ކުޅިވަރު

އެމްބާޕޭ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލާއި ރެއާލް: ރިޕޯޓް

20 ފެބުރުއަރީ 2021 - 08:29

ޕެރިސް (ފެބްރުއަރީ 20) - ފްރާންސްގެ ހުނަރުވެރި ތަރި ކީލިއަން އެމްބާޕޭ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ރެއާލް މެޑްރިޑާއި ލިވަޕޫލް ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ޕީއެސްޖީން ވަނީ އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އެކަމަކު އެ ކްލަބާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ވިސްނުމެއް އަދި އެމްބާޕޭގެ ނެތެވެ. ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން ލިބޭ ހުށަހެޅުމަކަށް ބެލުމަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މީގެ ކުރިން އެކި އިންޓަވިއުތަކުގައި އެމްބާޕޭ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާ އެންމެ ކުޅޭހިތްވާ ޓީމަކީ ރެއާލް އެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވެސް ވަނީ އެމްބާޕޭ އަށް ރެއާލުން ޝައުގުވެރިވާ ކަމަށް ނުސީދާ ގޮތަކަށް ބުނެފަ އެވެ. އެއީ ރެއާލާއި އެމްބާޕޭއާ ގުޅޭގޮތުން ނޫސްވެރިން އެކި ފަހަރުމަތިން ކޮށްފައިވާ ސުވާލުތަކަށް ޒިދާން ދިން ޖަވާބުގަ އެވެ.

އެންމެ ފަހުން ނިމުނު ތިން ވަރަކަށް ޓްރާންސްފާ މާކެޓްގައި ރެއާލުން މާ ބޮޑަށް އާ ކުޅުންތެރިން ހޯދަން މަސައްކަތެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ހުޅުވޭ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި އެކަން ބަދަލުވާނެ އެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަންނަ ސީޒަނަށް ޓީމަށް އެކި ބަދަލުތައް ގެންނަން ނިންމާފައިވާއިރު، އެންމެ ބޮޑަށް މަސައްކަތްކުރާނީ އެމްބާޕޭގެ ސޮއި ހޯދުމަށް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ ހޯދުމުގެ މަސައްކަތުގައި ލިވަޕޫލް ހިންގާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ)ގެ ވެރިޔާ ޖޯން ހެންރީ ވެސް ވަރަށް ބޮޑަށް ހަރަކާތްތެރިވެ އެވެ. ފްރާންސްގެ މީޑިއާ ލެކިއުޕޭ އިން ރިޕޯޓްކުރާ ގޮތުގައި 2017 ވަނަ އަހަރު ހެންރީ ވަނީ އެމްބާޕޭ އާއި އޭނާގެ އާއިލާއާ އެކު ޗުއްޓީ ދަތުރެއް ހޭދަކޮށްފަ އެވެ. އަދި ލިވަޕޫލުން މި ސީޒަނަށް ފަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި އެމްބާޕޭ އަށް ބިޑްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ލެކިއުޕޭ އިން ރިޕޯޓްކޮށްފައިވެ އެވެ.

ޕީއެސްޖީގެ ވެރިޔާ ނާސިރު އެލް ހެއްލާފީގެ ވިސްނުމަކީ އެމްބާޕޭ ކްލަބް ބަދަލުކުރަން ބޭނުންވީ ނަމަވެސް އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ފަހު އޭނާ އެދޭ ގޮތަށް ދޫކޮށްލާށެވެ. އެކަމަކު އެ ގޮތަށް ކުރިއަށް ދެވެން އޮތީ އެމްބާޕޭ މިހާރު ހަދާފައިވާ ކޮންޓްރެކްޓް ކުރު މުއްދަތަކަށް ނަމަވެސް އާ ކޮށްގެންނެވެ. އެއީ ގަތަރު ވޯލްޑް ކަޕް އޮތީ އަންނަ އަހަރު ނޮވެމްބަރާއި ޑިސެމްބަރު ކަމުގައިވާއިރު، އެމްބާޕޭ މި ވަގުތު ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރު ޖޫންގެ ނިޔަލަށް ކަމަށްވާތީ އެވެ.

ގަތަރު މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން އެ ގައުމުގެ ވޯލްޑް ކަޕަށް އެމްބާޕޭގެ އެހީތެރިކަން ހެއްލާފީ ބޭނުންވާ އެންމެ ބޮޑު ސަަބަބަކީ އެ މުބާރާތުގެ އެކި އިސްތިހާރު ޑީލްތައް ކުރިއަށް ގެންދިއުމުގެ ގޮތުންނެވެ. އެ މުބާރާތުގެ ކުރިން ޕީއެސްޖީ ދޫކޮށް އެމްބާޕޭ ގޮސްފިނަމަ ހެއްލާފީ ބޭނުންވާ ގޮތަށް އެ ޑީލްތައް ކުރިއަށްގެންދަން ދަތިތަކެއް ކުރިމަތިވާނެ އެވެ.

އާރްއެމްސީން ރިޕޯޓްކުރާ ގޮތުގައި ގަތަރު ވޯލްޑް ކަޕަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނަމަ މާ ބޮޑު ޓްރާންސްފާ ފީއެއް ނުނަގައި އޭނާ ދޫކޮށްލަން ވެސް ހެއްލާފީ ހުރީ ތައްޔާރަށެވެ. ފްރާންސްގެ ލަ ޕެރީސިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސީޒަނަށް ފަހު އެމްބާޕޭ ގަންނަން ކްލަބަކުން ބޭނުންނަމަ ޕީއެސްޖީން އޭނާ ވިއްކާލަން މަދުވެގެން 200 މިލިއަން ޑޮލަރުގެ ފީ އަކަށް ޑިމާންޑްކުރާނެ އެވެ.

މޮނާކޯ ދޫކޮށް އެންމެ ފުރަތަމަ އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޖެހިގެން އައި އަހަރު ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރީ ޖުމްލަ އެއްކޮށް 210 މިލިއަން ޑޮލަރު ދައްކަން ޖެހޭ ޑީލެއްގެ ތެރެއިންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454