ފޯނު ހަވާލު ކުރާ ކަސްޓަމަރުންނަށް ހިލޭ ކެއުމެއް

އަތުގައި 24 ގަޑިއިރު އޮންނަ ފޯނާ ހެދި މިހާރު ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުމަށް ވަނީ ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެވެ. ކައިރީގައި މީހަކު އިނަސް، އެ މީހަކަށް ދެވޭ ސަމާލުކަން ކުޑަވެ، މުއަމާލާތް ވެސް ކެނޑި ގިނަ މީހުންނަކީ ހަތަރުދަމު ފޯނުގެ އަވާގައި ޖެހިފައި ތިބޭ މީހުންނެވެ. މީގެ ސަބަބުން މައިންބަފައިން ދަރިންނަށް ދޭ ސަމާލުކަން ވެސް ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ހީނަރުވެފަ އެވެ.


އިނގިރޭސި ވިލާތުގެ ރެސްޓޯރަންޓް ޗެއިނަކުން ކުރިއަށް ގެންދިޔަ ސާވޭއެއްގެ ނަތީޖާއަކަށް ބަރޯސާވެ މިހާރު ވަނީ ދަރިންނާ އެކު ރެސްޓޯރަންޓަށް ކާން ދާ މައިންބަފައިންގެ ފޯނު "ހިފަހައްޓާ" އުސޫލެއް ގާއިމުކޮށްފަ އެވެ.

ހަދަން ޖެހޭ ގޮތަކީ ރެސްޓޯރަންޓްގެ މުވައްޒަފަކާ ފޯނު ހަވާލު ކުރުމެވެ. މުވައްޒަފުން އެކަމަށް އިރުޝާދު ވެސް ދޭނެ އެވެެ. އެކަމަކު ފޯނު ދޭކަށް މަޖުބޫރެއް ނުކުރާނެ އެވެ. ހިތުން ރުހުމުން ފޯނު ދީފައި ދަރިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ މީހުންނަށް ރެސްޓޯރަންޓުން އިނާމެއްގެ ގޮތުގައި ހިލޭ ކެއުމެއް ވެސް ދޭނެ އެވެ.

މީހެއްގެ ޓްވީޓެއް.

މި އުސޫލު ހަމަޖައްސާފައި ވަނީ އިނގިރޭސި ވިލާތުގެ އެކި ކަންކޮޅުތަކުގައި މިހާރު 250 އައުޓްލެޓް ހިންގަމުން އަންނަ މަޝްހޫރު ރެސްޓޯރެންޓް ޗެއިން "ފްރެންކީ އެންޑް ބެނީޒް" އިންނެވެ. "ނޯ ފޯން ޒޯން" ގެ ނަމުގައި ޕްރޮމޯޝަނެއްގެ ގޮތަށް ކުރިއަށް ގެންދާ މިކަމަކީ އަދި ތަޖުރިބާކޮށްލުމުގެ މަރުހަލާގައި އޮތް ކަމެކެވެ.

މީހެއްގެ ޓްވީޓެއް.

އެ ގޮތުން މި މަހުގެ 29 އަންނަ މަހުގެ 7 އާ ހަމައަށް "ފްރެންކީ އެންޑް ބެނީޒް" އައުލެޓްތަކުން ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ. އަދި މީގެ ތަޖުރިބާ އަށް ބަލައިފައި ދާއިމީކޮށް "ނޯ ފޯން ޒޯން" އުސޫލު އެ ރެސްޓޯރަންޓް ޗެއިނުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

"ފްރެންކީ އެންޑް ބެނީޒް" އިން 1،500 ކުދިންނާއި މައިންބަފައިންނާ ސުވާލު ކޮށްގެން ހެދި ދިރާސާގައި 10 ޕަސަންޓް ކުދިން ވަނީ ރެސްޓޯރަންޓަށް ކާން ގޮސްފައި މައިންބަދައިންގެ ފޯނު އެ މީހުން ފޮރުވާ ކަމަށް ބުނެފަ އެވެ. ސަބަބަކީ ސަމާލުކަން ނުލިބި ދަރިންނާ ވާހަކަ ވެސް ނުދައްކައި މައިންބަފައިން ފޯނާ ކުޅެން ތިބޭތީ އެވެ. އަދި ދިރާސާގައި ބައިވެރިވި މައިންބަފައިންގެ ތެރެއިން 23 ޕަސަންޓް މީހުން ވަނީ ފޯނާ ހެދި ދަރިންގެ ވާހަކަތަކަށް ވެސް ސަމާލުކަން ނުދެވޭ ކަމަށް ބުނެފަ އެވެ.

މީހަކު ޓްވީޓްކޮށްފައި.

އެހެންވެ "ފްރެންކީ އެންޑް ބެނީޒް" އިން ކުރަން ބޭނުންވާ ކަމަކީ ދަރިންނާއި މައިންބަފައިން އެ މީހުންގެ އައުޓްލެޓްތަކުން ހިދުމަތް ހޯދާ އިރު، އުފާވެރި އަދި ގުޅުން ބަދަހި ވަގުތުކޮޅެއް ހޯދައި ދޭން މަގުފަހިކޮށް ދިނުމެވެ.

"އަހަރެމެން އުންމީދު ކުރަން މީގެ ސަބަބުން އާއިލާތަކުގެ މެދުގައި ގުޅުން ވެސް ބަދަހިވެގެން ދާނެ ކަމަށް،" ފްރެންކީ އެންޑް ބެނީޒްގެ ތަރުޖަމާން ބުންޏެވެ.

މިކަމަށް އިނގިރޭސި ވިލާތުގެ ވަރަށް ގިނަ ބަޔަކު ތާއީދުކޮށް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފު ވެސް ކުރަމުންނެވެ. އަދި މިއީ މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ގިނަ މީހުން ބުނެފައިވެ އެވެ.