18 ޖޫން 2018 - 08:21
އިސްދަށަށްޖަހައިގެން ތިބެ ސްމާޓްފޯން ސްކްރީނާ ވާހަކަދައްކަމުން މަގުތަކުގައި ހިނގާ މީހުންނާ ހެދި ބިރުބޮޑެވެ. ރާއްޖޭގައި ވެސް މި މައްސަލަ އަންނަނީ ނުތަކާވަރުވަމުންނެވެ. އާބާދީ ބިޔަ ގައުމުތަކުގައި މިކަން ވަނީ ބޮޑު ބަލިމަޑުކަމަކަށް ވެފަ އެވެ.
ސްމާޓްފޯނުގައި ދެލޯ ތަތްކޮށްގެން ޗައިނާގެ ޝިއާން އަވަށުގައި މަގުހިނގާ މީހުންނަށް ދުވާރުމަތީގައި ޚާއްސަ މަގެއް ހަދައިދީފި އެވެ. ޗައިނާގެ އަވަށެއްގައި 2014 ވަނަ އަހަރު ވެސް ވަނީ ސްމާޓްފޯން ބޭނުންކުރާ މީހުންނަށް ޚާއްސަ ލޭނެއް މަގުގައި ހަދައިދީފަ އެވެ.
ޝިއާން އަވަށުގައި ދުވާރުމަތީގައި ހެދި ހަނި މަގުގެ ދިގުމިނުގައި 100 މީޓަރު ހުންނައިރު ފުޅާމިނުގައި ހުންނަނީ 80 ސެންޓިމީޓަރެވެ. މިއީ ގާތްގަނޑަކަށް ދެ ފޫޓެވެ. އެހެން ނަމަވެސް ސްމާޓްފޯން ބޭނުންކުރަމުން މަގުހިނގާ މީހުން ބުނަނީ އެއްޗެއްގައި އަޅައިނުގެން މިހާރު މަގުހިނގޭނެ ކަމަށެވެ.
ފޯނު ބޭނުންކުރަމުން ހިނގާ މީހުންނަށް ދުވާރުމަތީގައި ވަކި މަގެއް ހެދުމަކީ ބަޔަކަށް ޖޯކަކަށް ވި ނަމަވެސް، މަގުތަކުގެ ސެކިޔުރިޓީ ބަލަހައްޓާ މީހުން ބުނަނީ މިއީ މިހާރު މިކަން ނުކޮށް ވާން ނެތް ކަމަށެވެ. އަދި މިއީ ބަޔަކު މަލާމާތްކޮށް ހޭންޖެހޭ ވަރު ކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ.
މަގުހިނގަމުން ސްމާޓްފޯން ބޭނުންކުރާ މީހުންނަށް ވަކި ލޭނެއް ހެދުމާ ބެހޭ ގޮތުން އެމެރިކާގެ ވޮޝިންޓަންގައި ވެސް ވަނީ ސާވޭކޮށްފަ އެވެ.
އިސްދަށަށްޖަހައިގެން ތިބެ ފޯނުން މެސެޖްކުރަމުން ހިނގާ މީހުންނަށް ޚާއްސަ ނިޝާންތައް އަދި ދޭންޖެހޭ އިރުޝާދުތައް މަގުމަތީގައި ލިޔެ، ކުރަހާ ގޮތައް ޖަރުމަނުގައި ވަނީ މަޝްވަރާކޮށްފަ އެވެ. މަގުތަކުގައި ސެކިޔުރިޓީ ބަލަހައްޓާ އޮފިސަރުން ދެކޭ ގޮތުގައި އެހެން ގޮތެއް މިހާރަކު ނެތެވެ. ބެލެވޭ ގޮތުގައި ޗައިނާ ނަމޫނާއަކަށް ބަލައި މިކަން ހުޅަނގަށް އިމްޕޯޓްކޮށްފާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
18 June 2018
މައްސަލައެއްނެއް! ފޯނުގެ އަޅުންނައް އިންސާނުއް ވެއްޖެއޭ އިތައްއަރާ ކަހަލަ މަންޒަރުތައް ކޮންމެދުވަހަކު ފެނޭ