ކުޅިވަރު / އެފްއޭ ކަޕް

ޕެނަލްޓީ ޖަހައިގެން ވިކްޓަރީ ބަލިކޮށް ވެލެންސިއާ ސެމީ އަށް

ޕެނަލްޓީ ޖަހައިގެން މޮޅުވުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕެނަލްޓީ ޖަހައިގެން 4-1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް އެފްއޭ ކަޕުގެ ސެމީ ފައިނަލުން ކްލަބް ވެލެންސިއާ މިރޭ ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ވިކްޓަރީ ބަލިވީ އެ ޓީމުން ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބު ނުކުރެވުމުންނެވެ. އޭގެ ތެރެއިން ދެ ޕެނަލްޓީ ވެލެންސިއާ އަށް ކުޅޭ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާ މޮޅުވީ ތިން ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ.

މިއީ މި ސީޒަނުގައި ވެލެންސިއާ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.

ކާޑު ހަމަވުމުގެ ސަބަބުން ވިކްޓަރީގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި އާދިލް އަބްދުލް ރަހްމާން މެޗުގައި ނުކުޅެ އެވެ. ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ސަސްޕެންޝަނުގައި ހުރިއިރު އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައިގައި އަހުމަދު ޝާފިއު (ޝާފީ) ނުހިމަނަ އެވެ. ވެލެންސިއާ ކެޕްޓަންކަން މި މެޗުގައި ކުރީ ވިކްޓަރީން ވިދާލި ހަސަން އަދުހަމް (ސަޑޭ) އެވެ.

މެޗަށް ނުކުތްއިރު ވިކްޓަރީ އޮތީ ރަނގަޅު ފޯމެއްގަ އެވެ. ޕްލޭ އޮފް ދެ މެޗުން ޒެފްރޯލް ބަލިކުރުމަށް ފަހު އަންނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ލާޒްލޯ ކިސްގެ އިރުޝާދުގެ ދަށުން ލީގުގެ ދެ ވަނަ ބުރުން ފެށިގެން އެ ޓީމު އަންނަނީ ކުޅުން ރަނގަޅު ކުރަމުންނެވެ. ކިސް އަކީ ވެލެންސިއާ އަށް 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދިން ކޯޗެވެ.

ލީގުގެ ތިން ވަނަ ބުރުގައި ވެލެންސިއާ ނިންމާލީ މެޗަކުން މޮޅެއް ނުހޯދަ އެވެ. އެ ޓީމު އެއްވަރުވީ ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އަނެއް ހަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކީ ވިކްޓަރީންނެވެ. މި ހާފްގައި ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއާ އޮމޮޑޫ ގޮޑްފްރޭ ވެސްޓް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން ވެލެންސިއާ އޭރިއާ ތެރެއިން މެއިން ކޮންޓްރޯލް ކުރުމަށް ފަހު ވެސްޓް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ. އޭގެ ފަސް މިނިޓް ފަހުން އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާގެ އަވިލޯ (ވ) ވިކްޓަރީގެ މަޖުދާން ކައިިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާފްގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ވިކްޓަރީގެ މުހައްމަދު ރިސްވާން އަށެވެ. މެޗުގެ 19 ވަނަ މިނިޓްގައި ވިކްޓަރީގެ އަހުމަދު ހަސަން (އައްމަޑޭ) ހުސްކޮށްލާފައި ރިސްވާނަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައި ދަނޑިކައިރިން ބޭރުންނެވެ.

ފުރަތަމަ ހާފްގައި ވެލެންސިއާ އިން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން ވިކްޓަރީ އޭރިއާ ތެރެއިން ޗިންޒީ ކަކާ ފޮނުވާލި ބޯޅަ ވިކްޓަރީ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ. ވެލެންސިއާ އަށް މި ހާފްގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލިބުނު އަނިޔާއެއްގެ ސަބަބުން ސްޕެއިން މިޑްފީލްޑަރު އެންޖެލް މުނޯޒް ބަދަލުކުރަން ޖެހުމެވެ.

ދެ ވަނަ ހާފް ފެށިގެން ވެލެންސިއާ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެގޮތުން 53 ވަނަ މިނިޓްގައި ވިކްޓަރީ އޭރިއާ ތެރެއިން ސަޑޭ ދެ ފަހަރެއްގެ މަތިން ފޮނުވާލި ބޯޅަ ވެސް ވިކްޓަރީ ޑިފެންޑަރުން ވަނީ ގޯލު ރޮނގުމަތިން މަތަކޮށްފަ އެވެ. އެ ބޯޅަ ހޯދުމަށް ފަހު ވެލެންސިއާގެ އަބްދުއް ރަޝީދު މާހިރު (އަބޫ) ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ވިކްޓަރީ އަށް މެޗުގެ 57 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ވެސްޓް އެވެ. ރިސްވާން ދިން ބޯޅައެއް ހޯދުމަށް ފަހު ވެލެންސިއާ އެރިއާ ތެރެއިން ވެސްޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ހަ މިނިޓް ފަހުން އޭރިއާ ބޭރުން ވިކްޓަރީގެ އައްމަޑޭ ފޮނުވާލި ބޯޅަ ވެލެންސިއާ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ވެލެންސިއާ އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް މުހައްމަދު ފުހެއިދު (ޓޯޑް) އެވެ. ޓޯޑް މި ލަނޑު ޖެހީ ވިކްޓަރީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ކީޕަރު އިފްރާހް އަރީފަށް ލިބުމުގެ ކުރިން ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ 90 މިނިޓް ހަމަވުމުގެ ކުރިން ނަތީޖާ ނެރެން ލަނޑު ޖަހަން ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.

ކުޑައްޓޭ ވެލެންސިއާ މޮޅުކޮށްދިން ޕެނަލްޓީ ގޯލަށް ފޮނުވާލަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ވަރުބަލިކަމުގެ ސަބަބުން ކުޅުންތެރިންނަށް މާ ރަނގަޅު ހަމަލާތަކެއް ފޮނުވާނުލެވުނެވެ. އެހެން ނަމަވެސް އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ވެލެންސިއާ މޮޅުކޮށްދޭން ސަޑޭ އަށް ދެ ފުރުސަތެއް ލިބުނެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފް ފެށިގެން ތިން ވަނަ މިނިޓްގައި އޭރިއާ ބޭރުން ސަޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ހާފްގެ ފަހު މިނިޓްގައި ވެލެންސިއާ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ވިކްޓަރީގެ އޭރިއާ ތެެރެއިން އެ ޓީމުގެ މުހައްމަދު ސާއިފް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ސަޑޭ ފޮނުވާލި ނަމަވެސް އިފްރާހް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

ޕެނަލްޓީގައި ވިކްޓަރީ އަށް ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. އެ ޓީމުން ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބެއް ނުވި އެވެ. ބިދޭސީ ކުޅުންތެރިއާ އަހުމަދު އަބްދުލް ރަހުމާން އާއި ޑިފެންޑަރު މަޖުދާން ސޯލިހު ފޮނުވާލި ދެ ޕެނަލްޓީ ފައިސަލް މަތަކުރިއިރު، ޔާސިިން ފިރާގް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ވެލެންސިއާގެ ތިން ޕެނަލްޓީ ކާމިޔާބުކުރީ މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު ރިލްވާން (ރިލޭ) އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) އެވެ.

ސެމީ ފައިނަލްގައި ވެލެންސިއާ އަންނަ ހޯމަ ދުވަހުގެރޭ ނުކުންނާނީ މާދަމާރޭ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 38%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިޔާ

05 November 2016

މަރުޙަބާ ވެލެންސިއާ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454