ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ޓީސީ ފެށީ މޮޅަކުން، ސަސް އާއި ޔޫވީ މެޗު އެއްވަރު

ޔޫވީ އަށް ފަހު ވަގުތު ނަތީޖާ އެއްވަރު ކޮށްދިން އަރުޝަދު (ވ) ސަސްގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އެފްއޭއެމް

ފުޓުބޯޅަ އެސޯސސިއޭޝަނުން އިއްޔެ ފެށި 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބުން 5-2 އިން މާޒިޔާ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދި އިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ އަށް ކުލަބުގެ 16 އަހަރުން ދަށުގެ ޓީމުތަކާ އެކު ކުޅޭ މުބާރާތުގައި ހަތް ޓީމެއް ވާދަ ކުރެ އެވެ. ޓީސީ، މާޒިޔާ، ސަސް އަދި ޔޫވީ ހިމެނެނީ ގުރޫޕް އޭގަ އެވެ. ކްލަބް ގްރީން ސްޓްރީޓްސް ފަހު ވަގުތު މުބާރާތުގައި ވާދަ ނުކުރާން ނިންމުމުން ގުރޫޕް ބީގައި ހިމެނެނީ ކްލަބް ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސް އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ލީޑު ނެގީ މާޒިޔާ އިންނެވެ. އަލީ އުމްރާން އުމަރު މާޒިޔާ އަށް ލީޑު ނަގާފައި ވަނިކޮށް ޓީސީން ފުރަތަމަ ހާފު ނިންމާލީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. މުހައްމަދު އާލިމް އަބްދުﷲ އާއި ޔޫސުފް އާއިޝް މުހައްމަދު ލަނޑެއް ޖަހައިދިން އިރު މުހައްމަދު ޖޫލަން ޝަފީއު ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ޓީސީ ސްޕޯޓްސްގެ ޖޫލަން، މާޒިޔާ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރަނީ، ޖޫލަން ވަނީ މެޗުގައި ދެ ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައި.-- ފޮޓޯ: އެފްއޭއެމް

ފަހު ހާފުގައި ޓީސީގެ ފަސްވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން މުހައްމަދު މާކިން އިބްރާހިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީސީ ސްޕޯޓްސް އަށް ދެ ލަނޑު ޖަހައިދިން ޖޫލަން އެވެ.

ދެވަނަ މެޗުގައި ރޭ ސަސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ސަސް އިން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުލް މާނިއު ނާސިރެވެ. ނަމަވެސް ޔޫވީން އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި މުހައްމަދު އަރުޝަދު ސަލީމް ޖަހައިދިން ގޯލުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫވީގެ އަހުމަދު އަޒުލާން އަލީ އެވެ.

މުބާރާތުގައި މިއަދު ހަވީރު ގުރޫޕް ބީގެ ކްލަބް ވެލެންސިއާ އާއި ދަ ގްރާންޑޭ ބައްދަލު ކުރާނެ އެވެ. އަދި އެއަށް ފަހު ގުރޫޕް އޭގެ ދެ މެޗް ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް ޖޫން 9 އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ފަހު، ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 29 ގަ އެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ރެއެވެ.

މިއީ 16 އަހަރުން ދަށުގެ އުމުރުފުރައަށް ހާއްސަ ކޮށްގެން އެފްއޭއެމުން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. އެންމެ ފަހުން 2019 ވަނަ އަހަރު 12 އަހަރާއި 14 އަހަަރުން ދަށަށް ޔޫތު ލީގެއް ބާއްވަން ފެށި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފާއިތުވި ދެ އަހަރު ކުލަބުތަކަށް އަމާޒުކޮށްގެން ބާއްވާ ޔޫތު މުބާރާތްތައް އޮތީ މަޑު ޖެހިފަ އެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ މުބާރާތްތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކުރި އިރު، 2019/20 ސީޒަން ނިންމާލަން ޖެހުނީ ލީގުގެ އެއް ބުރުގެ ކުޅުން ބާކީ އޮއްވައި، އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިފައި ވަނިކޮށެވެ.

އެހެން ނަމަވެސް މިދިޔަ އަހަރު ޑިސެމްބަރު މަހު ފެށި އާ ސީޒަނާ އެކު އެފްއޭއެމުން ވަނީ މެދުކެނޑުމަކަށް ފަހު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. އެއަށް ފަހު އަންނަ ސެޕްޓެމްބަރު މަހު ފަށާ 20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ޓީމު އެކުލަވާލައި، އަހުމަދު ޝާކިރު (ޝާކިއްޓޭ)ގެ އިރުޝާދުގެ ދަށުން އަންނަނީ ތައްޔާރު ވަމުންންނެވެ.

އަންނަ އޮކްޓޫބަރު މަހު ފަށާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންް އަށް ޓީމު އެކުލަވާލުމަކީ، 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދެވެ. ވިހި އަހަރުން ދަށުގެ ޓީމެކޭ އެއްގޮތަށް 17 އަހަރުން ދަށުގެ ޓީމުގެ ކޮލިފައިން ގުރޫޕް ވެސް ހޯސްޓު ކުރާނީ ސައުދީ އަރަބިއްޔާގަ އެވެ. ސަތާރަ އަހަރުން ދަށުގެ ގުރޫޕުގައި ސައުދީ އަރަބިއްޔާގެ އިތުރުން ރާއްޖެ ވާދަކުރާނީ އިންޑިއާ އާއި މިޔަންމާ އަދި ކުވޭތާ ދެކޮޅަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454