ޕީއެސްޖީގެ ފޯވާޑް އިބްރަހިމޮވިޗް.
27 މެއި 2016 - 12:05
މެންޗެސްޓާ ޔުނައިޓެޑް އަލުން ކުރީގެ މަގާމަށް ގެންދެވޭނެ މީހަކީ ހޯސޭ މޮރީނިއޯ ކަމަށް ޔުނައިޓެޑުން އެންމެ ބޮޑަށް ބޭނުންވާ އެއް ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.
ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމުން މި ވަގުތު ހުސްކޮށް ހުރި އިބްރަހިމޮވިޗް ބުނީ ކެރިއަރާ މެދު ގޮތެއް ނިންމައިފި ކަމަށެވެ. އެއީ ޔުނައިޓެޑްތޯ އެހުމުން ބުނީ ބަލަން ތިބެމާ ހިނގާށޭ އެވެ.
ޔުނައިޓެޑުގެ ކޯޗަކަށް މޮރީނިއޯ ގެންނަން ގާތްގަނޑަކަށް ހުރިހާ ކަމެއް ނިމިފައިވާއިރު އިބްރަހިމޮވިޗް ވަނީ ކުރިން މޮރީނިއޯއާ އެކު އިންޓަ އަށް ކުޅެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ.
"އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑް އަލުން އެއް ވަނަ އަށް ގެނެވޭނެ ކޯޗަކީ،" އިބްރަހިމޮވިޗް ބުންޏެވެ. "އޭނާއާ އެކު އަހަރެން އުފާވެރި ދުވަސްތަކެއް ހޭދަކުރިން. އޭނާއާ އެކު އަލުން މަސައްކަތްކުރާނެ ކަމަށް އަދި ނޭގޭ."
އިބްރަހިމޮވިޗް ބުނީ ބައިވަރު ފުރުސަތުތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އިނގިރޭސި ލީގު ޓީމުތަކުގެ ހުށަހެޅުމާއި އެނބުރި އިޓަލީ އަށް ބަދަލުވާން ހުރި ފުރުސަތުތައް ހިމެނޭ ކަމަށެވެ.
ސްވިޑަންގެ މަލްމޯ އިން ކެރިއަރު ފަށައި ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އާއި އޭސީ މިލާން އަދި ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެފައިވާ އިބްރަހިމޮވިޗް ވަނީ އޭނާ ކުޅުނު ކޮންމެ ކްލަބަކާ އެކު ލީގު ކާމިޔާބުކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް 51 މެޗުން 50 ގޯލް ޖެހިއިރު ލީގުގައި އެކަނި 38 ލަނޑު ޖެހި އެވެ.
"އަހަރެން ސާބިތުކޮށްދީފިން އުމުރަކީ ހަމައެކަނި ނަމްބަރެއްކަން،" އިބްރަހިމޮވިޗް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy