ކުޅިވަރު / މީހުން

ނާކާމިޔާބީ އާއި މާޔޫސްކަމަށް ފަހު ހޯދީ ފެންމުތެއް

ގައުމީ ސްކޮޑުން ފުރުސަތު ގެއްލުނީ އެންމެ ސިކުންތެއްގެ ފަރަގަކުން ބަލިވުމުން

އާން: ކެރިއާގެ ފުރަތަމަކޮޅު ހުސް ނާކާމިޔާބު

ސްވިމިން އެސޯސިއޭޝަނުން މިދިޔަ މަހު ބޭއްވި މުބާރާތް، ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ އެންމެ މަތީ "ފެންމުތުގެ ޝަރަފް" ހޯދި މުހައްމަދު އާން ހުސައިންގެ ކުޅިވަރުގެ ހަޔާތުގެ ފުރަތަމަ ބާބުގައި ލިޔަން ޖެހެނީ ނާކާމިޔާބީގެ ވާހަކަތަކެވެ.

ސިކުންތެއްގެ ފަރަގުން ފެއިލްވެ، ޖޫނިއާ ގައުމީ ޓީމުގެ ފުރުސަތު ގެއްލުނު ދުވަހަކީ އޭނާގެ ކުޅިވަރު ކެރިއަރުގައި އެންމެ ހިތާމަކުރި އެއްދުވަހެވެ. ޖޫނިއާ ގައުމީ ޓީމުގެ ޓައިމް ޓްރެއަލްގައި އޭނާ އަށް ގައުމީ ޓީމުގެ ފުރުސަތު ގެއްލުނީ ހަމަ އެންމެ ސިކުންތެއް ފަހަތުގައި އޮތުމުންނެވެ. އެހާ ބޮޑަށް އެ ފުރުސަތަށް އެދިގެން ހުއްޓައި ނާކާމިޔާބުވުމުން އުންމީދުތައް ފެނަށްވީ އެވެ؛ ވަރަށް ހިތާމަކުރި އެވެ.

"އޭރު އެ ފުރުސަތު ވަރަށް ބޭނުންވެފައި ހުރީ. ވަރަށް މަސައްކަތް ކުރިން ޓައިމް ޓްރެއަލްއަށް ހާއްސަކޮށް. އެހާވަރަށް މަސައްކަތްކޮށްފައި އެންމެ ސިކުންތެއްގެ ތަފާތުން ބަލިވީމަ އެންމެ ބޮޑަށް ދެރަވީ،" އުމުރުން 17 އަހަރުގެ އާން، ކިޔައިދިނެވެ.

ގައުމީ ޓީމަށް އަރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ފެތުމުގެ ޕޫލަށް އޭނާ އިތުރަށް ގެނބިލީ އެވެ. އެ ކުޅިވަރުގައި ފުނަށް ފީނުމަށް ފަހު، ފެނުން މައްޗަށް އެރިއިރު އޭނާ އަށް އޮތީ ސީނިއާ ގައުމީ ޓީމުގެ ފުރުސަތު ފަހިވެފަ އެވެ. ޖޫނިއާ ގައުމީ ޓީމަށް އަރަން 2016 ގައި ކުރި މަސައްކަތް ނާކާމިޔާބުވުމުން އިތުރު ހިތްވަރެއްލައި ކުރި މަސައްކަތަށް ކުރިއެރުން ލިބުނީ ޖެހިގެން އައި އަހަރު ސީނިއާ ސްކޮޑަށް އޭނާ ހޮވުމުންނެވެ.

އާން. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފަތަނީ --- ފޮޓޯ: އެމްއޯސީ

"އޭރު ޖޫނިއާ ސްކޮޑުން ފުރުސަތު ގެއްލިފައި 2017 ގައި ސީނިއާ ސްކޮޑަށް ސިލެކްޓުވީމަ ހަމަ ވަރަށް ބޮޑަށް އުފާވި. ވަރަށް ވަރަށް،" އާން ބުންޏެވެ.

އެކަމަކު ދެން ވެސް އެންމެ ބޭނުންވި ގޮތަށް ކުރިއަކަށް ނުގެންދެވުނެވެ. އެ ދެ އަހަރުވީ އޭނާގެ ކެރިއެރު މަޑު ޖެހުނު ދެ އަހަރަށެވެ. މޯލްޑިވްސް ލައިފްގާޑްގެ ކޯޗް ފިރާޝް ހިތްވަރު ނުދިން ނަމަ ފަހަރެއްގައި އާން މި ކުޅިވަރުން ނުފެނުނީހެވެ.

"އެއީ ވަރަށް ދަށްކޮށް ދިޔަ ދެ އަހަރު ޓައިމިން ވެސް އެހާ ރަނގަޅަކަށް އިމްޕުރޫވެއް ނުވި،" ދެހާސް ސަތާރަ އާއި އަށާރާގައި ކެރިއަރަށް އައި މަޑުޖެހުމަށް އިޝާރާތްކޮށް އާން އޭނާގެ ދަތުރުގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެކަމަކު އޭރު ވެސް ފިރާޝް ކޯޗް ބުނާނެ ކޮންމެ ސްޕޯޓްސްމަންއެއްގެ ކެރިއާގައި ވެސް އެ ޕީރިއަޑް އަންނާނެޔޭ. އިތުރަށް މަސައްކަތްކުރާށޭ ޖެހޭނީ."

އާން: ފެންމުގެ ޝަރަފުގެ އެވޯޑާ އެކު --- ފޮޓޯ: އަލީ ނަސީރު

އެގޮތުގައި ފެށި މަސައްކަތް، ފެނުން މައްޗަށް ތިލަކޮށް ދެން މުގުރަން ފެށީ ރެކޯޑްތަކެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަކީ އާންގެ ރެކޯޑްތައް މައްޗަށް ހިއްލާލި ދެ ގޭމްސް އެވެ. އެންމެ 15 އަހަރުގައި ގައުމީ ރެކޯޑްތައް އާންގެ ނަމުގައި ލިޔުނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާން މުގުރާލި އެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ އޭޝިއަން ގޭމްސްގައި ރެކޯޑް ހެދި އަލީ އިމްއާން އަތުގަ އެވެ. ދާދި މިދާކަށް ދުވަހު ރަޝިއާގެ ކަޒާންގައި ބޭއްވި ސްވިމިން ވޯލްޑް ކަޕުގައި، އިމްއާން މުގުރާލި 400 މީޓަރު އިންޑިވިޖުއަލް މިޑްލޭގެ ރެކޯޑް ކުރިން އޮތީ އާންގެ އަތުގަ އެވެ. އިތުރު ގައުމީ ރެކޯޑެއް ހަދަން އާންގެ އުންމީދެއް އެބައޮތެވެ. އަންނަ މަހު ދުބާއީގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމުން އާން ވަނީ ޖާގަ ހޯދައިފަ އެވެ. އެމުބާރާތުގައި 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް ހަދަން އޭނާގެ އަޒުމެއް އެބައޮތެވެ.

އޭނާ އަށް "ފެންމުތުގެ ޝަރަފް" ލިބުނު ޗެމްޕިއަންސް އޮފް ޗެމްޕިއަންސް އަކީ އާންގެ ކެރިއަރުގައި އެންމެ ބުރަކަށް ޑޮމެސްޓިކް މުބާރާތަކަށް ތައްޔާރުވާން ޖެހުނު މުބާރާތެވެ. ހުރިހާ ކެޓެގެރީއެއްގައި ވާދަކޮށްގެން ވަނަ ހޯދަން ކުރަންޖެހޭ މަސައްކަތް ގިނަ އެވެ. ޖުމުލަ 14 ކެޓަގެރީން އެއްވަނަ ހޯދިޔަސްކެރިއަރުގައި އޭނާ ސިފަކުރާ އެންމެ އުފާވި ދުވަހުގެ ގޮތުގައި އޮތީ އެ މުބާރާތެއް ނޫނެވެ. ގައުމީ މުބާރާތުގައި 2019 ގައި އެންމެ މޮޅު ފެތުންތެރިޔާގެ ޝަރަފަކީ ކުޅިވަރު ހަޔާތުގައި ޒުވާން، އާން އަށް އެންމެ ބޮޑު އުފަލެއް ލިބުނު ދުވަހެވެ.

"އެއީ ލޯކަލް ލެވަލްގައި އެންމެ ޕްރެސްޓީޖިއަސް މުބާރާތަކަށް އަބަދުވެސް ގައުމީ މުބާރާތް ވާތީ،" އާން ބުންޏެވެ. ރާއްޖޭގެ ޓޮޕް ލެވަލް ފެތުންތެރިންގެ ސަފަށް އާން ގެންގޮސްދިނީ މުބާރާތުންނެވެ. މިހާރު ގައުމީ ލެވަލްގައި އޭނާގެ މަގާމު ވެސް މައްޗެވެ. ވޯލްޑް ޗެމްޕިއަންޝިޕަށް ހޮވުނު ގައުމީ ޓީމުގައި ޓައިމް ޓްރެއަލްގައި އެންމެ ފަރަގުބޮޑުކޮށް ތިބި ފިރިހެން ދެ ފެތުންތެރިންގެ ތެރޭގައި އާން ހިމެނެ އެވެ.

އާން

ރާއްޖޭގައި އޮލިމްޕިކް ސްޓޭންޑަޑްގެ ޕޫލެއް އަދިވެސް ނެތެވެ. އިންޓަނޭޝަނަލް މުބާރާތެއް ބާއްވާނެ ޕޫލެއް ލިބުން އެއީ މި ކުޅިވަރަށް ލޯބިކުރާ ހުރިހާ އެތުލީޓުން ވެސް ދެކެން އެންމެ ބޭނުންވާ ދުވަހެވެ.

"ވަރަށް ބޮޑް ސްކޯޕެއް އޮތް ސްޕޯޓެއް ސްވިމިން އަކީ. އިންޓަނޭޝަނަލް މުބާރާތް ބޭއްވޭވަރުގެ ޕޫލެއް ލިބިއްޖެއްޔާ އިތުރަށް ފުޅާވެގެންދާނެ. ގިނަ ބަޔަކު އިތުރަށް މި ކުޅިވަރުގައި އެންގޭޖް ވާނެ،" އާން ބުންޏެވެ.

މިހާރު ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހަދާފައިވާ ސްވިމިން ޕޫލަކީ ޑޮމެސްޓިކް މުބާރާތްތަކާއި ތަމްރީންތަކަށް ބޭނުން ކުރެވޭ ތަނެކެވެ. އެތަން ބޭނުންކުރަން ފެށުމުގެ ކުރިން އާން އާއި އެހެން ފެތުންތެރިންގެ ޓްރޭނިންތައް އަދި މުބާރާތްތައް ވެސް އޮންނާނީ މާލޭ ދެކުނު ފަރާތުގައި އޮތް ސްވިމިން ޓްރެކްގަ އެވެ. ލޮނާއި ފެނުގެ ޑެންސިޓީ ތަފާތެވެ. އޭގެ އިތުރަށް ވިއްސާރަވެ ޓްރޭނިން ހުއްޓާލަން ޖެހުނު ކިތަންމެ ދުވަހެއް ދިޔަ އެވެ.

ކުޅިވަރުގެ ހިދުމަތްތެރިޔާ ސައްޔިދު އަލީ (ވ) އާން އަށް ފެންމުތުގެޝަރަފް ހަވާލުކޮށްދެއްވަނީ --- ފޮޓޯ: އަލީ ނަސީރު

"މޫދުގައި ވީމާ ބައެއް ފަހަރު މޫސުން ހުންނަ ގޮތުން އަންނާނެ ޓްރޭނިން ނުކުރެވޭ ދުވަސްތައް. އަނެއްކާ ލޮނުފެނުގެ ޑެންސިޓީ ހައިވާނެ. ޕޫލެއްގައި ނުވާނެ އެހެނެއް،" ޕޫލެއް އޮތުމުގެ މުހިންމުކަން ފާހަގަކޮށް އާން ބުންޏެވެ. "ޕޫލްގައި ވެއްޖެއްޔާ ކޮންމެ އިރަކު ވެސް ޕްރެކްޓިސް ކުރެވޭނެ."

މިހާރު ސީއެޗްއެސްސީގައި ކިޔަވަމުންދާ، އާން މި ކުޅިވަރުގައި ދެކެން އޮތް އެންމެ ބޮޑު ހުވަފެނަކީ އޮލިމްޕިކްސް އަށް ކޮލިފައިވެގެން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމެވެ. މިހާރު ރާއްޖެ އަށް ފުރުސަތު ލިބެނީ އޮލިމްޕިކްސް އަށް ކޮލިފައި ނުވާ ކެޓެގެރީންނެވެ. ވަސީލަތާއި ފުރުސަތުތައް ތަނަވަސްކޮށްދީގެން އޮލިމްޕިކްސް އަށް ކޮލިފައި ނުވެވެންވީ ސަބަބެއް ނެތެވެ.

2 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 10%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމިއްޓޭ

05 November 2021

ވަރަށް އަޚުލާޤު ރަނގަޅު ސްވިމަރއެއް ޢާން އަކީ

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

05 November 2021

ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑިއެެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454