16 ފެބުރުއަރީ 2020 - 09:11
ލަންޑަން (ފެބްރުއަރީ 16) - އަނިޔާއިން އެނބުރި އައިސް ސަޑިއޯ މާނޭ ޖެހި ގޯލުން ތާވަލުގެ ފުލުގައި އޮތް ނޯވިޗް ސިޓީ 1-0 އިން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 25 ޕޮޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ލިވަޕޫލް އެއް ވަނައިގައި އޮތީ 26 މެޗުން 76 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް 25 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ސިޓީ މި ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ލިވަޕޫލަށް ކުރިއަށް އޮތް 12 މެޗުން ބޭނުންވަނީ ފަސް މޮޅެވެ. ރޭގެ މެޗަކީ ލިވަޕޫލުން ލީގުގައި ބަލިނުވެ ފުރިހަމަކުރި 43 ވަނަ މެޗެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ 25 ޕޮއިންޓުގެ ލީޑެއް ނެގޭނެ ކަމަށް މީގެ ކުރިން އުއްމީދެއް ވެސް ނުކުރާ ކަމަށާއި އަދިވެސް އޭނާ މަސައްކަތްކުރަނީ ލިވަޕޫލްގެ ކުޅުން އިތުރަށް ރަނގަޅުކުރުމަށް ކަމަށެވެ. އަދި ނޯވިޗަކީ ރެލިގޭޝަނުގައި އޮތަސް ރަނގަޅަށް ކުޅޭ ޓީމެއްކަން ފެނިގެންދިޔަކަން ކްލޮޕް ފާހަގަކުރި އެވެ.
"ކުރިއަށް އޮތީ ވެސް މި ކަހަލަ އުނދަގޫ މެޗުތަކެއް. ކޮންމެ ޓީމެއް ވެސް ލިވަޕޫލާ ދެކޮޅަށް މޮޅަށް ކުޅޭނެ،" ކްލޮޕް ބުންޏެވެ.
ނޯވިޗްގެ ކެރޯ ރޯޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތު ލިބުނީ ވެސް އެ ޓީމަށެވެ. އެ ގޮތުން ނޯވިޗްގެ ލޫކަސް ރުޕް އަށް މުޅިން ހުސްކޮށް ލިބުނު ބޯޅައެއް އޭނާ އެ ޓީމުގެ ފޯވާޑް ޓީމޫ ޕޫކީ އަށް ޖައްސާލުމުން ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ލިވަޕޫލްގެ މުހައްމަދު ސަލާހާއި ނަބީ ކެއިޓާ ގާތްގާތުގައި ޖެހި ދެ ބޯޅައެއް ނޯވިޗްގެ ކީޕަރު ޓިމް ކްރުލް ވަނީ ހުއްޓުވައިފަ އެވެ. ނޯވިޗްގެ އަލެކްސް ޓެޓޭ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
އަނިޔާގެ ސަބަބުން ލިވަޕޫލުން އެންމެ ފަހުން ކުޅުނު ދެ މެޗު ގެއްލުނު މާނޭ ކުޅެން އެރީ 60 ވަނަ މިނިޓްގަ އެވެ. މާނޭ ލަނޑު ޖެހީ 78 ވަނަ މިނިޓްގަ އެވެ. މިއީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި މާނޭ ލިވަޕޫލަށް ޖަހައިިދިން ފުރަތަމަ ގޯލެވެ. އަދި މިއީ އޭނާ އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ގޯލެވެ. މީގެ ތެރެއިން 25 ގޯލު ޖެހީ ކުރީގެ ޓީމު ސައުތެމްޓަން އަށެވެ.
ލީޑުފުޅާކުރަން ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޅޯ
16 February 2020
އަސްލު 1 ހޯސްރޭސް އެއް ނޯންނާނެ. އެކި ލީގުގަ އެކިގޮތަށް އެކިފަހަރު ދާނީ. މިފަހަރު ލިވަޕޫލް މޮޅު އަދި ނަސީބުވެސް ރަގަޅު. މަރުހަބާ ލިވަޕޫލްގެ ހުރިހާ ފޭނުން. މަރުހަބާ މައުމޫން. މަރުހަބާ ރަދީފް
ރަދީފް
16 February 2020
މަރުހަބާ ލިވަޕޫލް.ހުރިހާ ލިވަޕޫލް ފޭނުންނަށް މަރުހަބާ.ޔޫރަޕްގެ ވަރުގަދަ 6 ލީގްގެ ތެރެއިން ލީގްގަ 1 ވަނަ 2 ވަނައިގަ މިހާ ބޮޑު ލީޑެއް އޮތީ އިނގިރޭސި ލީގްގަ އެކަނި.ނަމަވެސް އެހެންލީގްތައް އެއީ 1 ހޯސްރޭސްގެ ގޮތުގަ އަބަދުވެސް ލޭބަލް ކުރެވޭ ލީގްތަކެއް.(ބުންޑަސްލީގާ 2 ، ސެރިއާ 0 ، ލަލީގާ 0 ، ލީގް1 13 ، ޑަޗް ލީގް 3 ، އީޕީއެލް 25 ޕޮައިންޓް).އެހެންވީމަ މިީޒަނުގެ ހަގީގީ 1 ހޯސްރޭސް ލީގް އެބަ ފެނޭ އެހެންނޫންތޯ.ވ.ވެދުން