ކުޅިވަރު / އިޓާލިއަން ލީގު

މިލާނުން 11 އަހަރަށްފަހު އިޓަލީގެ ޗެމްޕިއަންކަން ހޯދައިފި

މިލާނުގެ ކެޕްޓަން އަލޭސިއޯ ރޮމަނޯލީ ލީގު ތަށި އުފުލާލަނީ. މިއީ އޭސީ މިލާނުން ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރު.-- ފޮޓޯ: އޭއެފްޕީ

ސަސުއޮލޯ (މެއި 22) - ލީގު ފަހު މެޗުގައި ފަސޭހަ ކަމާ އެކު ސަސުއޮލޯ ބަލިކޮށް އޭސީ މިލާނުން 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ސެރީ އޭ ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އޭސީ މިލާނުގެ މި ކާމިޔާބީއަކީ، ޔުވެންޓަސް މިހާރުގެ ކޯޗު މަސިމޯ އަލެގްރީގެ އިރުޝާދުގެ ދަށުން 2010/11 ސީޒަނުގައި މިލާނިުިން މުބާރާތް ކާމިޔާބު ކުރި ފަހުން ލީގުގައި އެޓީމުން ހޯދި ފުރަތަމަ ތައްޓެވެ.

މިދިޔަ ސީޒަނުގައި އިންޓަގެ ކާމިޔާބީއާ އެކު އެޓީމުން ވަނީ 19 ވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފަ އެވެ. ނަމަވެސް ސްޓެފަނޯ ޕިއޯލީއާ އެކު ތިންވަނަ ސީޒަނުގައި އޭސީ މިލާން މިވަނީ އިންޓަ ފަހަތަށް ޖައްސާލައި ތަށީގެ ގޮތުން އަރާ ހަމަ ކޮށްފަ އެވެ.

މިއީ ޕިއޯލީ، 56، ގެ ދިގު ކޯޗިން ކެރިއަރުގައި ހޯދި ފުރަތަމަ ކާމިޔާބީވެސް މެއެވެ. އޭނާ ވަނީ މީގެ ކުރިން ލާޒިއޯ އާއި އިންޓަ މިލާން އަދި ފިއޮރެންޓީނާއަށް ވެސް ކޯޗު ކޮށްދީފަ އެވެ.

ޖިރޫ، އޭސީ މިލާނަށް ލަނޑެއް ޖެހުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޭސީ މިލާނުން ލީގުގެ ފަހު މެޗު ރަށުން ބޭރުގައި މިރޭ ސަސުއޮލޯއާ ދެކޮޅަށް ކުޅެ ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގައި ޖެހި ތިން ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ދެ ލަނޑު އޮލިވިއޭ ޖިރޫ ޖަހައިދިން އިރު ތިންވަނަ ލަނޑު ޖެހީ މި ސީޒަނަށް ފަހު ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން ނިންމާފައިވާ ފްރޭންކް ކެސިއޭ އެވެ.

މިރޭ ޖެހި ދެ ލަނޑާ އެކު ޖިރޫ ވަނީ ލީގުގައި އޭސީ މިލާނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ރަފައެލް ލެއާއޯ، 20، އާ އެއްވަރަށް 11 ލަނޑު ހަމަ ކޮށްފަ އެވެ.

މި ނަތީޖާއާ އެކު އޭސީ މިލާނަށް ޗެމްޕިއަންކަން ލިބުނީ ދެވަނައިގައި ނިންމި، މިދިޔަ ސީޒަނުގެ ޗެމްޕިއަން އިންޓަ މިލާން ފަހަތަށް ޖައްސާލައިފަ އެވެ. އިންޓަ މިލާން އަމިއްލަ ދަނޑުގައި ސަސުއޮލޯ 3-0 އިން ބަލިކުރި ނަމަވެސް އޭސީ މިލާނަށް އެއްވަނަ ލިބުނީ 86 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ އަށް ލިބިފައި ވަނީ 84 ޕޮއިންޓެވެ.

އިބްރަހިމޮވިޗާއި އޭސީ މިލާން ޓީމަށް ލީގް ޗެމްޕިއަނުންނަށް ދޭ ރަން މެޑަލް ހަވާލުކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އިންޓަ އިން މިރޭ ސަސުއޮލޯ ކޮޅަށް ޖެހި ތިން ލަނޑު ވެސް ފެނުނީ މެޗުގެ ދެވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގަައި ޖަހައިދިނީ އިވާން ޕެރިސިޗެވެ. އަދި 55 ވަނަ މިނިޓުގައި ޔަކީން ކޮރެއާ ދެވަނަ ލަނޑު ޖެހިއިރު އޭގެ ދެ މިނިޓު ފަހުން އޭނާ ވަނީ އިންޓަގެ ތިންވަނަ ލަނޑު ވެސް ޖަހައިދީފަ އެވެ.

އޭސީ މިލާނާ އެކު ހަތްފަހަރު ލީގު ކާމިޔާބުކުރި އެޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރުގެ ޓެކްނިކަލް ޑިރެކްޓަރުގެ ދަރިފުޅު ޑެނިއެލް މަލްޑިނީ، 20، ވެސް ވަނީ އޭސީ މިލާނާ އެކު ލީގު އުފުލާލައިފަ އެވެ. އޭސީ މިލާނުގެ އެކަޑަމީން ތަމްރީނުވެގެން މި ސީޒަނުގައި ޑެނިއެލް މަލްޑިނީ ވަނީ އަށް މެޗު ކުޅެ ލަނޑެއް ވެސް ޖަހައިދީފަ އެވެ.

އެންމެ ފަހުން އޭސީ މިލާން ލީގު ނެގި ފަހަރު ޓީމުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިއަކަށް މި ސީޒަނުގައި ކުޅުނީ ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް، 40، އެވެ. މިރޭގެ މެޗުގައި ފަހު 20 މިނިޓަށް ޖިރޫގެ ބަދަލުގައި އޭނާ ކުޅެން އެރިއިރު، މި ސީޒަނުގައި އޭނާ ވަނީ ލީގުގައި އަށް ގޯލު ޖަހައިފަ އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

23 May 2022

ދުވަސް ގަނޑަކަށްފަހު އިޓަލީގެ މޮޅުޓީމު ލީގު ހޯދުމުން އުފާވޭ. މިހާލަތަށް ވެއްޓުނު މަންޗެސްޓަރ ޔުނައިޓެޑަށް ލީގު ހޯދޭނެ ދުވަހަކަށް މިހާރު އިންތިޒާރު ކުރެވެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454