06 ޑިސެމްބަރ 2018 - 09:29
ޕެރިސް (ޑިސެމްބަރު 6) - ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ބޭނުންވާ ކަމަށް ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ބުނެފި އެވެ.
ނޭމާ މިދިޔަ އަހަރު ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 264 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށެވެ. އަލުން ބާސެލޯނާއާ ގުޅެން ނޭމާ ޝައުގުވެރިވާ ކަމަށް ދާދި ފަހުން މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭގެ ހަގީގަތެއް ނެތް ކަމަށް ބާސެލޯނާގެ އޮފިޝަލަކު ވަނީ ސްޕެއިނުގެ މީިޑިއާގައި ވާހަކަ ދައްކައިފަ އެވެ.
ނޭމާގެ ރަސްމީ ޔޫޓިއުބް ޗެނަލުގެ ވީޑިއޯއެއްގައި މެންޗެސްޓާ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ބެންޖަމިން މެންޑީ އާއި ގަބްރިއެލް ޖީސޫސް ކުރި ސުވާލުތަކަކަށް ޖަވާބު ދެމުން ނޭމާ ވަނީ ޕްރިމިއާ ލީގަށް އަންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފަ އެވެ.
"ޕްރިމިއާ ލީގަކީ ހައިބަތު ބޮޑު މުބާރާތެއް. މުޅި ދުނިޔޭގެ ނިސްބަތުން ވެސް ހާއްސަ މުބާރާތެއް. އަހަރެމެން އެކަކަށް ވެސް ނޭނގޭނެ މާދަމާވާނެ ގޮތެއް. އެކަމަކު އަހަންނަށް ގަބޫލުކުރެވިފައި އޮންނަނީ ކޮންމެ މޮޅު ކުޅުންތެރިއަކު ވެސް ކޮންމެވެސް އެއް ދުވަހަކުން ޕްރިމިއާ ލީގުގައި ކުޅޭނެކަން،" ނޭމާ ބުންޏެވެ.
ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީއާ ގާތްގުޅުމެއް އޮންނަ ނޭމާ ވަނީ މީގެ ކުރިން ވެސް އިނގިރޭސި ޕްރިމިއާ ލީގުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. އަދި ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ އަށް ކުޅުމަކީ ވަރަށް ގިނަ ކުޅުންތެރިން ބޭނުންވާނެ ކަމެއް ކަމުގައި ނޭމާ އޭރު ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ނޭމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ފުރަތަމަ ތިން އަހަރު ނިމުމުން ވަކި ކަންތައްތަކެއް ހާސިލްނުވާނަމަ އޭނާ ބޭނުންވާ ކްލަބަކުން 120 މިލިއަން ޔޫރޯގެ ބިޑެއްކޮށްފިނަމަ އޭނާ ދޫކޮށްލަންޖެހޭ ގޮތަށް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ. ނޭމާ ޕީއެސްޖީގައި ތިން އަހަރު ވާނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
06 December 2018
ވެލްކަމް ޓު އާސެނަލް ބްރަދާ.އާސެނަލްގެ ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފަ.
ޏަންރީން
07 December 2018
މވެސް އެއްބަސް
ލޯމާފާނު
06 December 2018
އަގު މައްޗަށް ޖައްސާލީދޯ؟
ޏަންރީން
07 December 2018
ޢަސްލުވެސް ދޯ
ފޮސްކަލޯ
06 December 2018
ކުޅުނަސް ހެޔޮ އެކަމަކު ދަނޑުމައްޗަށް އަރާ ބިސްނާޅާތި
ޏަންރީން
07 December 2018
ކަމޯން ތިހެން ނުބުނޭ ނޭމާ ގަދަ ނުލާހިކު