11 އޯގަސްޓް 2017 - 06:20
އެޕަލް އިން އައިއޯއެސް 11 ރަސްމީކޮށް ދޫކޮށްލަން ދެން އޮތީ މަހެއްހާ ދުވަހެވެ. އެހާ ދުވަހަށް ވެސް ކެތް ނުކުރެވޭނެ މީހުންނަށް މިހާރުވެސް ގޮތެއް އެބަ އޮތެވެ. އެޕަލް ދެކެ އިންތިހާއަށް ލޯބިވާ މީހުންނަށް މި ގޮތް އެނގުނަސް، ނޭނގޭ މީހުންނަށް ކިޔައިދިނުމަކީ ގޯހަކަށް ނުވާނެ އެވެ.
އެޕަލް އިން މިހާރު ވަނީ އައިއޯއެސް 11ގެ ޕަބްލިކް ބީޓާ ވާޝަން އާންމުކޮށްފަ އެވެ. އެޕަލް އައިޑީ ޖެހުމަށް ފަހު ހަމަ ހިލޭ އިންސްޓޯލްކުރެވޭނެ އެވެ. މިކަން ކުރުމަށް "އެޕަލް ބީޓާ ސޮފްޓްވެއާ ޕްރޮގްރާމް" ގައި ބައިވެރިވާށެވެ. އެއީ މާބޮޑު ކަމެއް ނޫނެވެ. https://beta.apple.com/sp/betaprogram/ މި ވެބްސައިޓަށް ވަދެ އެޕަލް އައިޑީ ޖަހައިގެން ސައިންއަޕް ކޮށް، ދެން ބުނާ ދެތިން ކަމެއް ކޮށްލުމުން ނިމުނީ އެވެ.
އޭރުން އައިއޯއެސް 11 ގެ އަޕްޑޭޓް ފޯނުން ފެންނާނެ އެވެ. އެކަމަކު މި ހިސާބަށް ދިއުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ވާނެ އެވެ. ލެޕްޓޮޕަކަށް ފޯނުގެ ބެކަޕެއް ނަގަންވާނެ އެވެ. އެއީ މިއީ ބީޓާ ވާޝަންއަށް ވާތީ ބަގްތަކުގެ ސަބަބުން ފޯނުން ޑޭޓާއެއް ގެއްލި ނުވަތަ މައްސަލައެއް ދިމާވެދާނެތީ އެވެ.
އައިއޯއެސް 11 ގައި ވަރަށް ފުރިހަމަ އާ ފީޗާތައް އެބަހުއްޓެވެ. އެކަމަކު އަދި ދޫކޮށްފައި ވަނީ ޓެސްޓް މަރުހަލާގެ ވާޝަން ކަމަށް ވާތީ ބައެއް މައްސަލަތައް ހުންނާނެ އެވެ. އެ ކަންކަން ގަބޫލުކޮށް، އެޕަލް އަށް އަންގައިދޭން ބޭނުން ނަމަ ހަމަ ކުރިއަށް ދާންވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy