އެތައް ހާސް ބިލިޔަން ކިލޯމީޓަރު ދުރުން، 130 މިލިޔަން އަހަރު ކުރިން ގޮވި ތަރިތަކެއްގެ ގްރެވިޓޭޝަނަލް ވޭވްސް ހޯދައިފި

"ގްރެވިޓޭޝަނަލް ވޭވްސް"ގެ ވާހަކަ ދައްކަން ފަށާއިރު، މިއީ ކޯއްޗެއްކަން އެނގުން މުހިންމު ވާނެ ކަމަށް ދެކެމެވެ. އެންމެ ކުރުކޮށް ބުނާ ނަމަ، މިއީ ތަރިތައް އެކަތި އަނެކެއްޗާ ޖެހި، ގޮވާއިރު ނުވަތަ ދެ ބްލެކް ހޯލް އެއްވާއިރު (މާޖް ވާއިރު) ޖައްވުގައި އުފެދޭ "ރާޅުބާނި" ތަކެއް ފަދަ އެއްޗެކެވެ.


މީގެ ވާހަކަ ދެކެވެން ފެށީ މީގެ 100 ވަރަކަށް އަހަރު ކުރިން، މަޝްހޫރު ސައިންސްވެރިޔާ އަލްބާޓް އައިންސްޓައިންގެ ޒަމާނުގަ އެވެ. "ގްރެވިޓޭޝަނަލް ވޭވްސް" އަކީ ހަގީގަތެއް ކަމަށް އައިންސްޓައިން އޭރު ބުނި ނަމަވެސް، އެކަން ސައިންސްވެރިންނަށް ކަށަވަރު ކުރެވުނީ ދާދި ފަހުންނެވެ.

ދެ ތަރި "މާޖް"ވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް.

"ގްރެވިޓޭޝަނަލް ވޭވްސް" ފުރަތަމަ ފަހަރަށް ހޯދުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ދުނިޔެއާ 1.3 ބިލިޔަން އަލި އަހަރު (ލައިޓް އިޔާސް) ދުރުގައިވާ ދެ ބްލެކް ހޯލް ޖެހި، އެއްވުމުގެ ތެރޭގަ އެވެ.

މި ހޯދުމަކީ ސައިންސްގެ ދާއިރާއިން މި ޖީލުގެ އެންމެ ވަރުގަދަ ހޯދުން ކަމަށް ސައިންސްވެރިން ބުނާއިރު، އެ މަސައްކަތުގައި އުޅުނު ސައިންސްވެރިންނަށް ވަނީ މި އަހަރު ކުރީކޮޅު ފިޒިކްގެ ދާއިރާ އިން ނޯބަލް ޕްރައިޒް ވެސް ލިބިފަ އެވެ.

ދެން މިއޮތީ އަލަށް ޑިޓެކްޓް ކުރެވުނު "ގްރެވިޓޭޝަނަލް ވޭވްސް"ގެ ވާހަކަ އެވެ.

މިކަން ފެށިގެން ގޮސްފައި ވަނީ، ޑައިނަސޯތައް ދުނިޔޭގައި "ރަސްކަން" ކުރަމުން ދިޔަ ޒަމާނުގައި، މީގެ 130 މިލިޔަން އަހަރު ކުރިންނެވެ.

ދުނިޔެއާ އެތައް ހާސް ބިލިޔަން ކިލޯމީޓަރެއް ދުރުގައި އޮންނަ އެންޖީސީ 4993 ކިޔާ ގެލެކްސީއެއްގައި އޭރު ދެ ތަރި ޖެހި، ގޮވުމުގެ ސަބަބުން އުފެދުނު "ގްރެވިޓޭޝަނަލް ވޭވްސް" ދުނިޔެއާ ހަމައަށް ފޯރީ އެވެ.

ނިއުޓްރޯން ސްޓާސް "މާޖް"ވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް.

މި "ގްރެވިޓޭޝަނަލް ވޭވްސް" އާ އެކު ދެ ތަރި އެކަތިގަނޑަކަށް ބަދަލުވާ އަޑު ވެސް ފުރަތަމަ ފަހަރަށް ސައިންސްވެރިންނަށް ވަނީ އިވިފަ އެވެ. އަދި އެ އަޑު ވަނީ ރެކޯޑް ވެސް ކުރެވިފަ އެވެ.

ސައިންސްވެރިން މިހާާރު ހޯދާފައިވާ މައުލޫމާތު ތަކުން އެނގޭގޮތުގައި، އޭރު ގޮވި ދެ ތަރިއަކީ ދުނިޔޭގެ ސޯލާ ސިސްޓަމުގައި ދައުރުވަމުން އަންނަ އިރަށް ވުރެ 10-20 ޕަސެންޓް ބަރު ތަރިތަކެކެވެ. ނަމަވެސް އެ ދެ ތަރި އަކީ 30 ކިލޯމީޓަރަށް ވުރެ ކުޑަ ދެ ތަރި ކަން ވެސް ވަނީ ހޯދާފަ އެވެ.

އެ ތަރިތައް ގޮވި އިރު އެއީ މަރުވެފައިވާ ދެ ތަރި (ނިއުޓްރޯން ސްޓާސް) ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ. އެ ދެ ތަރި ގޮވައި، އެކަތިގަނޑަކަށް ބަދަލުވެގެން ދިޔައިރު، ތަރިތަކުގައި ހުރި ޕްރޮޓޯންސް ޕާޓިކަލްތަކާއި އިލެކްޓްރޯންސް ޕާޓިކަލްތައް އެއްވެ، ނިއުޓްރޯން ޕާޓިކަލްތަކަށް ވަނީ ބަދަލުވެގެން ގޮސްފަ އެވެ.

"ގްރެވިޓޭޝަނަލް ވޭވްސް" އުފެދިގެން އަންނަ ގޮތުގެ ކުރެހުމެއް.

ސައިންސްވެރިން ބުނާ ގޮތުގައި އަލަށް އުފެދުނު ނިއުޓްރޯން ޕާޓިކަލްތައް ވަރަށް ބަރުވާނެ އެވެ. ބަރުދަން ސިފަ ކޮށްދިނުމަށް ސައިންސްވެރިން ބުނަނީ، އޭގެ ސައި ސަމުސަލެއްގެ އެތިކޮޅެއް އެއް ބިލިޔަން ޓަނަށް ވުރެ ބަރުވާނެ ކަމަށެވެ.

"ގްރެވިޓޭޝަނަލް ވޭވްސް" ހޯދުމުގެ ބޭނުން

މިހާ ހިސާބުން އެންމެ ފުރަތަމަ މި ޖެހެނީ ބްލެކް ހޯލް އަކީ ކޮބައިކަން ކުރުކޮށް ބުނެދޭށެވެ.

ބްލެކް ހޯލަކީ ތަރި މަރުވާއިރު، މަރުވަމުންދާ ތަރީގައި ވަރަށް ވަރުގަދަ އަށް ދަމާބާރު ނުވަތަ ގްރެވިޓީ އުފެދުމުން، އެ ތަރި ހުރަސްކޮށްދާ ކޮންމެ އެއްޗެއް އޭގެ ތެރެއަށް ދަމައިގަންނަ ގޮތަށް ޖައްވުގައިވާ ތަންތަނަށް ސައިންސްވެރިން ދީފައިވާ ނަމެވެ. އެ ދަމާބާރު ވަރުގަދަ ކަމުން، އައްޔަށް (ލައިޓަށް) ވެސް ބްލެކް ހޯލް ހުރަސް ނުކުރެވޭ ކަމަށް ވެއެވެ.

ސައިންސްވެރިން ބުނާގޮތުގައި ބްލެކް ހޯލް ހުރަސްކޮށް، އައްޔަށް ދަތުރު ނުކުރެވޭތީ އެއްވެސް ޓެލެކްސްކޯޕަކަށް ބްލެކް ހޯލެއް ނުފެންނާނެ އެވެ. އެހެންކަމުން ވަރަށް ފަހަކާ ޖެހެންދެން، ބްލެކް ހޯލަކީ ހަމައެކަނި ތިއަރީއެއްގެ ގޮތުގަ އޮތް އެއްޗެކެވެ.

ބްލެކް ހޯލެއްގެ ހިޔާލީ ކުރެހުމެއް.

ނަމަވެސް "ގްރެވިޓޭޝަނަލް ވޭވްސް" ހޯދުމާ އެކު ބްލެކް ހޯލަކީ ހަގީގަތެއް ކަން ސައިންސްވެރިންނަށް ޔަގީންވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި "ގްރެވިޓޭޝަނަލް ވޭވްސް" ޑިޓެކްޓް ކުރާއިރު، ބްލެކް ހޯލްގެ އެތައް މައުލޫމާތުތަކެއް ވެސް ސައިންސްވެރިންނަށް ލިބޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ގްރެވިޓޭޝަނަލް ވޭވްސް"ގެ ސަބަބުން، ބްލެކް ހޯލަކީ ހަގީގަތެއްކަން ހޯދުނު އިރު، ޖައްވުގެ ތެރޭގައި އުފެދޭ "ގްރެވިޓޭޝަނަލް ވޭވްސް"ގެ ބާނިތަކާ އެކު، "ސްޕޭސް ޓައިމް" ވަރަށް ކުޑަ މިންވަރަކަށް ބަދަލުވާކަން ވެސް ސައިންސްވެރިން މިހާރު ވަނީ ހޯދާފަ އެވެ.

ޕްލެނެޓްތަކުގައި މަައުދަން އުފެދުމަށް، ހާއްސަކޮށް ރަނާއި ޕްލެޓިނަމް އުފެދުމުގައި ވެސް "ގްރެވިޓޭޝަނަލް ވޭވްސް"ގެ ދައުރު ވަރަށް ފުޅާ ކަން ސައިންސްވެރިންނަށް މިހާރު ވަނީ ހޯދިފަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި "ގްރެވިޓޭޝަނަލް ވޭވްސް" ހޯދުމަކީ، ހީވެސް ނުކުރާހާ ގިނަ ކަންކަން ހޯދުމަށް ހުޅުވިގެން ދިޔަ ދޮރެކެވެ. އަދި މިއާ އެކު ސައިންސްގެ މުޅިން އާ ސޮފުހާއެއް ހުޅުވިގެން ދިޔައީ އެވެ.