02 ނޮވެމްބަރ 2017 - 06:47
ޗައިނާ އާއި ފްރާންސް ގުޅިގެން ޖައްވަށް މޫސުމީ ސެޓެލައިޓެއް ފޮނުވަން ނިންމައިފި އެވެ. ބޭނުމަކީ މޫސުމާ ބެހޭ ގޮތުން ދަސްކުރުމެވެ. ކަނޑުގައި އޮއިވަރު ހުންނަ ގޮތުން މޫސުމަށް އަންނަ ބަދަލު ދެނެގަތުމެވެ. ނަގޫރޯޅި އަދި ތޫފާނާ ބެހޭ ގޮތުން ދަސްކުރުމަކީ ވެސް ސެޓެލައިޓުން ހިފާނެ މުހިންމު ބޭނުމެކެވެ.
ފްރާންސުން ކުރިން ވިސްނާފައި އޮތީ ޔޫރަޕިއަން ސްޕޭސް އޭޖެންސީއާ ގުޅިގެން މި މޫސޫމާ ބެހޭ ގޮތުން ހޯދުމަށެވެ. އެހެން ނަމަވެސް ޗައިނާއާ އެކު ފްރާންސުން ކުރަންމުން ދާ އެހެން މަސައްކަތްކަށް މަގުފަހިކުރުމަށް، ސެޓެލައިޓް އުފެއްދުމާ ގުޅޭ މަސައްކަތްތައް ވެސް އެ ދިމާ އަށް އަނބުރާލީ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޗައިނާއިން ބުނާ ގޮތުގައި ފްރާންސާ ގުޅިގެން މޫސުމީ ސެޓެލައިޓެއް އުފައްދައި އޯބިޓަށް ފޮނުވާލެވުމަކީ އެ ގައުމަށް ލިބޭނެ ކުރިއެރުމެކެވެ. މޫސުމާ ބެހޭ ގޮތުން ޗައިނާ އަށް ލިބިފައި ނެތް އިލްމާއި ހުނަރު، ފްރާންސަށް ލިބިފައި ހުރި ކަމަށް ޗައިނާ އެއްބަސްވެ އެވެ.
ކަނޑުގެ އޮއިވަރު އަދި ރާޅުބާނިތައް އުފެދި ބަދަލުވަނީ މޫސުމަށް އަންނަ ކޮން ބަދަލަކުންކަން ދެނެގަތުމުގައި ފްރާންސްގެ ސައިންސްވެރިން ކުޅަދާނަ ކަމަށް ޗައިނާ އޮފިޝަލުން ބުނެ އެވެ. މި ސެޓެލައިޓްގެ ހަޔާތުގައި ޗައިނާއިން ވަރަށް ގިނަ މައުލޫމާތު އެއްކުރާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ސެޓެލައިޓް އޯބިޓަށް ފޮނުވާލަން ނިންމާފައި ވަނީ އަންނަ އަހަރު މެދާ ހިސާބުގަ އެވެ. ސެޓެލައިޓް އުދުއްސާލާނެ ކަމަށް ވަނީ ޗައިނާއިންނެވެ. އަދި ތިން އަހަރުގެ މުއްދަތަކަށް ސެޓެލައިޓް ދެމިއޮންނާނެ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy