21 އެޕްރީލް 2018 - 06:44
ސޮނީ އިން ވަނީ 2014 ވަނަ އަހަރު، ލޮލަށް ފަސޭހަވާނެ ގޮތަށް "ކަރުދާހު" ޓެބްލެޓެއް ނެރެފައެވެ. މި ޓެބްލެޓްގައި ވަރަށް ލުއިކޮށް އަވަސް ނޯޓު ލިޔެލެވެން ހުއްޓެވެ. އެކަމަކު މައްސަލައަކީ އޭފޯ ސައިޒަށް ހުންނާތީ ގެންގުޅެން އުނދަގޫވުމެވެ.
ޑިޖިޓަލް ޕޭޕަރު ޓެބްލެޓަށް ފަހު، ހަތަރު ފަރާތުން ކޮށައިމަށައިގެން ކުޑަ ތަންކޮޅެއް ކުޑަކޮށްގެން ދެން ނެރުނީ އާރްޕީ1 އެވެ. ކުރީގެ ޓެބްލެޓަށްވުރެ ތަންކޮޅެއް ލުއި ނަމަވެސް އަދިވެސް ބޭނުންވާ ވަރަކަށް ކުޑައެއް ނުވެއެވެ. އެންމެ ފަހުން ސޮނީން ނެރުނީ ޑީޕީޓީ-ސީޕީ1އެވެ.
އޭފައިވް މިނުގައި އުފެއްދި މި ޓެބްލެޓްގެ ބަރުދަނުގައި ހުންނަނީ 240 ގްރާމެވެ. މީގެ ބޯމިނުގައި ހުންނަނީ އެންމެ ފަސް މިލިމީޓަރެވެ. ކުރިން ނެރުނު ދެ ޓެބްލެޓެކޭ އެއްގޮތަށް ސީޕީ1ގައި ވެސް ވަނީ އީ އިންކް ޑިސްޕްލޭއެކެވެ. މީގެ 1872x1404 ޑޮޓް ރިޒޮލިޔުޝަންގެ ސަބަބުން ލޮލަށް ވަރަށް ލުއިވާނެކަމަށްވެއެވެ. އަދި އައިޕެޑާއި ޚިލާފަށް އަތްވަށް ނުކުތަސް ބޭނުންކުރުމުގައި އެއްވެސް އުނދަގުލެއް ނުހުންނާނެ ކަމަށްވެއެވެ. ދަޅަ އަރާތީ އުޅޭކަށް ވެސް ނުޖެހޭނެއެވެ.
ސޮނީން ނެރުނު މި ޑިޖިޓަލް ޕޭޕަރު ޓެބްލެޓް ފަރުމާކޮށްފައިވަނީ ޕީޑީއެފް ޑޮކިޔުމެންޓް ކިޔުމަށާއި ކުދިކުދި ނޯޓުތައް ކޮށްލެވޭ ގޮތަށް ސްޓައިލަސް ގަލަމަކާއެކުއެވެ. މީގައި އަޅުވާފައިވާ ޕެރޮސެސަރަކީ މާވެލް 64 ޖީބީގެ ޕްރޮސެސަރެކެވެ. ސީޕީ1ގައި 16ޖީބީގެ އިންޓާނަލް މެމޮރީއެއްވެއެވެ. ސޮނީން ބުނާ ގޮތުގައި 11 ޖީބީގައި ހަމައެކަނި ޑޮކިޔުމެންޓް ރައްކާކުރެވެއެވެ. އެއީ ގާތްގަޑަކަށް 10،000 ލިޔުމެވެ.
ސީޕީ1އާ ސްމާޓްފޯނާ ދެމެދު ޑޮކިޔުމެންޓް ހިއްސާކުރުމަށް ވަކި އެޕެއް ބޭނުންކުރަންޖެހެއެވެ. އެކަމަކު ސީޕީ1ގައި ބްލޫޓޫތާއި ވައިފައި އިން ގުޅޭނެ ގޮތް ވެސް ތަނަވަސްކޮށްފައިވެއެވެ.
ޖަޕާންގެ މި އުފެއްދުން ޖަޕާންގެ ބާޒާރަށް ނުކުންނާނީ މިއަހަރުގެ ޖޫންގައެވެ. ދުނިޔޭގެ ބާޒާރަށް ނުކުންނާނެ ދުވަހެއް އަދި ނޭނގެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy