ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

މެޗު ނިމުމުގެ ކުރިން ރޮނާލްޑޯ ދަނޑުން ނުކުމެއްޖެ

ވަޔެކާނޯއާ ދެކޮޅަށް ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮގަސްޓް 1) - ރޭ އެކުވެރިކަމުގެ މެޗެއްގައި ރަޔޯ ވަޔެކާނޯއާ މެންޗެސްޓާ ޔުނައިޓެޑް 1-1 އިން އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުކުރުން އޭނާ މެޗު ނިމުމުގެ ކުރިން ސްޓޭޑިއަމް ދޫކޮށް ހިނގައްޖެ އެވެ.

މި ސީޒަނުގައި ކުލަބު ދޫކޮށްލަން ބޭނުންވެފައި ހުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އާއިލީ ޒިންމާއެއްގައި ހުރި ކަމަށް ބުނެ ޔުނައިޓެޑްގެ ޕްރީ ސީޒަން ޓުއާގައި ބައިވެރި ވެފައެއް ނުވެ އެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ ހަފްތާ ކޯޗު ޓެން ހަގް އާ ބައްދަލުކޮށް، އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ އަށް ޖާގަ ދޭނެ ކަން ޓެން ހަގް ވަނީ އެތުލެޓިކޯ މެޑްރިޑް މެޗަށް ފަހު މީޑިއާގައި ބުނެފަ އެވެ. އަދި ރޮނާލްޑޯ ވެސް ވަނީ "ރަސްގެފާނު އާދިއްތަ ދުވަހު ކުޅޭނެ" ކަމަށް އޭނާގެ ސޯޝަލް މީޑިއާގެ ޒަރީއާއިން ހާމަ ކޮށްފަ އެވެ.

މެންޗެސްޓާގެ ހަބަރުތައް ބުނާގޮތުގައި ރޮނާލްޑޯގެ އިތުރުން ޑިއޯގޯ ޑަލޮޓް ވެސް ވަނީ ރޭގެ މެޗުގެ ގާތްގަނޑަކަށް 80 ވަނަ މިނިޓެޓުގައި ސްޓޭޑިއަމް ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. އޭނާ ދަނޑުން ދިޔައީ ހިތްހަމަ ޖެހިގެން ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް މެޗަށް ފަހު ރޮނާލްޑޯ ވަނީ، "އެނބުރި އާދެވުމުން އުފާވެފައި" ކަމަށް ބުނެ ސޯޝަލް މީޑިއާގައި މެޗުގެ ފޮޓޮއެއް ހިއްސާ ކޮށްފަ އެވެ.

އޯލްޑް ޓްރެފޯޑުގައި ވަޔެކާނޯއާ ދެކޮޅަށް ކުޅެ ޓެން ހަގް ފެށީ އެންމެ ކުރިއަށް ރޮނާލްޑޯ އަރުވައިގެންނެވެ. އަދި އެ ޓީމުން ގެނައި ޑެންމާކު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އާއި އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ވެސް ސްޓާޓް ކުރި އެވެ. ފުރަތަމަ ހާފުގައި ދެޓީމު ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފު ފަށަން ޓެން ހަގް ވަނީ ރޮނާލްޑޯގެ ބަދަލުގައި އެޓީމަށް ކުޅޭ އައިވަރީ ކޯސްޓުގެ ޒުވާން ފޯވާޑް އަމަޑް ޑިއާލޯ ކުޅެން އަރުވައިފަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ޔުނައިޓެޑަށް ކުރި ހޯދައިދިނީ ވެސް ޑިއާލޯ އެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ޑިއާލޯގެ ލަނޑުން ޔުނައިޓެޑް ކުރި ހޯދި ނަމަވެސް އޭގެ 10 މިނިޓު ފަހުން ވަޔެކާނޯ އިން ވަނީ އެއްވަރު ކޮށްފަ އެވެ.

ނަތީޖާ އެއްވަރު ވުމުން ޓެން ހަގް ވަނީ އެރިކްސަން އާއި މާޓިނޭޒް ވެސް ބަދަލުކޮށް، ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެއް ދުވަސް ކުރިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުނު ގިނަ ސީނިއާ ކުޅުންތެރިންނަށް ޓެން ހަގް ވަނީ ރޭގެ މެޗަށް ރެސްޓު ދީފަ އެވެ. މަދު ކުޅުންތެރިއެއް ފިޔަވައި ވަޔެކާނޯއާ ދެކޮޅަށް ޓެން ހަގް ބޭނުންކުރީ މުޅިން ވެސް އެޓީމުގެ ރިޒާވް ޓީމުގެ ކުޅުންތެރިންނެވެ.

ޕްރީ ސީޒަންގެ ފުރަތަމަ މެޗުގައި ޔުނައިޓެޑުން ވަނީ ތައިލެންޑުގައި ލިވަޕޫލް ބަލިކޮށްފަ އެވެ. އެއަށް ފަހު އޮސްޓްރޭލިއާގައި އެގައުމުގެ މެލްބަން ވިކްޓަރީ އަދި ކްރިސްޓަލް ޕެލަސްއާ ކުޅެ މޮޅުވި އިރު، އެސްޓަން ވިލާ އަތުން ވަނީ އެއްވަރު ވެފަ އެވެ. އަދި މިދިޔަ ހަފްތާ ވަނީ ނޯވޭގައި އެތުލެޓިކޯ މެޑްރިޑާ ކުޅެ ބަލިވެފަ އެވެ. މިއިން އެއްވެސް މެޗެއްގައި ރޮނާލްޑޯ ހިމެނިފައި ނުވާއިރު، ވަޔެކާނޯ މެޗަކީ އޭނާ ޓެން ހަގްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ.

"ޖުމްލަކޮށް އަހަރެން ވަރަށް ހިތްހަމަ ޖެހިފައި މި ހުރީ ރަނގަޅު ޕްރީސީޒަނެއް ފުރިހަމަ ކުރެވުނީމާ. ކުރިއެރުން ފެނިއްޖެ، މިހާރު މިތިބީ ސީޒަން ފަށަން ތައްޔާރަށް. މިހެން ބުނާއިރު ވެސް ގަބޫލު ކުރަން ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރިކަން، އެ ކަންކަމަށް ވެސް މަސައްކަތް ކުރާނަން،" ޓެން ހަގް ބުންނެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454