އަންނަ އަހަރު ބާއްވަން އޭއެފްސީން ހަމަޖައްސާފައިވާ އޭއެފްސީގެ 17 އަހަރުން ދަށާއި 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގެ މެޗުތަކަށް ރާއްޖޭގެ ޒުވާން ދެ ޓީމު ވެސް ސައުދީ އަރަބިއާ އަށް ދާންޖެހިއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ފަށާ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ސައުދީ އަރަބިއްޔާ އާއި ޗައިނާ އަދި މިޔަންމާ އާއި އުޒްބަކިސްތާނާ އެކު ގުރޫޕް އޭގަ އެވެ.

ފުރަތަމަ މެޗުގައި ރާއްޖޭން ނުކުންނާނީ ގުރޫޕުގައި އެންމެ ދަށްކޮށް ރޭންކްކޮށްފައިވާ އުޒްބަކިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުމަށް ފަހު، އެންމެ ފަހު މެޗުގެ ކުރިން ޗައިނާއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ކޮލިފައިން ނިންމާލާނީ މިޔަންމާއާ ދެކޮޅަށް ކުޅުމަށް ފަހު އެވެ.

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ކުޅޭނީ އޮކްޓޯބަރު މަހު އެވެ. ސައުދީ އަރަބިޔާ އަދި މިޔަންމާއާ އެކު ރާއްޖެ ހިމެނެނީ ގުރޫޕް ޑީގަ އެވެ. ފަސް ޓީމު ހިމެނޭ މި ގުރޫޕުގައި ދެން ހިމެނެނީ އިންޑިއާ އާއި ކުވެއިތެވެ. މި ގުރޫޕުގައި އެންމެ ރޭންކް މަތީ ޓީމަކީ އިންޑިއާ އެވެ.

މި އުމުރުފުރާގެ ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ނުކުންނާނީ ގުރޫޕުގައި އެންމެ ދަށްކޮށް ރޭންކް ކުރެވިފައިވާ ކުވެއިތާ ދެކޮޅަށެވެ. އެއަށް ފަހު އިންޑިއާއާ ވާދަކޮށް، ދެން ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.

މިއީ އުމުރުފުރާގެ މުބާރާތްތައް އޭއެފްސީ ޗެމްޕިއަންޝިޕުން އޭއެފްސީ ކަޕަށް ރީބްރޭންޑް ކުރި ފަހުން މި ދެ އުމުރުފުރާގެ މުބާރާތް ވެސް ބާއްވާ ފުރަތަމަ ފަހަރެވެ. ރީބްރޭންޑް ކުރުމަށް ފަހު 23 އަހަރުން ދަށުގެ ފުރަތަމަ މުބާރާތް މި އަހަރުގެ ޖޫން މަހު ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. މިދިޔަ އަހަރު ބޭއްވި ކޮލިފައިންގައި ރާއްޖޭން ވާދަކުރި ނަމަވެސް މުބާރާތަކަށް ނުހޮވެ އެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު މަހު ވާދަކުރުމުގެ ކުރިން ޖުލައި މަހު އިންޑިއާގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާނެ އެވެ. މީގެ އިތުރުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް އޮކްޓޯބަރު މަހު ފެށުމުގެ ކުރިން ދެކުނު އޭޝިއާގެ ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން އަންނަނީ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ސެޕްޓެމްބަރު މަހު ބާއްވަން ތައްޔާރު ވަމުންނެވެ.