މެންޗެސްޓާ (ޖުލައި 31) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގޮތްދޫކުރުމަށް ފަހު އެނބުރި ޓީމާ ގުޅުމުން، މިރޭ އޯލްޑް ޓްރެފޯޑުގައި ކުޅެން ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި ހިމަނައިފި އެވެ.
އަންނަ ސީޒަނުގައި ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ރޮނާލްޑޯ، އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް ބުނެ، ޔުނައިޓެޑުން ތައިލެންޑާއި އޮސްޓްރޭލިއާ ގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓުއާގައި ބައިވެރި ނުވެ އެވެ. ނަމަވެސް ރޮނާލްޑޯ މިހާރު ވަނީ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހަގް ބުނީ، މިރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމެނޭނެ ކަމަށެވެ.
ޔުނައިޓެޑާ ހަވާލުވުމަށް ފަހު، ޓެން ހަގް އަބަދުވެސް ބުނަމުން އައީ ރޮނާލްޑޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި، އަންނަ ސީޒަނުގައި އޭނާގެ ޕްލޭން ތަކުގައި ރޮނާލްޑޯ އަކީ މުހިއްމު ކުޅުންތެރިއަކަށް ވާނެ ކަމަށެވެ. އަދި ރޮނާލްޑޯ ވަނީ މިދިޔަ ހަފްތާ ޓެން ހަގް އާއެކު ކުލަބުގައި އޭނާގެ ކުރިމަގާ މެދު މަޝްވަރާ ކޮށްފަ އެވެ.
ރޮނާލްޑޯ ޓީމު ދޫކޯށްލަން ބޭނުންވާކަން ހާމަ ކުރުމާ އެކު އޭނާ ބަދަލުވާން ގިނަ ކުލަބުތަކަކާ ވާހަކަ ދެއްކި ނަމަވެސް، އެއްވެސް ޓީމަކުން ރޮނާލްޑޯ ގެންދަން އެއްބަހެއް ނުވި އެވެ. ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް ވަނީ ބަޔާން މިއުނިކާއި ޕީއެސްޖީ އާއި ޗެލްސީ އަށް ރޮނާލްޑޯ ހުށަހަޅައިފަ އެވެ. އަދި އޭނާ ކުރިން ކުޅުނު ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ކްލަބުގެ ސަޕޯޓަރުން ވަނީ އޭނާ ނުގެންނަން އަޑުއުފުލައިފަ އެވެ.
ޔުނައިޓެޑުގެ ކޯޗު ވަނީ އެ ޓީމުގެ އެޓޭކިން ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރަން، އެ ކުޅުންތެރިންނަށް ހާއްސަ ތަމްރީނުތައް ދޭން، ކުރިން ޕޯޓޯ އާއެކު ޗެމްޕިއަންސް ލީގު ހޯދި ދެކުނު އެފްރިކާގެ ފޯވާޑް ބެނީ މެކާތީ، ޓީމުގެ ކޯޗިން ބަޔަށް އިތުރު ކޮށްފަ އެވެ.
ޕޯޓޯ އަށް ކުޅުމުގެ ކުރިން އަޔެކްސް އަށް ވެސް ކުޅުނު ފޯވާޑް ވަނީ ރިޓަޔާ ކުރުމުގެ ކުރިން ބްލެކްބާން ރޯވާސް އާއި ވެސްޓް ހޭމް ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ހަ ސީޒަން ކުޅެދީފަ އެވެ.
މިރޭ ވަޔެކާނޯއާ ދެކޮޅަށް ކުޅުމަށް ފަހު، ޔުނައިޓެޑުން މި ސީޒަނުގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށެވެ.