުރަން ނިންމާފައި ވާކަމަށެވެ.
"އަހަރެމެންނަކީ ހަމައެކަނި އިނގިރޭސި ބިޑު. އަހަރެމެންގެ އަމާޒަކީ ލަންޑަނުގައި ރަނގަޅު ކުލަބެއް ބިނާކުރުން. ކުލަބުގެ ޒަރީއާއިން އަހަރެން ބޭނުމެއް ނޫން އެއްވެސް ފައިދާއެއް. އަހަރެމެންނަށް ފައިސާ ލިބޭނެ އިތުރު ގޮތްގޮތް އެބަ ހުރި," ރަޓްކްލިފް ބުންޏެވެ.
ރަޓްކްލިފް އަކީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރެއް ވިޔަސް އޭނާ އަކީ ޗެލްސީގެ ސީޒަން ޓިކެޓް ހޯލްޑަރެކެވެ. ބިޑާ ގުޅޭ ގޮތުން އިނގިރޭސި ސަރުކާރާ ވެސް އޭނާ މަޝްވަރާ ކޮށްފައި ވާއިރު, މި ހަފްތާ ބަންދުގައި އީނޯސް ގުރޫޕުން 4.25 ބިލިއަން ޕައުންޑުގެ ޑީލް ފައިނަލް ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ރިޕޯޓްތައް ފާހަގަ ކުރެ އެވެ.
ރަޓްކްލިފްގެ އިތުރުން ޗެލްސީ ގަތުމުގެ ރޭހުގައި އުޅެނީ, އެލްއޭ ޑޮޖާސްގެ ޓޮޑް ބޮއެލީ އާއި ކުރީގެ ލިވަޕޫލްގެ ޗެއާމަން ސާ މާޓިން ބްރޯޓަން އަދި އެންބީއޭގެ ބޮސްޓޮން ސެލްޓިކްސްއާއި އިޓަލީގެ އެޓަލާންޓާގެ ވެރިޔާ ސްޓީވް ޕަގްލިއުކާ އިސްވެ ތިބެ ކުރިޔަށް ގެންދާ ކޮންސޯޓިއަމްތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy