ލިވަޕޫލާއި ޗެލްސީން މަގާމް ވަރުގަދަކޮށްފި

ލަންޑަން (ޖެނުއަރީ 13) – ބްރައިޓަން 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ހަތް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ނިއުކާސަލް ޔުނައިޓެޑް 2-1 އިން ބަލިކޮށް ޗެލްސީން ހަތަރު ވަނައިގައި މަގާމް ވަރުގަދަކޮށްފި އެވެ.


ލިވަޕޫލް އެއް ވަނައިގައި އޮތީ 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 50 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމުން މިރޭ ވުލްވްސް އަތުން މޮޅުވެގެން އަނެއްކާ ހަތަރު ޕޮއިންޓަށް ތަފާތު ކުޑަކުރެވިދާނެ އެވެ.

ރަށުން ބޭރުގައި ރޭ ބްރައިޓަން އަތުން ލިވަޕޫލް މޮޅުވިއިރު ހަމައެކަނި ގޯލް 50 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ މުހައްމަދު ސަލާހެވެ. ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗު ކޮންޓްރޯލްކުރުމުގައި އެ ޓީމުން ކުޑަކުދިންގެ ގޮތް ކެނޑިއްޖެ ކަމަށެވެ.

"މިއީ އަހަރެމެންގެ ފަރާތުން ފެނިގެން ދިޔަ އެންމެ ހަރު ކުޅުން. އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ގޭމް ކޮންޓްރޯލްކުރެވޭނެކަން. އަހަރެމެންގެ ކިބައިގައި މިހާރު ކުޑަކުދިންގެ ގޮތްގަނޑެއް ނެތް،" ކްލޮޕް ބުންޏެވެ.

ޗެލްސީން ހަތަރު ވަނައިގައި 47 ޕޮއިންޓާ އެކު ލީޑު ފުޅާކުރީ ފަސް ވަނައިގައި 41 ޕޮއިންޓާ އެކު އޮތް އާސެނަލް ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވުމުގެ ފައިދާ ނަގަ އެވެ. ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ލިބޭ ހަތަރު ވަނަ މަގާމުގައި އޮތް ޗެލްސީއާ އާސެނަލާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އަމިއްލަ ދަނޑުގައި ނިއުކާސަލްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ސްޕެއިން ފޯވާޑް ޕެޑްރޯ އެ ޓީމަށް ކުރި ހޯދައިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުކާސަލަށް އެއްވަރުކޮށްދިނީ ކިއަރަން ކްލާކެވެ. ޗެލްސީ މޮޅުކޮށްދިނީ 57 ވަނަ މިނެޓުގައި ވިލިއަން އެވެ.